“ނަމާދަށް އަވަހަށް އަންނާށެވެ. ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.” މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ މުޖުތަމަޢުގައި ރެޔާއިދުވާލު ފަސްވަގުތު ޖައްވުތެރޭގައި އެކިއެކި ރާގުގައި ގުގުމެމުން ދާ އަޑެއްކަން އެންމެނަށް ވެެސް ކަށަވަރުވާނެއެވެ. އާދެ، މާތް ﷲ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ނަމާދުތައް އަދާކުރުމަށް ގޮވާލާ ގޮވުމުގެ އަޑެވެ. މިއީ އަހަރުމެން މުސްލިމުންނަށް ވަރަށް ޚާއްޞަ ބަސްތަކެކެވެ. އެއީ މުސްލިމުންގެ ނަފްސުތައް ޠާހިރުކުރުމަށް ގޮވައިލާ އިލާހީ ބަސްފުޅުތަކެކެވެ. މުސްލިމުންގެ ހިތްތައް އެއަށް ފެންބޮވައިގެންފައިވާ މުސްލިމުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭ ކަލިމަތަކެކެވެ. އަދި އެއީ މުސްލިމުންގެ ޢަޤީދާ ވަރުގަދަކޮށްދޭ، އީމާންކަން އާރޯކޮށް އެމީހުންގެ ރޫޙަށް ލިބިދޭ ކަނާއެކެވެ. ބަންގީގެ މަޤްޞަދަކީ ނަމާދު ވަގުުތު ވަދެއްޖެކަން އަންގައިދީ އެކަން ޢިއުލާން ކުރުމެވެ.

ބަންގީގެ އަޑުއިވޭ ހިނދު ހަމަހިމޭންވެ ބަންގިއަށް ކަނުލާ އަޑުއަހައި އެ ބަންގިއަށް އިޖާބަދިނުމަކީ ވަރަށްވެސް މުހިންމު، އަދި އެކަމުގައި އެމީހަކަށް ހެޔޮދަރުމައާއި ސަވާބު ލިބިގެންވާ ކަމެކެވެ. ބަންގީގެ އަޑުއިވުމުން ނަމާދުކުރެވޭ ހާލަތުގައި ތިބި ހުރިހާ އެންމެން އެއެއަށް އިޖާބަދީ ނަމާދަށް އަވަސްވެގަތުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. އަދި ޙާލަތެއް ދިމާވެގެން ޖަމާއަތަށް ނުދެވޭ މީހުންނާއި ގޭގައި ތިބޭ މީހުން ވެސް ބަންގީގެ އަޑަން އިޖާބަދީ ވީހާ އަވަހަށް ނަމާދުގެ އެ ފަރުޟު އަދާކުުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބަންގިއަށް އިޖާބަ ދިނުމަކީ ވަރަށް ފަސޭހައިން ކޮންމެ މީހަކަށް ވެސް މާބުރަކެމެއްނެތި ކުރެވުން އޮތް ކަމެކެވެ. އެގޮތުން އިމާމް މީހާ ބަންގިގޮވަން ފެށުމުން އިމާމް މީހާގެ ފަހަތުން ބަންގީގެ މަތިވެރި ކަލިމަތަށް ފަހަތުން ކިޔަމުން ގެންދާނީއެވެ. ނަމަވެސް، حَيَّ عَلَى الصَّلاَةِ ، حَيَّ عَلَى الْفَلَاحِ މި ދެކަލިމަ ކިޔާއިރު ފަހަތުން ކިޔާނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ މިހެންނެވެ. އަދި ފަތިސް ނަމާދު ބަންގީގައި الصلاة خير من النوم މި ކަލިމަ ކިޔާއިރު ވެސް ފަހަތުން ކިޔާނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ މިހެންނެވެ.

ކުރީ ޒަމާނުގައި މިސްކިތްތަކުން ބަންގި ގޮވާއަޑު މާ ދުރަކަށް ނީވެއެވެ. ނަމަވެސް ޒަމާން ތަރައްޤީވަމުން އައިސް މިހާރު ނަމާދު ވަގުތުޖެހުމުން މިސްކިތްތަކުންނާއި އަތުގަ އޮންނަ ސްމާޓް މޮބައިލް ފޯނުތަކުން ވެސް ބަންގީގެ އަޑު އަހަރުމެންގެ ކަންފަތްތަކުގައި ފަސޭހަކާމާއެކު ޖެހިގެންދެއެވެ. ނަމަވެސް ހިތާމައަކީ މަދުންނަމަ ވެސް އަހަރުމެންގެ ތެރޭގައި ބަންގިއަށް އިޖާބަނުދޭ މީހުން ފެންނަކަމެވެ. ދުނިޔޭގެ ވަގުތީ އުފަލަށްޓަކައި ތާވަލުކުރެވިފަ ހުންނަ އެހެންކަންކަން މާ މުހިންމުކަމަށް ދެކެވެނީއެވެ. ނަމަވެސް މީ އަޅުގަނޑުމެން މުސްލިމުން ވަރަށް ވިސްނާލަންޖެހޭ ކަމެކެވެ. މިއަދު އަޅުގަނޑުމެންގެ ފަރުވާކުޑަކަމުން ފަނޑުވެގެންދާ ކޮންމެ ކަމަކީ ނުވަތަ ޢަމަލަކީ މާދަމާ އަންނަން އޮތް ޖީލްތަކުން ވެސް އެކަން ފަނޑުވެ ބީވެގެން ދިއުމުގެ ބިރު ހޭވެދާނެ ކަންކަމެވެ.

ރެފަރެންސް:

  • އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ، صحيح مسلم
ޝެއަރކުރެއްވުމަށް