ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަހެވެ. ދިވެހިންގެ ދިރިއުޅުމުގައި ކޮންމެކަމަކާ ގުޅިފައިވާ ގަހެވެ. ސަރުކާރުގެ ފަރާތުން ދިވެހިރުކަކީ ދިވެހީންގެ ގައުމީ ގަސްކަމުގައި ރަސްމީކޮށް ހަމަޖެއްސެވީ 1985 ޖުލައި 25 ދުވަހު، އަޅުގަނޑުމެންގެ ހަނދާނުގައެވެ. އެހެންނަމަ ވެސް، އޭގެ މާކުރިން ވެސް ދިވެހިރުކަކީ ދިވެހިންގެ ގަހެވެ. ދިވެހިންގެ ދިރިއުޅުމާއި ހުރިހާގޮތަކުން ގުޅި ލާމެހިފައިވާ ގަހެވެ.
ދިވެހިރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައިވެ ދިވެހިންގެ ދިރިއުޅުމާއި ދިވެހިރުކާ ލާމެހި ގުޅިފައިވާ ގުޅުމުގެ މައްޗަށް ފަޚުރުވެރިވަމުން އަންނައިރު ދިވެހިރުއް ފުރަތަމަ ފެނުނު ތަނަކާމެދު ތަފާތުތަކެއް އެބަހުއްޓެވެ. ގިނަ ފަރާތްތަކަކުން ބުނަނީ ދިވެހިރުކުގެ ނެޓިވް ހިސާބަކީ ސައުތު އޭސިއާ ކަމުގައެވެ. އަނެއްބަޔަކު ބުނަނީ ދިވެހިރުކުގެ އޮރިޖިންއަކީ ސައުތު އެމެރިކާ ކަމުގައެވެ. ފޮސުލް ރެކޯޑްތަކުން ދައްކާގޮތުގައި 15 މިލިޔަން އަހަރުކުރީގައި ދިވެހިރުއް ކަހަލަ ކުޑަރުކެއް ނިވް ޒީލެންޑްގައި ހެދިފައިވާކަމަށްބުނެއެވެ. އަނެއްބަޔަކު ބުނަނީ އެއަށްވުރެ ދުވަސްވީ ފޮސުލް އިންޑިއާގެ ރާޖިސްތާނާއި ޓެމިލްނާޑޫ އަދި ކެރެލާއިން ފެނިފައިވާ ކަމަށެވެ. އަދި އެމީހުން ބުނަނީ ކެރެލާގެ މާނައަކީ “ލޭންޑް އޮފް ކޮކޮނަޓް” ކަމުގައެވެ.
މިހުރިހާ ދައުވާއެއް ހުރިހާ ފަރާތަކުން ދިވެހިރުކުގެ މިލްކުވެރިކަމާ މެދު އުފުލިގެންދާއިރު އަޅުގަނޑުމެން ދިވެހިން މި ބިމުގައި އުޅެންފެށި ދުވަހުންފެށިގެން ދިވެހިންގެ މައިގަނޑު ކެއުމާއި ބުއިމަކީ “ރޯދިކުރެއްވި އެއްޗަކާއި ދިވެހި ހަކުރު” ކަމުގައި އަންނަނީ ބުނަމުންނެވެ. މިއީ ބޯދާ ޒަމާނުއްސުރެ ބުނެއުޅޭ މަޖާޒީ ބުނުމެކެވެ. ދިވެހިހަކުރަކީ، ނޫނީ ދިވެހިރުކު ކުރިން ބާލާރާފޮދު މަޅުކޮށްގެން ހިލާ ހަކުރުކޮޅާއި ކާށިފޮއްޗަކީ އަބަދުވެސް ދިވެހިންގެ އަތްފޯރާފަށުގައި ﷲ ލައްވައި މިންވަރު ކުރައްވާފައިވާ ތަނަވަސް ނިޢުމަތަކަށް ވީތީ ޝުކުރުވެރިކަމާއެކު ބުނެއުޅޭ ބަހެކެވެ.
އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ދާދިފަހަކާ ޖެހެންދެން ރާއްޖެއިން ބޭރަށް އޮޅުދޫކަރައަށާއި ބަންގާޅަށް އަދި އުތުރުކަރައިގެ އައްސޭރި ހިސާބުގެ ރަށްތަކަށާއި އަސޭކަރައަށާއި ސީނު ކަރައަށް ގެންގޮސް ވިއްކާ ހަދާފައިވާ ވިޔަފާރި މުދަލަކީ ކާށްޓާއި ކުފުރާއާއި ބޮނބިނަރާއި ދިވެހި އަންހެނުން އަތުން ވަށާ ރޯނާއި ހިކިމަހާއި ދިވެހި ފަރުތަކުން ހިލާ ބޮއްޔެވެ. މިއީ، ދިވެހި ތާރީޚުންނާއި އަވައްޓެރި ގައުމުތަކުގެ ތާރީޚުން އެނގިފެނި ސާބިތުވާ ކަމެކެވެ.
ދިވެހިންގެ ތެރޭގައި އެންމެ އިހުޒަމާނުއްސުރެ ވެސް މާބޮޑު ޢިލްމީ ހޭލުންތެރިކަމެއް މިރޮނގުން ނެތުމުން ގަސްރުކުގެ ފޮސުލްތައް އެއްކުރެވި ރައްކާކުރެވިފައި ނުވާތާގައި މިޒަމާނުގައި ވެސް ދިވެހި ބިންތަކުގެ މާބޮޑު ޖިއޮލޮޖިކަލް ސާވޭއެއް ކުރެވިފައި ނެތުމުންނާއި ކުރެވުނު ސާވޭއެއް ވެސް ކުރެވިފައިވަނީ މިދެންނެވި ވިސްނުމުގައިކަމަށް ނުވާތީ، އިހުޒަމާނުގެ ފޮސުލްތައް ފެނިފައި ނެތުމުން އެމީހުން އެކުރާފަދަ ދިވެހިރުކުގެ މިލްކުވެރިކަމުގެ ދަޢުވާއެއްގެ އަޑު ދިވެހިންގެ މެދުން އަދިއުފުލިފައެއް ނުވެއެވެ. އެހެންނަމަ ވެސް މިދެންނެވީ ރާއްޖެއިން މައިގަނޑުގޮތެއްގައި ބޭރުކޮށްފައިވާކަން ތާރީޚީގޮތުން ސާބިތުކުރެވޭ ވިޔަފާރިގެ މުދަލުގެ އަލީގައި ބުނެވެންއޮތީ ދިވެހިރުކަކީ ދިވެހިންގެ މިލްކެއްކަމުގައެވެ. އެއީ، އެހެންބައެއްގެ މިލްކެއް ކަމުގައި ބުނެވޭކަށް ނެތެވެ. އަދި އެކަން ގަބޫލުކުރެވޭކަށް ވެސް ނެތެވެ. ދިވެހިރުއް އެންމެ ފުރަތަމަ އުފެދުނީ ވެސް ދިވެހި ބިމުގައެވެ. އެ ފަޚުރު އެހެންބަޔަކަށް ދެވޭކަށް ނެތެވެ. ދޭކަށް ނުވެސް ނެތީމެވެ. މިއީ މިއަދުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި، އިރާދަކުރެއްވިއްޔާ މާދަމައިން ސާބިތުކުރެވޭނެ ކަންކަމެވެ.
ކަދުރަކީ ޙިޖާޒުގެ އަހުލުވެރިންގެ އެއްޗެކެވެ. ހިޖާޒުކަރައިގެ ތަފާތު ހިސާބުތަކުގައި ކަދުރުގެ ވައްތަރުތައް ހައްދައިގެން ޙިޖާޒުތެރޭގައާއި ހިޖާޒުން ބޭރުގައި ވިއްކުމަކީ އެބައިމީހުންގެ ވިޔަފާރިއެކެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު ކަދުރު އިންދާ ހައްދައި ހިޖާޒަށް ކަދުރު ވިއްކާފައިވާ ވާހަކައެއް މީހަކު ޔޯލަކޮއްލާފައި ވެސް ނުވަތަ މިސާލީ ބަހެއްގޮތުން ވެސް ބުނާތީ ހަމައެކަކު ވެސް އަހާފައެއް ނުވެއެވެ. ހައްތާ ވެސް މިސާލުޖަހާތީ ފެންނަނީ ނުވަތަ އިވެނީ ބަޞަރާއަށް ކަދުރު ވިއްކާވާހަކައެވެ.
