ސިފައިންގެއަށް ވަންނަ ހިތްވާ އެތައް ކުދިންނެއް އެންމެ ޖެހިލުން ވަނީ ސިފައިންގެއަށް ވަނުމަށް ހަދަން ޖެހޭ އަސާސީ ތަމުރީނު ނުވަތަ ރެކްރޫޓް ޓްރެއިނިންގ ހަދަން ޖެހޭތީއެވެ. މިއޮތީ ސިފައިންގެ އަސާސީ ތަމުރީނު ހެދުމަށް ޖެހިލުންވާ ކުދިންނަށް އެކަމުން އަރައި ގަނެވޭނެ ގޮތެވެ.
ބިރަކީ އަސްކަރީ ޚިދުމަތަށް ގުޅެން އަންނަ ރެކްރޫޓެއްގެ އެއް ނަންބަރު ދުޝްމަނެވެ. އެ ބިރު މެނޭޖުކުރެވިއްޖެ ނަމަ ކޮންމެ ކުއްޖަކަށް ވެސް އަމިއްލައަށް އިތުބާރު ހޯދައި، ޤައުމަށް ޚިދުމަތް ކުރުމުގެ ދަތުރަށް ފެށިދާނެއެވެ. އަޅުގަނޑުގެ އަސްކަރީ ހަޔާތުގައި އެކި ފަހަރުމަތިން ރެކްރޫޓުންނާ ބައްދަލުވެ، އަދި ލިބިފައިވާ ތަމުރީނާއި ކިޔަވައިދިނުމުގެ ފުރުޞަތުތަކުގެ ތެރެއިން އެނގުނު އެއް ކަމަކީ ރެކްރޫޓުންގެ ހިތްތަކުގައި އޮންނަ ބިރަކީ މެނޭޖުކުރެވި ބޭނުން ގޮތަކަށް ހޭނުވޭ އެއްޗެއް ކަމެވެ. މިކަމުގައި އެންމެ އަޖައިބުވާ ކަމަކީ ޙަޤީޤަތުގައި ގިނަ ކުދިން ބިރުގަންނަނީ ބިރު ގަންނަން ޖެހޭ ކަންކަމަށް ނުވާކަމެވެ.
ނުބައި އާދަތައް ދޫކޮށްލުން
ރެކްރޫޓް ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ގަބޫލުކުރިޔަސް ނުކުރިޔަސް، މިއަދުގެ ޙަޤީޤަތަކީ ގިނަ ކުދިންގެ މަދަނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހޭނިފައިވާ އާދަތަކަކީ އެ ކުދިން ތަމުރީނުކުރުމަށް ހަވާލުވާ މުދައްރިބުން (އިންސްޓްރެކްޓަރުން) ނަށް މާ ކަމުދާ އާދަތަކަކަށް ނުވުމެވެ. އަދި އެއީ ސިފައިންގެ އަސާސީ ތަމުރީނުގެ ސިޔާސަތުގައި ޖާގަ ދެވޭނެ ކަންތައްތަކަކަށް ވެސް ނުވެއެވެ. މިސާލަކަށް ތަމުރީނުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ހުއްދައެއް ނުދެއެވެ. އެހެންކަމުން އަސާސީ ތަމުރީނަށް ފުރުމުގެ ކުރިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާށެވެ. ހަމައެހެންމެ އަސާސީ ތަމްރީނުގައި ފިޒީ ބުއިންތަކެއް ނުބޮވޭނެއެވެ. ލުއި ކާނާތަކެއް ވެސް ނުކެވޭނެއެވެ.
ގަޑިންގަޑިއަށް ކެއުމަށްދޭ ސަމާލުކަން ކުޑަކޮށް، ބޭނުން ވަގުތެއްގައި ލުއިކާނާއެއް ނުވަތަ ޗޮކްލެޓެއް ކާން އާދަވެފައިވާ ކުދިން، އަސާސީ ތަމްރީނަށް ދިއުމުގެ ކުރިން އެ އާދަތައް ހުއްޓާލާށެވެ.
