ރާއްޖޭގެ ޤައުމީ ޓީމުގެ އެތުލީޓުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގައި މަަސައްކަތްކުރައްވާ ސާޖަންޓް ޙުސައިން ފަޒީލް ހާރޫން (ސ.ނ6955) އަކީ ސިފައިންގެ އެންމެ ފިޓެސްޓް ސޯލްޖަރ މަޤާމު ހާސިލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅުން ކޮމެންޑޭޝަން ލެޓަރ ލިބިލެއްވި ސޯލްޖަރެވެ. ރާއްޖޭގައި ކުރިއަރަމުން އަންނަ އުންމީދީ އެތުލީޓެކެވެ. ޤައުމީ ލެވެލްގައި ކާމިޔާބު ގިނަ ރިކޯޑްތަކެއް ހަދާފައިވާ ދުވެލި ބާރު ދުވުންތެރިއެކެވެ. މި މަޒުމޫނުގައި މި ދުވުންތެރިޔާގެ ކެރިއަރުގެ މައްޗަށާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ މައްޗަށެވެ.
ހއ. މުރައިދޫއަށް އުފަން މި އެތުލީޓަކީ ޤައުމީ ލެވެލްގެ އެހެން ބައެއް އެތުލީޓުން ފަދައިން ސްކޫލު ދައުރުގައި ވިދާލި އެތުލީޓެއް ނޫނެވެ. ހއ. މުރައިދޫ ސްކޫލުން ތަޢުލީމު ހާޞިލުކުރެއްވި ސޖޓ. ޙުސައިން ފަޒީލް، މަދުރަސީ ދައުރުގައި ފާހަގަކުރެވުނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭރު ސޖޓ. ފަޒީލް އެންމެ ކުޅޭހިތްވާ ކުޅިވަރަކީ ވެސް ފުޓްބޯޅައެވެ. މަދުރަސީ ހަޔާތަށްފަހު ވެލާނާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރޭމްޕް ސަރވިސްގައި އަހަރެއްހާ ދުވަހު މަސައްކަތްކުރެއްވި ނަމަވެސް އަސްކަރީ ޚިދުމަތާ ގުޅިލެއްވީ ކެރިއަރ ބިނާކުރަން އެންމެ ރަނގަޅު ދާއިރާއަކީ އަސްކަރިއްޔާކަމުގައި ދެކިލައްވައިގެންނެވެ. 2012 ޖަނަވަރީ 1 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ސޖޓ. ޙުސައިން ފަޒީލް ހާރޫން ސިފައިންގެ ޚިދުމަތާ ގުޅިލެއްވުމަށްފަހު ފުރިހަމަކުރެއްވި ކޯސްތަކުގެ ތެރޭގައި މެރިން ކޯރ ބޭސިކް ކޯސް، މިލިޓަރީ ޑައިވިންގ ކޯސް، ސްވިމިންގ އިންސްޓްރަކްޓަރ ކޯސް، އަދި ސްވިމިންގ އެސޯސިއޭޝަނުން ހިންގި ސްވިމިންގ އިންސްޓްރަކްޓަރ ކޯސް ހިމެނެއެވެ. މީގެ އިތުރުން ސޖޓ. ޙުސައިން ފަޒީލަކީ ޕަޑީ ސަޓިފައިޑް އޯޕެން ވޯޓަރ ޑައިވަރެއްގެ އިތުރުން އެޑްވާންސް އޯޕެން ވޯޓަރ އަދި ރެސްކިޔު ޑައިވަރެކެވެ. ހަމައެހެންމެ ޕަޑީ ސަޓިފައިޑް އިމަޖެންސީ ފަސްޓް ރެސްޕޮންޑަރ (އީއެފްއާރު) އެކެވެ. މީގެ އިތުރުން ސޖޓ. ފަޒީލް ވަނީ ސްރީލަންކާއިން ކުއިކް ރިއެކްޝަން ޓްރެއިނިންގ ކޯސް (ކިއުއާރުޓީ) ކޯސް ފުރިހަމަ ކުރައްވާފައެވެ. އިސްވެ ދެންނެވުނު ކޯސްތަކުގެ ތެރެއިން ސޖޓ. ޙުސައިން ފަޒީލު ވަނީ މިލިޓަރީ ޑައިވިންގ ކޯހުގެ އެންމެ ފިޓެސްޓް ޑައިވަރުގެ އިތުރުން އެމްއެންޑީއެފުން ހިންގި ސްވިމިންގ އިންސްޓްރަކްޓަރ ކޯހުގެ އެންމެ ބޮޑު ޕެކޭޖްކަމުގައިވާ ކޮމްބެޓް ސްވިމިންގ ކޯހުގެ އެއްވަނަ ހާސިލުކޮށްފައެވެ. މީގެ އިތުރުން ރެސްކިޔު ސްވިމިންގ ސިލްވަރ ލެވެލް އަދި ރެސްކިޔު ސްވިމިންގ ގޯލްޑް ލެވެލް ވެސް ސޖޓ. ފަޒީލް ފުރިހަމަ ކުރައްވާފައިވެއެވެ.
