ހިސާބު ޢިލްމާއި ނުޖޫމީ ޢިލްމުގެ ރޮނގުން ދުނިޔެއަށް އުފަންވި، ޢިލްމީ ޚަޒާނާގެ އެންމެ އާދަޔާއިޚިލާފު ސިކުނޑިކަމުގައިވާ އަބޫ ޖައުފަރު މުޙައްމަދު ބުން މޫސާ އަލް ޚުވާރިޒަމީގެ ނަމަކީ ޢިލްމީ ދުނިޔޭގައި ހަނދާން ނައްތާލެވޭނެ ނަމެއް ނޫނެވެ. ހަނދުގައިވާ “ބޮޑުވަޅުގަނޑު” (ކުރޭޓަރ އޮފް މޫން) އަށް ޚުވާރިޒަމީގެ ނަން ނިސްބަތްކުރެވިފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހިސާބު ޢިލްމު، ތަރައްޤީވެގެންދިޔަ އަސްލުކަމުގައިވާ “އަލްޖިބްރާ”، އަދުގެ ދުނިޔެއަށް ވުޖޫދުކޮށްދެއްވި މޭސްތިރިއަކީ، މުޅި ދުނިޔެ، އެ ނަމަކަށް ހެކިވާނެ އަލް ޚުވާރިޒަމީއެވެ.
ޙަޔާތުގެ ކުރީކޮޅު
އަލް ޚުވާރިޒަމީގެ ޅަފަތުގެ ޙަޔާތާ ބެހޭގޮތުން އެނގެންއޮތީ ވަރަށް މަދު މިންވަރެކެވެ. އޭނާއަކީ ޕާސިއަނުންގެ ކޮންޓްރޯލުގެ ދަށުގައި އޮތް ޚުވާރިޒަމަށް ނިސްބަތްވި ފަޤީރު ޢާއިލާއެއްގެ ބޭފުޅެކެވެ. ޚުވާރިޒަމަކީ މިހާރުގެ ގޮތުންނަމަ އުޒްބަކިސްތާނެވެ. ބުނެވޭ ގޮތުގައި އޭރުގެ ޚުވާރިޒަމްގެ ރައްޔިތުންނަކީ ހިސާބު ޢިލްމަށް ވަރަށް ލޯބިކުރި ބައެކެވެ. ޚުވާރިޒަމް (އުޒްބަކިސްތާން) ގެ އަވަށެއް ކަމުގައިވާ ޤުތުރުބަލީގައި ހިސާބު ޢިލްމަށް މޮޅު ޢާލިމުންނަށް ކިޔަމުންދިޔަ ނަމަކީ “އަލް ތަބަރި” އެވެ. ޚުވާރިޒަމީއަކީ އޭގެތެރެއިން ފާހަގަކޮށްލެވުނު ބޭފުޅެކެވެ.
އަލް ޚުވާރިޒަމީ، ދުނިޔޭގައި އިރާއި ހަނދު ފަދައިން ވިދާލީ، އޭނާގެ ހިންމަތާއި ޢިލްމު ހާސިލު ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ. ޢިލްމީ ގޮތުން ގިނަ ބަޔަކަށް ފައިދާތަކެއް ހާސިލުކޮށްދިން މުހިންމު ޝަޚުޞިއްޔަތުންގެ ތެރޭގައި އެންމެ ކުރީސަފުގައި އަލް ޚުވާރިޒަމީގެ ނަން ހިމެނިވަޑައި ގަންނަވައެވެ. އޭނާއަކީ، ދުރަށް ފެންނަ އަލިގަދަ ތަރިތަކުގެ ތެރޭގައި ހިމެނޭ ފަނޑުކަމެއް ނާންނާނެ ތަރިއެކެވެ.
ބަޣުދާދަށް ހިޖުރަކުރެއްވުން
ޢިލްމީ ސިކުނޑީގެ ވެރި ޚުވާރިޒަމީ، އޭނާގެ އުފަންބިން ދޫކުރައްވައި ބަޣުދާދަށް ވަޑައިގެންނެވީ، މައުމޫނުއް ރަޝީދުގެ ދައުރުގައި، ބަޣުދާދުގެ ޢިލްމީ މަރުކަޒު “ބައިތުލް ޚިކުމާ” (ހައުސް އޮފް ވިޒްޑަމް) ގެ މެންބަރަކަށް ވުމުގެ ޢަޒުމުގައެވެ. ލަފާ ކުރެވިފައިވާ ގޮތުގައި، ބަޣުދާދަށް އޭނާ ވަޑައިގެންފައި ވާނީ، މީލާދީން 825 ގައެވެ.
