ސިފައިންގެ ފުޓުބޯޅައިގެ ތާރީޚާއި ދިވެހި ފުޓްބޯޅައިގެ ތާރީޚުގެ އެންމެ ކުރީގެ ވާހަކަތައް ހުރީ އެއް ޞަފުޙާއެއްގައެވެ. މާލެއަށް 1910 ވަނަ އަހަރު ފުޓްބޯޅަ ތަޢާރަފުވިއެވެ. އޭރު އެންމެ ތަދު އެއްޗަކީ ބޯޅައެވެ. ބޯޅަ ނުލިބިގެން ކުކުޅުމޭރުގައި ފޮތި އޮޅައިގެން ބޯޅަ ކުޅެމުންދިޔަ ދުވަސްވަރު ފުޓްބޯޅަ ދަނޑުތަކެއް މާލެއަކު ނުހުރެއެވެ. އެއީ ސަރުކާރުން ކުޅިވަރަށް ސަމާލުކަން ދިން ޒަމާނެއް ވެސް ނޫނެވެ. ފުޓްބޯޅައާއި އޭރު ދިވެހީން ކުޅެމުން އައި ކުޅިވަރުތަކުގެ މަންޒަރު ބަދަލުކޮށްލެއްވީ މުޙައްމަދު އަމީނުގެ އަތްޕުޅަށް 1942 ވަނަ އަހަރު ދައުލަތް ހިންގުމުގެ ބާރު އެރި ހިސާބުންނެވެ.

މުޙައްމަދު އަމީން އިސްވެ ހުންނަވައި ކުޅިވަރު މުންތަޒިމު އުފައްދަވައި  1948 ވަނަ އަހަރު މާލޭގެ ހަތަރު އަވަށުގައި ހަތަރު ކުލަބު އުފެއްދެވިއެވެ. އަދި މާލޭގެ ހަތަރު އަވަށުގައި “ބޯޅަބިން”ތައް (ފުޓްބޯޅަ ދަނޑުތައް) ހެއްދެވިއެވެ. މާފަންނު ފިޔާތޮށި ކުލަބާއި، ގަލޮޅު ގުރީން ކުލަބާއި، މައްޗަންގޮޅީ އަވަށު ކުލަބާއި ހެންވޭރު އަވަށު ކުލަބު އުފެއްދެވި ދުވަސްވަރު ދިވެހި ސިފައިންގެ ކުލަބެއް ވެސް އުފެއްދެވިއެވެ. ސިފައިންގެ ކުލަބުގެ ވަކީލަކަށް ހަމަޖެއްސެވީ އޭރު ސިފައިންގެ ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނެއެވެ. އޭރު ސިފައިންގެ ވެރިޔާއަކީ މުޙައްމަދު އަމީނެވެ.

މާލޭގައި ފުޓްބޯޅަ ކުޅެވޭގޮތް ފަހިކޮށްދެއްވައި ދަނޑުތައް ހައްދަވައި ފުޓްބޯޅަ މުބާރާތް ބާއްވަވައި ފުޓްބޯޅަ އާލާކުރެއްވި މުޙައްމަދު އަމީނުގެ ވެރިކަން ނިމުމަކަށް އައީ އިންޤިލާބަކުންނެވެ. އެ އިންޤިލާބާއެކު އަމީން އުފެއްދެވި ކުޅިވަރު މުންތަޒިމް ވެސް އުވާލިއެވެ. އަދި 1954 ވަނަ އަހަރު އަވަށު ކުލަބުތައް އުވާލި ދުވަސްވަރު ސިފައިންގެ ކުލަބު ވެސް އުވާލީއެވެ.

މިހާރު މާލޭގެ އެއްވެސް އަވަށަކަށް ނިސްބަތްވާ އަވަށު ކުލަބެއް ނެތެވެ. އެކަމަކު ސިފައިންގެ ކުލަބު އެބައޮތެވެ. މުޙައްމަދު އަމީން އެޅުއްވި ބިންގަލުގެ މަތީގައި ނޫނަސް ތާރީޚުން ހޯދައިގެން ސިފައިން އެ ނަން ދިރުވައިފިއެވެ. 1987 ވަނަ އަހަރު އުފެއްދި “އެންއެސްއެސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު” (އެސްއާރުސީ) ގެ ނަން، “ދިވެހި ސިފައިންގެ ކުލަބު”ގެ ނަމަށް ބަދަލުކުރީ 2009 ވަނަ އަހަރުއެވެ.

