ދިވެހި ބަހުގެ ރަދީފުގައިޝަހީދުގެ މާނައަކީ ދީނުގެމަގުގައި ނުވަތަ ވަޒަނުގެ ޙައްޤުގައި ކުރާ ހަނގުރާމައިގައި ވާ މަރެވެ. މި ލޮބުވެތި ދިވެހިރާއްޖޭގެ ތާރީޚުގައި ދުށް އެންމެ ހިތްދަތި ބިރުވެރި އެއް ޙާދިސާއަކީ ވެސް މިފަދަ ޙާދިސާއެކެވެ. މި ލޮބުވެތި ޤައުމު ސަލާމަތްކުރުމަށް ޓަކައި އެ ބައެއްގެ އެންމެ ފަހު ނޭވާ މި ބިމަށް ދޫކުރެއްވި ޙާދިސާއެވެ. އާދެ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ މުޅި ރާއްޖެ ހިތާމައާއި ބިރުވެރިކަމުގެ ތެރެއަށް ޣަރަޤުވެެގެން ދިޔަ ދުވަހެކެވެ. އަމިއްލަ އެދުމަށް ޓަކައި ޤައުމަށް ޣައްދާރުވި ދިވެހިންގެ ބަޔަކު ދިން އަނިޔާވެރި ނުރައްކާތެރި ޓެރަރިސްޓު ޙަމަލާގެ ސަބަބުން ދިވެހިންގެ 19 މީހުން ޝަހީދުވެގެން ދިޔައެވެ.

އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. އަދި, މި ޙަމަލާތަކުގައި 39 ދިވެހިން ޒަޚަމްކޮށްލާފައިވާކަން ތާރީޚުން ހެކިދެއެވެ.

އެ ބިރުވެރިކަމުގެ ތެރޭގައި ތިބި ކޮންމެ ދިވެއްސެއް ޝުުކުރުވެރިކަމާއެކު ހިތުގެ އެންމެ ފުންމިނުން މި ޝަހީދުންނަށް ހެޔޮ ދުޢާކުރަނީ ޝުކުރުވެރިކަމާ އެކުގައެވެ. ޤައުމަށް ޓަކައިވި ހިތްވަރާއެކު ދެއްކެވި ޤުރުބާނީ ފާހަގަކުރަނީ އިޚްލާޞްތެރި ހިތަކުންނެވެ.

މި ހިތްވަރުގަދަ ބޭކަލުންގެ ހަނދާން އައުވެގެން މިދަނީ ކޮންމެ އަަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ނަޞްރުގެ ދުވަހުގެ ސަބަބުންނެވެ.

މި ދުވަސް ފާހަގަކުރުމަށް މަގުތަކުގައި ދިވެހި ދިދަ ނަގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޚާއްޞަ ބަޔާނެއް، ނުވަތަ މެސެޖެއް ރައްޔިތުންނަށްދީ، ދުވަހާ ގުޅޭ ޚާއްޞަ ޖަލްސާތައް ބާއްވައި، ޚަބަރުފަތުރާ ވަސީލަތްތަކުން މި ދުވަހާ ގުޅޭ ތަފާތު ޕްރޮގްރާމްތައް ގެނެސްދީ ހަދައެވެ. ހަމަ އެހެންމެ މި ދުވަހުގެ މުނާސަބަތުގައި ސްކޫލުތަކުގެ ދަރިވަރުންނަށް އެކި ފެންވަރުގައި ކަންކަން ކުރިއަށް ގެންގޮސްފައިވާތަން ފެނިފައިވެއެވެ. އެކަމަކު އެއީ މާޒީފަދައެވެ. މިފަހުގެ ތާރީޚްތަކުގައި މި ދެންނެވި ކަންކަން ފެންނަނީ ދަމަކުން ބަޑިއެއް ޖަހާހެންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ހިތަށް މިއަރަނީ ޝަހީދުންގެ ޛިކުރާ އާލާކުރެވެންވީ ހަމަ މި މިންވަރަށްތޯއެވެ؟

މިފަދަ މުހިންމު ދުވަހެއް ފާހަަގަކުރާއިރު، ޚާއްޞަކޮށް އެ ޝަހީދުންގެ ޛިކުރާ އާލާކުރުމަށް މިއަދު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެނީ ކިހާވަރަކަށްތޯ މިއީ މިއަދު އުފެދޭ އަދި އުފައްދަން ޖެހޭ ސުވާލެކެވެ.

