ނަތީޖާއަކަށްވީ، އެހެން އެއްވެސް އިންސިއަކު ނެތް މި އެކަހެރި ޖަޒީރާގައި، ހަތް މަރުޙަލާއެއްގެ ތެރެއިން ‘ޙައްޔު ބިން ޔަޤްޟާން’ އުމުރުގެ ދުވަސްތައް ހޭދަކުރަން ޖެހުމެވެ. މި ކުޑަކުއްޖާގެ ޅަފަތުގެ އުމުރުން ފެށިގެން ޒުވާން އުމުރު ހޭދަވެ ދިޔައީ، މި އެކަހެރި ޖަޒީރާގައެވެ. އެހެން އެއްވެސް އިންސާނެއްގެ ކިބައިން އެއްވެސް ކަމެއް ދަސްނުވިޔަސް، އުޅެބޮޑުވަމުންދިޔަ މާޙައުލުން ވަރަށް ގިނަ ކަންކަން ސަލާމަތްތެރި ބުއްދީގެ އެހީގައި ދަސްވެގެން ދިޔަކަން މި ވާހަކައިން އެނގެއެވެ. މި ކުޑަކުޑަ އިންސާނާ އެ ޖަޒީރާގައި ހޭދަކުރި މުއްދަތުގެ މަރުޙަލާތަކަކީ؛

ފުރަތަމަ މަރުޙަލާއަކީ، ދިރޭ މަޚްލޫޤެއްގެ ގޮތުގައި އުފަންވެ، ފުއްލާގެ ގާތުން ކިރު ބޮއި، އޭގެ ދަރިއެއްގެ ގޮތުގައި ބޮޑުވަމުން އައި މަރުޙަލާއެވެ. އުމުރުން ހަތް އަހަރު ވަންދެނެވެ. މި މަރުޙަލާގައި، ޙައިވާނުންގެ އަޑުތަކަށް އިޖާބަދޭން ދަސްކުރިއެވެ. އަދި އޭގެ ތެރެއިން ވަރަށް ގިނަ ޖަނަވާރުން ގެންގުޅެން ވެސް ދަސްކުރިއެވެ. އަދި އަމިއްލަ ޢައުރަ ނިވައިކުރާނެގޮތް ދެނެގަތެވެ. އަދި އަމިއްލަ ނަފުސު ދިފާޢުކުރުމަށް ޓަކައި އަސާގެ ބޭނުންކުރާނެގޮތާއި އަމިއްލަ ކާތަކެތި ރައްކާކުރާނެ ގޮތް ދަސްކުރިއެވެ.

‘ޙައްޔު’ގެ ދެވަނަ މަރުޙަލާ ފެށްޓީ، އޭނާ ބަލައި ބޮޑުކުރި ފުއްލާ މަރުވާ ހިސާބުންނެވެ. މި ފުއްލާ މަރުވުމުން، އޭތި މަރުވި ސަބަބު ދެނެގަތުމުގެ ވިސްނުން އައި ހިނދު، އޭގެ ހަށިގަނޑު ފަޅައިލިއެވެ. އަދި ފުއްލާގެ ޖިސްމުގައި ހުރި ގުނަވަންތައް ވަކިވަކިން ދެނެގަތެވެ. އަދި އެ ގުނަވަންތައް މަސައްކަތްކުރާގޮތް ދަސްކުރިއެވެ. އިޙުސާސްތައް ކުރެވޭ ގޮތާއި ކަންކަން ދެނެގަންނަ ގޮތް ހޯދިއެވެ. ނަތީޖާއެއްގެ ގޮތުން ޖިސްމުގެ ތަފާތު ގުނަވަންތަކާއި، އެ ގުނަވަންތަކުން ކުރާ މަސައްކަތާއި، އެ ގުނަވަންތައް ޙަރަކާތްކުރާ ގޮތް ދެނެގަތެވެ.

ތިންވަނަ މަރުޙަލާގައި، ‘ޙައްޔު ބިން ޔަޤްޟާން’ އަލިފާން އުފެދޭގޮތް ދެނެގަތެވެ. އަދި އަލިފާނުގެ ބޭނުންކުރާނެ ގޮތް ދަސްކުރިއެވެ. އަދި އަލިފާން އުފައްދާނޭ މަގު ހޯދިއެވެ. އެއަށްފަހު، ޖިސްމުގައި ޙައިވާނީ ރޫޙު އުފެދިގެން އަންނަ ގޮތާހަމައަށް ވާސިލުވިއެވެ.