ޚުވާރިޒަމީއަށް ބަޣުދާދުގެ ޢިލްމީ މަހެފިލްތަކުން ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. “ބައިތުލް ޚިކުމާ” ގެ ސައިންސް އެކަޑެމީގެ މެމްބަރަކަށް ވެވަޑައިގަތުމަށް ޓަކައި، އޭނާގެ މިސްރާބު ދިމާކުރެއްވީ މުޅިން އާ ދޮރުތަކަކުންނެވެ. އޭނާ ގިނަ ދުވަސްތަކެއްގައި ރެއާއި ދުވާލު މަސައްކަތް ކުރައްވައިގެން، ހިސާބު ޢިލްމުގެ މައްޗަށް، ވަރަށް ފުރިހަމަ މަޤާލާ (treatise) އެއް ލިޔުއްވައި، “ބައިތުލް ޚިކުމާ” ގެ ސައިންސް އެކަޑެމީއަށް ފޮނުއްވިއެވެ. އޭނާ އެ މަޤާލާ ލިޔުއްވާފައި ވަނީ މި ޒަމާނުގައި ޕީއެޗްޑީ ޙާސިލުކުރުމަށް ލިޔާ ތީސީސްތަކާ އެއްގޮތަށެވެ. ޚުވާރިޒަމީގެ މަޤާލާ، ސައިންސް އެކަޑެމީން ޤަބޫލުކޮށް، އޭނާއަށް ދަޢުވަތު އެރުވުނެވެ. އަދި ކޮމެޓީއެއްގެ ކުރިމަތީގައި، އެ މަޤާލާއާ ބެހޭގޮތުން އޭނާއާ ސުވާލު ކުރެވި، ސައިންސް އެކަޑެމީގެ މެމްބަރުކަން އޭނާއަށް އެރުވުނެވެ.
އެފަހުން، ބައިތުލް ޚިކުމާގެ ކުތުބުޚާނާގައި ހުރި ޢިލްމީ ޚާޒާނާގެ ފަތްފުށްތައް ހާވައި، ބައްލަވައި، އެތަނުގައި ޚުވާރިޒަމީ އެތައް ރޮނގަކުން މުޠާލިއާ ކުރެއްވިއެވެ. އަދި، ގްރީކު ފަލްސަފާއާއި އިހުގެ ސައިންޓިފިކް އެތައް މަސައްކަތްތަކެއް ތަރުޖަމާ ކުރެއްވިއެވެ. އެއަށްފަހު ޖިއޮމެޓްރީއާއި ނުޖޫމީ ޢިލްމުގެ ރޮނގުން ވަރަށް ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
އައްބާސީ ދައުލަތުގެ ހަ ވަނަ ޚަލީފާ، ޚަލީފާ މައުމޫނުއް ރަޝީދަކީ، ޢިލްމުވެރިންނަށް ވަރަށް ޤަދަރު ކުރެއްވި ބޭފުޅެކެވެ. ޚަލީފާ މައުމޫނުގެ ވެރިކަމުގައި، ބަޣުދާދަކީ، ޢިލްމީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރައިގެން ދިޔަ ސަހަރެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ ވެރިކަމުގައި، ދުނިޔޭގެ ޤާބިލު ޢިލްމުވެރިންނަށް ދައުވަތު ދެއްވައި، ބަޣުދާދަށް ގެންނެވިއެވެ. އަދި ޢިލްމުވެރިން ލައްވައި، ބައިތުލް ޚިކުމާގައި ސައިންޓިފިކް ދިރާސާ ކުރެއްވުމާއި ޢިލްމީ މުޠާލިޢާތައް ކުރައްވަން ފެށްޓެވިއެވެ. އަލް ޚުވާރިޒަމީއަކީ ވެސް އޭނާގެ ޢިލްމީ ޤާބިލިއްޔަތުގެ ސަބަބުން ވެރިކަމުގެ ޝާހީ ދަރުބާރުގައި ފާހަގަ ކޮށްލެވުނު ޝަޚްޞިއްޔަތަކަށް ވެގެން ދިޔައެވެ. އެހެންކަމުން ޚުވާރިޒަމީ ވެވަޑައިގަތީ، ޚަލީފާގެ ވަރަށް އަރިސް ބޭފުޅަކަށް ވެސް މެއެވެ.
ކިތާބުލް ޖަބްރު ވަލް މުޤާބަލާ
ޝައްކެއްވެސް ނެތް ގޮތުގައި، އޭނާގެ އެންމެ ފުރިހަމަ ޢިލްމީ މަސައްކަތަކީ، އަލްޖިބްރާގެ ހޯއްދެވުންތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވި “ކިތާބުލް ޖަބްރު ވަލް މުޤާބަލާ” ފޮތެވެ. އޭނާ އުފަންކުރި “އަލް ޖިބްރު” (އަލްޖިބްރާ) ގެ ޢިލްމީ އަސްލު ފެށިގެން އައި ފޮތްކަމުގައިވާ “ކިތާބުލް ޖަބްރު ވަލް މުޤާބަލާ” ވެގެންގޮސްފައިވަނީ ދުނިޔޭގެ އެތައް ތަޢުލީމީ މަރުކަޒުތަކެއްގައި މިއަދު ވެސް މުޠާލިޢާ ކުރަމުންދާ ހިސާބު ޢިލްމުގެ ފަންނުވެރި އަސާސީ ފޮތަށެވެ. ހިސާބު ޢިލްމުގެ މި ފޮތަކީ، މި ދާއިރާގައި މިސާލެއް ނުވާފަދަ ފޮތެކެވެ.
ބައެއް ތާރީޚު ފޮތްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލްޖިބްރާގެ ހޯއްދެވުމަކީ، ތަރިކަ މުދާ ބެހުމާ ގުޅޭގޮތުން އަލްޚުވާރިޒަމީ ކުރެއްވި މަސައްކަތްޕުޅުތަކެއްގެ އާޚިރު ނަތީޖާއެވެ. ބިންތަކުގެ މިން އެޅުމާއި ބައިކުރުމާއި، ކެނަލްތައް ކޮނުމަށް ހެދި ހިސާބު ފޯމިޔުލާތަކެއް މުއްސަނދިކޮށްގެން މި ޒަމާނުގެ ޖިއޮމެޓްރިކަލް ކޮންޕިޔުޓޭޝަން ޢިލްމާ ހަމައަށް އޭނާގެ ވިސްނުންފުޅު ވަނީ ގެންދަވާފައެވެ. ޚުވާރިޒަމީގެ އެ މަސައްކަތްޕުޅުތަކަކީ، އޭނާ ހޯއްދަވަން ބޭނުންފުޅުވި މިންވަރަށް ވުރެ ވެސް އިތުރަށް ހޯއްދެވިފައިވާ ޢިލްމީ މަސައްކަތްޕުޅުތަކެއް ކަމުގައި ބައެއް ޢިލްމީ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.
އަލްޖިބްރާއާ ބެހޭގޮތުން އޭނާއަށް ފަހުވެސް ކިތަންމެ ޢިލްމުވެރިންނެއް ފޮތް ލިޔުއްވާފައި ވެއެވެ. އެހެން ނަމަވެސް އަލްޖިބްރާ ޢިލްމުގައި އަލްޚުވާރިޒަމީ ހޯއްދަވައިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކުގެ އިތުރަށް އެއްވެސް ބޭފުޅަކަށް އިތުރު އެއްޗެއް ހޯއްދެވިފައެއް ނުވެއެވެ. ޚުވާރިޒަމީ ހާމަކުރެއްވި އުޞޫލުތަކާއި ޤަވާޢިދުތަކަކީ، ބާވެ ހަސްނެތިގެން، ބޭނުން ނުކުރެވޭ އެއްޗެތިތަކަކަށެއް ނުވިއެވެ. މިއަދު ވެސް މަތީ ތަޢުލީމު ދިނުމުގައި ސްކޫލުތަކާއި ކޮލެޖުތަކުގައި ކިޔަވައި ދެވެނީ ހަމަ އެ އުޞޫލުތަކެވެ.
ހިސާބު ޢިލްމަށް ގެންނެވި އިންޤިލާބު
ހިސާބު ޢިލްމުގެ ޑެސިމަލް ސިސްޓަމުގައި، ވިޔަތައް (އީކުއޭޝަންސް) ހަދާއިރު، ޕްލޭސް ހޯލްޑަރެއްގެ ގޮތުގައި ސުމެއް ތަޢާރަފުކުރި ބޭފުޅަކީ ޚުވާރިޒަމީއެވެ. އޭގެ ކުރިން ހިސާބު ވިޔަތައް ހަދާއިރު ބޭނުންކުރި ޔޫރަޕުގެ ރޯމަން ފިގަރތަކުގައި ސުމެއް ހިމެނިފައެއް ނުވެއެވެ. އަދި އެ ފިގަރތަކަކީ ލިޔަން އުދަނގޫ އަދަދުތަކެއް ކަމުގައި ދިޔައީ ބެލެވެމުންނެވެ. އެއީ ފުރިހަމަ ނޫން، ނުރަނގަޅު އުޞޫލުތަކެއްގެ މައްޗަށް ބިނާވެގެންވީ އަކުރުތަކެކެވެ.
