ދިވެހި ސިފައިންނަކީ ހުނަރުވެރި، ޤާބިލު، ހުޝިޔާރު ބައެކެވެ. ސިފައިންގެ މީހަކަށް ވަނީ ތަފާތު ހުނަރުތަކަކާ އެކުގައެވެ. އެތައްއެތައް ޤާބިލުކަމަކާއި ހުޝިޔާރުކަމެއް ހުރެގެންނެވެ. އަސްކަރީ ހުނަރުވެރިކަމާއި ޤާބިލުކަމުގެ އިތުރުން ތަފާތު އެކިއެކި ފަންނީ ހުނަރުވެރިން ގިނަ ތަނެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާ ފާހަގަ ކުރެވެއެވެ. ދައުލަތުގެ އެއް މުއައްސަސާއަކުން ތަފާތު ފަންނީ ދާއިރާތަކުގެ ހުނަރުވެރިން އެންމެ ގިނަ އެއް މުއައްސަސާއަށް ދިވެހި އަސްކަރިއްޔާ ވާނެއެވެ. އަދި އެ ހުނަރުތައް ޤައުމާއި ރައްޔިތުންގެ ހެވާ ލާބާއަށް ޓަކައި ބޭނުންކުރުމުގައާއި ރައްޔިތުންނަށް އެ ހުނަރުތައް ފޯރުކޮށްދިނުމުގައި ސިފައިންނަކީ އެންމެ ދީލަތި މުއައްސަސާއެވެ.
ދިވެހި އަސްކަރީ ޚިދުމަތުގެ ނާރެހަކީ އިންސާނީ ވަސީލަތެވެ. އެހެންކަމުން އަސްކަރިއްޔާގައި އަބަދުވެސް އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ. ދިވެހި އަސްކަރިއްޔާގެ މިޝަން ފުރިހަމަކުރުމަށް ބޭނުންވާ ހުނަރުވެރިކަމާއި ޤާބިލުކަން ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމަކީ ސިފައިންގެ އަބަދުގެ ވެސް އަމާޒެވެ. ހުއްޓުމެއްނެތި ކުރެވޭ މި އަގުހުރި މަސައްކަތުގެ ނަތީޖާއަކީ ތަފާތު ގިނަ ރޮނގުތަކުން ފާހަގަކުރެވޭ ކުޅަދާނަ ހުނަރުވެރި ސިފައިން ބިނާވެގެންދިއުމެވެ. މަސައްކަތުގެ ތަފާތު ގިނަ ރޮނގުތަކުންނާއި ކުޅިވަރާއި ފަންނުވެރި ދާއިރާތަކުން ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ދިވެހި ސިފައިން ރީތި ނަމާއި ޝަރަފު ހޯދައިދެމުންދިއުމެވެ. އަދި އަސްކަރީ ޚިދުމަތުން ވަކިވުމަށްފަހު މަސައްކަތްކުރާ އެހެނިހެން ތަފާތު ދާއިރާތަކުގައި ވެސް ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ޚާއްޞަ ޚިދުމަތްތެރިންނަށް ވެގެންދިއުމެވެ.
ހުނަވެރި މަސައްކަތް ދަންނަ އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހުން ބިނާކުރުމުގައި ދިވެހި އަސްކަރިއްޔާއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. ދިވެހި އަސްކަރިއްޔާއަކީ ކެރޭ ހީވާގި ދެ ޖިންސުގެ ޒުވާނުންނަށް ވެސް ކުރިއަށް ދިއުމަށް ތަފާތު ގިނަ ފަންނީ ދޮރުތައް ހުޅުވިފައިވާ މުއައްސަސާއެކެވެ. ހަމައެހެންމެ ކުޅިވަރުގެ ތަފާތު ރޮނގުތަކުން ވެސް ޤައުމީ ފެންވަރުގައި އެންމެ އުހަށް ވާސިލުވުމުގައި ރަނުގެ ފުރުސަތުތައް އޮތް މުއައްސަސާއެކެވެ.