ހަތަރުވަނަ މަރުޙަލާގައި، ކައުނުގައިވާ ހުރިހާ މާއްދީ ޖިސްމުތައް ވަކިވަކިން ދެނެގަންނަމުން ދިޔައެވެ. މިގޮތުން، ޖިސްމާއި ރޫޙުގައިވާ އެކުވުމާއި ގިނަވުން ދެނެގަތެވެ. އަދި މާއްދާގައި ކާއިނާތު އެއްވާގޮތާއި ސޫރާގައި އެ މާއްދާއަށް އަންނަ ތަފާތުތައް ހޯދިއެވެ. އަދި އެއަށްފަހު، ޖިސްމާނީ ބާރު މާއްދާއާއި ޖިސްމާނީ ނިކަމެތި މާއްދާ ތަފާތުކުރަން ދަސްކުރިއެވެ. އަދި އެއަށްފަހު، މާއްދީ ޖިސްމުތަކާ މެދު ފުންކޮށް ވިސްނުމާއި، ޙާދިޘާތައް މެދުވެރިކުރުވާ ސަބަބުތައް ހޯދިއެވެ. މި މަރުޙަލާ ނިމިގެންދިޔައީ، ‘ޙައްޔު’ގެ އުމުރުން 28 އަހަރު ފުރުމާއެކުގައެވެ.

ފަސްވަނަ މަރުޙަލާގައި، ޖައްވުގެ ތެރޭގައި ހިނގާ ކަންކަމާ މެދު ވިސްނަމުން ދިޔައެވެ. ޖައްވުގައިވާ ތަރިތަކާއި ފަލަކުތައް ހިމެނޭ ގޮތުގެ މަތީންނެވެ. މި ވިސްނުމުގެ ތެރެއިން ފެނުނީ، ވަށަމިނުގައި އޮތް ބިޔަ ފަލަކުގައި ބުރުޖަހަމުންދިޔަ މަޑިކިލަނބުތަކުގެ އިމެއްނެތް މާއްދީ ޖިސްމުތަކެވެ.

ހަވަނަ މަރުޙަލާގައި، ޖިސްމާއި ނަފުސަކީ ވަކި ދެ އެއްޗެއްކަން ދެނެގަތެވެ. އަދި މިއިން ކޮންމެ އެއްޗެއް ނިމިދިޔުމުގެ މަގު ތަފާތުކަން އެނގުނެވެ. އަދި މިއިން ކޮންމެ އެއްޗެއް، ދިރިދެމިވޮޑިގެންވާ ޚާލިޤުވަންތަ ﷲގެ ޙަޟުރަތަށް އެނބުރި ދިޔުމަށް އޮންނަ ޝައުޤުވެރިކަމުގައި ތަފާތު ހުންނަކަން އެނގުނެވެ. އަދި ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ދެނެގަންނަ ނަފުސަށް އަބަދީ ޙަޔާތެއް އޮންނަކަން އެނގުނެވެ. ދެން އެއަށްފަހު ބާއްޖަވެރިކަމަށް ނިމުމެއް ނެތްކަން ‘ޙައްޔު’ ދެނެގަތެވެ. މިހާ ހިސާބުން، ‘ޙައްޔު’ގެ އުމުރުން ހޭދަވީ އެހެން މަރުޙަލާތަކާ މި މަރުޙަލާ ލާމެހިގެން ދިޔައެވެ.