ޚުވާރިޒަމީ ލިޔުއްވި “ކިތާބުލް ޖަބްރު ވަލް މުޤާބަލާ” ފޮތް، 12 ވަނަ ޤަރުނުގައި ޔޫރަޕަށް ފޯރައި، ލެޓިންއަށް ތަރުޖަމާ ކުރެވުނެވެ. އެ ފޮތުގައި އެތައް ސަތޭކަ ކޮޑްރިކް އީކުއޭޝަންތަކެއް އެނަލައިސް ކުރެވިފައިވާ އިރު، ޖިއޮމެޓްރިކަލް ވަރަށް ގިނަ މިސާލުތައް ހިމަނުއްވާފައި ވިއެވެ. ޔޫރަޕުގެ މީހުންނަށް މި ދާއިރާގައި ލޯ ހުޅުވައިލެވުނީ 12 ވަނަ ޤަރުނުގައި ޚުވާރިޒަމީގެ ފޮތް ފެނުމުންނެވެ.
ވާތްފަރާތުގައި: ފްރެޑްރިކް ރޯސަން ލިޔުއްވި އެ ފޮތުގެ އިނގިރޭސި ތަރުޖަމާ.
ޔޫރަޕުގެ ޢިލްމުވެރިންނަށް އަލްޚުވާރިޒަމީގެ ލިޔުއްވުންތަކުން އެ މީހުންގެ ކުށް ފާހަގަކުރެވި، އެ ކަން އިޞްލާޙު ކުރުމައިގެން އަވަސް ވިއެވެ. ނަގުލުން ފެށިގެން ބޮލާ ޖެހެންދެން އެ މީހުންގެ އުޞޫލުތައް ބަދަލު ކޮށްލިއެވެ. އެ މީހުން ބަދަލުކުރި، ހިސާބު އަކުރުތަކަށް “އެރެބިކް ފިގަރ” އޭ ކިއެވެ. ދެން ރޯމަން ފިގަރއާއި ޢަރަބި އަކުރުގެ ތަފާތު ބައްލަވާ ލައްވާށެވެ. ރޯމަން ފިގަރގައި 160 ލިޔުމަށް ބޭނުންކުރާ ގޮތަކީ CLX އެވެ. އަދި 38 ލިޔުމަށް ބޭނުންކުރާ ފިގަރއަކީ XXXVIII އެވެ. މި ދެ އަކުރުގައި ހުރި ތަފާތު މި މިސާލުން އެނގިވަޑައި ގެންފާނެއެވެ. ރޯމަން ފިގަރ ބޭނުން ކޮށްގެން، އެއްކޮށް، ކަނޑާ، ގުނަކޮށް، ގެއްލަން ކިހާ އުނދަގޫ ވާނެތޯއެވެ. ވިޔައެއް ހަދަން ވެއްޖެނަމަ ވަކިން ބޮޑަށް ދަތިވާނެއެވެ.
މި ޒަމާނުގެ ހިސާބު ޢިލްމުގެ އަސާސީ ވިޔަތައް ހޯއްދެވުމަށް ޚުވާރިޒަމީ ބެހެއްޓެވި ޝަޢުޤުވެރިކަމާއި ކަމަށް ކަމޭހިތުމުގެ މިޖާޒުގެ ސަބަބުން އަލްޖިބްރާއަކީ، އޭގައި ވަރަށް ފުރިހަމަ އުސޫލުތަކަކާއި ޤަވާޢިދުތަކެއް އެކުލެވޭ އެއްޗެއްގެ ގޮތުގައި ވެގެން ދިޔައެވެ. އޭނާ ބަޔާންކުރި އަލްޖިބްރާގެ ހިސާބު ވިޔަތައް، ފުރަތަމަ އަދި ދެވަނަ ޑިގްރީގައި ހިފެހެއްޓެވިއެވެ. އެގޮތުން އޭނާ ބަޔާންކުރި ވިޔަތައް ބިނާކޮށްފައި ވަނީ ޔުނިޓްތަކާއި، ރޫޓްސް އަދި ސްކެއަރ ހިމަނުއްވައިގެންނެވެ.
