މިއަދު ކިތަންމެ ދަތި އުނދަގުލެއް ދިރިއުޅުމުގައި އެބަ ހުއްޓެވެ. ބޭނުންވާ ވަކި ކަމެއް ވަކި ގޮތަކަށް އަބަދުމެ ދަމަހައްޓަން  ކިތަންމެ ބޭނުންވިކަމުގައި ވީނަމަވެސް އެކަން އެހެން ދެމެހެއްޓުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުވާ ކަމެކެވެ. މިއީ މިއަދު އަޅުގަނޑުގެ ހާލަތެވެ. މި ހާލަތުގައި ތިބި އެތައް ބަޔަކު ތިބެދާނެއެވެ.

މި އަހަރު ފެށުމުން އަޒުމް ކަނޑައެޅީ ކޮންމެ ހަފުތާއެއްގައި ވެސް އައްޑަނައަށް ލިޔުމެއް ތައްޔާރުކުރުމަށެވެ. އެންމެ ފަހުން އައްޑަނައަށް އަޅުގަނޑު ލިޔުނީ މީގެ  ތިނެއް ނުވަތަ ހަތަރު އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ލިޔަން ފެށުނުއިރު ވެސް ހަމަ ޢަޒުމް ކަނޑައެޅީ މި އަހަރު ވެސް އެ ޢަޒުމް ކަނޑައެޅި ގޮތަށެވެ. އެކަމަކު އެކަން އެހެން ކުރުމަށް އެތައް ހުރަސްތަކެއް ދިމާވީއެވެ. ހުރަސްތަކާއެކު އެކަން ކުރަން އިތުރު ހިތްވަރެއް ނުލެވި ދިޔައީއެވެ. ދިރިއުޅުމުގައި ކަންކަން ދިމާވަނީ މިކަހަލަ ގޮތަކަށް ނޫން ހެއްޔެވެ؟

ކޮންމެ ކަމެއްގައި ވެސް ހިތްވަރު ނެތުން

މިއަދަކީ ވެސް ހަމަ އެ އިހުސާސްތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ލިޔަން ފެށުމުން ލިޔާހިތް ކެނޑިއްޖެއެވެ. މިއަދު އެހެން ދުވަސްތަކާ އެއްގޮތަށް މަސައްކަތްކުރާ ހިތް ވެސް ނުވީއެވެ. މިއަދު މާ ރަނގަޅު ޚިޔާލުތަކެއް ވެރިކުރުވާ ދުވަހަކަށް ވެސް ނުވީއެވެ. މަސައްކަތް އިތުރަށް ރަނގަޅު ކުރެވޭނެ އިތުރު މަގެއް ވެސް ސިކުނޑިއަށް ނާންނަ ދުވަހަކީއެވެ. މިއަދު ހަމަ އެއްވެސް ކަމެއްގައި ހިތްވަރެއް ލާ މަސައްކަތެއް ކޮށްލާ ހިތް ނެތީއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އިންސާނާ ކުރިއަށް ދާން ބޭނުންވާ މަގު ކޮށަމުންދާއިރު ކުރިމަތިވަމުންދާ ހުރަސްތަކާ ކުރިމަތިލާން ނުކެރުމަކީ ނުވަތަ އެކަމާ ކުރިމަތިލާން ހިތްވަރު ނުލިބުމަކީ އިންސާނާ އެންމެ ބޮޑަށް ނާކާމިޔާބު ވާ ސަބަބެވެ. މި ކަމަކީ ހަމަ ކުޑަކުޑަ މަސައްކަތަކަށް ނުވަތަ އަނގައިން ބޭރުކޮށްލަންޖެހޭ ލަފުޒުތަކަކަށް ވެސް ވުން ގާތެވެ. އެހެނަސް އެ ކުޑަކުޑަ މަސައްކަތް ނުވަަތަ އެ ލަފުޒު އަނގައިން ބޭރުނުވާ ހިނދެއްގައި ކާމިޔާބު ވާނީ ކިހިނެއް ހެއްޔެވެ. ހިތާއި ސިކުނޑިން ރަނގަޅަށް ވިސްނައި، އަމަލާއި ބަހުން ކަންކަން ކުރަން ޖެހޭނީ މިހެންވެއެވެ.