ދިވެހިރުކަކީ ޕާމް ފެމެލީގެ ގަހެކެވެ. ދިވެހިރުކަކީ 30 މީޓަރަށް ދިގުވާ ރުކެކެވެ. ފަނެއްގެ ދިގުމިނަކީ 6 – 4 މީޓަރެވެ. ފަންވަތެއްގެ ދިގުމިނަކީ 90 – 60 ސެންޓި މީޓަރެވެ. ފަން ދޮންވެންގެން ވެއްޓުމަކުން ރުކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބެއެވެ. ކާށްޓަކީ މި ރުކުގައި އަޅާ މޭވާގެ ނަމެވެ.
ރުއްހެދެނީ ޓްރޮޕިކަލް ރީޖަންގައެވެ. ރުއް ޒީނަތްތެރިކަމަށާއި ކެއުމަށާއި އަދި އެނޫން ބޭނުންތަކުގައި ވެސް ހައްދާ އުޅެއެވެ. ޖުމްލަކޮށް ބުނަނީނަމަ ދިވެހި ރުކުގެ ކޮންމެ ބަޔަކީ ވެސް އިންސާނުންނަށް އެއިން ކޮންމެވެސް ބޭނުމެއް ހިފޭ ބައެކެވެ.
ޓްރޮޕިކަލް ރީޖަންގައި ފުޅާދާއިރާއެއްގައި ދިވެހިރުއް ހެދިފައި ވެއެވެ. ދިވެހިރުކުގެ މޭވާ އަކީ ފެނުބާރުހިފައި މޫދަށް ވެއްޓުމުން ކަނޑުގައި އަޅާ އޮއިވަރާއެކު ވަރަށް ދުރަށް ގެންދާއެއްޗެކެވެ. އުތުރަށްގޮސް ނޯވޭ އާއި ހަމައިން ވެސް ކާށި އޮޔާދަނިކޮށް ދަތުރުވެރިންނަށް ފެނިފައި އެބަހުއްޓެވެ. މިފަދަ ކާށި އިންދުމުން ނުވަތަ އައްސޭރިފަށަށް އޮޔާގޮސް ލެއްގުމުން އެ މާހައުލަކާއި ގުޅެނީނަމަ ރުއްފަޅައި ހެދިފައި އެބަހުއްޓެވެ. ހަވާއީގެ ރަށްތަކުގައި ކާށްޓަކީ ހަވާއީ އައިލެންޑާއި ނިއުޒީލެންޑާއި އަދި އީސްޓަރ އައިލެންޑް ގުޅުވައިދޭ ތިނެސްކަނުގެ ތެރޭގައިވާ ޖަޒީރާތަކުގެ މީހުން (ޕޮލިނޭސިއަން) ތައާރަފުކުރި އެއްޗެކެވެ. ފުރަތަމަ މި މޭވާ ހަވާއީއަށް ގެނައީ ސައުތު ޕެސިފިކުގެ ޖަޒީރާތަކަށް ދަތުރުކޮށް އުޅުނު ކުރީޒަމާނުގެ ޕޮލިނޭސިއަންގެ ދަތުރުވެރިންކަމަށް އެމީހުން ބުނެއެވެ. މިހާރު މި މޭވާ އުތުރުން 26 ޑިގްރީ ފެށިގެން ގޮސް ދެކުނުން 26 ޑިގްރީއާ ދެމެދު ހުރިހާ ތަން ތަނެއްގައި ވެސް ވެއެވެ.
ރުކުގެ މަލުގެ ތެރޭގައި (އެތުގައި) ދެ ޖިންސްގެ މާ ވެއެވެ. މެދުކެޑުމެއްނެތި އެތުމާފޮޅެއެވެ. ރުކުގައި ވައް ޖަހަނީ އަންހެން މަލުން ނެވެ. ގަބޫލުކުރެވޭ ގޮތުގައި ދިވެހިރުކަކީ ފުޅާދާއިރާއެއްގައި ކްރޮސް ޕޮލިނޭޓެޑް ވާވައްތަރެކެވެ.