57 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރައްވައި އަސްކަރީ ކެރިއަރ ފެށްޓެވި ސޖޓ. ޙުސައިން ފަޒީލަކީ ސިފައިންގެ ޚިދުމަތާ ގުޅިލެއްވުމުގެ ކުރިން، ދުވާ ޓްރެކުން ފެނުނު މޫނެއް ނޫނެވެ. “އެތުލެޓިކްސް ދާއިރާއަށް ވަދެވުނީ އެމްޑީޔޫތަކުގެ މެދުގައި ބޭއްވި ދުވުމުގެ މުބާރާތާއި އޭގެފަހުން ރާއްޖޭގައި ބޭއްވި ރޯޑް ރޭސްތަކުން. މިގޮތުން ރޭހަކަށްވުރެ ރޭހެއްގައި ލިބޭ ކާމިޔާބީ މަތިވާން ފެށުމުން އެތުލީޓެއްގެ ގޮތުގައި ކެރިއަރ ބިނާކުރަން އާ ހިތްވަރެއް ލިބި، އެގޮތުގައި ކުރިއަށް ދިޔައީ.” ސޖޓ. ޙުސައިން ފަޒީލް އެތުލީޓަކަށް ވީގޮތް ކިޔައިދެއްވިއެވެ.
ޕާކިސްތާނުގައި ބޭއްވި އިންޓަރނޭޝަނަލް ޕޭސެސް ކޮމްޕެޓިޝަންގައި ސިލްވަރ މެޑަލް ހޯދި އެމްއެންޑީއެފްގެ ޕޭސެސް ޓީމުގައި ވެސް ހިމެނިލެއްވި ސޖޓ. ޙުސައިން ފަަޒީލް ވަނީ އެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ދެ ފަހަރު ވެސް އެ ޓީމުގައި ހިމެނިލައްވާފައެވެ.
ސޖޓ. ޙުސައިން ފަޒީލް ދުވުމުގެ ކެރިއަރ ފެށްޓެވީ 2013 ވަނަ އަހަރެވެ. މިގޮތުން އެންމެ ފުރަތަމަ ޤައުމީ ރެކޯޑެއް ހަދާފައިވަނީ 2016 ވަނަ އަހަރު ބޭއްވި ދިރާގު 5 ކިލޯ މީޓަރ ރޯޑް ރޭހުގައެވެ. އެއީ 16 މިނެޓާއި 31 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދެވަނަ ޤައުމީ ރެކޯޑް ހެދިއެވެ. އެއީ އެ މުބާރާތުގައި 10000 މީޓަރ ކެޓަގަރީން 34 މިނެޓާއި 21 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ ފަހުން ސޖޓ. ހުސައިން ފަޒީލް ހެދި ޤައުމީ ރެކޯޑްތަކުގެ ތެރޭގައި 10 ކިލޯމީޓަރު ރެކޯޑް (31:48)، 10000 މީޓަރ ރެކޯޑް (32:36)، 5000 މީޓަރ ރެކޯޑް (15:31) އަދި 3000 މީޓަރ ރެކޯޑް (9:31) ހިމެނެއެވެ.