ސިކުނޑިއަކީ ޚިޔާލުގެ އިންޖީނެއް

ސިކުނޑިއަށް އަންނަ ކޮންމެ ޚިޔާލަކީ އެއަށް އަމަލުކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ އަމުރެއް ނޫނެވެ. މިސާލަކަށް މި ވަގުތު އަޅުގަނޑުގެ ސިކުނޑި ބުނަމުން ދަނީ ވަރުބަލިވެއްޖެ ކަމެވެ. މާނައަކީ މި ލިޔަން އިން އާޓިކަލް ހުއްޓާލުމަށް ސިކުނޑިން ޚިޔާލުދެނީއެވެ. ފަސޭހަމަގެއް ޚިޔާރުކުރުމަށް މަގުދައްކަނީއެވެ. ދެން އިރުކޮޅަކަށް މަޑުކޮށްލުމަށްފަހު އިތުރު ޚިޔާލެއް އަނެއްކާ ސިކުނޑިއަށް ވެރިކުރުވައިފިއެވެ. ހަމަ އެ ސިކުނޑިން މިފަހަރު ބުނަމުން ދަނީ އެހެން ވާހަކައެކެވެ. މި ލިޔުން ނިންމާލައިފިނަމަ ލިބޭނެ ހިތްހަމަޖެހުމެވެ. ކުރިން އަހަރު ފެށުނުއިރު އަޒުމު ކަނޑައަޅައިގެން ހުރި ކަމެއް ހާސިލުކުރުމަށް އެއް ފިޔަވަޅު ކުރިއަށް އެޅިއްޖެކަން ޔަޤީންވާ ހިސާބުން ލިބޭނެ ހިތްހަމަޖެހުމެވެ. ހަނދާނުގައި ބަހައްޓަން ވީ ހަމައެންމެ ކަމެކެވެ. މިހެން ސިކުނޑީގެ އިންޖީނު ނިއްވައިނުލައި ހުންނަ ހުރިހާ ވަގުތަކީ ވެސް މި ފަދައިން ޚިޔާލު ލިބެމުން އަންނާނެ ވަގުތުތަކެވެ. މިއީ ހަމަ ހުރި ފުރުސަތުތަކާއި ގިނަ ޚިޔާލުތަކެވެ. މިތަނުން ބޭނުން ގޮތެއް ނުވަތަ ފައިދާ ހުރި ގޮތް ޚިޔާރުކުރުމަކީ އެ މީހެއްގެ އަމިއްލަ ނަފުސުން ކުރާ ކަމެކެވެ.

ރަނގަޅު މަސައްކަތެއް ކުރެވިއްޖެކަން އެނގުމުން އެކަމާ ފަހުން ދެރަވާނެ ހެއްޔެވެ؟

މަޝްހޫރު އިނގިރޭސި ބަސްކޮޅެއްގެ ތަރުޖަމާގައި ވެއެވެ. “އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަކީ ދިރިއުޅުމުގައި ބުރަ މަސައްކަތްކުރާނެ ފުރުސަތު ފަހިވެފައި އޮތުމެވެ. އަދި އެ ބުރަ މަސައްކަތްކޮށްގެން ލިބޭ ނަތީޖާ ފޮނިވާނެކަން އެނގުމެވެ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ހަށިގަނޑު އެންމެ ރީތިކޮށް ބަހައްޓާށެވެ. އަތްފައި ވަރުގަދަ ވާށެވެ. އެހެން ނަމަވެސް އެކަން ހާސިލުކުރުމަށް ޓަކައި ދުވަހަކުން މިނެޓެއް ވެސް އެކަމަށް ދޭން ފަސްޖެހެނީ އެވަގުތު އެހެން ދީފި ކަމުގައި ވީނަމަ އެކަމުން ނަތީޖާ ވެސް ފެންނާނެކަން އެނގި ތިބެއެއް ނޫންހެއްޔެވެ؟

މިއީ ދިރިއުޅުމެވެ.

މިއީ ދިރިއުޅުމެވެ. މި ކަންކަން ބެލެންސް ކުރަން މިއީ މިހާރު ކުރަން ޖެހިއްޖެ ކަމެކެވެ. މިއަދު ކުރާ މަސައްކަތަކީ މާދަމާ އެކަމާމެދު ފަޚުރުވެރިވާނެ ކަމެއް ކަމުގައި ދެކެން ވީއެވެ. ބޭނުންވާ މިސްރާބަށް ދަރުރުކުރުމަށް މަގު ކޮށަން ވީއެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ ވާހަކަކޮޅަކުން ފެނުނެވެ. “ނާކާމިޔާބީއަށް ބިރު ނުގަންނާށެވެ. އެކަމުން ދޭހަކޮށްދެނީ ތިބާއަކީ އިންސާނެއް ކަމެވެ. މި ހަޔާތުގައި ހިނގާ ކޮންމެ ކަމަކީ އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަމެވެ. އެހެންކަމުން ނާކާމިޔާބީން ދަސްކޮށްދެނީ ކުރިއަރައި ރަނގަޅު ވާން ޖާގަ އޮތްކަމެވެ. ހަނދާނުގައި ބަހައްޓަންވީ ތިމާއަށް ހެދޭ ގޯސްތަކަކީ ތިމާ ސިފަކޮށްދޭ ކަންކަމެއް ނޫނެވެ. ޙަޤީޤަތުގައި އެއީ ތިބާއަށް ލިބޭ ފިލާވަޅުތަކެވެ.”

މިއަދު އަޅުގަނޑު މި ކުރާކަމަކީ ހިތްވަރު ނެތިގެންދާ ވަގުތުތަކުގައި އަމިއްލަ ނަފުސަށް އެ ހިތްވަރު ހުރިކަން ދައްކައިދިނުމެވެ. މިހާރަށްވުރެ ފުރިހައަށް މަސައްކަތް ކުރެވޭނެކަން ދައްކައި ދިނުމެވެ. ރަނގަޅެވެ. އަމިއްލަ ނަފުސާ މެދު ސުވާލުކުރެވޭ ކިތަންމެ ފަހަރެއް އަންނާނެއެވެ. އެހެންނަމަވެސް އަޅުގަނޑުގެ ވަޒީފާއަކީ އަޅުގަނޑަކީ ކިހާ ފުރިހަމަ ނުވަތަ ކިހާ ގޯސް މީހެއްތޯ ބެލުމެއް ނޫނެވެ. އަޅުގަނޑުގެ މަސައްކަތަކީ އެ ކުރާ ކަމެއްގައި އެންމެ ފުރިހަމައަށް މަސައްކަތްކުރުމެވެ. ބާކީ ދެން ދުނިޔެ އާ ހަވާލެވެ.

ޝެއަރކުރެއްވުމަށް