މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1970 ވަނަ އަހަރު އެޕުރީލު މަހުގެ 06 ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި އަސްކަރިއްޔާގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ޚިދުމަތް ކުރެއްވިއެވެ. މި ދިގު ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ސާރވިސް ނަންބަރު 214، މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް އާންމުކޮށް މުޚާޠަބު ކުރެވެނީ “ދޮންއެނބޫ ޅަހުއްތު” ގެ ނަމުންނެވެ. އަޅުގަނޑުމެން ޢުމުރުގެ ގިނަ ސިފައިންނަށް އެއީ “އެނބޫ ސަރ” އެވެ.
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަކީ އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ސީނިއަރ އޮފިސަރެކެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާރޖެންޓްކަމާއި، ސްޓާފް ސާރޖެންޓް ކަމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމައި ވޮރަންޓް އޮފިސަރ ގްރޭޑް1 ގެ މަޤާމު ފުރުއްވިއެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނެންޓްކަމާއި، ފަސްޓް ލެފްޓިނެންޓްކަމާއި، ކެޕްޓަންކަމާއި، މޭޖަރކަމުގެ މަޤާމު ފުރުއްވިއެވެ. ދިވެހި އަސްކަރީ ޚިދުމަތުގައި ގިނަ ދުވަހު ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވި ނަމަވެސް އަސްކަރިއްޔާގައި ޢުމުރާނީ ތަރައްޤީގެ ދާއިރާއިން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ރާޑަރ ސްޓޭޝަންތައް ޤާއިމުކުރުމަށް ކުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ.
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަކީ ސިފައިންގެ ލެވެލްގައި ކުރެވިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވާފައިވާ ލީޑަރެކެވެ. މިގޮތުން ޖީއެމްޑީއެސްއެސް (މިހާރުގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ) އާއި ވިލިމާލެ ފަޔަރ ސްޓޭޝަން ހިންގާ ޢިމާރާތް ހެދުމުގައި އިސް މޭސްތިރިއެއްގެ ގޮތުންނާއި ޢަމަލީގޮތުން ކުރެއްވި މަސައްކަތަކީ ވަރަށް އަގުހުރި މަސައްކަތްތަކެކެވެ. މިއީ މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު އިސްކޮށް ހުންނަވައިގެން ދިވެހި ސިފައިންގެ ބުރަ މަސައްކަތުން ޢިމާރާތްކުރި ޢިމާރާތެކެވެ. އަދި ކޯސްޓްގާޑް ބިލްޑިންގގެ 5 ވަނަ ފަންގިފިލާގައި އޮފީހެއް ހެދުމަށް ކުރެވުނު މަސައްކަތާއި، ހއ. އުލިގަމު ރާޑަރ ސްޓޭޝަން ޢިމާރާތް ކުރުމުގައި ކުރައްވާފައިވާ މަސައްކަތާއި، އައްޑު އަތޮޅު ރާޑަރ ސްޓޭޝަންގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތާއި، ކ. ތިލަފުށީގައި ޢިމާރާތްކުރެވުނު ވެހިކަލް ގަރާޖުގެ މަސައްކަތާއި، ހއ. އުލިގަމުގައި 2 ކޮޓަރީގެ ވީއައިޕީ ޢިމާރާތެއް ހެދުމަށް ކުރެވުނު މަސައްކަތާއި، ލ. ހިތަދޫގައި ޢިމާރާތްކުރި ރާޑަރ ސްޓޭޝަންގެ މަސައްކަތާއި، ޗާނދަނީމަގުގައި ހުރި އެސްއީކޭ ފިހާރަ އިމާރާތް ކުރުމުގައާއި މަޖީދީ މަގުގައިހުރި އެސްއީކޭ ފިހާރަ އިމާރާތް ކުރުމުގެ މަސައްކަތުގައި ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތްތައް ފާހަގަ ކުރެވެއެވެ.
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ކުރެއްވި ޚިދުމަތެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ޑިފެންސް މިނިސްޓަރުގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހީމުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަތިޔާރާއެކު ހަރަކާތްތެރިވެވަޑައިގެންނެވި ޖެހިލުންކުޑަ ހިތްވަރުގަދަ ގޮތެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ހުންނެވީ ކޯޕްރަލް ރޭންކުގައެވެ. އެ ރޭ ދިމާވީ މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރުގެ ގޭ ރެއާއެވެ. އެހެންވުމުން އެ ހާދިސާ ކުރިމަތިވިއިރު ހުންނެވީ ގޭގައެވެ. އެކަމަކު ހަމަލާދޭން ފެށުމާއެކު ގޭގައި ނުހުންނަވައި މާލެ ތެރޭގައި ހަރަކާތްތެރިވި ސިފައިންނާއެކު ހަރަކާތެރިވެވަޑައިގަތެވެ.
