ކޮންމެ ޤައުމެއްގެ ޙަޔާތުން އަންނާނެ އެންމެ މުހިންމު އެއް ދުވަހަކީ އެ ޤައުމެއްގެ މިނިވަން ދުވަހެވެ. ޤައުމެއް، ޤައުމެއްގެ ގޮތުގައި ތަސައްރަފު ފުދިގެން އަންނަނީ އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ހިސާބުންނެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް މިނިވަންކަމުގެ ފޮނިމީރުކަން ލިބެންފަށާ ހިސާބުންނެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެ ވީއްލުނު ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 1887 ވަނައަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހުއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި އޮންނަތާ 77 އަހަރު ފަހުންނެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި އަގުހުރި ބަޠަލަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއެވެ.
މާޒީވެ ގޮސްފައިވާ ތަނަށް ބަލައިލާއިރު ދިވެހިރާއްޖޭގެ މިނިވަން ދުވަސް ތަފާތު ދެ ތާރީޚެއްގައި ފާހަގަކޮށްފައިވާކަން އެނގޭނެއެވެ. 1965 ވަނަ އަހަރުގެ ޖުލައި 26 އިން ފެށިގެން 1976 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހާ ހަމައަށް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރެވުނީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ނަމަވެސް ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މާރިޗު 29 ކަމަށް، 1976 ވަނަ އަހަރު ރައީސް އިބްރާހީމް ނާޞިރު ނިންމެވިއެވެ. މި ނިންމުމާ އެއްގޮތަށް، މިނިވަން ދުވަހުގެ ގޮތުގައި މާރިޗު މަހުގެ 29 ވަނަ ދުވަސް ފާހަގަކުރެވުނީ 1978 ވަނަ އަހަރެވެ. އެއީ ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ އެންމެ ފަހު އަހަރެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމުމާއެކު އެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަސް ކަމުގައި އަނެއްކާ ވެސް ކަނޑައަޅުއްވާފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މި އަންނަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެއީ އިނގިރޭސިންގެ ޙިމާޔަތުން ރާއްޖެ ނެއްޓި، މިނިވަންކަމުގެ އެގްރިމެންޓްގައި ރައީސް އިބްރާހީމް ނާޞިރު ސޮއިކުރެއްވި ތާރީޚެވެ. މި ޚާއްޞަ ރަސްމިއްޔާތު އޮތީ ސިލޯނުގެ ކޮޅުނބުގައެވެ.
މާރިޗު މަހުގެ 29 ވަނަ ދުވަސް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ރައީސް އިބްރާހީމް ނާޞިރު ކަނޑައެޅުއްވި ސަބަބާމެދު ވިސްނައިލާން އެބަޖެހެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރެވުނު ހިސާބުން ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ބަލައިގަންނަން ފެށިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފޯރަމުންދާކަމަކަށް ދެންނެވޭކަށް ނެތެވެ. މިކަން މިހެންވީ ދިވެހިރާއްޖެ މިނިވަންވުމުގެ 6 އަހަރު ކުރިން އިނގިރޭސިންނާއެކު ކުރެވުނު މަޝްހޫރު އޯލްޕޯޓް އެގްރިމެންޓުގެ ސަބަބުންނެވެ. މި އެގްރިމެންޓް ބުނާގޮތުން އައްޑުއަތޮޅު ގަމުގައި އިނގިރޭސިންނަށް 1960 ވަނަ އަހަރުގެ ފެބުރުވަރީ 14 ވަނަ ދުވަހުން ފެށިގެން އިތުރު 30 އަހަރަށް ތިބެވޭނެއެވެ. އޯލްޕޯޓް އެގްރިމެންޓްގައި ވެސް ސޮއިކުރެއްވީ މިނިވަންކަމުގެ އެގްރިމެންޓްގައި ވެސް ސޮއިކުރެއްވި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރެވެ. ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެގްރިމެންޓްގައި ސޮއިކުރުމަކުން ވެސް އިނގިރޭސިންގެ ނަޒަރުގައި އޯލްޕޯޓް އެގްރިމެންޓް އުވިގެނެއް ނުދިޔައެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ސިޔާސީގޮތުން މިނިވަންކަން ލިބުނުއިރު ވެސް އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިއްބެވެ. އޯލްޕޯޓް އެގްރިމެންޓް ބުނާގޮތުން ދިވެހި ދައުލަތުގެ ބާރު ހިނގަނީ އައްޑޫ ރައްޔިތުންނާއި އެމީހުންގެ ގޯތިގެދޮރަށެވެ. އިނގިރޭސިން ތިބި ތަންތަން ކަމަށްވާ އައްޑުއަތޮޅު ގަމާއި އެ އަތޮޅު ހިތަދޫގެ ދެކުނުން އޮންނަ މާމެންދޫއޭ ކިޔާ ސަރަހައްދުގައި އޮތީ އިނގިރޭސިންގެ ބާރެވެ. މި ތަންތަނަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރެއް ނުހިނގައެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން އިނގިރޭސިން ދިވެހިރާއްޖޭގައި ތިބިތިބުމުގައި ދިވެހި ދައުލަތުގެ ހުއްދަނެތި އެ މީހުން އަމިއްލައަމިއްލައަށް އެތައް ކަންތައްތަކެއް ކޮށްފައިވެއެވެ. އެހެން ޤައުމުތަކާ އެކު ރާއްޖޭގެ މަސްލަޙަތު ފުށުއަރާނެ އެތައް ކަމެއް ކޮށްފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި، 1967 އަދި 1973 ގައި ޢަރަބީންނާއި އިޒުރޭލާ ދެމެދު ކުރެވުނު ދެ ހަނގުރާމައިގައި ވެސް އިޒުރޭލަށް އެހީތެރިވުމުގެ ގޮތުން ގަމުގެ ބޭނުން ކޮށްފައިވެއެވެ. ހަމައެހެންމެ 1971 ގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގައި ވެސް އިނގިރޭސިން، ގަމުގެ ބޭނުން ކޮށްފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ އެގްރިމެންޓްގައި 1965 ޖުލައި 26 ގައި ސޮއިކުރެވުނު ކަމުގައި ވިޔަސް އިނގިރޭސިން އެއްކޮށް ރާއްޖެއިން ފައިބައިގެން ނުދާތީ އިނގިރޭސިންގެ މައްޗަށް ފުރިހަމަ މާނައިގައި ދިވެހި ދައުލަތުގެ ބާރުވެރިކަމެއް ނެތެވެ. އިނގިރޭސިން އެއްކޮށް ދިވެހިރާއްޖެ ދޫކޮށް ދިޔައީ 1976 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހުއެވެ. އެހެންކަމުން ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މާރިޗު 29 އަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމުގައި ހަމަޖެއްސެވި ސަބަބަކީ އިނގިރޭސިންގެ ނުފޫޒު ރާއްޖޭގެ މައްޗަށް ކެނޑިގެންދިޔަ ދުވަހަކީ އެއީ ކަމުގައި ބައްލަވައިގެންނެވެ.
މިނިވަން ދުވަހަކީ ޤައުމަކަށް އަދި އެ ޤައުމެއްގެ ރައްޔިތުންނަށް ވަރަށް މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެއް ބޭނުމަކީ އަޅުގަނޑުމެންނަށް ފުރިހަމަ މާނައިގައި މިނިވަންކަން ލިބިގެންދިޔުމުން އެކަމަށް ޓަކައި އުފާކޮށް، ހަމަ އެހެންމެ ޝުކުރުވެރިވުމަށް ޓަކައެވެ. އަދި ޤައުމަށް ޓަކައި އަގުހުރި ޤުރުބާނީތައް ވެވަޑައިގެންފައިވާ އަބްޠާލުންގެ ޒިކުރާ އާކޮށް އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި ބިންވަޅު ނެގުމަށް ޓަކައެވެ. އަދި އަންނަން އޮތް ޖީލުތަކާ ހަމައަށް ވެސް މި ޤައުމު މިނިވަންކަންމަތީ ދަމަހައްޓަމުން ގެންދާނޭ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކަށް ތަޞައްވަރު ކުރުމަށް ޓަކައެވެ. ހަމައެހެންމެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިތިބޭ ތިބުމާމެދު ފަޚުރުވެރިވުމަށް ޓަކައެވެ. މިނިވަން ދުވަހު އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ބުރޫއަރާނެ އެންމެހައި ކަންތައްތަކުން ދުރުވެ ތިބުމެވެ. ޤައުމަށް ދެރައެއް ލިބޭނެ ނުވަތަ ހުތުރު ނަމެއް ލިބޭނެ ކޮންމެ ކަމަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެއެވެ. އެއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބޭތިބުމުގައި ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެކެވެ. ހިފަހައްޓަން ޖެހޭނެ ޤައުމީ ވާޖިބެކެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލައްވާށި. އާމީން.