ހަތްވަނަ މަރުޙަލާގައި، ‘ޙައްޔު’އަށް އެނގުނީ، އޭނާގެ ބާއްޖަވެރިކަން ލިބިގަތުން ނުވަތަ އަބާއްޖަވެރިކަމުން ދިންނެވުން އޮތީ، ދިރިދެމިވޮޑިގެންވާ ޚާލިޤުވަންތަ އިލާހުގެ ކުޅަދުންވަންތަކަން ދުށުމުގައި ދެމިހުރުމުން ކަމެވެ. މިކަން ކުރެވެން އޮތީ، ވިސްނައި ފިކުރުހިންގުމުގައި ސާބިތުވެހުރެ، އެހެން އެއްވެސް ފަރާތަކަށް ސަމާލުކަމެއް ނުދީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ކުޅަދުންވަންތަކަމާ މެދު ފުން ނަޒަރެއް ދިނުމުގައި ދެމިހުރެގެންކަން ކަށަވަރުކުރެވުނެވެ. މިކަމަށް ޓަކައި ‘ޙައްޔު’ އޭނާގެ އަމިއްލަ ނަފުސަށް ވަކި އިމެއް ކަނޑައެޅިއެވެ. އެ އިމާއި މިނުން ބޭރު ނުވުމަށް ޓަކައެވެ. މިގޮތުން، ބަނޑުހައިކަން ފިލާދާ މިންވަރަށް މެނުވީ، އެއްވެސް ކާއެއްޗެއް އިތުރަށް ނުކެއުމަށް ނިންމިއެވެ. ދެން އެއަށްފަހު، ދެވަނަ ކަމެއްގެ ގޮތުން މަސައްކަތް ފެށީ، އުޑުގައިވާ އިރުހަނދާއި ތަރިތަކުގެ ބުރުޖެހުމާއި ވިދާ ބެނބުޅުމާ އަޅާކިޔާށެވެ. މި މަސައްކަތުގެ ތެރެއިން ސަމާލުކަމަށް އައީ، އޭނާގެ އަމިއްލަ ޖިސްމާއި ނަފުސުގެ ސާފުތާހިރުކަމުގެ މުހިންމުކަމެވެ. މި މާޙައުލުގައި، ގާތްގަނޑަކަށް އުމުރުން ފަންސާސް އަހަރު ވަންދެން ‘ޙައްޔު’ ދިރިއުޅެމުން ދިޔައެވެ.

މި މާޙައުލަށް ހޭނި، ދިރިއުޅެމުން ދަނިކޮށް ‘އަލްވަޤްވާޤު’ ޖަޒީރާއާ މާދުރު ނޫން ހިސާބެއްގައި އޮންނަ އެހެން ޖަޒީރާއެއްގައި އުޅެމުންދިޔަ އޭނާގެ އެކުވެރިޔެއްގެ ގޮތުގައި ދުށް ‘އިސާލް’އާ ބައްދަލުވިއެވެ. ‘ޙައްޔު’އުޅޭ ޖަޒީރާއަށް ‘އިސާލު’ އައީ، އެކަހެރި ދިރިއުޅުމެއް ބޭނުންވެގެންނެވެ. އަދި އޭނާ ޤަބޫލުކުރާ ދީނާއި ހަމަތަކާ އެއްގޮތަށް އުޅެވޭނެ ފަސޭހަ މާޙައުލެއް ހޯދުމުގެ ބޭނުމުގައެވެ.

މި ދެ މީހުން އެކަކު އަނެކަކާ ބައްދަލުވެ ތަޢާރަފުވުމަށްފަހު، އަދި ‘އިސާލު’، ‘ޙައްޔު’އަށް ލިޔަންކިޔަން ދަސްކޮށްދީ، ކޮންމެ މީހަކު ވެސް އެމީހެއްގެ ޙަޔާތާ ބެހޭގޮތުން އެކަކު އަނެކަކަށް ކިޔައިދިނެވެ. އަދި، ޙިއްސުންނާއި ތަޖުރިބާއިންނާއި ބުއްދީގެ ބުރަ މަސައްކަތުން ‘ޙައްޔު’އަށް އެނގުނު އަދި ތަޖުރިބާކުރި އެންމެހާ ކަންކަމާއި އެކަންކަން އެނގުނު ގޮތް ‘އިސާލް’އަށް ކިޔައިދިނެވެ. އަދި ޢާލަމާއި ނަފުސާއި، އެ ނަފުސުގެ ރޫޙާނިއްޔަތާއި ރޫޙުގެ އަބަދީ ސިފަތަކުގައި ހުންނަ ޢިއްލަތާ ބެހޭގޮތުންނާއި، ޝަރީޢަތުގެ ބޭރުފުށުން ފާޅުވާ ކަންކަމާ ގުޅޭގޮތުންނާއި ކާއިނާތުގެ ޙަޤީޤަތްތަކާ ހަމައަށް އާދެވުނީ ކިހިނަކުންކަން ބުނެދިނެވެ.