ދިވެހިރުކަކީ ކަޅުފަހާ ލޮނުފެނުގައި ވެސް ރަނގަޅަށް ހެދުމުގެ ގާބިލުކަން ލިބިގެންވާ ގަހެކެވެ. ރުއް އެންމެ ރަނގަޅަށް ހެދެނީ އާންމުކޮށް އަހަރަކު 250 ސީއެމް އިން 150 ސީއެމް އާއި ދެމެދު ވާރޭވެހޭ އަދި ގަދައަށް އަވިދޭ ތަންތަނުގައެވެ. ޓްރޮޕިކަލްގެ ރަށްތަކުގެ ގޮޑުދޮށްތަކުގައި ފަސޭހަކަމާއެކު ދިވެހިރުއް ހެދެއެވެ. ދިވެހިރުއް ހެދެނީ ހިއުމިޑިޓީ މަތީ ތަންތަނުގައެވެ. ދިވެހިރުއް ރަނގަޅަށް ހެދުމަށް މާހައުލުގައި %80 70 + ހިއުމިޑިޓީ ބޭނުންވެއެވެ. އާންމުގޮތެއްގައި ޓެމްޕަރޭޗަރ ް24 ސެންޓިގުރޭޓަށްވުރެ މަތީގައި ހުންނަ މެޑްޓްރޭނިއަންގެ ގައުމުތައްފަދަ ގައުމުތަކުގައި ވެސް ހިއުމިޑިޓީ ދަށް ވުމުން ދިވެހިރުއް ހެދޭލެއް ދެރަކަން ފާހަގަކުރެވެއެވެ.
ދިވެހިރުކަކީ ރަނގަޅަށް ހެދުމައް ޓަކައި ހޫނު މާހައުލެއް ބޭނުންވާ ގަހެކެވެ. އަދި ގަދަ ފިންޏަށް ކެތް ނުކުރެވޭ ގަހެކެވެ. އެންމެ ރަނގަޅަށް ދިވެހިރުއް ހެދެނީ އަހަރު ދުވަހަކަށް ބަލާއިރު ޓެމްޕަރޭޗަރ 27 ޑިގްރީ ސެލްސިއަސް، އަދި 21 ޑިގްރީ ސެލްސިއަސް ހުންނަ ތަންތަނުގައެވެ. ދިވެހިރުކަކީ މޫސުމީ ބައެއް ބަދަލަށް ކެއްކުރާ ގަހެކެވެ. ރަނގަޅަށް ހެދުމުގައި ހޫނު މޫސުމުގެ ހޫނުކަން 12-4 ޑިގްރީ ސެލްސިއަސްއާއި 27 – 37 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ނުދާ އަދި ފިނި މޫސުމުގެ ފިނިކަން 12-4 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށަށް ނުދާ ތަންތަނުގައި ދިވެހިރުއް ހެދެއެވެ. ކުޑަ ދުވަސްކޮޅަކަށް 0 ޑިގްރީ ސެލްސިއަސްއަށް ޓެމްޕަރޭޗަރ ދަށަށް ދިޔަޔަސް ދިވެހިރުއް ހެދެއެވެ. މާގަދައަށް ފިނިވެއްޖެނަމަ އާންމުކޮށް ދިވެހިރުއް މަރުވާނެއެވެ. ބައެއްފަހަރު ޓެމްޕަރޭޗަރ -4 ޑިގްރީ ސެލްސިއަސްއަށް ދަށަށް ދިޔަޔަސް ރުއް މަރުނުވެ ސަލާމަތްވެއެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ގޮތުން ބަލާއިރު ދިވެހިރުއް ހެދުމަށް އެންމެ ރަނގަޅު މާހައުލެއް ލިބިފައިވާ ގައުމެވެ. ދިވެހިރާއްޖޭގެ ޓެމްޕަރޭޗަރ ބަދަލުވަމުންދަނީ 34-24 ޑިގްރީ ސެލްސިއަސްއާ ދެެމެދުގައެވެ. އަހަރު ދުވަހުގެ ތެރޭގައި 6 މަސްދުވަހު އަވި ދޭއިރު 6 މަސް ދުވަހު ވިއްސާރަވެހެވެ.