މިސާލަކަށް ދަންނަވާނަމަ، ޔުނިޓަކީ ޢަދަދު ތަމްސީލުކޮށްދޭ ޤަވާޢިދެވެ. އަދި ރޫޓްއަކީ އެކްސް (x) ކަމުގައި ވާނަމަ، ސްކެއަރއަކީ x2 އެވެ. ޚުވާރިޒަމީގެ ހިސާބު ވިޔަތައް އޭރު ބަޔާންކުރަމުން ދިޔައީ، ސިމްބަލް ބޭނުންކުރުމުގެ ބަދަލުގައި ބަސްޖުމުލަ ލިޔެގެންނެވެ. އާންމު ވިޔަތައް (ލީނިއަރ ނުވަތަ ކޮޑްރިކް) އޭނާގެ ފޮތުގައި ބަޔާންކުރައްވާފައިވަނީ ހަ ޤަވާޢިދެއްގެ މައްޗަށެވެ. އެއީ،
- ސްކެއަރސް އީކުއަލް ރޫޓްސް. (މިސާލު: ax2 = bx)
- ސްކެއަރސް އީކުއަލް ނަންބަރ. (މިސާލު: ax2 = c)
- ރޫޓްސް އީކުއަލް ނަންބަރ. (މިސާލު: bx = c)
- ސްކެއަރސް އެންޑް ރޫޓްސް އީކުއަލް ނަންބަރ. (މިސާލު: ax2 + bx = c)
- ސްކެއަރސް އެންޑް ނަންބަރ އީކުއަލް ރޫޓްސް. (މިސާލު:ax2 + c = bx)
- ރޫޓްސް އެންޑް ނަންބަރ އީކުއަލް ސްކެއަރސް. (މިސާލު:bx + c = ax2)،މިގޮތަށެވެ.
މި ހަ ޤަވާޢިދު، ޚުވާރިޒަމީ ބަޔާންކުރައްވާފައިވަނީ، “އަލް ޖަބްރު” އާއި “އަލް މުޤާބަލާ” ގެ ނަމުގައި، ދެ ބަޔަކަށް ބައްސަވާ ލައްވައިގެންނެވެ. އަލް ޖަބްރުގެ މާނައަކީ، ފުރިހަމަކުރުން (ކޮމްޕްލީޝަން) އެވެ. އަލް މުޤާބަލާގެ މާނައަކީ ހަމަހަމަކުރުން ނުވަތަ އެއްވަރުކުރުން (ބެލެންސިންގ) އެވެ.
އަލްޖެބްރިކް އަދި ޖިއޮމެޓްރިކް މެތަޑު ބޭނުންކޮށްގެން ހޯދާ ސައިންސްވެރިންގެ އުފެއްދުންތައް ވިޔަކުރުމަށް، ޚުވާރިޒަމީ ހޯއްދެވި މި ޤަވާޢިދުތައް ބޭނުންކުރެވެމުންދެއެވެ. މިސާލަކަށް، “x2+10x=39″ މި ވިޔަ ހޯއްދެވުމަށް ޚުވާރިޒަމީ ބަޔާންކުރައްވާފައިވަނީ ބަސްޖުމުލައިން ލިޔެގެންނެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ އެފަދަ މިސާލެކެވެ.
އަލްގޮރިދަމްގެ ކޮންސެޕްޓު
ޚުވާރިޒަމީ ލިޔުއްވި ފުރިހަމަ މަޤާލާގައި ބޭނުންކުރައްވާފައި ހުރީ “ހިންދޫ އެރެބިކް” އަދަދުތަކެވެ. ލެޓިން ބަހުން މި މަޤާލާ ތަރުޖަމާކޮށްފައިވަނީ “އަލްގޮރިޓިމީ ޑި ނޫމެރޯ އިންޑޯރަމް” މި ނަމުގައެވެ. މި މަޤާލާ ލެޓިން ބަހަށް ތަރުޖަމާ ކުރެވިގެން ދިޔައިރު، ގެންނަވާފައިވާ “އަލްގޮރިޓިމީ” ލަފުޒަކީ ޙަޤީޤަތުގައި “އަލް ޚުވާރިޒަމީ” މި ނަމެވެ. ފަހުން އަލްގޮރިޓިމީ، ލަފުޒު، އިނގިރޭސި ބަހުން “އަލްގޮރިދަމް” އަށް ބަދަލުވެގެން ދިޔައީއެވެ. މި ޒަމާނުގެ ބަހުންނަމަ އަލްގޮރިދަމްގެ މާނައަކީ، ހިސާބު ޢިލްމުގައި، ޚުވާރިޒަމީ ތަޢާރަފުކުރެއްވި ޚާއްޞަ ޤަވާޢިދުތަކުގެ ދަށުން ހަދާ ވިޔަތަކަށް ކިޔާ ނަމެވެ. އެހެންކަމުން، މި ބަހުގެ އަސްލަކީ “އަލް ޚުވާރިޒަމީ” ގެ ނަންފުޅެވެ.