އަސާސީ ތަމުރީނަކީ ޖިސްމާނީ ތަރުބިއްޔަތުގެ ތެރެއިން ކުރިއަށް ގެންދާ 100 އިންސައްތަ ނަފުސާނީ ތަމުރީނެކެވެ. އަސާސީ ތަމުރީނަށް ފުރުމުގެ ކުރިން ދުވާލަކު ތިންއިރު، އިރުކޮއްތު ޤަވާޢިދުން ކެއުމަށާއި ކެއުމަށް ރަނގަޅު ޑައިޓެއް ފެށިދާނެއެވެ. ކެއުމުގައި އެކަށީގެންވާ ވަރަށް ކާބޯހައިޑްރޭޓްސްއާއި ޕްރޮޓީން ހުންނަނަމަ ބަނޑުހައިވެގެން ލުއި ކާނާ ކާކަށް ނުޖެހޭނެއެވެ.
ފަތަން އޮންނަ ބިރު
ދިވެހީންނަކީ ކަނޑުފަޅުތަކަށް ފަރިތަވާން ޖެހޭ ކަނޑުގެ ޤައުމެއްގެ އަހުލުވެރިންނެވެ. ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުގެ ސަރަޙައްދެވެ. އެހެން ނަމަވެސް މިހާރު ސިފައިންގެއަށް ވަންނަން ބޭނުންވާ ބައެއް ކުދިންނަށް ފަތާކަށް ނޭނގެއެވެ. ނުވަތަ ފަތަން އެނގުނަސް ބައެއް ކުދިންނަށް އިތުބާރެއް ނޯވެއެވެ.
ސިފައިންގެއަށް ވެއްދުމަށް ކުއްޖަކު އާންމުކޮށް ސިލެކްޓް ކުރެވެނީ ކަނޑައެޅިފައިވާ މިންވަރަށް ފަތަން އެނގޭތޯ ބެލުމަށްފަހުގައެވެ. އެ ޓެސްޓުން ފާސްވެގެން އަސާސީ ތަމުރީނަށް ދާ ކުދިން ބިރުގަންނާނެ ކަމެއް ނެތެވެ. އެ ކުދިންނާ ހަވާލުވާން ތިބެނީ ދިވެހިރާއްޖޭގައި ފަތަން ދަސްކޮށްދިނުމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި އެންމެ ކޮލިފައިޑް ސްވިމިންގ އިންސްޓްރެކްޓަރުންނެވެ. އަސާސީ ތަމުރީނު ކޯހުގެ ތެރޭގައި ކަނޑައެޅިފައިވާ އަމާޒަށް ވާސިލުކޮށްދޭނެކަން ޔަޤީންކުރާށެވެ. ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތައް ހުންނާނީ އަޅާފައެވެ. ބޭނުންވާނީ ކުއްޖާގެ އެއްބާރުލުމެވެ. ބިރު ނުގަތުމެވެ. މުދައްރިބުންނަށް އިތުބާރުކުރުމެވެ.
ހަށިހެޔޮކަމަށް (ފިޓްނަސްއަށް) އޮންނަ ބިރު
ސިފައިންގެއަށް ވަންނަން ބޭނުންވާ ގިނަ ކުދިން އަސާސީ ތަމްރީނަށް ޖިސްމާނީ ގޮތުން ތައްޔާރުވެއެވެ. ފިޒިކަލީ ފިޓް ކުއްޖަކަށް ވާން މަސައްކަތްކުރެއެވެ. އެއީ ވަރަށް މުހިންމު ކަމެކެވެ. އެއްވެސް ގޮތަކަށް ތައްޔާރުނުވެ ތަމުރީނަށްދާ ކުދިންނާއި އެ ކުދީން ތަފާތެވެ.