ޤައުމީ ރެކޯޑްތަކުގެ އިތުރުން ސޖޓ. ފަޒީލްގެ އަމިއްލަ ރެކޯޑްތަކަށް ވެސް ނަޒަރު ހިންގާލާނަމެވެ. މިގޮތުން 2017 ވަނަ އަހަރު އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި 1500 މީޓަރ ދުވުން 04:03:34 އިން ނިންމިއިރު، އެ އަހަރު އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ޗެމްޕިއަންޝިޕްގައި 10000 މީޓަރ ދުވުން ނިންމާފައިވަނީ 34:31 އިންނެވެ. އަދި ހަމަ އެ މުބާރާތުގެ 5000 މީޓަރ ދުވުން ސޖޓ. ފަޒީލް ނިންމާފައި ވަނީ 15:53 އިންނެވެ. މީގެ އިތުރުން މޮރޮކޯގައި 2018 ވަނަ އަހަރު ބޭއްވި ސެމީ މެރަތަންގައި 10 ކިލޯމީޓަރ ދުވުން ނިންމާފައިވަނީ، 31:34 އިންނެވެ. 2019 ވަނަ އަހަރަކީ ވެސް ސޖޓ. ޙުސައިން ފަޒީލްގެ ދުވެލި ބާރުވަމުންދިޔަ އަހަރެކެވެ. މިގޮތުން އެ އަހަރު ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 10000 މީޓަރ ދުވުން 32:46:14 އިން ނިންމިއިރު، އެ މުބާރާތުގެ 5000 މީޓަރ ދުވުން ސޖޓ. ޙުސައިން ފަޒީލް ނިންމީ 15:30:27 އިންނެވެ. މި މުބާރާތްތަކުގެ އިތުރުން ރާއްޖޭގައި 2019 ވަނަ އަހަރު ބޭއްވި ނޭޝަނަލް ގްރޭންޑް ޕްރިކްސްގައި 3000 މީޓަރ ދުވުން ނިންމާފައިވަނީ 9:11 އިންނެވެ.
އެތުލެޓިކްސް ކެރިއަރގައި ސޖޓ. ޙުސައިން ފަޒީލް ހޯދާފައިވާ އެވޯޑްތަކަށް ބަލާއިރު “މިހާރު” ނޫހުން 2019 ވަނަ އަހަރު ބޭއްވި އެވޯޑް ނައިޓްގައި އެތުލެޓިކްސް ދާއިރާއިން ސެކަންޑް ބެސްޓް އިންޑިވިޖުއަލް ޕްލޭޔަރ އޮފް ދަ އިޔަރ (2018) އާއި އެމްއެންޑީއެފް ފިޓެސްޓް ސޯލްޖަރގެ މަޤާމު 2016 ވަނަ އަހަރާއި، 2018 ވަަނަ އަހަރުގެ އިތުރުން، 2019 ވަނަ އަހަރު ވެސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ފިޓެސްޓް ސޯލްޖަރގެ މަޤާމު 2016 ވަނަ އަހަރާއި 2018 ވަނަ އަހަރު ހާސިލުކޮށްފައިވަނީ ވެސް ސޖޓ. ޙުސައިން ފަޒީލް ހާރޫންއެވެ.
ދިވެހި ސިފައިންގެ ކުލަބުގެ އެތުލެޓިކްސް ޓީމުގައި 2013 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ މި އެތުލީޓު، ޤައުމީ އެތުލެޓިކްސް ސްކޮޑްގައި ހިމެފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ސޖޓ. ފަޒީލް ރާއްޖެއިން ބޭރުން އެތުލެޓިކްސް ދާއިރާއިން ހޯއްދަވާފައިވާ ތަމްރީނުތަކުގެ ތެރޭގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ދެއްވި ސްކޮލަރޝިޕެއްގައި 2016 ވަނަ އަހަރު މޮރޮކޯގައި ތިން މަސް ދުވަސް ހޭދަކުރެއްވިއިރު، 2017 ނޮވެންބަރުން ފެށިގެން 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހަ މަހުގެ ތަމްރީނެއް މޮރޮކޯގައި ފުރިހަމަ ކުރައްވާފައި ވެއެވެ. އަދި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތިން މަސް ދުވަހުގެ މުއްދަތަކަށް އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ފުރިހަމަކުރައްވާފައިވާއިރު، 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްއަށް ތިން މަސް ދުވަހުގެ ތަމްރީނެއް ވެސް އިންޑިއާގައި ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ހަމަ އެ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވެސް ތިން މަސް ދުވަހުގެ ތަމްރީނެއް އިންޑިއާގެ ބެންގަލޫރުން ފުރިހަމަކުރައްވާފައި ވެއެވެ.