ކޮންމެ ސިފައިންގެ މީހަކީ ވެސް ހަނގުރާމަވެރިއެއްކަމަށް ވާތީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރާ ކޮންމެ މީހެއްގެ ކިބައިގައި ވެސް އަސްކަރީ ޤާބިލުކަމާއި ހަނގުރާމައިގެ ފަންނާއި ހުނަރު ހުންނަން ޖެހެއެވެ. ސިފައިންގެއަށް ވަންނަ ޒުވާނާއަށް އެންމެ ފުރަތަމަ އަޅައިދެވެނީ އަސްކަރީ ހުނަރުވެރިކަމުގެ އެންމެ އަސާސީ ބިންގަލެވެ. އެއަށްފަހު އެ ޒުވާނާ އަސްކަރީ ޚިދުމަތާ ކުރިމަތިލާ ދާއިރާތަކުން މިލިޓަރީ އޮކިއުޕޭޝަނަލް ސްޕެޝަލިޓީސްތައް ތަރައްޤީކުރަން ޖެހެއެވެ. ސިފައިންގެ މައިގަނޑު ސަރވިސްތަކުގައި އެމްއޯއެސް ތަމްރީނުތައް ފަށަނީ އެ ސަރވިސްތަކުން ފުރިހަމަކުރަންޖެހޭ އަސާސީ ކޯހުންނެވެ. މިގޮތުން ކޯސްޓްގާޑު ބޭސިކް ކޯހާއި، މެރިން ކޯރ ބޭސިކް ކޯހާއި، ފަޔަރ އެންޑް ރެސްކިޔު ބޭސިކް ކޯހާއި، ލޮޖިސްޓިކްސް ބޭސިކް ކޯސް ފާހަގަ ކުރެވެއެވެ. އަދި ބޭސިކް ބޮޑީގާޑް ކޯހާއި، ބޭސިކް ޑައިވިންގ ކޯހާއި، ބޭސިކް ބޭންޑްސްމަންސް ކޯހާއި، މިލިޓަރީ ޕޮލިސް ބޭސިކް ކޯހާއި ބޭސިކް ފަސްޓް އެއިޑް ކޯސްފަދަ ތަފާތު ފަންނުތަކުގެ އަސާސީ ލެވެލްގެ ކޯސްތަކާއި ތަމްރީނުތައް ދެވެމުންދެއެވެ. މި ކޯސްތަކާއި ތަމްރީނުތައް ވެފައިވަނީ ހުނަރުވެރި ސިފައިން އުފެއްދުމުގެ ބިންގާކަމުގައެވެ.
އަސްކަރީ ދާއިރާއިން މަތީ ލެވެލުގައި ހަރަކާތްތެރިވާން ބޭނުންވާ ސިފައިންނަށް ސްޕެޝަލް ފޯސަސް އާއި މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަން ގްރޫޕާއި، ކޯސްޓްގާޑް މެރިޓައިމް ސްޕެޝަލް އޮޕަރޭޝަން ސްކޮޑްރަންފަދަ ޚިދުމަތަކަށް އިންޓެންސިޓީ މަތީ އަސްކަރީ ތަމްރީނުތަކަށް ފުރުސަތު އޮތީ ހުޅުވިފައެވެ. ހަމަ މިއާއެކު ރާއްޖޭއިން ބޭރުގެ އަސްކަރީ މަރުކަޒުތަކުން ވެސް ކޮންމެ އަހަރަކު ދިވެހި ސިފައިންނަށް ގިނަ ފުރުސަތުތަކެއް ދަނީ ލިބެމުންނެވެ. ބޭރުގެ އަސްކަރިއްޔާތަކުގައި ތަމްރީނު ފުރިހަމަކުރާ ދިވެހި ސިފައިން ފުރިހަމަކުރާ ކޯސްތަކުން ރަން ވަނަތައް ހާސިލުކުރެއެވެ. ބޭރުގެ ޤައުމުތަކުގެ ސިފައިންނާ ވާދަކޮށް ކޯސްތަކުން ދިވެހި ސިފައިން ހޯދާ ރަންވަނަތަކުން ދައްކައިދެނީ ދިވެހި ސިފައިންނާއި ދިވެހީންގެ ޤާބިލުކަމެވެ. ހަމައެއާއެކު ބޭރުގެ އަސްކަރިއްޔާތަކުން ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކާއި ތަމްރީނުތައް ދިވެހި ސިފައިން އަމިއްލައަށް ފަރުމާކޮށް ހިންގާއިރު ބޭރު ޤައުމުތަކުގެ ސިފައިން އެ ކޯސްތައް ދިވެހި އަސްކަރިއްޔާގެ އިންސްޓިޓިއުޝަންތަކުން ފުރިހަމަކުރުމަކީ ވެސް ދިވެހި ސިފައިންގެ ހުނަރުވެރިކަމާއި ޤާބިލުކަން މިނެކިރިދާނެ މިޒާނެކެވެ.
ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ދިފާޢުކޮށް، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމަޔަތްކޮށް ރައްކާތެރިކޮށް ބަލަހައްޓައި މެރިޓައިމް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ޙިމާޔަތްކޮށް ބަލަހައްޓައި، ކަނޑުމަތީގައި ހާލަގައިޖެހޭ މީހުންނާއި މުދާ ސަލާމަތްކުރުމުގައި ރެއާއި ދުވާލު ވާރެއާއި އަވީގައި ޚިދުމަތްދޭ ދިވެހި ސިފައިންގެ ބާރަކީ ކޯސްޓްގާޑެވެ. މި ޚިދުމަތްތައް ދެވެނީ ތަފާތު ފަންނީ ދާއިރާތަކުން މީހުން ބިނާކޮށްގެންނެވެ. ކުޅަދާނަ ނިޔަމީންނާއި މާލީމީންނާއި ކަލާސީނުން ތިބެގެންނެވެ. ހުނަރުވެރި ކެޕްޓަނުންނާއި ޕައިލެޓުންނާއި ޑްރައިވަރުންނާއި ފަޅުވެރިން އުފައްދައިގެންނެވެ. ޤާބިލު ގަނަރުންނާއި ޑައިވަރުންނާއި ނެވިގޭޓަރުންނާއި މެރިޓައިމް ސެކިއުރިޓީއާއި ސޭފްޓީއަށް އަހުލުވެރި އަދި މެރިޓައިމް ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން ހުރި ހުޝިޔާރު ކަނޑުގެ ސިފައިންގެ ފައުޖެއް ބިނާކޮށްގެންނެވެ.
ދިވެހި އަސްކަރިއްޔާގައި އެއްގަމުގެ ބާރު ބިނާކޮށްފައިވަނީ އެމްޕީބިއަސް ބާރެއްގެ ގޮތުގައެވެ. މެރިޓައިމް ލޭންޑް ޑޮމެއިންގައި އޮޕަރޭޓްކުރުމުގެ ޤާބިލުކަން ހުރި ޑިޕްލޯޔަބަލް ބާރެއްގެ ގޮތުގައެވެ. މިގޮތުން ކޮންމެ މެރީންއަކީ ދިވެހި އަސްކަރިއްޔާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އެއްގަމާއި ކަނޑުގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން ހުރި ހުނަރުވެރި މީހަކަށް ވާންޖެހެއެވެ.
