ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، ޝައިޚު ޒުބޭރުންގެ ގޮތުގައި އެމަނިކުފާނުގެ ނަޒަރުގައި ދިވެހިރާއްޖޭގައި ތިއްބެވީ ދެ ބޭފުޅުންނެވެ. (ޝައިޚު ޒުބޭރުގެ ގޮތުގައި ފަޟީލަތުއްޝައިޚު ޙުސައިން ސަލާޙުއްދީން އެ މާނަ ކުރައްވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އަދީބު ސެކްސްޕިއަރއެވެ.) އެހެންވީމާ އެ ފެންވަރުގެ ދެބޭފުޅުން ކަމުގައި ޞަލާޙުއްދީން ކަނޑައަޅުއްވައިފައިވަނީ ބަނޑޭރި ޙަސަން މަނިކުފާނާއި، މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތުއެވެ. މި ދެ ބޭފުޅުންނަކީ ވެސް ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުންނެވެ.

ބަނޑޭރި ޙަސަން މަނިކުފާނަކީ، އިސްދޫ އަލިރަސްގެފާނުންގެ ޙަސަން ރަސްގެފާނުގެ އަލިމަނިކުފާނުގެ ދަރިކަލެކެވެ. ބަނޑޭރި ޙަސަންމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑުއަތޮޅު ހިތަދޫގައި މީލާދީން 1800 ވަނަ އަހަރުގެ ތެރޭގައެވެ. ކިޔަވާވިދާޅުވީ އެމަނިކުފާނުގެ ބައްޕަގެ އަރިހުންނާއި، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނުގެ އަރިހުންނެވެ.

އޭގެ އިތުރުން އަޅުގަނޑުމެންނާ އަވަށްޓެރި އުތުރުކަރަޔަށް ދެފަހަރެއްގެ މަތިން ވަޑައިގެން ތަޢުލީމު ޙާސިލު ކުރެއްވިއެވެ. ބަނޑޭރި ޙަސަން މަނިކުފާނު އުޅުއްވީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލްގެ ރަސްކަމުގައި (1799 އިން 1835) މަތިގެ ހެއްދެވިއިރު، މަތިގޭ ބަނޑޭރިއަކަށެވެ. އެމަނިކުފާނު މި ދުނިޔެ ދޫކުރެއްވި ތާރީޚެއް ސާފުކޮށް އެނގޭކަށް ނެތެވެ. ތުންތުންމަތިން ބުނަމުން އަންނަނީ އަވަހާރަ ވިއިރު އުމުރުފުޅަކީ 64 އަހަރު ކަމަށާއި، އަވަހާރަވީ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި ކަމަށެވެ.

ބަނޑޭރި ޙަސަން މަނިކުފާނުގެ ޝަޚުސިއްޔަތާ ބެހޭގޮތުން ހޯދިހޯދުންތަކުން މާ އިހުއްސުރެ ކިޔާ އުޅުނު ވާހަކައެއް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައި އޮތަތީ ފެނުނެވެ. އެއީ އެމަނިކުފާނު ލިޔުއްވި “ޝައިޚު ޒުބައިރު” މި ފޮތުގައެވެ. މި ފޮތުގައި ލިޔުއްވައިފައި ވާގޮތުގައި، ބަނޑޭރި ޙަސަން މަނިކުފާނު ބަނޑޭރިއަކަށް އުޅުއްވަނިކޮށް އެއްދުވަހަކު ރަދުން ވިދާޅުވިއެވެ. “ޙަސަންބޭއެވެ. ޙަސަންބޭބެގެ ކިބައިން ބަނޑޭރިކަން ނަގައިފީމެވެ. އެއީ ޙަސަންބޭބެގެ ކުށެއް އޮވެގެންނެއް ނޫނެވެ. އެކަން އެހެން މީހަކަށް ދޭންވެގެންނެވެ. އެއީ މި ތަންވަޅަށް ހިތަށް އެރިގޮތެވެ.” ދެން ޙަސަން މަނިކުފާނު ވެސް އާދެ މަސާހިބުއޭ ދަންނަވައިފައި ގެއަށް ދުރުވީއެވެ.

އޭގެ ދެތިން ދުވަހެއް ފަހުން ޙަސަން މަނިކުފާނު ގަނޑުވަރަށް ވަޑައިގެންނެވިއިރު، ބަނޑޭރި ޙަސަން މަނިކުފާނުގެ ތުނބުޅިއެއް ނެތެވެ. ތުނބުޅި ހުރީ ބާލައި އޮމާން ކޮށްލައިފައެވެ. ދެން ރަސްގެފާނު ވިދާޅުވިއެވެ. ” އަސްތާ! ޙަސަން ބޭބޭއެވެ. އެހެރަ ވަރުގަދަ ތުނބުޅިއަށް ވީ ކީއްހެއްޔެވެ. ޙަސަން މަނިކުފާނު ދެންނެވިއެވެ.