‘ޙައްޔު’އަށް ‘އިސާލް’ ކިޔައިދިން ގޮތުގައި، ‘އިސާލް’އަކީ، އެ ޖަޒީރާއެއް ދޫކޮށް އައި ޖަޒީރާގައި ރަސްކަންކުރާ ރަސްގެފާނުގެ ވަޒީރެކެވެ. އެ ރަށަށް ޤަދީމީ ޒަމާނުގައި ފާޅުވި ބައެއް ނަބީބޭކަލުންގެ ފުށުން ޞައްޙަ މިއްލަތެއް އައެވެ. އަދި އެ ރަށުގައި ރެނދަލިކުރައްވާ ‘ސަލާމާން’ ރަސްގެފާނަކީ، ބޭރުފުށުގެ މާނައަށް ސަމާލުކަން ދެއްވާ ރަސްކަލެއްކަމުގައިވިއެވެ. އަދި ތައުވީލުކުރެއްވުމާ ދުރުވެގެން ހުންނެވި ރަސްކަލެއްކަމުގައިވިއެވެ. އަދި ތަޞައްވުފާއި ފިކުރު ހިންގުމާ ދުރުހެލިވެ ވަޑައިގަންނަވާ ބޭކަލެއް ކަމުގައިވިއެވެ. 

ކަންކަން ނިންމެވުމުގައި ރަސްގެފާނުގެ އާދައަކީ ބޭރުފުށުގެ މާނައަށް ބުރަވުމެވެ. އިންސާނީ ރައުޔަކީ އެހާ މުހިންމުކަމެއް ދެވޭ މަޞްދަރެއްކަމަށް ޤަބޫލު ނުކުރެއްވުމެވެ. ރަސްގެފާނާއި ވަޒީރުގެ ދެމެދުގައި ޚިލާފުތައް އުފެދެން ފެށީ، ‘އިސާލް’ގެ ރައުޔު ޤަބޫލު ނުކުރަން ފެށި ހިސާބުންނެވެ. ‘އިސާލް’ ވަޒީރުކަން ދޫކޮށް، އަދި އޭނާގެ ރަށުން ވެސް ހިޖުރަކޮށް އެހެން ރަށެއްގައި އެކަނިވެރި ޙަޔާތެއް ހޭދަކުރުމަށް ނިންމަން ޖެހުނު ސަބަބަކީ މިއީއެވެ.

‘ޙައްޔު’ އާއި ‘އިސާލް’ ބޮޑުވަމުންއައި މާޙައުލު ކިތަންމެ ތަފާތުވިޔަސް، މި ދެ މީހުންނަށް ޙާޞިލުވި ނަތީޖާއަކީ ހަމަ އެއް ނަތީޖާއެއްކަން ހާމަވިއެވެ. އެ ނަތީޖާއަކީ، އިންސާނީ ބުއްދިއަކީ ވެސް، ހެވާއި ނުބައި ދެނެގަތުމުގައި މުހިންމު ދައުރެއް އޮންނަ ގުނަވަނެއްކަން އެނގިގެން ދިޔުމެވެ. އެހެންކަމުން، އިންސާނީ ޙަޔާތުގައި ކަންކަން ނިންމުމަށާއި ރަނގަޅާއި ނުބައި ވަކިކުރުމަށް އިންސާނީ ބުއްދިއާއި ރައުޔަކީ ވެސް އެހާމެ މުހިންމު ވަސީލަތެއްކަމުގައި ދެމީހުންނަށް ވެސް އެއްބަސްވެވުނެވެ. އެންމެ ފަހުން މި ދެ މީހުން ނިންމީ، ‘އިސާލް’ގެ ރަށަށް ގޮސް، އެ ރަށުގެ އަހުލުވެރީންނަށް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމާ ގުޅޭގޮތުން ވިސްނައިދޭށެވެ. ހޭލުންތެރިކަން އެމީހުންގެ މެދުގައި އުފައްދާށެވެ. އިސްލާމީ ޝަރީޢަތާ ޚިލާފުނުވާ މަގުން، އިންސާނާގެ ޠަބަޢީ ޙަޔާތުން ބޭރުގައިވާ ބޮޑު ޙަޤީޤަތްތަކުގެ މަގަށް އެ ރަށުގެ އަހުލުވެރިން މިޞްރާބުކުރެވޭތޯއެވެ. އަދި ﷲ އާ ކުއްތަންވުމަށް މަގުކޮށައިދޭ ލޯތްބާއި އެ ލޯބީގައި ފަނާވެދިޔުމުގެ މަގަށް ހިދާޔަތު ދެވޭތޯއެވެ.