އެދުވަސް ހަނދާނަށް ގެންނަމާތޯއެވެ! ބަޔަކު ޤައުމެއް ހިފަން އެ ޤައުމަކަށް އަރާއިރު ކުޑަކުއްޖަކަށް، ބޮޑު މީހަކަށް ނުވަތަ މުސްކުޅިއަކަށް ބަލާނެތޯއެވެ! ރަސްކަލެއް، ވަޒީރެއް އާދައިގެ ރައްޔިތެއް އެފަދަ މީހުންނަށް ފަހުމްވާނެތޯއެވެ! އެ ދުވަހު މި ކުޑަކުޑަ ޤައުމަށް ވެސް ވީ ހަމަ މި ދެންނެވިހެންނެވެ. ބާޣީން އެރިގޮތަށް އެ ހިތްގައިމު ފަތިހުގެ ހަމަހިމޭންކަން ވެސް ނަގާލިއެވެ. މުޅި މާލެތެރެއަށް ގުގުމަމުން ދިޔައީ ބަޑީގެ ބިރުވެރި އަޑެވެ. މުޅި މާހައުލަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. ވަނީ ކިހިނެއްކަމެއް، ވާން އުޅެނީ ކީއްކަމެއް އެނގޭ އެއްވެސް މީހެއް ނެތެވެ. ކޮންމެ މީހަކަށް ވެސް އެނގެނީ ބަޑީގެ ޙަަމަލާ ދެމުންދާ ކަމެވެ. މީހުން މަރުވަމުންދާކަން އެނގެން ފެށީ ވެސް ހެނދުނުވީ ފަހުންނެވެ. އެހެންނަަމަވެސް މަރުވީ ކިތައް މީހުން ކަމެއް، ކޮން ބައެއްކަމެއް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ކޮންމެ މީހެއްގެ ހިތުގައި ވަނީ ބިރުވެރިކަމާއި ނަމާންކަމެވެ. ބަޑީގެ ހަމަލާތައް ގެއާ ހަމައަށް ނާންނާނެބާއޭ ހިތަށް އަރާކަހަލައެވެ. މާލެ ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު އަތޮޅުތެރޭގެ ރަށްރަަށުގައި ހަނގުރާމަ ނެތެއްކަމަކު އެއިން ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ ހިތުގައިވަނީ ބިރުވެރިކަމާއި ހާސްކަމާއި ނުތަނަވަސްކަން ވެރިވެއެވެ. މާލޭގައި ވަމުންދާ ގޮތް ހަމައެކަނި އެނގެން އޮތް ވަސީލަތުގެ އަޑު ވެސް ވަނީ އޭރު ކެނޑިފައެވެ. ލިބެމުންދާ ޙަމަލާގެ ދިފާޢުގައި ރާއްޖޭގެ ދިފާޢީ ބާރުން ކުރަމުންދިޔަ ޖިހާދާއި މި ޖިހާދުގައި ޝަހީދުވަމުންދިޔަ ސިފައިންގެ ލެއިން މި ލޮބުވެތި ވަޠަން ދިޔައީ ކަޅިވަމުންނެވެ. ދެފަރާތުން ދެމުންދިޔަ ބަޑީގެ ޙަމަލާތަކާއި، ބާޣީން އެ މީހުންގެ ޓާގެޓްތަކަށް ދިޔުމަށްކުރި ބުރަ މަސައްކަތުން ވެސް އެކަން ކާމިޔާބު ނުވުމުން އާންމުންނަށް ޙަމަލާދީ މަރަމުން ދިޔައެވެ.  އަދި ނާކާމިޔާބީއާ ކުރިމަތިވީކަން އެނގުނު ހިސާބުން ދިވެހިންގެ ތެރެއިން ބަޔަކު ރަޙީނުކޮށް އާގުބޯޓަކަށް ލިއެވެ. ރަޙީނުކުރި މީހުންގެ ތެރެއިން ބައެއް މީހުން ގަޔަށް ބަޑިޖަހައި ޝަހީދުކުރިއެވެ.

މިހާ ކުރު ލަފުޒުތަކަކުން މި ހާދިސާ ކުރުކޮށް ކިޔައިދެވުނަސް، އެދުވަހު އެކަން ތަޖުރިބާކުރި މީހުންނާއި، އެ ވާހަކަތައް ލިޔެފައިވާ ފޮތްތަކާއި ލިޔުންތަކުން މިކަމުގެ ބިރުވެރިކަން އިއްޔެ މެންދުރު ވީކަމެއްހެން ހާމަވާން ހުއްޓެވެ. 

އެ ދުވަހު މި ޤައުމަށް ޓަކައި ޝަހީދުވެގެން ދިޔަ ކޮންމެ ޝަހީދަކީ އަޅުގަނޑުމެން މިއަދު މި ހިތްފަސޭހަ ފަސްގަނޑުގައި ދިރިއުުޅުމަށް ފުރުސަތު ފަހިކޮށްދިން ޝަހީދެކެވެ. އަޅުގަނޑުމެންގެ ޅަ ދަރިންނަށް މިނިވަންކަމާއެކު ދުވެ، ފުމެ، ކުޅެލަން މި ބިން އަމާން ތަނެއްކަމުގައި ހެދުމަށް މަސައްކަތް ކުރި ދިވެހި ދަރިއެކެވެ. މާތް ވެގެންވާ އިސްލާމްދީނާއި މި ދިވެހި ދަޢުލަތް، މި ބިމުގައި އޮތަދިނުމަށް ވީ ޤުރުބާނީއެކެވެ. ދުޝްމަނުންގެ ކިބައިން އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ދުރާލައި ރުކުރުވާލަން ދިން ފުރުސަތެކެވެ. މިއަދުގެ ޖީލަށް މިނިވަންކަމާއެކު ނޭވާލުމަށް ކޮށައިދިން މަގެކެވެ.