ދިވެހި އަސްކަރިއްޔާއަކީ ދުނިޔޭގެ އެހެން ގިނަ އަސްކަރިއްޔާތަކާ ޚިލާފަށް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސް (ރޯމޯ) ވަރަށް ފުޅާ އަސްކަރިއްޔާއެކެވެ. ރޯމޯގެ ތެރެއިން ފާހަގަ ކުރެވޭ އެއް ޚިދުމަތަކީ ދިވެހި އަސްކަރިއްޔާއިން ފޯރުކޮށްދޭ އަލިފާން ނިންމުވުމުގެ ޚިދުމަތެވެ. ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަކީ ދިވެހި އަސްކަރިއްޔާގެ ސިވިލް ޑިފެންސް ޚިދުމަތް ފޯރުކޮށްދޭ މައިގަނޑު ސާރވިސްއެވެ. ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްގަމާއި ކަނޑުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި އެއްގަމުގައި ހިނގާ ޤުދުރަތީ ކާރިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުޅަދާނަ ފަޔަރ ފައިޓަރުންނާއި ހުނަވެރިކަމާއެކު ޓެކްނިކަލް ރެސްކިޔު ކުރާ މީހުންނާއި ހެޒާރޑަސް މެޓީރިއަލް ހާދިސާތަކުން މީހުންނާއި މުދާ ސަލާމަތް ކުރުމުގެ ޤާބިލުކަން ހުރި ސިފައިން ބިނާކުރަން ޖެހެއެވެ.
އަސްކަރީ ޚިދުމަތުގެ މައި ސޯބަކީ ލޮޖިސްޓިކްސްއެވެ. އަސްކަރިއްޔާގެ އުފެއްދުންތެރި ކަމާއި އޮޕަރޭޝަނަލް ސްޓްރެންތަކީ އިންޖިނިއަރިންގެ ޚިދުމަތްތަކެވެ. މި ދާއިރާތަކުން ދިވެހި އަސްކަރިއްޔާގައި ތިބި ފަންނުވެރި ހުނަރުވެރިންކީ އާދަޔާ ޚިލާފު ނަތީޖާތަކެއް ނެރެދީފައިވާ ބައެކެވެ. ފަރުމާކުރުމާއި ޢިމާރާތްކުރުމާ ގުޅުންހުރި ތަފާތު ފަންނުތަކުގެ ފަންނުވެރިންގެ ހުނަރުތައް ސިފައިންގެ ކޮންމެ މަރުކަޒަކުން ވެސް ފެނިގެންދެއެވެ. އަދި ޤައުމީ ފެންވަރުގެ ބައެއް ބޮޑެތި ޚާއްޞަ މަސައްކަތްތަކުންނާއި ސިފައިންގެ ބައެއް އުޅަނދު ފަހަރުން ވެސް އެކަން ދައްކައިދެއެވެ. އާކިޓެކްޗަރުންނާއި އޮޓޯ މޮބައިލް އިންޖިނިއަރުންނާއި، މެރިން އިންޖިނިއަރުންނާއި ސައުންޑް އިންޖިނިއަރުންނާއި ވެލްޑަރުންނާއި މެޝިނިސްޓުންނާއި ބޯޓް ބިލްޑަރުންނާއި ފޮޓޯ ގްރާފަރުންނާއި ވީޑިއޯ ގްރާފަރުންނާއި ހިސްޓޯރިއަނުންނާއި ލިޔުންތެރިންނާއި ނޫސްވެރިންނާއި މިއުޒިޝަނުންނާއި ކޮމްޕޯސަރުންނާއި ލަވަކިޔުންތެރިންނާއި ބޭންޑްސްމަނުންނާއި މުމައްސިލާއިންނާއި ވަޑިންނާއި ފަހާ މީހުންނާއި ކައްކާ މީހުންނާއި ޑްރައިވަރުން ސިފައިންގޭގައި ޚިދުމަތްކުރަމުން ދެއެވެ. މީގެއިތުރުން އެތައް ދާއިރާއަކުން ހުނަރުވެރިކަމާއެކު ސިފައިން މަސައްކަތް ކުރާއިރު އެންމެ ގިނަ ބަޔަކު ތަމްރީނު ވެފައިވާ އެއް ދާއިރާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއެވެ. އިލެކްޓްރި