އިމާރާތްކުރުމަށް އާ ޓެކްނޮލޮޖީތަކާއި ޑިޒައިންތައް އަބަދުވެސް ބޭނުން ކުރެވެމުން ދެއެވެ. ރޯވާ ކޮންމެ އަލިފާނެއްގައި ވެސް ލިބިދޭ ފިލާވަޅަކީ، އިމާރާތްތަކުގެ ޑިޒައިނާއި މެޓީރިއަލް ފެއިލްވެފައި ހުރުމެވެ. އަލިފާން ނިއްވުމަށް ޓަކައި އިމާރާތްތަކުގައި ޤާއިމުކޮށްފައިވާ ނިޒާމުތައް އެކަށީގެން ނުވުމެވެ. މުދާ ގުދަންކުރުމުގައާއި ސްޓޯރޭޖް ހެދުމުގައި މިންގަނޑުތަކަށް ނުބަލައި ގުދަންކުރުމެވެ. އިމާރާތްތައް ބޭނުންކުރާ ފަރާތްތަކުގެ ޢަމަލުތައް ހުންނަގޮތުން ހިނގާ ހާދިސާ ތަކުގައި އަލިފާން ނިއްވުމަށް ޓަކައި އަލިފާނާ ހަމައަށް ދިޔުމުގައި އުނދަގޫތައް ދިމާވެއެވެ. އަމިއްލަ ޒާތުގައި އަލިފާން ނިއްވައިދިނުމަށް ގާއިމްކޮށްފައިވާ ނިޒާމް ރަނގަޅަށް މެއިންޓަނަންސް ނުކުރުމުން ސިސްޓަމް ފެއިލްވެގެން ވެސް ހިތާމަވެރި ހާދިސާތައް ހިނގާކަމަށް ރިކޯޑުތަކުން ދައްކައެވެ.

އުސްއިމާރާތްތަކުގައި އަލިފާން ރޯވެފައި ހުއްޓާ މީހުން އިވެކުއޭޓްކުރުމަކީ ބޮޑު ޗެލެންޖެކެވެ. އެހެންކަމުން މިފަދަ އިމާރާތްތަކުގައި ޤާއިމުކުރެވިފައިވާ އާލާތްތައް ބޭނުންކޮށްގެން އަވަހަށް އަލިފާން ނިއްވަން މަސައްކަތްކުރުމާއި، އޭގެ ޒާތުގައި އަލިފާން ނިއްވޭގޮތަށް ހުރުމަކީ އުސްއިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ގެއްލުން ކުޑަވެގެން ދާނެކަމެކެވެ. އުސް އިމާރާތްތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވެ ރައްކާތެރިވުމަށް، އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭންޖެހެއެވެ.

  • އިމާރާތްކުރެވިފައިވާ ގޮތާއި އިންޓީރިއަރ އަދި އިމާރާތުގެ އެތެރެ ބައިކުރެވިފައިވާ ގޮތްތައް
  • އިމާރާތްކުރުމަށް ބޭނުންކުރާ ސްޓްރަކްޗަރަލް އެލެމެންޓްސްގެ މޮޅު ނުވަތަ ދެރަކަން (ފައުންޑޭޝަން، ބެރި، ތަނބު، ތަޅުން، ފާރުތައް ފަދަ ތަންތަން)
  • ދިރިއުޅޭ މީހުންގެ ބާވަތް (ދިރިއުޅުމަށް ބޭނުންކުރާ ތަނެއްތޯ، ހޮސްޕިޓަލެއްތޯ، ސްކޫލެއްތޯ، ޑޭކެއަރއެއްތޯ)
  • ކޮޓަރިތަކާއި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި އެތެރޭގެ ފިނިޝިންގ ހުންނަގޮތް
  • އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޤާއިމުކޮށްފައިވާ އާލާތްތަކާއި ބޭނުންކުރެވޭ ގޮތަށް ހުންނަ މިންވަރު
  • އަލިފާނުގެ ހާދިސާތައް ދުރާލާ ދެނެގަތުމަށް އިމާރާތްތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ޑިޓެކްޝަން ސިސްޓަމް އަދި އެލާމް ސިސްޓަމްތަކުގެ ކަވަރޭޖް ހުންނަ ގޮތް
  • އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ޢަމަލުތައް ހުންނަގޮތް

މަތީގައިވާ ކަންތަކަކީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިރިއުޅޭ މީހުންނަށާއި އިމާރާތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ކަންކަމެވެ.