މި މަޤާލާގައި ޚުވާރިޒަމީ ބަޔާންކުރެއްވި ހިސާބު އަދަދުތަކަކީ ހިންދޫންގެ ޕްލޭސް ވެލިޔު ސިސްޓަމްގައި ބޭނުންކުރެވެމުން ދިޔަ އަދަދުތަކެވެ. އެއީ 1 އިން ފެށިގެން 9 އަށް، އަދި 0 ހިމެނޭ ގޮތަށެވެ. އޭނާ އެ ޢަދަދުތައް ލިޔުއްވާފައިވަނީ އެރެބިކް ފިގަރ ބޭނުންކުރައްވައިގެންނެވެ. އަދި، ދިގުހިސާބު ވިޔަތައް ހަދާއިރު، ޕްލޭސް ހޯލްޑަރއެއްގެ ގޮތުގައި ފުރަތަމަ 0 ބޭނުންކުރައްވަން ފެށްޓެވި ބޭފުޅަކީ ތާރީޚު ހެކިވާގޮތުގައި ޚުވާރިޒަމީއެވެ. މި ޒަމާނުގައި އަލްގޮރިދަމް ބޭނުންކުރަމުންދާ އުސޫލާ އެއްގޮތަށް، އެއްކުރުމާއި، ދިގު ޑިވިޜަންތައް، ޚާއްޞަ އުސޫލުތަކާއި ޤަވާޢިދުތަކެއްގެ ދަށުން ފުރަތަމަ ވިޔަކުރަން ފެށްޓެވި ބޭފުޅަކީ ވެސް ޚުވާރިޒަމީއެވެ.
ޢިލްމީ ހޯއްދެވުން
ނުޖޫމީ ޢިލްމާއި، ޖިއޮގްރަފީ ޢިލްމުގެ ރޮނގުން އޭނާ ކުރައްވާފައިވާ އާދަޔާއިޚިލާފު އެތައް މަސައްކަތްތަކެއް ފަހުން ޔޫރަޕުގެ ވަރަށް ގިނަ ބަސްތަކަކަށާއި، ޗައިނީސް ބަހަށް ތަރުޖަމާ ކުރެވިފައިވެއެވެ. އަދި ޔޫރަޕުގެ ޔުނިވަރސިޓީތަކާއި، ސްކޫލުތަކުގައި މުޠާލިޢާ ކުރަމުންދެއެވެ.
ދުނިޔޭގެ ފުރަތަމަ ތަފުސީލީ ޗާޓު ކުރެހުމަށް ޓަކައި، މީލާދީން 830 ވަނަ އަހަރު، ޚަލީފާ މައުމޫން، 70 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައްވައި، އެ މަސައްކަތުގެ އިސް ބޭކަލެއްގެ ގޮތުގައި ޚުވާރިޒަމީ ހަމަޖައްސަވައި، އެ މަސައްކަތް ޙަވާލުކުރެއްވިއެވެ. އެ ޗާޓުތަކުގައި ވަރަށް ތަފުސީލުކޮށް ދުނިޔޭގެ ބައިތައް ހިމަނުއްވައި ކުރެއްސެވިއެވެ. މިގޮތުން، ލެޓިޓިއުޑްއާއި ލޮންގިޓިއުޑްގެ އިތުރުން ދުނިޔޭގެ އޭރުގެ ނަން މަޝްހޫރު ސިޓީތަކާއި، ފަރުބަދަތަކުގެ ނަންތަކާއި، ކަނޑުތަކާއި، ރަށްތަކާއި، ޖިއޮގްރަފިކަލް ސަރަޙައްދުތައް އަދި ކޯރުތައް ފާހަގަކުރައްވާފައިވިއެވެ. އަދި، މުސްލިމުންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކާއި، އޭޝިއާގެ ސަރަޙައްދާއި، ޔޫރަޕާއި އުތުރު އެފްރިކާގެ ސަރަޙައްދު، އެ ޗާޓުތަކުގައި ފާހަގަކުރައްވާފައިވިއެވެ.
މި ޗާޓުތައް ޚުވާރިޒަމީ ލިޔުއްވި “ސޫރަތުލް އަރްޠް” (ލެޓިން ތަރުޖަމާ: ދި އިމޭޖު އޮފް އާތު) ގެ ފަތްފުށްތަކުގައި ހިމެނިފައިވެއެވެ. މި ޗާޓު ކުރައްސަވާފައިވާ ފުރިހަމަކަމުގެ ސަބަބުން ޔޫރަޕުގެ ހިސާބު ޢިލްމުގެ ސައިންސްވެރިން އަންތަރީސްކޮށްލިއެވެ. އަދި އޭނާގެ އެ މަސައްކަތް، ޔޫރަޕުގެ ވަރަށް ގިނަ ސައިންސްވެރިން ގިނަ ދުވަސްތަކެއް ވާންދެން ބޭނުންކޮށްފައިވެއެވެ.
