ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ވައިރަލް ހުމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކުރާ ގޮތުން ޑެންގީ ހުން ޖެހެނީ އީޑީސް އިޖިޕްޓައި އަންހެން މަދިރީގެ ޒަރިއްޔާއިންނެވެ. އަދި މަދުން ނަމަވެސް ޗިކުންގުންޔާ، ރީނދޫ ހުން އަދި ޒިކާ ވައިރަސް ޖައްސާ އީޑީސް އަލްބޯޕިކްޓަސް މަދިރިން ވެސް ޑެންގީ ހުން ޖެހެއެވެ. ޑެންގީ ހުން ޖައްސާ ވައިރަސް (DENV) އެންމެ ފުރަތަމަ އައިސޮލޭޓް ކޮށްފައިވަނީ 1943 ގައި ޖަޕާނުގެ ނަގަސާކީގައެވެ. ހަތަރު ކެޓަގަރީ ހިމެނޭ (DENV) މި ވައިރަސް ފެތުރެނީ ޑެންގީ ހުން ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ.
ދުނިޔެއަށް ބަލާލާއިރު ދުނިޔޭގައި ކޮންމެ އަހަރަކު 100 އަދި 400 މިލިއަން މީހުންނަށް ޑެންގީ ޖެހޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 1970 ގެ ކުރީކޮޅުގައި 9 ޤައުމެއްގައި އާދަޔާއި ޚިލާފަށް ޑެންގީ ހުން ފެތުރުނެވެ. އަދި މިހާރު 100 އަށް ވުރެ ގިނަ ޤައުމުގައި މޫސުމީ ރޯގާއެއްގެ ގޮތުގައި އެކި ދުވަސްވަރު މިހުން ގިނަވެއެވެ. އެންމެ ގިނައިން ރާއްޖެއިން ޑެންގީ ރިޕޯޓް ކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އެ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 1912 ވޭދަނަ ރިޕޯޓްކޮށްފައިވެއެވެ. ދުނިޔޭގެ ބޮޑު ބަޔަކަށް ޑެންގީ ހުން ޖެހުމުގެ ނުރައްކާ އޮތްއިރު، 2022 މެއި 10 އާ ހަމައަށް އެޗްޕީއޭގެ ވެކްޓަރ ބޯން ޑިސީސް ކޮންޓްރޯލް ސެކްޝަންގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެ އިން ޖުމްލަ 238 ވޭދަނަ ފެނިފައިވެއެވެ. އޭގެތެރެއިން 183 ވޭދަނައަކީ މާލެ ސަރަހައްދުން ފެނިފައިވާ ވޭދަނަތަކެކެވެ.
ޑެންގީ ބަލި ފަތުރާ މަދިރި
އީޑީސް މަދިރި އާންމުކޮށް ބިސް އަޅަނީ ގޯތި ތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނުގައެވެ. އީޑީސް މަދިރި ދެ ހަފުތާ ދުނިޔޭގައި އުޅޭއިރު ތިންފަހަރު ބިސް އަޅައެވެ. އަދި ބިސްއަޅާ ކޮންމެ ފަހަރަކު 100 ވަރަކަށް ބިސް އަޅައެވެ. އީޑީސް މަދިރީގެ ބިސް 8 ނުވަތަ 10 ދުވަސް ތެރޭގައި މަދިރިއަކަށް ބަދަލުވާއިރު، ފެން ނެތް ކަމުގައި ވީނަމަވެސް މަދިރި ބިސް 8 މަސް ދުވަހު ފެން ހަރުލާ ގޮތަށް ހުންނަ ތަކެތީގައި ހުރެއެވެ. ނަމަވެސް އަޅާފައިވާ ބިސް ފެނުގެ ތެރެއަށް ނުދާކަމަށް ވާނަމަ މަދިރިއަކަށް ބަދަލެއް ނުވާނެއެވެ. އީޑީސް މަދިރީގެ ފިރިހެން މަދިރި ދިރިހުރުމަށް މަލުގެ ދިޔަ ބޭނުންވާއިރު، އަންހެން މަދިރި ދަރިމައިވުމަށް އިންސާނުންގެ ލޭ ބޭނުންވެއެވެ. އީޑީސް މަދިރި ދެ ހަފުތާ ދުނިޔޭގައި އުޅޭއިރު 3 ފަހަރު ބިސް އަޅައެވެ. އީޑީސް މަދިރިއަށް އާންމުކޮށް 100 ވަރަކަށް މީޓަރަށް އުދުހެވޭއިރު މިއީ އެހެން މަދިރިއާ ޚިލާފަށް އިންސާނުންނާ ކައިރީގައި އުޅުމަށް ބޭނުންވެފައި އިންސާނުންގެ ގައިގައި ހަފަން ބޭނުންވާ މަދިރިއެކެވެ.
ބަލި ފެތުރުން ނުވަތަ މަދިރި ކޮންޓްރޯލް ކުރުން
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް، ރަނގަޅު އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުން އަދި ތަންތަނަށް ކުނި ނޭޅުމާއި، ފެން ރައްކާކުރާ ތަންތަން މަދިރި ނުވަދެވޭގޮތަށް ބަންދުކުރުން އަދި ވަޅުފަދަ ތަންތަން ކްލޮރިނޭޓް ކުރުން ހިމެނެއެވެ. ވިއްސާރަވެ، ވާރޭ ވެހޭ ދުވަސްވަރު ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި އެހެނިހެން ގޮތްގޮތުން ގޭތެރެއަށް މަދިރި ނުވަންނާނެ ގޮތް ހެދުން މުހިންމެވެ. މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ބަލައި އެ ތަންތަން ނައްތާލުމާއި، ބައްޔާ ބެހޭ މަޢުލޫމާތު އެންމެންނާ ހިއްސާ ކުރުމަކީ ވެސް ކުރެވިދާނެ މުހިންމު ކަންތައްތަކެވެ.
