ބޯޓެއްގައި ކުލަ ލުމަށް މީހަކާ ހަވާލުކުރެވުނެވެ. އަދި ބޯޓުގެ ވެރިފަރާތުން ބޯޓުގައި ލާނެ ކުލައާއި ފިހި ގެނެސްދީފިއެވެ. މި ތަކެތި ގެނެސް މަސައްކަތް ފެށުމަށް ބޯޓުގައި ކުލަލާން ހަވާލުކުރި މީހާ އަތަށް ދިނެވެ. އަދި ބުންޏެވެ. މި ބޯޓުގައި ލާން ވާނީ، ރީތި، އަލި ރަތް ކުލައެވެ. އެހެން ބުނުމަށް ފަހު، ކުލަ ލާ މީހާއާ ތަކެތި ހަވާލުކޮށް ބޯޓުގެ ވެރިފަރާތުން ހިނގައްޖެއެވެ.
ކުލަ ލާ މީހާ ހަމަޖެހިގެން ކުލަލަމުން ދަނިކޮށް ބޯޓުގެ ހަލްގަނޑުން ތަންކޮޅެއް ހަލާކުވެފައި ހުރިތަން ފެނިއްޖެއެވެ. އެތަން ފެނުމާއެކު އަވަހަށް އެތަން ރަނގަޅު ކޮށްލައިފިއެވެ. ޖެހިގެން އައި ދުވަހު، ބޯޓުގައި ކުލަ ލައި އެއްކޮށް ނިންމާލަފިއެވެ. ކުލަ ލައި ނިމުމުން ބޯޓުގެ ވެރިފަރާތުން ކުލަ ލީ ފަރާތަށް ދޭންޖެހޭ އުޖޫރަ ހަވާލުކޮށްފިއެފެ. އެ ހިސާބުން ކުލަ ލީ މީހާ ވަރަށް އުފަލުން ހިނގައްޖެއެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެއްދުވަހު ބޯޓުގެ ވެރިފަރާތުން ކުލަ ލީ މީހާ ކައިރިއަށް އައިސް ޗެކެއް ހަވާލުކޮށްފިއެވެ. އެ ޗެކުގައިވާ ފައިސާ، ކުރިން ކުލަ ލައިގެން ލިބުނު ފައިސާގެ އަދަދަށް ވުރެ ވެސް ގިނައެވެ. ކުލަ ލީ މީހާ ވަރަށް ހައިރާންކަމާ އެކު ބުންޏެވެ. “ކުލަ ލައިދިނުމުން އަޅުގަނޑަށް ލިބެންޖެހޭ އުޖޫރަ ދެއްވައިފީމެއް ނޫންތޯއެވެ؟”
ބޯޓުގެ ވެރި ފަރާތުން ބުންޏެވެ. “މި ފައިސާއަކީ ބޯޓުގައި ކުލަ ލައިދިނުމުން ދިން ފައިސާއެއް ނޫނެވެ. މިއީ ބޯޓުގައި ހެދިފައި ހުރި ލޯވަޅުތައް ބައްދައިދީ މަރާމާތުކޮށް ދިނުމުން ދިން ފައިސާއެވެ.”
ކުލަ ލީ މީހާ ވަރަށް ހައިރާންވެ ހުރެ ބުންޏެވެ. “އެވަރުގެ ކުޑަކަމަކަށް ތިހާ ގިނަ ފައިސާ އަޅުގަނޑަށް ތި ދެއްވީ ކީއްކުރައްވަންތޯއެވެ!”
