މާއިރާއި އިރުގެ ދޯދީގެ މަޑުހޫނު އަލި، އިރުމަތި ފަރާތުން ދުނިޔޭގެ ވަށައިގެންވާ ދިރުންތަކަށް ފެތުރެން ފަށާ ހިސާބުން، އެ ދިރުންތަކަށް އާދުވަހެއް ފެށިގެންދާކަން ކަށަވަރުވެއެވެ. ރޭގަނޑުގެ އަރާމު ނިންޖަށްފަހު ﷲގެ ހެޔޮ ރަޙުމަތްފުޅުން އާދުވަހަކަށް އަހަރުމެން ހޭލަނީ، އަހަރުމެންގެ ޙަޔާތުން އާ ދުވަހެއް ދެއްވީތީ އެކަލާނގެއަށް ޙަމްދުކުރާ ހާލުގައެވެ.
މާތްﷲ އިންސާނުން ދުނިޔެއަށް ފޮނުއްވަނީ އިމްތިޙާނު ކުރުމަށް ޓަކައިކަމުން، އިންސާނާގެ ޙަޔާތުން ދުވަހެއް ނިންމާލާއިރު ވަރަށްގިނަ ތަފާތު ކަންތައްތައް އެ އިންސާނާއަށް ކުރިމަތިކުރުވައެވެ.
ދުނިޔެ ހުޅަނގުން އިރަށް ދައުރުވަމުންދާއިރު، އިރާއި ހަނދު، ރެޔާއި ދުވާލު ވަކިވާނެހެން އަހަރުމެންނާ ބައްދަލުވެ އޮއްސިދާ ހިނދު، އަހަރުމެންގެ ޙަޔާތުން ދުވަހެއް އުނިވެގެން ދެއެވެ. ރެޔާއިދުވާލުގެ ކޮންމެ ހިނދުކޮޅަކީ ވެސް ކޮންމެ މީހަކަށް ވެސް ވަރަށް އަގުހުރި ވަގުތެކެވެ. އަދި ކޮންމެ މީހަކު ވެސް އެ ވަގުތުކޮޅަކީ ތިމާގެ ޙަޔާތަށް ފައިދާކުރުވަނިވި އަގުހުރި ވަގުތުކޮޅަކަށް ވާން ބޭނުންވާނެކަމީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫނެވެ.
ދުނިޔެއަށް އިންސާނާ ފޮނުއްވީ، ހެޔޮ ގޮތުގައި ދުނިޔެ އިމާރާތްކޮށް، ހެޔޮ ގޮތުގައި މާތް ﷲ އަށް އީމާންވެ، ދުނިޔެއިން ފައިދާ ލިބިގަތުމާއެކު، އުޚުރަވީ ޙަޔާތަށް ހެޔޮ ޢަމަލު ކުރުމަށްކަމުން، އިންސާނާގެ ޙަޔާތުގައި ނިމިގެންދާ ކޮންމެ ދުވަހަކީ ވެސް ބާއްޖަވެރި، ކާމިޔާބު ދުވަހަކަށް ހެދުމަށް ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. އަދި އާޚިރަތުގެ ފޮނިމީރުކަން ލިބެން އޮތީ އިންސާނާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވިގެންނެވެ.