މުޙައްމަދު އަމީނުގެ ޒަޢާމަތުގައި ފުޓްބޯޅައާއި، ކުރިކެޓާއި، ރަނގަބީއާއި، ހޮކީ ކުޅެ ރަން ވަނަތައް ސިފައިން ހޯދިއެވެ. ބައެއް މެޗުތަކުގައި ސިފައިންގެ ޓީމަށް މުޙައްމަދު އަމީނު ބައެއް ކުޅިވަރު ކުޅުއްވިއެވެ. އެމަނިކުފާނު އުފެއްދެވި ސިފައިންގެ ކުލަބު އުވާލުމުން ޤައުމީ ފެންވަރުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ސިފައިންނަށް ބަންދުވިއެވެ. ނަމަވެސް އޭރުވެސް ބޭރުން އަންނަ އަސްކަރީ މަނަވަރުތަކުގެ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ސިފައިން ކުޅުމުން ދިޔައެވެ. އޭގެއިތުރުން ސިފައިން ކުޅިވަރު ކުޅެމުން އައީ ސިފައިންގެ އެތެރޭގައި އިންތިޒާމުކޮށްގެން ބޭއްވި މުބާރާތްތަކުގައެވެ.

ސިފައިންނަށް ޤައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެސްއާރުސީ އުފެއްދުމާއެކުގައެވެ. އެހެން ނަމަވެސް އޭރު ނުލިބި އޮތީ ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތެވެ. ފުޓްބޯޅަ ފިޔަވައި އެހެން ގިނަ ކުޅިވަރުތަކެއްގައި ޤައުމީ ފެންވަރުގައި ވާދަކޮށް ސިފައިން ފަޚުރުވެރި ކާމިޔާބުތަކެއް ދިޔައީ ހޯދަމުންނެވެ. ޤައުމީ އެހެން ކޮންމެ ކުޅިވަރު މުބާރާތެއްގައި ބައިވެރިވެވުނަސް ޤައުމީ ފުޓްބޯޅަ މުބާރާތުގައި ސިފައިންނަށް ބައިވެރި ނުވެވޭތީ އެ ޝަކުވާ ސިފައިން ދިޔައީ ކުރަމުންނެވެ. ސިފައިންގޭގައި ޤައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އޭރު ވެސް ތިއްބެވެ. ޤައުމީ ފުޓްބޯޅަ މުބާރާތް ނުކުޅެވުނަސް ސިފައިންގެ ކުޅުންތެރިންނަށް ޤައުމީ ޓީމަށް ކުޅެވޭނެގޮތް ސަރުކާރުން ފަހިކޮށް ދެއްވިއެވެ. މިގޮތުން 1988  ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ 19 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ކޯޕްރަލް ޢައްބާސް ޢަލީ ހިމެނުނެވެ. މީގެ އިތުރުން ސީނިއަރ ޤައުމީ ޓީމުގެ ސްކޮޑުގައި އެކި ފަހަރުމަތިން ސިފައިންގެ ކުޅުންތެރިން ހިމެނުނެވެ. އޭގެތެރޭގައި މުނައްވަރު ޢަލީ މަނިކާއި، އަހްމަދު އަރީފާއި، ޙަސަން ފަޔާޒާއި ޢައްބާސް އަލީ ހިމެނުނެވެ. މީގެ ތެރެއިން 1995 ވަނަ އަހަރު އިންޑިއާގެ މެޑްެރާސްގައި އޮތް ފަސްވަނަ ސާފް ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ސްކޮޑުގައި ޕްރައިވެޓް ޙަސަން ފަޔާޒް ހިމެނުނެވެ. އެފަހަރު ޤައުމީ ޓީމާއެކު ޕްރެކްޓިސް ދަތުރެއްގައި އޭނާ ރާއްޖެއިން ބޭރަށް ވެސް ދިޔައެވެ. ފަހުގެ ތާރީޚަށް ބަލާއިރު 2019 ވަނަ އަހަރު ބޭއްވި އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް އެކުލަވާލި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި، ޕްރައިވެޓް މުޙައްމަދު ނިޔާޒު ހިމެނުނެވެ.