ސިފައިންގެއަށް ވައްދާ އަސާސީ ތަމުރީނަށް ސިލެކްޓްކުރާ އާންމު މިންގަނޑުގައި ދުވުމާއި، ސިޓްއަޕްސްއާއި ޕުޝްއަޕްސްއާއި ޗިންއަޕްސް ހިމެނެއެވެ. މި މިންގަނޑުގެ ތެރެއިން އަސާސީ ތަމުރީނަށްދާ ކުދިން ބިރުގަންނާކަށް ނުޖެހޭނެއެވެ. ސިފައިންގެ ފިޒިކަލް އިންސްޓްރެކްޓަރުންނަށް އިތުބާރުކުރާށެވެ. އެއީ އެތައް ސަތޭކަ ކުދިންނެއް ތަމުރީނުކޮށް ފާސްކޮށްފައިވާ ކޮލިފައިޑް މުދައްރިބުންތަކެކެވެ.
ޖިމްތަކަށް ގޮސް ހަދާ ވޯކްއައުޓްތަކާއި ސިފައިންގެ އަސާސީ ތަމުރީނުގައި އޮންނަ ޖިސްމާނީ ހަރަކާތްތައް (ފިޒިކަލް އެކްޓިވިޓީސް) ތަފާތު ވާނެއެވެ. އެހެންކަމުން އަސާސީ ތަމުރީނާ ގުޅުންހުރި ގޮތަކަށް ޖިސްމާނީ ގޮތުން ހަށިހެޔޮ މީހަކަށްވުން މުހިންމެވެ. އަސާސީ ތަމުރީނުގައި އާންމުކޮށް ދިމާވާ މައްސަލައަކީ ކަކުލުގައި ރިއްސުމާއި މަސްތަކުގައި ރިއްސުމެވެ.
އަސާސީ ތަމުރީނުގައި ކުދިން ކުރަންޖެހޭ ޖިސްމާނީ ކަންތައްތަކުގައި ތަންތަނަށް އެރުމާއި، ފުންމުމާއި، ކްރޯލްކުރުމާއި، ބަރުތަކެތި ހިފައިގެން ދުވުންފަދަ ކަންތައްތައް ހިމެނެއެވެ. އަސާސީ ތަމުރީނުގައި ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. މުދައްރިބުންގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމުން ހަށިހެޔޮކަން ދަށް ކުދިންނަށް ވެސް ވަރަށް ފަސޭހައިން ލަނޑުދަނޑިއާ ހަމައަށް ވާސިލުވެވޭނެއެވެ.
ރަނގަޅު ނޫން މަޢުލޫމާތުން އުފެދޭ ބިރު
ގިނަ ކުދިން ސިފައިންގެ އަސާސީ ތަމުރީނާ ބެހޭ ގޮތުން ހޯދާފައި ހުންނަ މަޢުލޫމާތު ރަނގަޅު ނޫންކަން އެ ކުދިންނާ ވާހަކަ ދައްކާލުމުން ސާފުވެއެވެ. އެ މަޢުލޫމާތު އެ ކުދިން ހޯދާފައި ހުންނަނީ ރަނގަޅު މަސްދަރުތަކަކުން ނޫނެވެ. ބައެއް ކުދިން މަޢުލޫމާތު ހޯދަނީ އެންމެ ފަހުން ތަމުރީނު ހެދި ކުދިންގެ ފަރާތުންކަމަށް ވެދާނެއެވެ. އެ ކުދިންގެ ވާހަކަތަކުގައި އެ ތަމުރީނަކީ ފަސޭހަ ތަމުރީނެއް ކަމަކަށް ނުބުނާނެއެވެ. އެކަމަކު އެއީ ވަރަށް އާދައިގެ ތަމުރީނެއްކަން އެ ކުއްޖާއަށް އިހުސާސް ވާނީ އަސާސީ ތަމުރީނަށްވުރެ މަތީ ތަމުރީނެއް (އެޑްވާންސް ޓްރެއިނިންގއެއް) ހެދީމައެވެ.