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އެކުލެވޭ ފަޔަރ ރިސްކުތައް

އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ފާހަގަވަނީ ހޫނާއި ދުމެވެ. އަދި އިމާރާތްކުރެވިފައިވާ ގޮތުގެ ސަބަބުން ފުރާނައާއި މުދާ ސަލާމަތްކުރުމަށް އިންތިހާއަށް ދަތިއުނދަގޫތަކާ ކުރިމަތިކުރުވައެވެ. އަލިފާނުގެ ސަބަބުން އުފެދޭ ދުންތައް އެހާ ފަސޭހަކަމާއެކު އުސް އިމާރާތްތަކުން ބޭރުވުމުގައި އުނދަގޫތަކެއް ހުންނާނެއެވެ. ހަމަ އެއާއެކު އުފެދޭ ހޫނުގެ ސަބަބުން ކައިރީގައި ހުންނަ ތަކެއްޗަށާއި ހޫނު ދަތުރުކުރާ މަގުގައި ހުންނަ ތަކެއްޗަށް ހޫނުގެ އަސަރުކޮށް ގެއްލުން ލިބެން ފަށައެވެ. މިގޮތަށް ގިނައިރުތަކެއް ވާނަމަ މުޅި އިމާރާތުގައި ހުޅު ފަޅައި ގޮވުންތަކެއް ގޮވުން އެކަށީގެންވެއެވެ. އަދި ފަސޭހަކަމާއެކު އިމާރާތް ވެއްޓި ދިރިއުޅޭ މީހުންނަށް ގެއްލުންވެ އަލިފާންނިވާ މީހުންނަށް އަލިފާންނިއްވުމަށާއި ރެސްކިޔު ކުރުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ފުރާނަ އަލިފާނުގެ ސަބަބުން ގޮސްފައިވަނީ ދުން ބޯވެ ފެނުމަށް އުނދަގޫވުމާއި ވިހަ ދުން ހަށިގަނޑުގެ ތެރެއަށް ގޮސް ހާސްވުމުގެ ސަބަބުން ތަނުގެ ތެރޭގައި ތާށިވެ ނުނުކުމެވިގެންނެވެ. މީގެއިތުރުން ވެސް ފާހަގަ ކުރެވޭ ރިސްކުތަކަކީ؛

  1. ގިނައަދަދެއްގެ ބަޔަކު އެއް ތަނެއްގެ ތެރޭގައި އުޅުން ނުވަތަ ދިރިއުޅުމުގެ ސަބަބުންނާއި،
  2. އިމާރާތްތަކުގައި ދިރިއުޅޭ އެކި ގިންތީގެ މީހުން ނުވަތަ ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ގިނަވުމާއި،
  3. ފަސޭހައިން އަލިފާން ރޯވާ ބާވަތުގެ މުދާ އެއް ތަނެއްގައި ގިނަވުން، އެލްޕީޖީ ގެންގުޅުން، ލަކުނޑީގެ ސާމާނު ހުރުން ފަދަ ކަންތައްތަކުންނާއި،
  4. ކަރަންޓާއި ކަރަންޓުގެ ބާވަތްތަކުގެ ސަބަބުންނާއި،
  5. ފަސޭހައިން އަލިފާން ފެތުރުން ނުވަތަ ސިޑި ގޮޅީގެ އެހީގައި ފަސޭހައިން ހޫނު ދުން ދަތުރުކުރުމުންނާއި،
  6. ސަލާމަތްވުމަށް ލިބޭ ވަގުތު ކުޑަވުމާއި ތަނުގެ އިންތިޒާމެއް ނެތުމުންނާއި،
  7. އަލިފާންނިއްވާ މީހުންނާއި ލޮރީތައް އިމާރާތާ ފަސޭހައިން ކައިރި ނުކުރެވުމާއި ވަދެނުކުތުމަށް އުނދަގޫތަކެއް ހުރުން ފަދަ ކަންކަމުންނެވެ.