ދިވެހި ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ފުޓްބޯޅަ ކޯޗިންގ ކޯހެއް ފުރިހަމަކުރީ ކޯޕްރަލް މުނައްވަރު ޢަލީ މަނިކެވެ. އެއީ ސްޕޯޓްސް ޑިވިޜަނުން 1991 ވަނަ އަހަރު ހިންގި އޮލިމްޕިކް ސޮލިޑަރިޓީ ފުޓްބޯޅަ ކޯޗިންގ ކޭމްޕުގައެވެ.

ސިފައިންގެ ފުޓްބޯޅަ ޓީމު، މާލޭގައި ބޭއްވި ބޮޑު މުބާރާތަކުން ފުރަތަމަ ފެނުނީ 1992 ވަނަ އަހަރުއެވެ. އެ އަހަރު ބޭއްވި ރެފްރީޒް ކަޕްގައި ވާދަކުރި ސިފައިންގެ ޓީމު ފައިނަލަށް ދިޔައީ ރީތި މޮޅު ކުޅުމެއް ދައްކާފައެވެ. ސިފައިންގެ ރޭވުންތެރި ފޯރިގަދަ ތަރުހީބާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ހަޅޭކުގެ އަޑު ކެނޑިގެން ދިޔައީ އެއަރޕޯޓް އޮތޯރިޓީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ފައިނަލް މެޗުގައި ސިފައިން ބަލިވުމުންނެވެ. އެކަމަކު ޓީމެއްގެ ގޮތުގައި ސިފައިން ދައްކައިދިން ރީތި މޮޅުކުޅުމަށް ފުޓްބޯޅައަށް ލޯބިކުރާ އެންމެން ވެސް ތަޢުރީފުކުރިއެވެ. އޭގެ ފަހުން އެތަށި ސިފައިން އުފުލާލިއެވެ.

ރެފްރީޒް ކަޕް ސިފައިން ކާމިޔާބުކުރީ 1994 ވަނަ އަހަރުއެވެ. އާރުވައި ވީޓީސީއާ ދެކޮޅަށް ސިފައިން ކުޅެ މޮޅުވި މެޗަކީ ދިވެހި ފުޓްބޯޅައިގައި ވެސް ތާރީޚީ މެޗެކެވެ. އެއީ ފީފާއިން ގޯލްޑަން ގޯލް ރޫލް ތަޢާރަފުކުރުމުން އެ ގަވާއިދާ އެއްގޮތަށް ލަނޑެއް ޖަހައި މެޗެއް ކާމިޔާބުކުރި ފުރަތަމަ މެޗެވެ. އެ މެޗު 1-1 އިން އެއްވަރުވެގެން އިތުރު ވަގުތު ކުޅުނީ ގޯލްޑަން ގޯލަށެވެ. އިތުރު ވަގުތުގެ ފަހު ފާހު ފެށުނުތަނާހެން އެ ތާރީޚީ ގޯލްޑަން ގޯލް ޖަހައި ސިފައިންނަށް ޗެމްޕިއަންކަން ހޯދައިދިނީ މެޗުގެ ވަކި ހިސާބަކުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޕްރައިވެޓް ޙަސަން ފަޔާޒެވެ. ޓީމުގެ ކެޕްޓަން އަޙްމަދު އަރީފަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން އޭނާ ގެންދެވުނީ ވަގުތުން ހޮސްޕިޓަލަށެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ ޢަބްދުލް ޙަމީދު ޢަބްދުލް ޣަފޫރު (އައްޑޯ) އެވެ.

ސިފައިންގެ ޓީމަށް ސްރީލަންކާގެ ބައެއް ކޯޗުންނާއި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ކޯޗު ކޮށްދިނެވެ. މިގޮތުން ސްރީލަންކާގެ ސިރިސޭނާއާއި ސްމިތު ވަލްޕޮލަރ ފާހަގަކުރެވެއެވެ. އެ ދުވަސްވަރު ކޯޗްކޮށްދިން ދިވެހި ކޯޗުންގެ ތެރޭގައި އައްޑޯގެ އިތުރުން މުޙައްމަދު ކަލީމާއި ހީނާ އަޙްމަދު ސަލީމް (ބޮޑު ހީނާ) ހިމެނެއެވެ.

ޝެއަރކުރެއްވުމަށް