“މަސާހިބާއެވެ. އެއީ ނިކަމެތި އަޅާގެ ހިތްގަނޑަށް މިތަންވަޅު އެރިގޮތެވެ. ތުނބުޅީގެ ކިބައިން އެއްވެސް ކުށެއް ވީއަކީ ނޫނެވެ.” މިހެން ހަމަ ދަންނަވާއިރަށް ރަދުން ވިދާޅުބަސްފުޅު އިއްވެވިއެވެ. “ތުނބުޅި ހުރިގޮތަށް ވީމައި އަންނާން ގެއަށް ދާށެވެ. ހިތަށް އެރިއެއްޗަކަށް ހިތަށް އެރި ގޮތެއް ހެދުމަކީ މަގޭ ކިބައިން ވީ ކަމެއް ކަމުގައި ވިޔަސް ކުށެކެވެ.  އެކަހަލަ ކުށްތައް ވާނީ ފިލުވައިލާށެވެ.”

ބަނޑޭރި ޙަސަން މަނިކުފާނުގެ ތުނބުޅިއާ ބެހޭގޮތުން ރަދުން މިކުރެއްވި ސުވާލުގެ ޖަވާބު އޭނާ ދެއްވައިފައި އެވަނީ ވަރަށް ކެރިވަޑައިގެން ހުންނަވައިގެންނެވެ. ބަނޑޭރި ކަމުން ޙަސަންމަނިކުފާނު ވަކިކުރެއްވި ދުވަހު ކުރެއްވި ސުވާލަށް ރަދުން ވެސް ޖަވާބު ދެއްވި ގޮތަށެވެ. އެހެންކަމުން ރަދުންނަށް ވެސް މި ހެއްދުވުނު ގޯސް ހަމަ އެ ހިނދުން ދެނެގަނެވިއްޖެއެވެ.

ބަނޑޭރި ޙަސަން މަނިކުފާނަކީ ވަރަށް މޮޅު ފަންޑިތަވެރިއެއް ވެސް މެއެވެ. އޭނާގެ ފަންޑިތަވެރި ކަމުގެ މޮޅު ވާހަކަތައް ވެސް އެ ޒަމާނުގައި ދައްކާ އުޅުނެވެ. ހަމަ އެފަދައިން އެމަނިކުފާނަކީ ޅެންވެރިކަމަށް އަރައި ހުންނެވި ޝާއިރެއް ވެސް މެއެވެ. ޞަލާޙުއްދީން ލިޔުއްވައިފައި ވާގޮތުގައި ބަނޑޭރި ޙަސަން މަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފެންނާން އޮތް ދެ ފޮތަކީ ދިޔޯގެ ރައިވަރު ފޮތާއި އަރިއަތޮޅު އަރުމާދު ރައިވަރު ފޮތެވެ. މީގެ ތެރެއިން އަރިއަތޮޅު އަރުމާދު ރައިވަރު ފޮތަކީ ރަދުންގެ އަރިހުގައި އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފައި ހުށައެޅުއްވި ފޮތެކެވެ.

މި ފޮތުގައި އެކުލެވިގެންވަނީ އެ ދަތުރުފުޅުގެ ކަންތައްތަކުގެ ތަފުސީލެވެ. ދަތުރުގެ ކަންތައްތައް ހިނގައި ދިޔަގޮތް ވަރަށް ތަފުސީލުކޮށް އެ ފޮތުގައި ރައިވަރު ގޮތަށް ލިޔުއްވައިފައި އޮތެވެ. މި ފޮތް ލިބިވަޑައިގަތުމުން ރަދުން ވިދާޅުވިއެވެ. “ކަމެއް ވީމާ އެކަމެއް ދެކޭން ހުރި ޝާޢިރަކަށް އެކަމެއް އެ ހިނގި ގޮތަކަށް ކިތަންމެ ރީތިކޮށް ވެސް ޅެން ހަދައި ކިއުމަކީ އުނދަގޫ ކަމެއް ނޫންތާއެވެ.”

ރަދުން މިހެން ވިދާޅުވީމާ ބަނޑޭރި ޙަސަން މަނިކުފާނު ދެންނެވިއެވެ. “ނޫން މަސާހިބާއެވެ. ނުހިނގާ ކަމެއް ހިތްމައްޗަށް ގެނެސްގެން ޚިޔާލުން އެކަން ނެރެގަތުން މާ ފަސޭހަވާނެއެވެ.” ދެން ރަދުން ވިދާޅުބަސްފުޅު އިއްވެވިއެވެ. ޙަސަންބޭއަށް މި ރައިވަރުފޮތް މި ހެދުނީ ދޮޅުމަހެއްހައި ދުވަހުންނެވެ. ތިޔަހެންވިއްޔާ ނުވާކަމެއްގެ ވާހަކަ މިހާ ރިވެތިކޮށް ތިން މަސްދުވަހުގެ ތެރޭގައި ހަދައިގެން ގެނެސް ބަލާށެވެ. ރަދުން މިހެން ވިދާޅުވުމުން ޖުމުލަ ފަނަރަ ދުވަހުގެ ތެރޭގައި ދިޔޯގެ ރައިވަރު ފޮތް އެކުލަވައިލައްވައިގެން ގެންގޮސް އެރުވިކަމަށް ވެއެވެ. ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި އަރުމާދު ރައިވަރު ފޮތުގައި އެކުލެވިގެން ވަނީ 169 ރައިވަރެވެ. ދިޔޯގެ ރައިވަރު ފޮތުގައި އެކުލެވިގެން ވަނީ 335 ރައިވަރެވެ.

ބަނޑޭރި ޙަސަން މަނިކުފާނުގެ ނަންފުޅަކީ މިއަދު ހުރިހައި މަދަރުސާތަކެއްގެ މަދަރުސާ ކުދީންނަށް ވެސް، އަދި ހުރިހައި ދިވެހީންނަށް ވެސް ވަރަށް ފަރިތަ ނަމެކެވެ. ސަބަބަކީ އޭނާއަކީ ދިވެހީންގެ ތެރޭގައި މަޝްހޫރު ދިޔޯގެ ރައިވަރު ލިޔުއްވި ޝާޢިރު ކަމަށް ވީތީއެވެ. ބަނޑޭރި ޙަސަން މަނިކުފާނު އެންމެ ފުރަތަމަ ލިޔުއްވީ އަރިއަތޮޅު އަރުމާދު ރައިވަރެވެ. އޭގައި ވަނީ އަރިއަތޮޅަށް މުޢީނުއްދީނު ރަދުން ކުރެއްވި ދަތުރުފުޅުގެ ވާހަކައެވެ. މި ރައިވަރުތަކުން ވިދާޅުވެ ދެއްވައިފައިވަނީ އެ ދަތުރު ކަންތައްތައް ހިނގައިދިޔަ ގޮތާއި، އެ ޒަމާނުގައި ރަސްކަމުގެ ކަންތައްތަކާއި، ޢިއްޒަތް ހުންނަ ގޮތާއި، ރައްޔިތުން ރަސްރަސްކަލުންނަށް ކިޔަމަންތެރިކަން އަދާކުރާ ގޮތެވެ. މީގެ އިތުރުން ރައްޔިތުންގެ ހިތުގައި ވެރީންގެ މައްޗަށް ލޯބި އޮންނަ މިންވަރު ވެސް މި ރައިވަރުތަކުން އެނގެއެވެ.

މި ކަންކަމުގެ އިތުރުން 169 ރައިވަރުގެ މައްޗަށް އެކުލަވައިލައްވައިފައިވާ މި ރައިވަރު ފޮތުން ދިވެހި ބަހުގެ ބަލާޣާތްތެރިކަމާއި، ބަސްތަކާއި ލަފުޒުތައް ބޭނުންކުރާނެ ގޮތް ދަސްވުންފަދަ ކަންކަން ވެސް އެނގެއެވެ. މި ފޮތުގައި ބަނޑޭރި ޙަސަން މަނިކުފާނު ހިމަނުއްވައިފައިވާ ރައިވަރުތަކުން ދެތިން ރައިވަރެއް ވެސް ހިމަނައިލެވިފައި އެވަނީއެވެ.

ނާށަ މިބުލުން ފެށީ ފަސު (ފަސްލުން ބުނަށަ މިފެށީ)
ތާއަބަދު ޅުން ތިބޭހި އަރު (ތާއަބަދު ރުހިތިބޭ އަޅުން)
ވާހަކަ މާދު ދިވެހި އަރު (ދިވެހި އަރުމާދު ވާހަކަ)
ނަށަކަތުން އިއްވާން ގިނަ (ގިނަ ކަތުންނަށަ އިއްވާން)
ލަކަށަ ފަސުނޭ ގޮތުން އިއްވާ (ފަސުލަކަށް އިއްވާނޭ ގޮތުން)
ހަކަ އަރުމާދު ފެށި އިންވާ (އަރުމާދު ވާހަކަ ފެށި އިން)
ށަކަވަރުން ފާށީމެ ބުނެ (ކަށަވަރުން ބުނެފާށީމެ)
ތަކަކުން އަމަށަ ފިކުރު ލުންވާ (މަށަ އަލުންވާ ފިކުރު ތަކަކުން)
ހަކަ އަރުމާދު ފަސްލުންވާ (އަރުމާދު ވާހަކަ ފަސްލުން)

މި ދަންނަވައިލެވުނު ތިން ރައިވަރުން ވެސް ބަނޑޭރި ޙަސަން މަނިކުފާނު އެ ރައިވަރުތައް ހައްދަވާން ފަށްޓަވައިގެން ގޮތް ވަރަށް ރީއްޗަށް ބުނުއްވައި ދެއްވައިފައި އެބަހުއްޓެވެ.

ދެންއޮތީ ދިއޯގެ ރައިވަރެވެ. މި ރައިވަރުބައިގައި ބަނޑޭރި ޙަސަން މަނިކުފާނު ގެންގުޅުއްވައިފައި ވަނީ ދެ ޝަޚުސެކެވެ. ދެ އަންހެން ބޭފުޅެކެވެ. ދިޔޯއަކީ ރީތި އަންހެން ކުއްޖެއްގެ ނަމެވެ. (ދެޔޯއާއި، ދިޔޯ އޮޅުވައި ނުލެއްވުން އެދެމެވެ. ދެޔޯއަކީ ފުރޭތައެވެ.) ބަނޑޭރި ޙަސަން މަނިކުފާނު ޚިޔާލީ ގޮތުން ލިޔުއްވި “ދިޔޯގެ ރައިވަރު” ގައި ގެންގުޅުއްވައިފައިވަނީ ދައިތާފުޅު ދިޔޯއަކާއި، ކޮއްކޯފުޅު ދިޔޯއެކެވެ. ދެބެން ވެސް ބޭނުންފުޅުވަނީ ދުނިޔޭގެ ވެރިކަމެވެ. އެއީ “މާސީނު’ (ޗައިނާ)ގެ ވެރިކަމެވެ. ނުވަތަ “ސިޔާމު” (ތައިލެންޑް)ގެ ރަނިކަމެވެ.

މި ވާހަކަ ރައިވަރުން ގެނެސްދެއްވިއިރު މިހާރު ޢާއްމުކޮށް ގިނަމީހުން ޚިޔާލީގޮތުން ލިޔާ ވާހަކަތައް ލިޔެއުޅޭ ފަދައިން ދައިތާފުޅު ދިޔޯ އިންނަވަނީ އިންޑިޔާގެ ދަކަނުގައެވެ. ކޮއްކޯފުޅު ދިޔޯ އިންނަވަނީ އެފްރިކާގެ މުސިންބީ (މޮޒަންބީކް) ގައެވެ. މި ދެބޭފުޅުންކުރެ، މޮޒަންބީކުގައި އިންނެވި ދިޔޯ ހެއްދެވި ގޮތަކީ ފަންސާސް ނައު ބަނދެގެން ދައިތާފުޅާ ދިމާކުރައްވަން ވަޑައިގަތީއެވެ. ވަޑައިގެންނެވިއިރު، މި ނައުތައް ފުރެންދެން ހުރީ ހަތިޔާރު އަރުވާ ބަރާކޮށްފައެވެ. ކޮއްކޯފުޅު ދިޔޯގެ ލަޝްކަރު އެ ދިޔަގޮތަށް ގޮސް ދައިތާފުޅުގެ ލަޝްކަރުގެ ދުވަސް ދުއްވާލަނީއެވެ.

މި ރައިވަރުފޮތް ހައްދަވައިގެން ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި ރަސްގެފާނުގެ އަރިހަށް ގެންދިއުމުން ވަރަށް ބޮޑަށް ރަދުން އުފާފުޅު ކުރައްވައި، ބަނޑޭރި ޙަސަން މަނިކުފާނަށް ތަޢުރީފު ކުރައްވައިފައި ބޮޑު އިނާމު ވެސް ދެއްވިއެވެ. އެހެންކަމުން އެ ޒަމާނުގެ ގިނަބޭފުޅުން ދެކެވަޑައިގަންނަވަނީ ބަނޑޭރި ޙަސަން މަނިކުފާނަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ޝާޢިރު ޖޯން މިލްޓަންގެ ފެންވަރުގެ ބޭފުޅެއްގެ ގޮތުގައެވެ.

މަޢުލޫމާތު ހޯދީ:

  • ޝައިޚް ޒުބޭރު.  ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން. 1999
  • ކަންޒުލް އަދަބު.  އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދި . 1992
  • ދަންފުޅި . އަލްފާޟިލް އަޙުމަދު ޝަފީޤް . 2000
  • ދިވެހި އަދީބުން 1.  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.  1993
ޝެއަރކުރެއްވުމަށް