އަލިފާން އަބަދުވެސް ފެތުރެމުންދަނީ މައިގަޑު ތިން ހާލަތެއް މެދުވެރިގެންނެވެ. އެއީ، ކޮންޑަކްޝަން (ސީދާ ހޫނު، އޭގެ ތެރޭގައި ދަތުރުކުރުން)، ކޮންވެކްޝަން (އޭގެން އަރާ ހޫނުން ނުވަތަ ފައިބައިގެންދާ ދިޔާއެއްޗެއްގެ އެހީގައި ހޫނު ދަތުރުކުރުން)، ރޭޑިއޭޝަން (ދޯދިތަކެއްގެ ސިފައިގައި ހޫނު ދަތުރު ކުރުން) އެވެ. މިގޮތުން އެންމެ އާންމުގޮތެއްގައި ރޯވެފައިވާ ފަންގިފިލާއަކުން އަނެއް ފަންގިފިލާއަށް އަލިފާން ދަތުރުކުރުމުގައި އެއީ ހޫނު، ދުން އަދި އަލިފާންކަމުގައި ވިޔަސް ދަތުރުކުރާ ރާސްތާއަކީ، ސީލިންގ ތެރެއިންނާއި އެއަރ ކަންޑިޝަން ޑަކްޓް ތެރެއިންނާއި ދޮރުތަކުންނާއި ސަރވިސް ޝާފްޓްތަކާއި ވެންޓިލޭޓަރތައް މެދުވެރިކޮށެވެ.

އަލިފާނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

ފުރާނަ ސަލާމަތްކުރުމާއި މުދާ ސަލާމަތްކުރުމަކީ އާންމު ގޮތެއްގައި އުސްއިމާރާތްތަކުގައި ދިމާވާ ފަޔަރ ސޭފްޓީއަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ. ފުރާނަ ސަލާމަތްކުރުމަށް ފަސޭހައިން ބޭރަށް ނުކުމެވޭނެގޮތް ހެދިފައިއޮތުން މުހިންމެވެ. ތަނުގައި ހުންނަ ފަޔަރ ރެސިސްޓަންސް ރޭޓިންގއެއްގެ ސަބަބުން އެ އަލިފާނެއް ނުފެތުރި، އެ ރޯވެފައިވާ ތަނެއްގެ ތެރޭގައި ކޮންޓެއިންވެފައި ހުރެދާނެއެވެ. މީގެ އިތުރުން ފެތުރުން ކޮންޓްރޯލް ކުރުމަށް އެކްޓިވް ފަޔަރ ޕްރޮޓެކްޓިވް ސިސްޓަމް ނުވަތަ ޕެސިވް ފަޔަރ ޕްރޮޓެކްޓިވް ސިސްޓަމް ބޭނުންކުރެވިދާނެއެވެ.

އެކްޓިވް ފަޔަރ ޕްރޮޓެކްޓިވް ސިސްޓަމްތަކަކީ، ވަގުތުން ބޭނުންކުރެވިއްޖެނަމަ ވަރަށް ފަސޭހައިން އަލިފާންނިއްވައިދޭ، އިތުބާރާއި ޔަޤީންކަން ދެވިދާނެ ސިސްޓަމް ތަކެކެވެ. މީގެތެރޭގައި، ފަޔަރ ޑިޓެކްޝަން އެންޑް އެލާމް ސިސްޓަމްތަކާއި އޭގެ އަމިއްލަ ޒާތުގައި އަލިފާން ނިއްވާލަދޭ ފިކްސް ފަޔަރ ފައިޓިންގ ސިސްޓަމްގެ ގޮތުގައި ހިމެނޭ ސްޕްރިންގކުލާ ސިސްޓަމްތަކާއި ސީއޯޓޫ އަދި ޑީސީޕީ ފްލަޑިންގ ސިސްޓަމްތައް ހިމެނެއެވެ. އެކްޓިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްގެ އެހީގައި ސީދާ އަލިފާން ނިއްވާލަދެއެވެ.