އިންސާނާގެ ޙަޔާތް ދެ ދުނިޔޭގައި ބާއްޖަވެރިކުރުމަށް ޓަކައި، އަޅުގަނޑުމެން އެންމެހާ މުސްލިމުންގެ މައްޗަށް މާތް ﷲ ފަރުޟުކުރައްވާފައިވާ ރުކުންތަކަށް ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ރެޔާއި ދުވާލުގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދަށް ރައްކާތެރިވުން ވަރަށް މުހިންމެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް އަމުރުކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ. ނަމާދުގެ ތެރޭގައި ފަރުޟުކުރައްވާފައިވާ ފަސްނަމާދުގެ އިތުރުން ސުންނަތް ނަމާދުތަކެއް ވެސް ހިމެނިގެންވެއެވެ. މިއިން ކޮންމެ ނަމާދެއް ކުރުމަށް މާގިނަ ވަގުތުތަކެއް ހޭދައެެއް ނުވެއެވެ. ކުރުގޮތަކަށް ބުނާނަމަ ކޮފީތަށްޓެއް ގިރާލާފައި، އެ ކޮފީތަށި ހިހޫ ނުވަނީސް އެ ނަމާދުކޮށް އެބަ ނިންމާލެވެއެވެ. ނަމަވެސް ހިތާމައަކީ، މަދުންނަމަވެސް އަހަރެމެންނަށް ޝައިތާނާގެ ވަސްވާހުގައި ޖެހި، ދުނިޔޭގެ ވަގުތީ އުފަލަށް ޓަކައި ނަމާދުގެ ވަގުތު ފާއިތުވެގެންދާއިރު ވެސް ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ފަސްޖެހެވޭ ކަމެވެ. ނަމާދު އެޅުމަށްފަހު ކުޅިވަރާއި މަޖަލުގައި، އެކުވެރިންނާއެކު ކޮފީގައި ސަޅިބައިސާކަނޑަން ދުވާލެއްގެ މައްޗަށް އެތައް ވަގުތެއް ހޭދަކުރާއިރު، އެ ވަގުތުކޮޅަކީ މި ދުނިޔޭގައި އަހަރުމެންނަށް މަންފާކޮށްފާނެ ކަމަކަށް ވެދާނެއެވެ. ނަމަވެސް އާޚިރަތުގައި ނުވަތަ އެ ދުވަހުގެ ބާކީއޮތް ވަގުތަކީ މާފައިދާކުރުވަނިވި ވަގުތުތަކަކަށް ވުމަކީ ވަރަށް ނާދިރުކަމެކެވެ.
ނަމާދުގެ އިތުރުން، ހެނދުނާއި ހަވީރުގެ ޒިކުރުތައް، އާދަވެ ކޮންމެ ދުވަހަކު ވެސް ކިޔުމާއި، ހެޔޮލަފާ ޞާލިޙު އަޅެއްގެ ގޮތުގައި ދުވަސް ހޭދަކުރުމަކީ ވެސް މީހާގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެޅޭ ވަރަށް ބޮޑު ފާލެކެވެ. އެގޮތުން ދުވަހުގެ ފެށުން ފަތިސް ނަމާދުން ފެށުމާއި، ﷲ އަށް ޛިކުރު ކުރުމާއި، އިރުއެރީއްސުރެ އިރުމެދު ޖެހުމުގެ ކުރިން ޟުޙާ ނަމާދުކުރުމާއި، ﷲގެ ޙަޟުރަތުން ކަންކަން އެދުމަށް އެދި ދުޢާ ކުރުމާއި، ގިނަގިނައިން ﷲ އަށް ޙަމްދުކުރުންފަަދަ އާދަތައް އަހަރުމެންގެ އާދައަކަށް ހަދައި، އަނެކުންނަށް އެކަން ހަނދާންކޮށްދީ ހެދުމަކީ ވަރަށް މުހިންމު ކަމެވެ.
އަޅުގަނޑު މި ބަޔާންކުރި ހުރިހާ ކަމަކަށް ނަޒަރުހިންގާ ވިސްނާލިއަސް، ޤަޟާޤަދަރަށް އީމާންވުމަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ވަރަށް މަތިވެރި މާތް ސިފައެކެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ކަމެއް ރާއްވަވައި، ހުރިހާކަމެއް މޮޅަށް ދެނަވޮޑިގެންވާ އޯގާވަންތަ، ޙިކުމަތްތެރި ، ވެރިރަސްކަލާނގެއެވެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ އިސްލާމީ ރިވެތި އުސޫލުގައި ސާބިތުވެ ތިބޭ، ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ވުމެވެ. މާތް ﷲ އަޅަމެންގެ ޢަމަލުތައް ޤަބޫލުކުރައްވާ، ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމިން.
ރެފަރެންސް:
- 11 ޑިސެންބަރު 2020، ހުކުރު ޚުތުބާ،
- ދިސަލަފިއްޔާ.ނެޓް