އެހެންވީމާ އަބަދުވެސް މަޢުލޫމާތު ހޯދަންވާނީ ރަނގަޅަށް މަޢުލޫމާތު ދަންނަ މީހެއްގެ ފަރާތުންނެވެ. އަބަދުވެސް ވިސްނަން ވާނީ އެހެން މީހުންނަށް މި ތަމުރީނު ހެދެންޏާ ތިޔަ ކުދީންނަށް ވެސް ހެދޭނެ ކަމަށެވެ. ސިފައިންގެ ޚިދުމަތުގައި ފިރިހެން ކުދިންނެކޭ އެއްގޮތަށް އަންހެން ކުދިން ވެސް ތަމުރީނުތައް ހަދައިގެން ކުރިއަށް ދަނީއެވެ.
ގޭސް ޗެމްބަރުގެ ބިރު
ގޭސް ޗެމްބަރަކީ އަސާސީ ތަމްރީނުތަކުގައި ބައެއް ކުދިންނަށް ކުރިމަތިލާން ޖެހޭ ނަފުސާނީ ގޮތުން އެންމެ ގޮންޖެހުން ބޮޑު ކަންތަކެވެ. އެކަމަކު އެއީ މާބޮޑު ކަމެއް ނޫނެވެ. ގޭހަށް ހޭނި، ތަޖުރިބާކޮށްލަން ލިބޭ ފުރުސަތަކީ ފަހުން އެންމެ ގިނަ ކުދިންނަށް އެންމެ މަޖާ ތަޖުރިބާއެވެ. މުދައްރިބުން ޗެމްބަރުގައި ތިބެގެން ކުދިންނަށް ދަސްކޮށްދެނީ ކެމިކަލް ގިޔަރަށް އިތުބާރުކުރާށެވެ. މުދައްރިބުން ބުނެދޭ ގޮތަށް ނޭވާ ނުހިފަހައްޓައި ނޭވާލަމުން ގެންދިޔައީމާ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ޗެމްބަރަށް ވަންނައިރު ބިރުގަންނަ ކުދިން ވެސް ނިކުންނަނީ އިތުބާރާއެކުގައެވެ. ނަގާ ދިލަ ބޭރަށް ނުކުންނަތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރަނގަޅުވާނެއެވެ.
މުދައްރިބުން އަނިޔާކުރާ ވާހަކައަށް އޮންނަ ބިރު
ތަމުރީނު ހަދާ ރެކްރޫޓުންނަށް ޖިސްމާނީ ގޮތުން މުދައްރިބުން އަނިޔާކުރާ ވާހަކަތައް ވަރަށް ގިނައިން އިވޭނެއެވެ. އެކަމަކު އެއީ މިހާރު ހިނގާކަމެއް ނޫނެވެ. ތަންކޮޅެއް ކުރީގައި ކުޅެފައި ހުރި އަސާސީ ތަމްރީނުތަކާ ބެހޭ ފިލްމުތަކުން ދައްކުވައިދޭ ގޮތާ މި ޒަމާނާ ވަރަށް ތަފާތެވެ. މުދައްރިބުންނަށް ދަރިވަރުންގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ހުއްދަ އޮންނަ ކަމެއް ނޫނެވެ. އަސާސީ ތަމުރީނަށް ދިއުމުން މިކަމާ ބެހޭ ބްރީފިންގއެއް ދޭނެއެވެ. އެއްވެސް މުދައްރިބެއްގެ ފަރާތުން ޖިސްމާނީ އަނިޔާއެއް ލިބިއްޖެނަމަ، އެ އަނިޔާ ރިޕޯޓް ކުރާނެގޮތް ކިޔައިދީ އޮޅުންފިލުވައި ދެވޭނެއެވެ. ޝަޚުޞީ ގޮތުން މީހަކަށް އެކަން އަންގަން ޖެހިލުންވާނަމަ ނަން ނުޖަހާ އެފަދަ މައްސަލަ ލިޔެފައި ވައްޓާލެވޭނެ ފޮށްޓެއް ހުންނާނެއެވެ. ސިފައިންގެ މިހާރުގެ މުދައްރިބުންނަކީ ނަފުސާނީ ގޮތުން ކުއްޖަކު ވަރުބަލިކޮށްލުމަށް ކުޅަދާނަ އަދި މަތީ ފެންވަރުގައި ތަމުރީނު ވެފައިވާ ބައެކެވެ. އެހެންކަމުން ޖިސްމާނީ އަނިޔާއެއް ކުއްޖަކަށް ދޭކަށް ނުޖެހެއެވެ.