އަލް ޚުވާރިޒަމީ ވަނީ ނުޖޫމީ ޢިލްމާ ގުޅޭގޮތުން ވެސް ވަރަށް ފުރިހަމަ ޢިލްމީ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގޮތުން، އެ ދާއިރާއިން އޭނާ ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރެއިން ފަލަކީ ކަލަންޑަރު ލިޔުއްވުން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، އިރާއި ހަނދު އަދި ގުރަހަތައް (ޕުލެނެޓު) ހުންނަ ޞައްޙަ ދާއިރާ ހޯއްދެވުން ހިމެނެއެވެ. އަދި، ސައިން (sines) އާއި ޓެންޖެންޓް (tangents) ތަކުގެ ޓޭބަލް ލިޔުއްވިއެވެ. ސައިންއަކީ، ހިސާބު ޢިލްމުގައި އޭންގަލް (angle) ހިމެނޭ ވިޔަތައް ހެދުމުގައި ބޭނުންކުރާ ޓްރިގޮނޮމިކް ފަންކްޝަން ނުވަތަ ޤާނޫނަށް ކިޔާ ނަމެވެ. ޓެންޖެންޓަކީ، ޖިއޮމެޓްރީ (ބައްޓަމާއި، މިން އަދި ފިގަރއެއްގެ ރިލެޓިވް ޕޮޒިޝަން ހިމެނޭ ހިސާބު ވިޔަ) ގައި ރޮނގު ބޭނުންކުރާއިރު، އެ ރޮނގުގެ ވަކި ޕޮއިންޓަކުން ކުރާ ކާވް ނުވަތަ ލެންބުމަށް ކިޔާ އުސޫލެވެ. މި ޒަމާނުގައި ބިމާ ބެހޭ އިތުރު ހޯދުންތައް ހޯދުމަށާއި، ތަޙުލީލުތައް ކުރުމުގައި މި އުސޫލުތައް ދަނީ ބޭނުންކުރެވެމުންނެވެ.
ނުޖޫމީ ޢިލްމުގެ ރޮނގުން ޚުވާރިޒަމީ ކުރެއްވި އަނެއް މުހިންމު މަސައްކަތަކީ، ސްފެރިކަލް އެސްޓްރޮނޮމީ (spherical astronomy) އާއި، އެސްޓްރޮލޮޖިކަލް ޗާޓު ލިޔުއްވުމެވެ. އެސްޓްރޮލޮޖިކަލް ޗާޓުގައި، އަހަރުގެ ތެރޭގައި މަސްތައް ބެހިފައިވާ ގޮތާއި، ވަކި މަސްތަކުގައި މޫސުމަށް އަންނަމުންދާ ބަދަލުތައް ހިމަނުއްވާފައި ވެއެވެ. އޭގެ އިތުރުން، ކޭތަ ހިފާ ދުވަސްތަކާއި، ހަނދުގެ ވިސިބިލިޓީއާ ދޭތެރޭ ފުންކޮށް ފިކުރު ކުރައްވައި، އަންނަމުންދާ ބަދަލުތައް ލިޔުއްވިއެވެ.
ނުޖޫމީ ޢިލްމުގެ ރޮނގުން ޚުވާރިޒަމީ ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް، 37 ބާބުގެ މައްޗަށް އޭނާ ލިޔުއްވި “ޒިޖުލް ސިންދު ވަލް ހިންދު” ފޮތުގައި ބަޔާންކޮށްފައި ވެއެވެ. މި ފޮތުގައި، އޭނާ ވަނީ 116 ކަލަންޑްރިކަލް ޓޭބަލާއި، އެސްޓްރޮނޮމިކަލް ކަލްކިޔުލޭޝަންތަކާއި އަދި މި ދާއިރާގެ ވަރަށް މުހިންމު ގިނަ ހޯއްދެވުންތަކެއް ލިޔުއްވާފައެވެ. އޭގެ އިތުރުން، އިރާއި ހަނދު އަދި އެ ދުވަސްވަރު ހޯދުނު ފަސް ގުރަހައިގެ ދައުރުވުންތަކާ ގުޅޭ ޓޭބަލް ވެސް މި ފޮތުގައި ހިމަނުއްވާފައި ވެއެވެ. މި ފޮތް އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައިވަނީ “އެސްޓްރޮނޮމިކަލް ޓޭބަލްސް އޮފް ސިންޑް އެންޑް ހިންޑު” ގެ ނަމުގައެވެ.
އެ ދުވަސްވަރު، ޚުވާރިޒަމީ ވަނީ، ހިބުރޫ ކަލަންޑަރެއް ތައްޔާރުކުރައްވައި، އެ މަޢުޟޫއަށް މަޤާލާއެއް ލިޔުއްވާފައެވެ. “ރިސާލާ ފީ އިސްތިޚްރާޖު ތާރީޚުލް ޔަހޫދު” (އިނގިރޭސި ތަރުޖަމާ: އެކްސްޓްރެކްޝަން އޮފް ދަ ޖޫވިސް އެރަރ) ގެ ނަމުގައި ޚުވާރިޒަމީ ލިޔުއްވި ހިބުރޫ ކަލަންޑަރާ ގުޅޭ މަޤާލާގައި، 19 އަހަރެއްގެ ދައުރުވުން ތަފުސީލުކޮށްދެއްވާފައިވެއެވެ.