ބަލި ފެތުރުން ހުއްޓުވުން
ޑެންގީ ހުމަކީ އާންމުކޮށް ދުނިޔޭގައި އަދި ރާއްޖޭގައި ވެސް ވަކި ދުވަސްވަރެއްގައި ގިނައިން ފެންނަ ބައްޔަކަށް ވެފައި، ބަލި އާންމުކޮށް ފެތުރޭ ދުވަސްވަރަށް ކުރިޔާލައި ތައްޔާރުވުމާއި، ބައްޔަށް މީހުން އަހުލުވެރި ކުރުވުމާއި، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމާއި، ޞިއްޙީ ޚިދުމަތްތަކުން ބައްޔަށް ސަމާލުވުމާއި، މަދިރި ކޮންޓްރޯލްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެކެވެ. މީގެ އިތުރުން ޑެންގީ ހުން ގިނަ ނުވަތަ އެންޑަމިކް ޤައުމުތަކުގައި ޑެންގީ ވެކްސިން ދެއެވެ.
ބަލީގެ އަލާމާތްތައް
ޑެންގީ ހުމުގެ އަލާމާތްތައް ބެހިގެންވަނީ އާންމުކޮށް ފެންނަ އާދައިގެ އަލާމާތްތަކާއި ނުރައްކާތެރި އަލާމާތްތަކުގެ މައްޗަށެވެ. ނުރައްކާތެރި އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ މާހިރުންގެ އެހީ ހޯދަން ވާނެއެވެ.
އާންމުކޮށް ފެންނަ އަލާމާތްތައް
ފަހަކަށް އައިސް ބަލީގެ އަލާމާތްތައް މަދުވެފައި، ބަލި ޖެހޭ 80 އިންސައްތަ މީހުންގެ ގައިން އާދައިގެ އަލާމާތްތަކެއް ފެންނައިރު ބައެއް ހާލަތްތަކުގައި އެއްވެސް އަލާމާތެއް ނުފެނި ވެސް ހުރެއެވެ.
- ހުންއައުން،
- ހޮޑުލަވާ ގޮތްވުން އަދި ހޮޑުލެވުން،
- ގައިގެ ހަންގަނޑު ރަތްވެފައި ހުރުން،
- ބޮލުގައި ރިއްސުމާއި ކަށީގައި ރިއްސުން،
- ގައިގައި ރިއްސުން،
- އާންމުކޮށް ލޮލުގެ ބޮނބީގައި ރިހުން،
އާންމުކޮށް ބަލީގައި ބޮޑުވަރު ނުވާނަމަ ބަލީގެ އަލާމާތްތައް ހުންނާނީ 2 ނުވަތަ 7 ދުވަހުއެވެ. އަދި އޭގެ ފަހުން ގިނަ މީހުން ބަލިން ރަނގަޅުވެއެވެ. ނަމަވެސް ހުން އައިސް ތިން ދުވަހަށްވުރެ ގިނަ ދުވަސް ވާނަމަ ޞިއްޙީ މާހިރުންގެ އެހީ ހޯދަންވާނެއެވެ.
ނުރައްކާތެރި އަލާމާތްތައް
- ބަނޑުގައި ރިއްސުން / މަސްގުޅަކެއުން،
- ބޭސް ދިނުމުން ވެސް ހޮޑު މަނާ ނުވުން،
- ނޭފަތުން ނުވަތަ ހިރުގަނޑުން ލޭ އައުން،
- ބޮޑުކަމުދާ ތަކެތީގައާއި ހޮޑުގައި ލޭހުރުން،
- ވަރުބަލިވުން / ވާނުވާ ނޭންގުން
- ޑެންގީ ހުން ޖެހުމުން
ޑެންގީ ހުމަކީ އޭގެ ޒާތުން އަމިއްލައަށް ރަނގަޅުވާ ވައިރަލް ހުމަކަށްވުމުން ބަލީގެ ފަރުވާ ކުރިއަށް ގެންދާނީ އަލާމާތްތަކަށް ބެލުމަށްފަހުގައެވެ. އަދި ބަލީގެ ނުރައްކާތެރި އަލާމާތެއް ނުފެންނަނަމަ ހޮސްޕިޓަލުގައި އެނދުމަތި ނުކޮށް ވެސް ފަރުވާ ކުރިއަށް ގެންދެވިދާނެއެވެ. އެގޮތުން ހުން އަންނަނަމަ:
- އަރާމު ކުރުން،
- ހުން ކޮންޓްރޯލް ކުރުން (ހުމަށް ބޭނުންކުރާ އާދައިގެ ބޭސް ބޭނުން ކުރުން އަދި ގައިގައި ފެންފޮތި ލުން)،
- ގިނައިން ދިޔާތަކެތި ބޭނުން ކުރުން،
- ބަލީގެ ނުރައްކާތެރި އަލާމާތެއް ފެންނަނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން.