ބޮޑެތި، ބިޔަ ރާޅުތައް ފުއްޓަރުގެ ގާތަކުގެމައްޗަށް މެދުނުކެނޑި ބިންދަމުން ދަނީއެވެ. ހުސްގަޔާ ތިބި ޒުވާންފުރައިގެ ދެ ކުއްޖަކު ރާޅުގަނޑުތެރޭގައި ބޮޑުގަލެއް ކޮނޑަށް ލައިގެން ރާޅުތަކުން ސަލާމަތްވަމުން އެ މަސައްކަތް ކުރަނީ ރަށާ ދުރަށް ދިއުމަށެވެ. ޅައިރުގެ ހަނދާންތަކުން ތަފާތު އިހުސާސްތަކެއް ގެނުވައެވެ. މީގެ 40 އަހަރުގެ ކުރީގައި ކ.ކާށިދޫގެ ފުއްޓަރުފަރާތް އޮތްގޮތާއި މިހާރު ފުއްޓަރު އޮތްގޮތް ވަރަށް ބޮޑަށް ތަފާތެވެ. އިރުވައި މޫސުމުގައި ކާށިދޫގެ ފުއްޓަރުމަތީގައި ހިނގާ ކަންތައްތައް ވިދާޅުވެލައްވާށެވެ. މިއީ އަޅުގަނޑު ދުށް މަންޒަރާއި އެ މަންޒަރުތައް ސިފަކުރެވުނު ގޮތެވެ. އަޅުގަނޑުމެން ކިޔާ ގޮތުންނަމަ ފުޅަނގި މޫސުމުގައި ކަންތައްތައް ހިނގާގޮތާއި އޭރު އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.
އެންމެން ވެސް ފުއްޓަރަށް ދިއުމަށް ޓަކައި ވަރަށް ބޮޑަށް ތައްޔާރުވާނެއެވެ. ގާތަކުމަތީ ފަސޭހައިން ހިނގާލެވޭނެ ބޫޓާއި ވަޅިއާ މި ނޫން ވެސް ބޭނުމެއް ޖެހިދާނެކަމަށް ފެންނަ ހުރިހާ އެއްޗެއް ނިދުމުގެ ކުރިން އެންމެން ވެސް ހޯދާނެއެވެ. އިރުވައި މޫސުމުގެ ދުވަސްވަރަކީ ކާށިދޫގެ ފުއްޓަރު ފަރާތުގައި ހަރަކާތްތައް ގިނަ ދުވަސްވަރެކެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ. ރަށުގެ ފައި އިންދޭފުރާއިން ފެށިގެން އެންމެން ކަހަލަގޮތަކަށް އޮންނަނީ ފުއްޓަރަށް ޖަމާވެފައެވެ. އަޅުގަނޑުގެ އުމުރުން އޭރުވާނީ އެންމެ 10 ވަރަކަށް އަހަރެވެ. އޭރުގައި ފަތިހު ހޭލުމަށް އެލާމްކުރާނެ ފޯނެއް، ގަޑިޔެއް އަޅުގަނޑުމެން ނުގެންގުޅެމެވެ. އަޅުގަނޑުގެ އެލާމް ގަޑިއަކީ ފުއްޓަރުގެ ރީތި މަންޒަރު ބަލާލުމަށް ހިތުގައި އުފެދިފައި އޮންނަ ޝައުޤުވެރިކަމެވެ. ފަތިހުފަތިހާ ހޭލައިގެން ނަމާދުކޮށްގެން ފުއްޓަރަށް ދަނީ ބޮކިދަނޑިމަގުންނެވެ. އެ މަގަކީ ކާށިދޫގެ އިރުމައްޗާ ދިމާލުން ފުއްޓަރަށް ދެވެން އޮންނަ ހަނި މަގެކެވެ. މި މަގުގެ ދެ ފަރާތުގައި ތަފާތު އެކި ވައްތަރުގެ ބިޔަގަސްތައް ހެދިފައި ހުރެއެވެ. އޭގެ ތެރޭގައި ކަށިކޭލާއި، ބޯކޭލާއި، ނިކަގަހާއި، ނާރުނަވެލާއި، މިރިހިފާތައް ހިމެނެއެވެ. ހިނގާފައި މިމަގުން ފުއްޓަރަށް ދިއުމަށް ވިއްސަކަށް މިނިޓު ނަގާނެއެވެ.
ފުއްޓަރާ ކައިރިވާ ވަރަކަށް މަގުގައި ގާ ގިނަވާނެއެވެ. އަދި ރާޅު ބިންދާ އަޑު ވެސް އިވެން ފަށާނެއެވެ. މިމަގަށް ބޮކިދަނޑިމަގު ކިޔަނީ މި މަގުން ފުއްޓަރަށް ނިކުމެވޭ ހިސާބުގައި ކަނޑުދަތުރުކުރާ މީހުންނަށް ފަސޭހައަށް ބޮކިދަނޑިއެއް ޖަހާފައި ހުންނާތީއެވެ. މި ބޮކިދަނޑި ހުންނާނީ ރަށުގެ ހޭޅިގަނޑު ތެރެއިން 10 ވަރަކަށް ފޫޓު އެއްގަމުގައެވެ. ދުރުން ދޯނިފަހަރު ދޭތޯއާއި ކަނޑުން ނަގާ ފުޅަނގި އައިން ބަލަން 50 ވަރަކަށް ފޫޓް ދިގު މި ބޮކިދަނޑިއަށް އަޅުގަނޑުމެން އަރާ ހަދަމެވެ.
ފުއްޓަރަށް ނިކުމެލާއިރު އިވޭނީ ބޮޑެތި ސިންގާ ރާޅުތައް މުގުރާ އަޑެވެ. މި ރާޅުތަކުން އުފެދޭ ފޮނުގަނޑު ފަޅުތެރޭގައި ފެތުރިލާފައި އޮންނައިރު މުޅި ފަޅުތެރެ އޮންނާނީ އެއްކޮށް ހުދުކުލައިގައެވެ. ބިންދާލާ ރާޅުގެ ފޮނުގަނޑުން އަރާ ލޮނުތިކިތައް ވަޔާއެކުވެ ޖައްވަށް އަރައިގެން އައިސް އެއްގަމުގައި ތިބޭ މީހުންނަށް ފިނިކަން ގެނުވައެވެ. މުޅި ފުއްޓަރުގައި އޮންނާނީ ހުސްގަލެވެ. ނުފަރިތަ މީހަކަށް ފުއްޓަރުގައި ހިނގައި އުޅުމަކީ އަސަރުހުރި ކަމަކަށް ވާނެއެވެ. ހޭޅިމަތީ ހުންނަ މިރިހިގަހާއި، މަގޫ، އަދި ބޯށި ގަސްތަކުގައި ލޮނު ހަރުލާތީވެ ގަސްތަކުގެ ފަތްތައް ހުންނަނީ އެ ޒާތުގެ އެހެން ގަސްގަހަށްވުރެ ފަތްތައް ބޯކޮށެވެ.
ފުއްޓަރުގައި ގޮސް ތިބޭ މީހުންގެ ފަރާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ތިން ކަމަކަށް ބަލާލާނަމެވެ. މީހުން އާންމުކޮށް ފުއްޓަރަށް އައިސް ތިބެނީ ރަށަށް އަރާ ފުޅަނގި ހޮވުމަށާއި ގަލުއަޅުވައިގެން މަސްބޭނުމަށް އަދި މަޖާކޮށް ހިތްފަސޭހަކޮށްލުމަށެވެ. އާންމުކޮށް ފުއްޓަރަށް ޖަމާވެފައި ތިބޭ އެންމެން ވެސް މީގެން ކޮންމެސް އެއް ބަޔަކަށް ފެތޭނެއެވެ. ފުޅަނގި ހޮވާ މީހުން އާންމުކޮށް ފަތިހުފަތިހާ ފުއްޓަރަށް ދާކަން ފާހަގަކުރެވެއެވެ. އެއީ ރޭގަނޑު އަރާފައި ހުންނަ ފުޅަނގި ހޮވުމުގެ ބޭނުމުގައެވެ. ފުޅަންގަކީ، ދެ ފިޔަގަނޑުގެ އެހީގައި ފެނުން މައްޗަށް އެރުމުގެ ޤާބިލުކަން ލިބިފައިވާ މަހެކެވެ. މި މަސްތައް އުޅެނީ ބޮޑެތި ބައިގަނޑުގަނޑަށެވެ. ކަނޑާއި ރަށާގުޅޭ ހިސާބުގައި އުޅޭ މުނޑަހަނދިތައް މި ސޮރުމެން ތެރެއަށް ވަދެގަތުމުން ސަލާމަތްވުމަށް ޓަކައި އުދުހިގަންނަ ގޮތަށް ރަށާ ދިމާއަށް މިސްރާބު ބަދަލުވެ އެއްގަމާ ހިސާބަށް ފޯރަނީއެވެ. މިގޮތުން ކާށިދޫ ފުއްޓަރަށް ވަރަށް ބައިވަރު ފުޅަނގި އަރާތަން އަޅުގަނޑުގެ ދެ ލޮލުން ދުށީމެވެ. 125 ފުޅަނގި ހޮވައިގެން އަޅުގަނޑު ލައިގެން ހުރި ގަމީހަށް އަޅައިގެން ގެޔަށް ގެންނަ ހަނދާން ވަރަށް ތާޒާކޮށް އެބަހުއްޓެވެ. ކާށިދޫ ރައްޔިތުން ފުޅަނގީގައި ގަރުދިޔަ ކައްކައި، ހިއްކައިގެން ފަހަށް ރައްކާކުރެއެވެ. މުރަނަކޮށް ތެލުލައިގެން ކާލުމަށް ވެސް ފުޅަނގި މަހަކީ އެއްވަނައިގެ މަހެކެވެ. ކާށިދޫ ރައްޔިތުންނަށް ފުޅަނގީގެ މަހަކީ ވަރަށް ޚާއްޞަ މަހަކަށް އޮންނަނީ ވެފައެވެ. ހިއްކައިގެން ކައިރި ރަށްރަށުގެ މީހުންނަށް ހަދިޔާގެ ގޮތުގައި ވެސް ދީއުޅެއެވެ.
ފުއްޓަރުގައި އުޅޭއުޅުމުގައި އެއްބަޔަކު ގަލުއެޅުވުމުގެ މަސްވެރިކަން ވެސް ކުރާތަން ފެނެއެވެ. އެންމަހެއްގެ ގޮތުގައި ބުޅީގައި ފުޅަނގި އެޅުވުމަށްފަހު ވަކަކޮޅެއްގެ އެހީގައި، ގަލެއްގައި ކަންވާރު ހަރުކުރުމަށްފަހު ރާޅުގަނޑުތެރައަށް އެ މީހުން އެ ގާ ފައްތައިގެން މަސް ބާނައެވެ. ބުޅީގައި އަޅާފައި އޮންނަ ފުޅަނގި، ފެނުގެ ތެރޭގައި ރާޅުގެ ބާނިތަކާއެކު ހަރަކާތްކުރާ ތަން މުޑަހަންޖަށް ފެނުމުން ބަޑި އަޅާފައި އައިސް ފުޅަނގި ކާލައިގެން ދުއްވައި ގަންނައިރަށް އެއްކަލަ ގަލާއި ކަންވަރާ ގުޅުވާފައި އޮންނަ ވަކަކޮޅަށް ވާންވެ، ގަލާއި ކަންވާރާ ވަކިވެއެވެ. މި މީހުން މިގޮތަށް ވަރަށް ބޮޑެތި މާ މުޑަހަނދި ވެސް ބާނައެވެ. ބައެއް ފަހަރަށް މި މީހުން ހޭޅިމަތިން ހިކިފަނާއި ފަންތޮށިފަދަ ތަކެތި ހޮވައިގެން އަލިފާންގަނޑު ޖަހައިގެން މަސް ފިހެގެން ކާއްޓާއެކު ކައި ވެސް އުޅެއެވެ.
މާކަނޑުން އަންނަ ތާޒާ ވަޔާއި މުގުރާ ރާޅުތަކުގެ މިނިވަން އަޑާއި ރަށުގެ ބޭރުމަތިން އެ ނަގާ ފުޅަނގި ބައިގަނޑުތަކުގެ ތެރެއަށް ބަޑި އަޅާފައި މުޑަހަނދިތައް ވަދެގަތުމުން އުދުހިގެން އެ ސޮރުމެން ވެއްޓެމުން، އުދުހެމުން އަންނަ މަންޒަރު ބަލާލުމަށް ގޮސް އުޅޭ މީހުން ވެސް ވަކި މަދެއް ނޫނެވެ. ގިނަ ފަހަރަށް ކޮންމެ ބޭނުމަކު ފުއްޓަރަށް ދިޔަކަމުގައި ވިޔަސް ފުޅަނގި މޫސުމުގައި ފުޅަނގި ނުހޮވާ އަންނާނީ މަދު މީހެކެވެ. ވަރަށް ގިނަ މީހުން ކުޑަކުދިން ގޮވައިގެން މި ހިތްގައިމު މަންޒަރު އެ ކުދިންނަށް ދައްކާލުމަށް ވެސް ފުއްޓަރަށް ގޮސް އުޅެއެވެ.
މިހާރުގެ ޖީލަށް ކާށިދޫ ފުއްޓަރުގެ ހިތްގައިމުކަން ފެންނާކަށް ނެތެވެ. ފުއްޓަރުގެ ބޮޑު ބައެއް ގިރާލައިފިއެވެ. ފުޅަނގި ނާރާތާ ވަރަށް ޒަމާންވެއްޖެއެވެ. ފުއްޓަރަށް ދާ މީހުން މިހާރަކު ނޫޅެއެވެ. ގަލުއަޅުވައިގެން މުޑަހަނދި ބާނަން ދަންނަ މީހަކު ހުރިހެން ވެސް ހިއެއް ނުވެއެވެ. އޭރުގައި އެ މަސައްކަތްކުރި މީހުން މިހާރު ދުނިޔޭގައި ތިބި ނަމަވެސް އެމީހުންގެ އުމުރު، ފަންސާހުން މައްޗަށް ގޮސްފާނެއެވެ.
އޭރުގައި އަޅުގަނޑުމެންގެ ސްކޫލު ބަންދު ފުއްޓަރުމަތީ ހޭދަކުރި ކަމުގައި ވިޔަސް މިހާރު ސްކޫލު ބަންދުގެ ދުވަސްތައް ފެށޭނީ ކޮންމެ ވެސް އަވައްޓެރި ޤައުމަކުންނެވެ. ނޫންނަމަ ރިސޯރޓަކުންނެވެ. އަތޮޅުތަކުގެ ކުދިންނަމަ ސްކޫލު ބަންދުގައި ކޮންމެހެން ވެސް މާލެއަށް ގެންނަން ޖެހެއެވެ. ހުސްވަގުތެއްނަމަ ކާޓޫނު ފިލްމެއް ބެލުމުގައެވެ. އަޅުގަނޑުމެންގެ ސްކޫލު ބަންދާއި މިހާރުގެ ކުދިންގެ ސްކޫލު ބަންދާ ވަރަށް ތަފާތެވެ. ޒަމާން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިހާރު މައިންބަފައިން އެ މީހުންގެ ދަރިން ފުއްޓަރަށް ގެންދާކަށް ބޭނުމެއް ނުވެއެވެ. ޅަސިކުނޑިތަކަށް ގެއްލިދަނީ ރަށްފުށުގެ ހިތްގައިމުކަމުގެ އަސަރާއި އެ އިހުސާސްތައްކަމެއް މައިންބަފައިންގެ ވިސްނުމަކަށް ނާދެއެވެ. ފުއްޓަރުގެ ގާތައްމަތީ ދަރިންނަށް ހިނގާލުމަށް ފުރުސަތު ލިބުމުން އެ ކުދިންނަށް ދަސްވަނީ ދިރިއުޅުން ބެލެންސް ކުރާށެވެ. ނަގާ ކޮންމެ ފިޔަވަޅަކީ ވިސްނާފައި ނަގަންޖެހޭ ފިޔަވަޅެއްކަމެވެ. މިކަން މައިންބަފައިން ހަނދާން ނައްތާލައިފިއެވެ. އެ ކުދިންގެ ގައިގެ ހަމުގައި އަވީގެ ދޯދިތައް ބީހި ނާޒުކު ހަންގަނޑަށް ބަދަލެއް އައުން އެއީ މައިލަގޮނޑިއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ބައްޕައިންގެ ބިޒީކަމުން އޮފީހުން އައިސް ދަރިން ގޮވައިގެން ފުއްޓަރަށް ދާނެ ވަގުތެއް ނުވެއެވެ. ނޫންނަމަ ކޮފީތަކުގައި އާދަޔާ ޚިލާފަށް ބިޒީ ވަނީއެވެ. މިހެން ވުމުގެ ސަބަބުން ކާށިދޫ ފުއްޓަރުގެ ހަލަބޮލި ހިތްފަސޭހަކަމުން ހިތަށް ފިނިކަން ގެނުވި ފުއްޓަރުގެ ހަރަކާތްތައް ދަންނަ މީހަކު ވަރަށް މަދެވެ.