ޓެސްޓުތަކަށް އޮންނަ ބިރު
އަސާސީ ތަމްރީނު ހަދާ ގިނަ ކުދިން އެންމެ ބޮޑަށް ބިރު ގަންނަ އެއް ކަމަކީ ޓެސްޓްތަކެވެ. ޓެސްޓްތަކުން ފާސް ނުވެދާނެތީ ގަންނަ ބިރެވެ. އަސްކަރީ މަޢުލޫމާތު ނުހިމެނޭ ވަރަށް ގިނަ ފިލާވަޅުތައް އަސާސީ ތަމުރީނުގައި ހުރެއެވެ. އެ ފިލާވަޅުތައް ދަސްކޮށްގެން ތައްޔާރުވެގެން ތަމުރީނަށް ހިނގައްޖެނަމަ އެ ކުއްޖަކަށް ވަރަށް ފަސޭހަވާނެއެވެ. މިސާލަކަށް އިސްލާމީ އަޤީދާއާ ބެހޭ ފިލާވަޅުތަކާއި ދީނީ ފަރުޟުތަކާއި ރުކުންތަކާ ބެހޭ ފިލާވަޅުތަކެވެ. ދިވެހި ތާރީޚު ދެކެފައިވާ ޤައުމީ ބަޠަލުންނާ ބެހޭ މަޢުލޫމާތެވެ. ރާއްޖޭގެ ޖޯގްރަފީއާ ބެހޭ ބައެއް ވަނަވަރުތަކެވެ.
ސްކޫލު ދައުރުގައި މިީގެ ފިލާވަޅުތައް
ކިޔަވާފައި ވިޔަސް ވަރަށް އާންމު މަޢުލޫމާތު ވެސް ބައެއް ކުދިންގެ ހަނދާނަކު ނުހުރެއެވެ. އަސާސީ ތަމުރީނުގައި އަލަށް މި މަޢުލޫމާތުތައް ދަސްކުރަން ބައެއް ކުދިން އުޅެނީ ވަރަށް ހާލުގައެވެ. އެކަމަކު ދަސްކޮށްގެންދާ ކުދިންނަށް އެހެން ކުދިންގެ މައްޗަށް ވަނަ ހޯދަން ވަރަށް ފަސޭހަ ވެއެވެ.
ނިންމާލަމުން ބުނެލަން އޮތީ ސިފައިންގެއަށް ވަދެފައި ހަދަންޖެހޭ އަސާސީ ތަމުރީނަކީ އަސާސީ ތަމުރީނުކަމެވެ. ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އަސާސީ މިންވަރު ލައިދެވޭ އަދި އެ ފެންވަރަށް ތަމުރީނު ކުރެވޭ ތަމުރީނެއް ކަމެވެ. އެ ތަމުރީނަށް ބިރު ގަންނަ ނަމަ އެކަމުގެ ހައްލަކީ ތެދު މަޢުލޫމާތު ހޯދައި ތައްޔާރުވުމެވެ. އެ ކުއްޖަކު އެންމެ ބަލިކަށިކަމަކީ ކޮބައިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. އެ ކަންތައްތަކަށް އަމާޒުކޮށް ރަނގަޅުކުރަން މަސައްކަތް ކޮށްލާށެވެ. ކުރިއެރުން ލިބޭނެއެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތައްޔާރުވެލާށެވެ. ސިފައިންގެ ޚިދުމަތަކީ އެންމެ ޝަރަފުވެރި ޤައުމީ ޚިދުމަތެވެ.