ސްކޫލުތަކުން އިވެކުއޭޝަން ޑްރިލް ކުރިއަށް ގެންދަނީ ހާދިސާތައް ހިނގުމުގެ ކުރިން ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ ތަރުތީބާއި ކޮންޓްރޯލް ބެލެހެއްޓުން ކޮންމެހެން ވެސް ކުރަންޖެހޭ ވަގުތުތަކުގައި ދަރިވަރުންނާއި ޓީޗަރުންނާއި އެހެނިހެން ސްޓާފުން އަވަހަށް ސްކޫލު އިމާރާތުން ނިކުތުމަށް ޓަކައި ލިބެންހުރި އެގްޒިޓްތައް ބޭނުން ކުރާނެގޮތް ހެދުމަށެވެ. މި މަޤްޞަދު ހާސިލު ކުރެވޭނީ ސްކޫލުގެ އިމަޖެންސީ ފަޔަރ އެލާމް އެޅުމުން، ކޮންމެ ދަރިވަރަކަށް ވެސް ސްކޫލުގެ ކޮންމެ ހިސާބަކުން ވެސް ކުރާނެ ކަމެއް ސީދާ އެނގިގެންނެވެ އަދި ސްކޫލު އިމަޖެންސީ ޕްރޮސީޖާއަށް ކުދީން އަހުލުވެރިވެގެންނެވެ.
ސްކޫލުތަކުގެ ފަޔަރ ޑްރިލްތައް ސެޑިއުލް ކުރުމާއި ކުރިއަށް ގެންދިއުމުގެ ޒިންމާ އަދާކުރަން ޖެހޭނީ ސްކޫލުތަކުންނެވެ. ފަޔަރ ޑްރިލް ކުރިއަށް ގެންދިއުމުގައި ސްކޫލުގައި ހެދިފައިއޮތް އިވެކުއޭޝަން ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމާއި، އަހަރަކު ދެ ފަޔަރ ޑްރިލް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އަހަރުގެ ކުރީކޮޅު، އެއް ޑްރިލް ބޭއްވުމާއި، ދެވަނަ ޑްރިލްއެއް ޗުއްޓީ ބްރޭކަށް ފަހު ބޭއްވިދާނެއެވެ. މި ގޮތަށް ދެ ޑްރިލް ބޭއްވުމުގެ ބޭނުމަކީ ސްކޫލުގެ ދަރިވަރުން ބަދަލުވުމާއި ސްކޫލުގައި މަސައްކަތްކުރާ ޓީޗަރުންނާއި އެހެނިހެން ސްޓާފުން ބަދަލުވުމުން އެމީހުން ޕްލޭންތަކަށް އަހުލުވެރި ކުރުމާއި ސްކޫލުގެ އިމަޖެންސީ ޑްރިލްތަކަށް އަހުލުވެރިކޮށް ސްކޫލު މާހައުލު ވަރުގަދަ ކުރުމެވެ. އެގޮތުން ސްކޫލުތަކުގައި މަސައްކަތްކުރާ ޓީޗަރުންނާއި އެޑްމިނިސްޓްރޭޓިވް ސްޓާފުން އަމަލުކުރެވިދާނެ ބައެއް ކަންތައްތައް ހިމަނާލާނަމެވެ. ހުރިހާ ދަރިވަރުންނަން “އެސެމްބްލް ޕޮއިންޓް” ރަނގަޅަށް ކިޔައިދިނުމާއި، ސްކޫލުގެ އާންމު ބެލް ރިންގާއި އިމަރޖެންސީ ރިންގް ތަފާތު ކުރުމުގެ އިތުރުން ދަރިވަރުންނާއި ހުރިހާ މުވައްޒަފުން އެ އަޑުތަކަށް އަހުލުވެރި ކުރުވުމާއި، ސްކޫލުން ނިކުންނަން ހުންނަ ދޮރުތައް ތަޅުނުލައި ހުރިތޯ ކޮންމެ ދުވަހަކު ބަލާފާސްކުރުމާއި، ނިކުންނަން ހުންނަ ތަންތަން ބަންދު ކުރެވިފައިވާނަމަ އެ ތަންތައް ހުޅުވައި، ސިޑިތަކާއި ހޯލްތަކަށް މީހުންނަން ފަސޭހައިން ވަދެވޭގޮތް ހެދުން، އަދި، ބޭނުން ނުކުރާ ސަރަހައްދުތައް ބްލޮކްކޮށް، މީހުންނަން ނުވަދެވޭގޮތް ހަދަންވާނެއެވެ.
