ކޮންމެ ޤައުމެއްގައި ވެސް ސިފައިންނަކީ، އެ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް އަމާންކަމާއި ސުލްޙަ މަސްލަޙަތު އިސްކޮށްގެން ކަންތައް ކުރަން ތިބޭ ބާރެއްގެ މީހުންނެވެ. ސިފައިންގެ އެންމެ އިސް ވާޖިބަކީ ބޭރުގެ ދުޝްމަނުގެ ޢުދުވާނުން ޤައުމު ސަލާމަތް ކުރުމެވެ. ބުނެލަން ވަރަށް ފަސޭހައެވެ. އެކަމަކު މީހަކު ހަރުދަނާ ސިފައިންގެ މީހަކަށް ހެދޭނީ ހާދަހައި ގިނަ ތަމްރީނުތަކާއި ހުނަރުތަކެއް އުނގަނައިދީގެންނެވެ.
މި މަޒުމޫނު ފަށައިގަތުމަށް މި ލިޔެލި ތަޢާރަފަށް ފަހު، ސިފައިންގެ އަހަރީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ސިފައިންގެ ޢަސްކަރިއްޔާއަށް ރައްދުކުރުމަށް އަވަސްވެގަންނަމެވެ. ޤައުމަށް ޓަކައި ދިވެހިރާއްޖޭގެ ސިފައިން ކޮށްދޭ ޚިދުމަތްތަކަށް ރައްދުކުރަންޖެހެނީ ޝުކުރާއި ތަޢުރީފެވެ.
ދިވެހިރާއްޖޭގެ ސިފައިން އެހެން ޤައުމުތަކުގެ ސިފައިންނާ ތަފާތުކަމަށް އަޅުގަނޑު ދެކެމެވެ. ތަބީޢީ ގޮތުން ރާއްޖެ އުފެދިފައިވަނީ ވެސް ތަފާތުތަކެއް ބަހައްޓަންޖެހޭ ފަދަ ގޮތަކަށެވެ. ކުރިމަތިވާ ޤުދުރަތީ ކާރިސާތަކާއި މީހުންގެ ޢަމަލުތައް ހުންނަ ގޮތުން ދިމާވާ ބޮޑެތި ޙާދިސާތައް ޙައްލުކޮށްދިނުމަށް ސިފައިން އުފުލާ ބުރައާއި މަސައްކަތުގައި ބަހައްޓާ ހިތްވަރަކީ ތަރީފު ޙައްޤު ކަންކަމެވެ.
ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ހިކިފަސްތަނަށްވުރެ ބޮޑީ ކަނޑެވެ. އެހެންވީމާ، ދިވެހިރާއްޖޭގެ ސިފައިންގެ ކޮންމެ މީހަކީ ފަތަން ދަންނަ މީހަކަށް ވާންޖެހެއެވެ. ޑައިވުކުރުމުގެ ހުނަރު ހޯދައިފައިވާ މީހަކަށް ވާންޖެހެއެވެ.
އެހެންވީމާ، ދިވެހި ސިފައިންނަށް ބޭނުންވާ ޚާއްޞަ ހުނަރުތައް ދަސްކޮށްދޭންޖެހެއެވެ. ސައިބަރ ކުރައިމަކީ ކޮބައިކަމާއި ބޭންކު ފުރޯޑުގެ ކުށް ދެނެގަންނާނެ ހުނަރު ހުންނާންޖެހެއެވެ. އެއްގަމުގައި ހަލުވި ކަނޑަށް ފަރިތަ މީހުން ކަމުގައި ވާންޖެހެއެވެ.
މި ޒަމާނުގެ ޓެރަރިސްޓުން ބޭނުންކުރާ އުކުޅުތަކާއި އެފަދަ ފަރާތްތަކުން ގެންގުޅޭ އައު ހަތިޔާރުތައް އެނގި ދަސްކުރާންޖެހެއެވެ.
ކަނޑުފޭރޭ މީހުންގެ އުނދަގޫތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ހަދަންޖެހެއެވެ. އެހެން ޤައުމުތަކުގެ ސިފައިން ވެސް އައު ހަތިޔާރުތަކަށް ފަރިތަކުރުވާ ފަދައިން ދިވެހި ސިފައިން ވެސް އަލަށް ނިކުންނަ ހަތިޔާރުގެ ވައްތަރުތަކަށް ލޯހުޅުވައިދޭންޖެހެއެވެ.
ޤާނޫނާ ޚިލާފު ޢަމަލުތައް ކުރާ ފަރާތްތަކުން މިހާރު ބޭނުންކުރަނީ އައު އުކުޅުތަކެވެ. އެ އުކުޅުތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ސިފައިން ވާންޖެހެއެވެ.
ޕޮލިސް އެކެޑަމީއެއް މިހާރުވަނީ އުފެދިފައެވެ. ހަމަ އެގޮތަށް މިލިޓަރީ އެކެޑަމީއެއް އުފެދި ދާއިމި ގޮތެއްގައި ތަމްރީންތައް ކުރިއަށް ގެންދާންޖެހެއެވެ.
ދިވެހި ސިފައިންނަކީ، ދުނިޔެއަށް އަލަށް ތަޢާރަފުވާ ހަތިޔާރުގެ ބާވަތްތަކަށް ބީރައްޓެހި ނޫން ބަޔަކަށް ވާންޖެހެއެވެ.
ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނާއި ކޯސްޓުގާރޑާއެކު، ބަދަހިގުޅުމެއް އުފައްދައިފައިވާ ބަޔަކަށް ދިވެހި އަސްކަރިއްޔާ ވާންޖެހޭނެއެވެ. ސިފައިންގެ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތް ކުއްލި ޙާލަތެއްގައި ރައްޔިތުންނަށް ދެވޭނެ ރޭވުމެއް އޮންނާންޖެހެއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ސިފައިން މިހާރު ތައްޔާރުވާންޖެހޭނީ ކުއްލި ޙާލަތަކަށް ކުރިމަތިލާށެވެ. އެފަދަ ހުނަރާއި ތަމްރީނު ސިފައިންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.