ރަސްގެފާނާއި އޭނާގެ ރައްޔިތުން ދިރިއުޅޭ ޖަޒީރާއަށް، ‘އިސާލް’އާއި ‘ޙައްޔު’ ދިޔައެވެ. އަދި ‘ޙައްޔު’އާއި ‘އިސާލް’ގެ މުޅި ވަގުތު އެ ރަށުގެ އަހުލުވެރިންނަށް ހިދާޔަތު ދިނުމުގެ މަސައްކަތުގައި ހޭދަކުރިއެވެ. އެހެން ނަމަވެސް، މި ދެ މީހުންގެ ހުރިހާ މަސައްކަތެއް ދިޔައީ ހަމަ ވައިގެ ތެރެއަށް ބުރައިގެންނެވެ. އެންމެފަހުން، ‘ޙައްޔު’އާއި ‘އިސާލް’ އެނބުރި އެ ދެ މީހުން ކުރިން ވެސް އުޅެމުން އައި، އެކަހެރިވެގެންވާ ޖަޒީރާއަށް އައީ، ބޭރުފުށުގެ މާނައަށް ބަރޯސާވުމުގައި ހައްދުން ނެއްޓިފައި ތިބި ބައެއްގެ ކިބައިގައި ހެޔޮމަގަށް ބަދަލުވުމުގެ އެއްވެސް އުންމީދެއް ނެތި، ގޮތް ހުސްވުމުންނެވެ.  އެންމެ ފަހުން، މި ދެ މީހުން، އެކަހެރި ދިރިއުޅުމެއް އެ ޖަޒީރާގައި ހޭދަކުރަން ނިންމީއެވެ. އިޚްލާޞްތެރި އަޅުކަމުގެ ޙަޔާތެކެވެ. އަދި ސާފު ވިސްނުމާއި ފިކުރު ހިންގުމުގެ ޙަޔާތެކެވެ. އަދި ބޭރުފުށުގެ މާނައަށް ބަރޯސާވެ، އިންސާނީ ބުއްދީގެ އެއްވެސް ދައުރެއް ނެތްކަމަށް ޤަބޫލުކޮށްގެން ތިބި ޖަޒީރާގެ، އަހުލުވެރިން އެ މީހުންގެ ގޮތުގައި ހިފަހައްޓައިގެން ތިބުމަށް ދޫކޮށްލީއެވެ.

މި ވާހަކައިން ފާހަގަވާ އެއްކަމަކީ، ‘ޙައްޔު’ގެ ނަންދެވިގެންވާ އިންސާނާއަށް ޖިސްމާނީ ބުރަކަމުން މިންޖުވުމަށް މަގުފަހިކޮށްދޭނޭ، އަދި ޖިސްމާއި ރޫޙު ޠާހިރުކުރުމަށް އެހީތެރިވެދޭނޭ އެތައް ގޮތްތަކެއް އޮންނަ ކަމެވެ. ‘ޙައްޔު’ އޭނާގެ ވަށައިގެންވާ ވެށްޓާއި، ޖައްވާއި، ޖައްވުގައިވާ ތަރިތަކާ މެދު ވިސްނުން ހިންގީ އޭނާގެ ބުއްދި ބޭނުންކޮށްގެންނެވެ. ހަށިގަނޑުގައި ފުރާނަ ހިފަހައްޓައިދެނިވި މިންވަރަށް ކާބޯތަކެތީގެ ބޭނުންކުރަން ދަސްކުރީ ވެސް ހަމަ ބުއްދީގެ އެހީތެރިކަމާއެކުގައެވެ. ކަންކަން ހޯދައިބެލުމަށް ޓަކައި، ބައެއްފަހަރު، ‘ޙައްޔު’ އޭނާ އުޅެބޮޑުވި ޖަޒީރާ ވަށައިޖަހައެވެ. އަދި އަނެއް ބައިފަހަރު އޭނާގެ އަމިއްލަ ނަފުސާ މެދު ފިކުރު ހިންގުމުގައި ފުންވިސްނުމެއްގެ ތެރެއަށް ގެނބިގެންދެއެވެ.