ތާރީޚުގެ ތެރެއިން ސްކޫލުތަކުގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. އެގޮތުން 1958 ޑިސެންބަރު 1 ވަނަ ދުވަހު ޝިކާގޯގައި ހުންނަ އަވަރ ލޭޑީ އޮފް އެންޖެލްސް ސްކޫލުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ތިން ސްޓާފުންނާއި، 92 ކިޔަވާ ކުދީން ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގާފައިވަނީ މެންދުރު 2 އަދި 2:30 އާ ދެމެދުގެ ވަގުތެއްގައެވެ. ފުރަތަމަ އަލިފާން ރޯވީ ބޭސްމަންޓުގައި ކުނިއަޅަން ބަހައްޓާފައި ހުރި ފީފާތަކެއްގައެވެ. އިސާހިތަކު މުޅި ސްކޫލަށް ދުންތައް ފެތުރި، މުޅި ހާދިސާ ބޮޑުވަރުވެގެން ދިޔައެވެ. އެ ސްކޫލަކީ އޭރުގެ ސޭފްޓީ ސްޓޭންޑަޑްތަކަށް ފެތޭ ސްކޫލެކެވެ. ނަމަވެސް އޭރު އެ އިމާރާތުގައި ފަހުގެ އިމާރާތްތަކުގައި ހުންނަންޖެހޭ ސަލާމަތީ ފީޗާސްތަކެއް ފުރިހަމައެއް ނުވެއެވެ. އެހެންކަމުން ހާދިސާ އެހާ ނުރައްކާތެރި ވެގެންދިއައީ ނިކުތުމަށް އެކަށީގެން ވާވަރަށް ދޮރުތައް ނެތުމާއި، އިމާރާތް ޑިޒައިން ކުރުމުގައި ދޯދިޔާ ކަންތައްތަކެއް ހުރުމާއި، ރަނގަޅު އިވެކުއޭޝަން ޕްލޭނެއް ނެތުމާއި، ކުލާސްރޫމްތައް ތޮއްޖެހިފައިވުމާއި، އެކްޓިވް އަދި ޕެސިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްތައް ނެތުމާއި، އެ ސްކޫލުގެ ދެވަނަ ފްލޯއިން ގިނަ ކުދީން ފުންމާލުމުންނެވެ.
މިފަދަ ކޮންމެ ހާދިސާއަކީ ވެސް ޢިބްރަތްތެރި ފިލާވަޅުތަކެވެ. އެއީ ފަޔަރފައިޓަރުންނާއި މި ކަމުގައި މަސައްކަތްކުރާ ހުރިހާ މީހުންނަށާއި ސްކޫލުތަކަށް ދަރީން ފޮނުވާ ބެލެނިވެރީންނަށެވެ. އެގޮތުން މި ފުރަމާލޭގައި ވެސް ވަރަށް ބައިވަރު ސްކޫލުތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ސްކޫލުތަކަކީ ވަރަށް ރަނގަޅަށް ޑިޒައިންކޮށްފައިވާ ސްކޫލުތަކެވެ. އަދި ވަރަށް ރަނގަޅު ޕްލޭންތަކާއެކު އިވެކުއޭޝަން ޑްރިލްތައް ބާއްވާ ތަންތަނެވެ. ނަމަވެސް އަނެއްބައި ސްކޫލުތަކަކީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުންނަ ސްކޫލުތަކެވެ. އެހެންކަމުން މިފަދަ ސްކޫލުތައް ހުންނަ އިމާރާތެއްގައި ހާދިސާއެއް ހިނގައިފިނަމަ ހާދިސާގެ ނުރައްކާތެރިކަން އަންދާޒާކުރަން އެހާ ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ އެ ފަދަ އިމާރާތްތައް ހަދާފައި ހުންނަނީ މީހުން ދިރިއުޅެން ކަމަށްވެފައި، ސްކޫލު އިމާރާތުގެ ފީޗާސްތަކާއި މީހުން ދިރިއުޅޭ އިމާރާތުގެ ފީޗާސްތައް ތަފާތު ވާނެތީއެވެ. އެހެންކަމުން މިއީ ޖުމްލަކޮށް ހުރިހާ ފަރާތްތަކަކުން ވެސް ވިސްނާލުން މުހިންމު ކަމެއް ކަމުގައި ދެކެމެވެ.