އަދި އިލެކްޓްރޯނިކްސް އިކުއިޕްމަންޓް މަރާމާތުކޮށް، ޕްރޮގްރާމްތަކާއި ސޮފްޓްވެއާތަކާއި އެޕްލިކޭޝަންތައް އުފެއްދުމުގެ ޤާބިލުކަންހުރި އުފެއްދުންތެރި ހުނަރުވެރި ސިފައިންތަކެއް ވަނީ ބިނާކުރެވިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ޞިއްޙީ ޚިދުމަތުގެ ދާއިރާއަކީ ވެސް ވަރަށް ގިނަ ތަފާތު ފަންނުތަކުގެ ހުނަރުވެރިން ގިނަ ދާއިރާއެކެވެ. އަސްކަރީ ބާރުތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ޞިއްޙީ ޚިދުމަތްދިނުމުގެ އިތުރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން އާންމު ރައްޔިތުންނަށް ދެވޭ ތަފާތު ގިނަ ޚިދުމަތްތައް ދިނުމުގައި ވެސް ސިފައިން ދައުރު ފާހަގަކުރެވެއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ތަފާތު ޓެކްނިކަލް ދާއިރާތަކުގެ ހުނަރުވެރިންގެ ހުނަރުވެރިކަން ފާހަގަ ވެއެވެ.
ކުޅިވަރުގެ ރޮގުން ބަލާލިޔަސް ފެންނަނީ ސިފައިންގެ ހުނަރުވެރިކަމާއި ޤާބިލުކަމެވެ. ދިވެހިރާއްޖޭގެ ޤައުމީ ކަސްރަތު މުބާރާތް ޖެހިޖެހިގެން ސިފައިން ކާމިޔާބުކުރާތާ އެތައް އަހަރެކެވެ. ޤައުމީ ކުޅިވަރުތަކުން ސިފައިންގެ ވަކިވަކި ފަރުދުން އަތުގައި ހުރި ޤައުމީ ރެކޯޑްތައް ވަރަށް ގިނައެވެ. ކުޅިވަރުގެ ރޮނގުން ދިވެހި ސިފައިން ދިވެހި ޤައުމަށް ހޯދައިދީފައިވަނީ ފަޚުރުވެރިވުން ޙައްޤު ރީތި ނަންތަކެވެ.
ސިފައިންގެ މި ހުނަރުވެރިކަމާއި ޤާބިލުކަމުގެ ފަހަތުގައި އޮތް ސިއްރަކީ ސިފައިންގެ މީހެއްގެ ގޮތުގައި އެޅިގެންދާ ހަރުދަނާ ބިންގަލެވެ. ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ އަސާސީ ހުނަރުތަކާއި ޤާބިލިއްޔަތަށް ޒަމާނުއްސުރެ ވެސް ދެވޭ އިސްކަމެވެ. ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމާއި ކެތްތެރިކަމެވެ. ކަންތައްތަކާމެދު ސަމާލުކަންދިނުމުގެ ބާރާއި އަވަހަށް ނުވަތަ ކުއްލިއަކަށް ހަރަކާތްތެރިވުމުގެ ޤާބިލުކަމެވެ. ހީވާގިކަމާއި މުރާލިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމާއި ކިޔަމަންތެރިކަމާއި އަމުރާއި އިރުޝާދުތަކަށް އަވަހަށް ޢަމަލުކުރުމުގެ ޤާބިލުކަމެވެ. ޓީމެއްގައި އެހެން މީހުންނާއެކު ގުޅިގެން، ބައިވެރިވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަމެވެ. ކޮންމެ ފަދަ ހާލަތެއްގައި ވެސް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ހަމަޖެހިގެން ޒިންމާ އަދާކޮށް މިޝަން ފުރިހަމަކުރުމުގެ ޤާބިލުކަމެވެ.