‘ޙައްޔު ބިން ޔަޤްޟާން’އޭ ނަމަކަށް ކިޔުނު މި ވާހަކާގައި ހިމެނިގެން ދަނީ އެއްވެސް ޝައްކެއް ވަސްވާހަކަށް ޖާގައެއް ނެތް މިންވަރަށް ފުން އަދަބިއްޔާތެކެވެ. މިއީ، ބިނާކުރަނިވި ފަންނީ އުފެއްދުމެކެވެ. މަތިވެރި ބަހުރުވައެއް ހިމެނޭ ފަލްސަފީ ލިޔުމެކެވެ. މި ވާހަކަ ތަޙުލީލުކުރައްވާ ބައެއް ބޭކަލުންގެ ނަޒަރުގައި ‘ޙައްޔު’ ރަމްޒުކޮށްދެނީ، ކޮންމެ އިންސާނަކަށް ލިބިގެންވާ ފަރުދީ ބުއްދިއެވެ. ނުވަތަ ޖުމްލަ ގޮތެއްގައި ހުރިހާ އިންސާނުންގެ ބުއްދިއެވެ. ނުވަތަ މިނިވަންވެގެންވާ މުޠުލަޤު އިންސާނާއެވެ. މި މާނައިގެ މައްޗަށް ނަތީޖާ ބިނާކުރާއިރު، ސާފުކޮށް އެނގެނީ، އިންސާނާގެ ކުރިއެރުން އޮތީ ފަރުދީ އެންމެ ބުއްދިއެއްގެ މައްޗަށް ނޫންކަމެވެ. މިއާ ޚިލާފަށް މުޅި އިންސާނިއްޔަތު ފައްކާވެފައިވާ ބުއްދީގެ މައްޗަށް ކަމެވެ.

ޖުމްލަގޮތެއްގައި މުޅި ފޮތުގެ މައުޟޫޢު ތަޙުލީލުކޮށްލުމުން، ‘ޙައްޔު’ ރަމްޒުކޮށްދެނީ، އޭނާގެ އާދަކާދައާއި، ދީނާއި ޙަޔާތުގައި ހިފަހައްޓަންޖެހޭ އެންމެހާ މިންތަކާއި އިންތަކާއި އަދި ޚިޔާލާއި ފިކުރުތައް ފުން، ދިރިހުރި އިންސާނަކާއެވެ. އަދި ‘ޔަޤްޟާން’ ރަމްޒުކޮށްދެނީ، ހޭލާހުރެ ﷲއަށް އަޅުކަންކުރުމުގައި އަދި އެކަލާނގެ ޝަރީޢަތަށް ޢަމަލުކުރުމުގައި ވަގުތު ހޭދަކުރާ މީހާއަށެވެ. މި މާނައަށް ހެކިދެނީ، އައްޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި ބަޔާންވެގެންވާ “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” މި ބަސްފުޅަށެވެ.

މުޅި މި ވާހަކައަކީ ފަލްސަފީ ފިކުރެއްގެ މައްޗަށް ބިނާވެގެންވާ ވާހަކައެކެވެ. އަދި މި ވާހަކަ ބުނެދެނީ، ޝަރީޢަތާއި ބުއްދިއާ ދެމެދުގައި އެއްވެސް ޚިލާފެއް ނެތް ވާހަކައެވެ. މި ފަލްސަފީ ފިކުރަކީ، އޭގެކުރިން އިބްނު ސީނާއާއި އިބްނު ރުޝްދު ވެސް ހާމަކުރެއްވި ފިކުރެކެވެ.