ރައްކާކުރެވިފައިވާ މަސައްކަތްޕުޅުތައް
ހިސާބު ވިޔަތައް ހެދުމުގައި “ހިންދޫ އެރެބިކް” އަދަދުތައް ފުރަތަމަ ތަޢާރަފުކުރެއްވި ބޭފުޅަކީ، ދުނިޔޭގެ ތާރީޚުގައި އެނަމެއް ރަން އަކުރުން ލިޔުއްވާފައިވާ ޚުވާރިޒަމީއެވެ. އޭނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅު ކަމުގައިވާ “ކިތާބުލް ޖަބްރު ވަލް މުޤާބަލާ” ފޮތުގެ ބައިތައް، މިއަދު ވެސް ބައެއް ކުތުބުޚާނާތަކުގައި ވަނީ ރައްކާކުރެވިފައެވެ. އަދި 14 ވަނަ ޤަރުނުގައި ފްރެޑްރިކް ރޮޒެން ތަރުޖަމާ ކުރެއްވި އެ ފޮތުގެ ލެޓިން ތަރުޖަމާއެއް މިހާރު ވެސް އޮންލައިންކޮށް ފެންނަން އެބައޮތެވެ.
ޚުވާރިޒަމީ ލިޔުއްވި ޖިއޮމެޓްރީ ފޮތްކަމުގައިވާ، “ކިތާބުލް ޖަމާ ވަލް ތަފްރުޤް ބިލް ހިސާބުލް ހިންދީ” (އިނގިރޭސި ތަރުޖަމާ: ދަ ބުކް އޮފް އެޑިޝަން އެންޑް ސަބްޓްރެކްޝަން އެކޯޑިންގ ޓު ހިންދީ ކަލްކިޔުލޭޝަން) ގައި ވެސް ހިސާބުގެ އާ އެތައް ނުކުތާތަކާއި އުޞޫލުތަކެއް ބަޔާން ކުރައްވާފައި ވިއެވެ. މި ފޮތުގެ ލެޓިން ތަރުޖަމާއަކީ، “އަލް ގޮރިޓިމީ ޑި ނޫމެރޯ އިންޑޮރަމް (އިނގިރޭސި ތަރުޖަމާ: އަލް ޚުވާރިޒަމީ އޮން ދަ ހިންދީ އާޓް އޮފް ރިކޮނިންގ)” ގެ ނަމުގައި ނެރެފައިވާ ފޮތެވެ. ޚުވާރިޒަމީ ލިޔުއްވި މި ފޮތުގެ އަސްލު މިހާރު ފެންނާކަށް ނެތެވެ. މި ފޮތުގެ މިހާރު ފެންނާން އޮތީ ހަމައެކަނި ލެޓިން ތަރުޖަމާއެވެ.
އޭނާ ލިޔުއްވި “ކިތާބު ސޫރަތުލް އަރުޠް” (ދި އިމޭޖު އޮފް ދި އާތު) ގެ ހަމައެކަނި ފެންނާން އޮތް އަސްލު ކޮޕީ ރައްކާކުރެވިފައިވަނީ ފަރަންސޭސިވިލާތުގެ ސްޓަސްބާގް ޔުނިވަރސިޓީގެ ކުތުބުޚާނާގައެވެ. އަދި މި ފޮތުގެ ލެޓިން ތަރުޖަމާ އިސްޕޭނުގެ މެޑްރިޑްގައި ހުންނަ ބިބްލިއޮޓެކާ ނޭޝަނަލް ޑި އެސްޕަންޔާ ކުތުބުޚާނާގައި ވަނީ ރައްކާކުރެވިފައެވެ.
މަޢުލޫމާތު:
- ޖޯސެފް އޭ.ކެޗިއަން – “ދަ ފަދަރ އޮފް އަލްޖިބްރާ: އަބޫ ޖައުފަރު މުޙައްމަދު އިބްނު މޫސާ އަލް ޚުވާރިޒަމީ”
- ފަޟީލަތުއް ޝައިޚު އަޙުމަދު ފަހުމީ ދީދީ – “މުސްލިމު ސައިންސުދާނުން”
- އެން.އަކްމަލް އައްޔޫބީ – “ކޮންޓްރިބިޔުޝަން އޮފް އަލް ޚުވާރިޒަމީ ޓު މެތުމަޓިކްސް އެންޑް ޖިއޮގްރަފީ”