ސިފައިންގެ މީހާ ޕްރޮފެޝަނަލް އަސްކަރީ ފަހުލަވާނަކަށް ބަދަލުވެގެންދަނީ ދެވޭ ޢިލްމާއި ހުނަރާއިއެކު އޭނާގެ ވިސްނުމާއި ފިކުރިއްޔާތަށް ގެނެވޭ ބަދަލުތަކަކުންނެވެ. ސިފައިންގެ ކޮންމެ ލެވެލެއްގެ މީހަކަށް ވެސް އޭނާގެ ލެވެލްގައި މަސައްކަތްކުރާނެ ގޮތުގެ ޢިލްމާއި ހުނަރު ލައިދެވެއެވެ. އަދި ވިސްނުމާއި ފިކުރާއި ކަންތައްތަކާމެދު ދެކޭގޮތް ރަނގަޅުކޮށް ތަރައްޤީކުރުމަށް ބާރުއަޅައި ފުރުސަތު ދެވެއެވެ. ތަޢުލީމާއި ތަމްރީނުގެތަކުގެ އިތުރުން ކައުންސެލިންގ އަދި މެންޓަރިން ނިޒާމުތަކާއި އިވެލުއޭޝަން ނިޒާމުތަކުގެ ތެރެއިންނެވެ. ސިފައިންގެ ކޮންމެ މީހަކަށް އޭނާގެ ރޭންކާ އެއްވަރަށް ލީޑަރޝިޕުގެ ހުނަރުތައް ލިއްބައިދެވެއެވެ. އަދި މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އުފުލުމުގެ ޤާބިލުކަން ލައިދީ އެކަން ކަށަވަރުކުރެވެއެވެ. މީގެ އިތުރުން ކޮންމެ މީހަކީ އޭނާގެ ޒިންމާ އެހެން މީހަކަށް އަދާކުރަން ނުޖެހޭނެ ފަރުދީގޮތުން އެ މީހަކު މަސައްކަތްކުރާ ފަންނަން ފުދުންތެރި މީހަކަށް ހެދެއެވެ. ސިފައިންގެ ކޮންމެ މީހަކީ ހެޔޮގޮތުގައި މުއާމަލާތްކުރާށާއި މުއާސަލާތުކުރަން ދަންނަ މީހަކަށް ހެދެއެވެ. ސިފައިންގެ ކޮންމެ މީހެއްގެ އެންމެ އަގުހުރި ރައުސްމާލަކީ އޭނާގެ އަސްކަރީ އަޚްލާޤެވެ. އަސްކަރީ އަޚްލާޤުގެ ތެރެއިން ކޮންމެ ސިފައިންގެ މީހަކީ ނަޒާހަތްތެރި މީހަކަށް ހެދުމަށް ބާރުއެޅެއެވެ. އަޚްލާޤާއި ސުލޫކާ މެދު ކުޑަކޮށް ވެސް ފަރުވާކުޑަކޮށްފިނަމަ އިދާރީ ލުއި ފިޔަވަޅުތަކުން ފެށިގެން ބޮޑެތި އަސްކަރީ އަދަބުތަކާ ހަމައަށް އަދަބުތައް ކަނޑައެޅި ތަންފީޒުކުރެވެމުންދެއެވެ. ސިފައިންގެ ހުނަރުވެރިކަން ދައްކައިދިނުމާއި ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓީމު ވޯކެވެ. ބައިބައިވުމާއި ޚިޔާލުތަފާތުވުންތައް ކުޑަކޮށް އެއް ވިސްނުމެއްގައި އެއް މިސްރާބަކަށް ސިފައިން ކުރާ ދަތުރު ކުރުމެވެ. އެކަކު އަނެކަކަށް އިޙްތިރާމުކޮށް އަޅާލައި އޯގާތެރި އަދި އިންސާނިއްޔަތުކަން ހުރި އަސްކަރީ ފަހުލަވާނެއްގެ ގޮތުގައި ކުރާ އިޚްލާޞްތެރި މަސައްކަތެވެ.