މި ވާހަކާގައި އުޅޭ މުހިންމު ތިން ޝަޚްޞިއްޔަތަކީ، ‘ޙައްޔު’އެވެ. މިއީ މި ވާހަކައިގެ އެންމެ މުހިންމު ޝަޚްޞިއްޔަތެވެ. ދެން، ‘އިސާލް’ އާއި ‘ސަލާމާން’ އެވެ. މީގެތެރެއިން، ‘އިސާލް’އަކީ ޒާހިރީ ފިޤުހު (ބޭރުފުށުން ފާޅުވާ ފިޤުހީ މާނަ) އާއި ފަލްސަފާއާ ދެމެދުގައި މެދުމިނެއް ގެންގުޅޭ ޝަޚުޞިއްޔަތެކެވެ. އަދި ‘ސަލާމާން’އަކީ، ޒާހިރީ ފިޤުހު (ބޭރުފުށުން ފާޅުވާ ފިޤުހީ މާނަ) އަށް އެކަނި ތަބާވާ ޝަޚްޞިއްޔަތެކެވެ. އަދި ‘ޙައްޔު’ ތަމްސީލުކުރާ ޝަޚުޞިއްޔަތަކީ، ކައުނުގައި މާތްﷲ ލައްވާފައިވާ ޠަބަޢީ ނިޒާމު އެއީ، އޭނާއަށް ކަންކަން އަންގައިދޭ އެދުރެއްގެ ގޮތުގައި ޤަބޫލުކުރާ ޝަޚުޞިއްޔަތެކެވެ.

ދީނުގެ ޙުކުމުތަކުގައިވާ ޢިއްލަތާއި ސަބަބު ދެނެގަތުމަށް ޖެހިލުންވުން އުފެދިގެން އައީ، ބުއްދީގެ ދައުރެއް ނެތްކަމަށް ޤަބޫލުކުރެވެންފެށި ހިސާބުންނެވެ. މާތް ﷲ، މިވެނި ޙުކުމެއް ކަނޑައެޅުއްވި މަޤުޞަދަކީ، ނުވަތަ ރަސޫލާގެ މިވެނި އެންގެވުމެއްގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރުމަކީ ވެސް ކޮށްގެންވާނޭ ކަމެއް ނޫންކަމުގައި ޤަބޫލުކޮށްގެން ތިބުމުގެ ސަބަބުންނެވެ. ބަދަލުވަމުންދާ ޙާލަތާއި ތަނާ އެއްގޮތަށް ޢަމަލުކުރުމަށް ޓަކައި ބަދަލު ގެނެވިދާނެ ޙުކުމުތަކާއި، ބަދަލުނުވާ ޙާލަތާއި ތަނާ ގުޅޭ، ބަދަލު ނުވާނޭ ސާބިތު ޙުކުމުތަކެއް ހުންނާނެކަން ނޭނގޭ ހިސާބަށް ދިޔުމުގެ ނަތީޖާއިންނެވެ.

އިސްލާމުދީން ފާޅުވި ފުރަތަމަ ސައްތަތަކުގައި، ޢަޤީދާއާއި އީމާންތެރިކަން ހިތުގައި އުފެއްދުމާއި، ނަފުސު ޠާހިރުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޢިލްމީ ބަހުސްތައްކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ދިޔަ ނަމަވެސް، އާދަޔާޚިލާފު މަޑުޖެހުމެއް މުސްލިމުންގެ މެދުގައި އައިކަން ފާހަގަވެއެވެ. މިއާ ޚިލާފަށް ބަހުސްތައް ބޮޑަށް ފެށިގެން ދިޔައީ، ފިޤުހީ މައްސަލަތަކާ ގުޅޭގޮތުންނެވެ.  އިސްލާމީ ޘަޤާފަތު ބަދަލުވެގެން ދިޔައީ، އެތެރެފުށުގެ ޠާހިރުކަމާއި ޢަޤީދާ ސާބިތުކުރުމަށް ވުރެ ބޮޑަށް ބޭރުފުށުގެ ސުލޫކާއި ފާޅުވާ މަންޒަރަށް ސަމާލުކަންދެވޭ ޤާނޫނީ ޘަޤާފަތަކަށެވެ. ފިޤުހީ މައްސަލަތަކުގައި ޙުކުމުތައް އިއްވުން އަވަސްވެ، އެ ބަޔަކަށް ފިޤުހުން އެނގުނުގޮތާ ޚިލާފަށް އެހެން ބަޔަކަށް ނުވަތަ މީހަކަށް އެނގޭ ގޮތް ގޯސްކަމަށް ނިންމުން ޢާންމު ކަމަކަށް ބަދަލުވެގެން ދިޔުމެވެ.

ޝެއަރކުރެއްވުމަށް