ޕެސިވް ފަޔަރ ޕްރޮޓެކްޓެކްޝަން ސިސްޓަމަކީ ވަކި ގޮތަކަށް ހަދާފައި ހުންނަ ފަޔަރ ރެސިސްޓަންސް ރޭޓްގެ ސަބަބުން ދޮރުތަކާއި ތަޅުންގަނޑާއި ފާރުތައް ވަރުގަދަވެގެން ދިޔުމެވެ. މިގޮތަށް ހެދުމުގެ ސަބަބުން އަލިފާންގަނޑު ފެތުރުން ކުޑަކޮށްދީ، އެ ތަނެއްގެ ތެރޭގައި ތާށިވެ ނުނުކުމެވިފައިވާ މީހުން ނުކުތުމަށް ފުރުޞަތު ލިބިގެންދެއެވެ. ފަޔަރ ޑޯސްގެ ސަބަބުން އަލިފާނުގެ ހާދިސާ ހިނގިތަން ރައްކާތެރިކޮށްދީ ގިނަވަގުތު ދިރިއުޅޭ ފަރާތްތައް ސަލާމަތުން ނުކުތުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ގެތަކާއި އޮފީސް ފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ އިމަރޖެންސީ ލައިޓް އަދި ނިޝާންތަކަކީ އެތެރޭގައި އުޅުމަށް އަދި ފަސޭހައިން ނުކުމެގެން ދިޔުމަށް ވަރަށް ބޮޑަށް އެހީ ލިއްބައިދޭ ވަސީލަތްތަކެވެ. ޕެސިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްގެ އެހީގައި އަލިފާން ފެތުރުން އަދި ދުން ކޮންޓްރޯލް ކޮށްދެއެވެ.

އުސްއިމާރާތްތަކުގައި ހިނގާ އަލިފާން އަވަހަށް ކޮންޓްރޯލްކޮށް ނިއްވުމުގައި، މާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ދުއްވުމަށް ބިޔަބޮޑެތި ވެހިކަލް ބޭނުންކުރާއިރު ހާދިސާތަކަށް ދިޔުމަށް ލަސްވާ ކޮންމެ ވަގުތަކީ އެތައް ބައެއްގެ ފުރާނައާއި އަގުބޮޑު މުދާ ސަލާމަތްކުރުމަށް ގެއްލިގެންދާ އަގުނުކުރެވޭ ވަގުތުތަކެކެވެ. ވީމާ އުސްއިމާރާތްތައް ފަރުމާކުރާ ފަރާތްތަކުން ވެސް އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިމާރާތުގެ އުމުރު ގިނަ ދުވަހު ރަނގަޅު ފެންވަރުގައި ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެއެވެ. އަޅުގަނޑުމެންގެ ގެދޮރު ފަތުއަޑު ކިޔަމުން ބުރިބުރިއަށް މަތިމައްޗަށް ނަގަމުން އަންނައިރު، އަލިފާނުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ދުރާލާ ތައްޔާރުވާން ޖެހެއެވެ. އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށް ޤާނޫނެއް އޮތުން މުހިންމުކަމާއި އުސް އިމާރާތްތަކުގެ ސަލާމަތްތެރިކަމަށް ފަޔަރ ސޭފްޓީގެ މިންގަނޑު ރެގިއުލޭޓްކުރުމާއި މި މަސައްކަތްކުރާ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކޮށް، އަލިފާން ނިއްވުމުގެ އަމަލީ ތަޖުރިބާއާއި ތަމްރީނު ހޯދައިދިނުމަށް ހުއްޓުމެއްނެތި މަސައްކަތްކުރަން ޖެހެއެވެ.  

ޝެއަރކުރެއްވުމަށް