ސޖޓ. ޙުސައިން ފަޒީލް ވަނީ ޤައުމީ އެތުލެޓިކްސް ޓީމުގައި ހިމެނި މިހާތަނަށް ރާއްޖެއިން ބޭރުގެ 6 މުބާރާތެއްގައި ބައިވެރިވެލައްވާފައެވެ. މިގޮތުން އަޒަރުބައިޖާންގައި 2017 ވަނަ އަހަރު ބޭއްވި 4 ވަނަ އިސްލާމިކް ސޮލިޑައިރިޓީ ގޭމްސްގައި 5000 މީޓަރާއި، 1500 މީޓަރ ދުވުމުގައި ވާދަކުރިއިރު އެ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް 5000 މީޓަރާއި، 10000 މީޓަރ ދުވުމުގައި ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ބޭއްވި ތިން މުބާރާތެއްގައި ޤައުމީ ޓީމުގެ އެތުލީޓެއްގެ ގޮތުގައި 5000 މީޓަރ އަދި 10000 މީޓަރ ދުވުމުގައި ސޖޓ. ފަޒީލް ވާދަކުރައްވާފައިވެއެވެ. އެއީ ދޯހާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕާއި މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްއެވެ. މީގެ އިތުރުން މިއަހަރު ބޭއްވި ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވެސް ސޖޓ. ފަޒީލް ބައިވެރިވެލެއްވިއެވެ.
މަދުރަސީ ހަޔާތުގައި އެންމެ ރަނގަޅަށް ކުޅުނު އަދި އެންމެ ކުޅޭހިތްވާ ކުޅިވަރަކީ ފުޓްބޯޅަ ކަމުގައިވީ ނަމަވެސް އެތުލެޓިކްސް ކެރިއަރާއެކު ސޖޓ. ފަޒީލް ވަނީ ފުޓްބޯޅަ ކުޅުމާ ދުރަށް ގޮސްފައެވެ. “ފުޓްބޯޅައަކީ އަބަދުވެސް ކުޅޭ ހިތްވާ ކުޅިވަރެއް، ލިބޭ ކުޑަ ވަގުތުކޮޅުގައި ޔުނިޓް ސިފައިންނާއެކު ބީކޭ ދަނޑުގައި ކުޅެ ހަދަން. ފުޓްބޯޅަ ކުޅުން ހުއްޓާލީ މޮރޮކޯއަށް ފުރަން ކައިރިވެފައި ވަނިކޮށް ބީކޭގައި ފުޓްބޯޅަ ކުޅެން އުޅެނިކޮށް ފައިގެ އެންކަލަށް ލިބުނު ގެއްލުމާ ގުޅިގެން. އެ ހިސާބުން ހިތަށް އެރީ ކޮންމެވެސް އެއް ދާއިރާއަކުންނޭ ކެރިއަރ ބިނާ ކުރެވޭނީ.” ރާއްޖޭގައި ފުރަތަމަ އެޅި ސިންތެޓިކް ދުވާ ޓްރެކްގައި އެންމެ ފުރަތަމަ ޤައުމީ ރެކޯޑެއް ހެދި ސޖޓ. ފަޒީލް ފުޓްބޯޅަ ކުޅުމާ ދުރަށް ދިޔަ ސަބަބު ހާމަކުރެއްވިއެވެ.
އަސްކަރިއްޔާގައި އުޅެމުން ޤައުމީ ލެވެލްގެ އެތުލީޓަކަށް ވެވޭނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައިކަން ޔަޤީނެވެ. ސޖޓ. ފަޒީލް ހާމަކުރައްވާ ގޮތުގައި އެތުލެޓިކްސް ކެރިއަރ ފެށްޓުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ އޭރު އެމްޑީޔޫ 3 ގެ ބްރާވޯ ޕްލެޓޫންގެ ޕީއެލްއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ކެޕްޓަން ޝިނާން ދެއްވި ސަޕޯޓާއި އެހީތެރިކަމުގެ ސަބަބުންނެވެ. ކެރިއަރގައި މިހާ ހިސާބަށް ދިއުމުގައި އެންމެ ބޮޑު ޝުކުރެއް ޙައްޤުވާ ފަރާތަކީ ވެސް އެއީކަމުގައި ސޖޓ. ފަޒީލް ހާމަކުރެއްވިއެވެ. މީގެ އިތުރުން ކެރިއަރގައި މިހާރު އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޯޗް ނަސީރު އިސްމާޢީލްކަން ފާހަގަކުރައްވައި ޢާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އަދި ޔުނިޓްގެ ސިފައިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް އެ ފަރާތްތަކަށް ވެސް ސޖޓ. ފަޒީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސިފައިންގެ އެންމެ ފިޓެސްޓް ފިރިހެން ސޯލްޖަރުގެ ހައިސިއްޔަތުން ސޖޓ. ފަޒީލް މެސެޖެއް ދެއްވިއެވެ. “ސިފައިންގެ މަސައްކަތް ބިނާވެފައިވަނީ ފިޓްނަސްގެ މައްޗަށް. އަސާސީ ތަމްރީނު ނިންމާފައި ސިފައިންގެ ޢަމަލީ މައިދާނަށް ނުކުންނަ ޒުވާނުން ވެސް ތަމްރީނު ނިމޭއިރު ލިބިފައި ހުންނަ ފިޓްނަސް މެއިންޓެއިން ކުރަން ވިސްނަން ޖެހޭނެ. ދިރިއުޅުމުގައި ތަފާތު އެކި މިޒާޖުގެ މީހުންނާ ދިމާވާއިރު، ތިމާއަށް ރަނގަޅު މަގު ދައްކާ މީހާ ބުނާ މަގުން ކުރިއަށްދާން މަސައްކަތްކޮށް، ފިޓްނަސް އަބަދުވެސް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ މުހިންމު ކަމެެއް. ފަތިހު ތެދުވެ، ފަތިސް ނަމާދުން ފަށައި، ހަފުތާއަކު ތިން ދުވަހު ނަމަވެސް ޕީޓީ ކުރާނަމަ ތިމާގެ ފިޓްނަސް ހިފެހެއްޓިދާނެ. ބައެއް މީހުންނަށް ހީވެދާނެ ފިޓްނަސްއަކީ ވަރަށް ފަސޭހަ ކަމެކޭ. ދުވަހެއްގެ މައްޗަށް ލިބޭ ސައުވީސް ގަޑިއިރުގެ ތެރޭގައި ޑިއުޓީ ކުރަމުން ފެމިލީއަށް ޓައިމް ދެމުން ވޯކްއައުޓަށް ވަގުތު ދޭންޖެހުމަކީ ފަސޭހަ ކަމެއް ނޫން. ފިޓްނަސް ރަނގަޅުކުރަން ބޭނުންނަމަ އެކަމަށް ވަގުތު ހުސްކޮށް ތިމާގެ ނަފްސު ހާޟިރު ކުރުމަކީ އެންމެ އުނދަގޫ އެއް ކަންތައް. ހިތްވަރުކޮށްފައި އެކަން ކުރެވިއްޖެނަމަ ފިޓްނަސް ރަނގަޅުވާނެ. އަދި ނަތީޖާ ފެނުމުން ކަސްރަތުކުރާ ހިތްވެސް ވާނެ.” ސޖޓ. ފަޒީލް ބުނުއްވިއެވެ.
ސާޖަންޓް ފަޒީލް މިހާރު އެންމެ ދެކެން ބޭނުންވެލައްވާ ދުވަހަކީ ފިޓް ސޯލްޖަރެއްގެ ގޮތުގައި އަދި ނަމޫނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިހުރެ، ސިފައިންގެ ކެރިއަރ ނިންމާލުމެވެ. އަދި ސިފައިންގެ ޚިދުމަތުން ވަކިވާއިރު އެންމެ ހަށިހެޔޮ ސިފައިންގެ މީހާގެ މަޤާމު 10 ވަަރަކަށް ފަހަރު ހޯދުމެވެ.