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް ޑިފެންސް މިނިސްޓަރގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހިމް މ.ގައްދަޑުގޭގައި އޮންނެވިކަން އެނގިވަޑައިގަތުމުން އެގެއަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވިއެވެ. އަދި ކުރަންވީ ކޮން ކަމެއްތޯ ސުވާލުކުރެއްވިއެވެ. މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް ރައީސުލްޖުމްހޫރިއްޔާ ޙިމާޔަތްކޮށް އެ މަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މ.ހުދުއަސުރުމާގެއަށް ދިއުމަށް އިލްޔާސް އިބްރާހިމް އެންގެވި އެވެ. ހުދުއަސުރުމާގެއަށް ދާއިރު ދެ ބަޑިއާއި ދެ ބަޑީގެ ވަޒަން ގެންދިއުމަށް ވިދާޅުވިއެވެ. ހުދުއަސުރުމާގެއަށް ގެންދިއުމަށްޓަކައި ކާލްބަޑިއަކާއި އެސްއެމްޖީއެއް ގޯންޏަކަށްލައި، އެ ގޯންޏަށް ހުއިގަސްއަޅާ ގޯނީގައި ބަޑިތައް ހުންނައިރު ބޭރުން އެއީ ކޮންއެއްޗެއްކަން ނޭނގޭގޮތް ހެއްދެވިއެވެ. އަދި ވަޒަންތައް ތުވާއްޔަކަށް އަޅައި އުނަގަނޑުމަތީގައި ބަނދެލެއްވިއެވެ. މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރާއެކު ހަތިޔާރުގޯނި ހިފައިގެން ފައިމަގުގައި ހިނގާފައި ހުދުއަސުރުމާގެއަށް ދުރުވީ އާންމުންގެ ބޭކަލެއްކަމަށްވާ މ.އަސަރީހަނދާން މުޙައްމަދު ސަމީރެވެ. އެ ވަގުތަކީ މާލެ ތެރޭގައި ދުޝްމަނުން ހަތިޔާރާއެކު ހަރަކާތްތެރި ވަމުންދިޔަ ވަގުތެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ މ.ގުލިސްތާނުގޭގައިކަން މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް އެނގިވަޑައިގަތީ ހުދުއަސުރުމާގެއަށް ވަޑައިގަތުމުންނެވެ. އެ ބޭފުޅުންނަށް ގުލިސްތާނުގެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުދުއަސުރުމާގޭ ތެރެއިން ހަރުގަނޑަކުން ފާރުމައްޗަށް އަރުއްވައިގެން ފުރާޅުމަތިންލާފައެވެ.
ގުލިސްތާނުގެއަށް ވަދެވަޑައިގެންނެވުނު ވަގުތުން ފެށިގެން ގުލިސްތާނުގޭ ކުރިމަތިން ބޭރު ފެންނަގޮތަށް ހުރި އާނގައެއްކައިރީގައި އަލަމާރިއެއް ބަހައްޓަވައިގެން މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ގެންދެވީ ބަޑި ހިއްޕަވައިގެން ފޯރި މަރަމުންނެވެ. ދުޝްމަނުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ހަނގުރާމަ ކުރެއްވުމުގެ ޢަޒުމުގައި ސާބިތުވެ ހުންނަވައިގެންނެވެ. އިންޑިއާ ސިފައިންނާއެކު ރައީސުލްޖުމްހޫރިއްޔާ ގުލިސްތާނުގެއިން ސިފައިންގެ މައި މަރުކަޒަށް ވަޑައިގަންނަވަންދެން މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ހުންނެވީ އެ މުހިންމު ޑިއުޓީގައެވެ.
ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވެވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާންގެ ގޮތުގައި 08 ކުލައާއި 08 މެޑެލި ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލިތަކުގެ ތެރޭގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާސްތެރި ޚިދުމަތު މެޑެލި، ރައީސުލްޖުމުހޫރިއްޔާގެ މެޑެލި، ސައްތައިގެ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، އަދި ހުރަވީ ރިހި މެޑެލި ހިމެނެއެވެ. ހާސިލުކުރެއްވި ކުލަތަކުގެ ތެރޭގައި ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމުހޫރިއްޔާގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާސްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ 3 ފަހަރު ހާސިލުކުރެއްވުން ފާހަގަކުރެވެއެވެ.
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން ޚިދުމަތުގެ އަގުވަޒަން ކުރުމުގެގޮތުން ވެސް ދިވެހި އަސްކަރިއްޔާއިން ދެއްވާ ތަފާތު ގިނަ ލިޔުންތައް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި އަސްކަރިއްޔާގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ ސާފު ރެކޯޑަކާއެކުގައެވެ. އަޚުލާޤީ ރިވެތި މިސާލުތައް ދައްކަވަމުންނެވެ. މަސައްކަތުގެ އަޚްލާޤާއި ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރިކަން ސާބިތުކޮށްދެއްވަމުންނެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ފެނިގެންދިޔައީ ދީނަށް ލޯބިކުރެއްވުމާއެކު އެ މަޑުމައިތިރި ހިމޭން ދިރިއުޅުމުގައި މުރާލިކަމާއެކު ކުރިއަށް ވަޑައިގެންނެވިތަނެވެ. ޚިދުމަތުގެ ދިގު މުއްދަތުގައި ޢާއިލާއަށް ނުދެއްވުނު ވަގުތު ޢާއިލާއަށް ހުސްކޮށްދެއްވިތަނެވެ.
ޢުމުރާގެ މަތިވެރި އަޅުކަމުން އެނބުރި މާލެ ވަޑައިގެންނެވި ތަނުން ނިއުމޯނިއާގެ އާލާސްކަންފުޅެއްގައި މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު އަވަހާރަވީ އުމުރުފުޅުން 71 އަހަރުގައި، 27 މާރިޗު 2023 ގައެވެ. ފަސްދާނުލެވުނީ މާލޭ އާސަހަރާގައެވެ. މި ޤައުމީ ޚިދުމަތްތެރިޔާގެ ޚިދުމަތުގައި ބަރަކާތްލައްވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް މިންވަރު ކުރައްވާށިއެވެ.