ބޯޓުގެ ވެރިފަރާތުން އޭގެ ޖަވާބުގައި ބުންޏެވެ. “ކަންތައްވީ ގޮތެއް އެކުވެރިޔާއަކަށް ނޭނގޭދޯއެވެ. އާން، މި ކިޔައިދެނީއެވެ. ބޯޓުގައި ކުލަ ލައިދިނުމަށް އެދުނުއިރު، ބޯޓުގައި ހަލާކުވެފައި ހުރި ލޯވަޅުތައް ބައްދައިދިނުމަށް ބުނަން އަހަރެން ހަނދާނެއް ނެތެވެ. އެކަމަކު ކުލަ ލައިދީ، ބޯޓުގައި ހެދިފައި ހުރި ލޯވަޅުތައް ވެސް ރަހުމަތްތެރިޔާ ހުރީ ބައްދައިދީ ރަނގަޅުކޮށްދީފައެވެ. ބޯޓުގައި ކުލަ ލައި ނިމިގެން އޭގެ އަނެއް ދުވަހު ބޯޓު މޫދަށް ބާލައިގެން އަހަރެންގެ ދަރިން ދިޔައީ މަސްދަތުރަކަށެވެ. އޭރު ބޯޓުގައި ލޯވަޅުތަކެއް ހުންނާނެ ކަމެއް އަހަރެންގެ ދަރިންނަކަށް ނޭނގޭނެއެވެ. އެ ކުދިން މަސްދަތުރު ދާން ފުރަން އުޅުނު ވަގުތު އަހަރެން ހުރީ ގެއަކު ވެސް ނޫނެވެ. އަހަރެންގެ ދަރީން މަސްދަތުރު ދިޔަކަން އެނގުނީ، އަހަރެން ގެއަށް އެނބުރި އައިފަހުންނެވެ. އެވާހަކަ އަޑު އިވުމުން އަހަރެން ހުރީ ވަރަށް ބޮޑަށް މާޔޫސްވެ ދެރަވެފައެވެ. އެއީ އެކުދިން އެނބުރި ރަށަށް ނާދެވިދާނެތީއެވެ. އެކަމަކު ކުއްލިއަކަށް ފެނުނީ އެކުދިން މަސްހިފައިގެން ގެއަށް އައި މަންޒަރެވެ. އެވަގުތު އަހަރެން ވަރަށް އުފާވިއެވެ. އަދި އަވަސްވެގަތީ ބޯޓުގައި ހެދިފައިހުރި ލޯވަޅުތައް ބަލަން ދިޔުމަށެވެ. ގޮސް ބެލުމުން ފެނުނީ އެހެން މަންޒަރެކެވެ. ބޯޓުގައި ހެދިފައި ހުރި އެއްވެސް ލޯވަޅެއް ނެތެވެ. ބޯޓުގައި ކުރިން ހެދިފައި ހުރި ހުރިހާ ލޯވަޅެއް ހުރީ ވަރަށް ފުރިހަމައަށް ހަދައި، މަރާމާތުކޮށް ނިންމާފައެވެ.” ބޯޓުގެ ވެރިފަރާތުން އަސަރާއިއެކު ކިޔައިދިނެވެ. އަދި ބުންޏެވެ. “ތިއީ ހާދަ ރަނގަޅު ރަހުމަތްތެރިއެކެވެ. ރަހުމަތްތެރިޔާ މިއަދު ތި ސަލާމަތް ކޮށްދިނީ އަހަރެންގެ ހުރިހާ ވެސް އުއްމީދެކެވެ. އަހަރެންގެ ލޯބިވާ ދަރީންގެ ފުރާނަތަކެވެ. އަހަރެން އަތުގައި ހުރި ހުރިހާ ފައިސާއެއް ވެސް ތިޔަ ފަރާތަށް ދިން ކަމުގައި ވިއަސް އޭގެ އަގު، އަދާކުރެވޭނެތޯއެވެ.” ބޯޓުގެ ވެރިފަރާތުން ވަރަށް އަސަރާއެކު ބުންޏެވެ.
މި ހާދިސާއިން ހާސިލުވަނީ ކޮން ޢިބުރަތެއްތޯއެވެ. އާދެ، އުޖޫރައަށް ތިމާއަށް މީހަކު މަސައްކަތެއް ހަވާލުކޮށްފިނަމަ އެކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭތޯ ބަލަން ވާނެއެވެ. އެކަމެއްގެ ކުޑަ ބޮޑުމިނަށް ނުބަލައި ބަލަންވީ އެކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށެވެ. ތިމާއަށް އެންމެ ބޮޑަށް ކަމެއް ބޭނުންވާއިރު އެކަމެއް ތިމާއަށް ވަނީ ކޮން ގޮތަކަށް ކަމެއް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގޭނެއެވެ. ވީމާ މަސައްކަތް ކުރަންވީ ތިމާއަކީ ތަފާތު މީހަކަށް ވުމަށެވެ. އަބަދުވެސް ބޭނުމެއް ޖެހިފައިވާ މީހާއަށް އެކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރާށެވެ. އަދި އަބަދުވެސް ތިމާ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.