އެކަމަކު މިއިން އެއްވެސް ކަމެއް މިއަދު އަޅުގަނޑުމެންނަށް ނުވިސްނޭފަދައެވެ. ހަމައެކަނި މަގުމަތީގައި ޖަހާލާ ދިދައަކުން، ރައްޔިތުންނަށް ދެއްވާ މެސެޖަކުން، ނުވަތަ ރައްޔިތުން މި ދުވަސް ފާހަގަކުރުމަށް ލާ ދިވެހި ލިބާހަކުން ނަޞްރުގެ ދުވަސް ފާހަގަކުރެވުނީތޯއެވެ.

މިދުވަސް ފާހަގަކުރަންޖެހޭނީ މިއަދުގެ ޖީލާއި، އަންނަން އޮތް ޖީލަށް ވެސް، މިއަދު މިފެންނަ ވަޅު ޖެހެމުންދާ ތާރީޚް ނަގައި، އާލާކޮށް ދިރުވާނެ ހިތްވަރު ލިބޭނެ ގޮތަކަށެވެ. ޅަދަރިންގެ ހިތްތައް ފުރުވަންވީ އިސްލާމްދީނުގައި ޝަހީދުންގެ ދަރަޖަަލިބޭ ބަޔަކަށްހެދުމަށް އެ މަޢުލޫމާތުތަކުންނެވެ. މާތް ﷲގެ އިރާދަފުޅުން މި ޤައުމުގައި މިވާ އިސްލާމީ ވަޙްދަތު ނަގަހައްޓައި، ދަމަހައްޓަންކެރޭ ބަޔަކަށް ހެދުމަށެވެ. މި ޤައުމަށް ޓަކައި ޝަހީދުވެގެންދިޔަ ކޮންމެ ދިވެއްސަކީ އެފަދަ ދެވަނައެއް ނުވާ ފަރުދެއްކަމެވެ. ތިމާ އުޅެންވީ، އަދި އުޅުން ބަހައްޓަންވީ ވެސް އެފަދަ ޝަހީދަކަށްވުމަށް ޓަކައިކަމެވެ. މި ލޮބުވެތި ވަޠަންގެ ކަރާމާތަށްޓަކައެވެ.

މިއަދުގެ ޒުވާނުން ވާންޖެހެނީ ނޮވެންބަރު 3 ގެ ޙަމަލާ ނާކާމިޔާބު ކުރެއްވުމަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ހިތްވަރުގަދަ ބަޠަލު ޝަހީދު ޙުސައިން އާދަމްފަދަ ޒުވާނަކަށެވެ. ޒުވާނުން ދެނެގަންނަންވީ އެ ބަޠަލު، މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ވަޠަނަށް ޓަކައި ކުރެއްވި މަތިވެރި ޖިހާދަކީ އެންމެ 20 އަހަރުގައި ކުރެއްވި ޖިހާދެއްކަމެވެ.

ޒުވާނުން ދިރާސާކޮށް ބަލަންވީ އެތައް ސިފައިންނެއް ރަޙީނުކޮށް ޒަޚަމްކުރިއިރުވެސް، އެތައް ސިފައިންނެއް ޤައުމަށް ޓަކައި ހަނގުރާމަކޮށް ޝަހީދުވެގެން ދިޔައިރު ވެސް އެއްވެސްކަހަަލަ ފަސްޖެހުމެއްނެތި، މި ލޮބުވެތި ވަޠަން ޙިމާޔަތްކުރުމުގައި ފަހަތަށްނުޖެހި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތްކުރައްވައި ޝަހީދުވެގެންދިޔަ ހިތްވަރުގަދަ ޝަހީދުންނަށެވެ. އެއީ އެ ވާހަކަތައް އަލުން ގެނެސް، ތިމާއާއި ތިމާގެ އާއިލާއަށް، އަދި ދަރިންނަށް ކިޔައިދިނުމަށެވެ. އެ ކުދިންގެ ހިތްތަކުގައި، މި ޤައުމަށް ނަޞްރު ހޯދައިދިން ބަޠަލުންނަށް ޓަކައި ލޯބި ޖެއްސުމަށެވެ.

ތުއްތު ކުދިންނަށް މި މަޢުލޫމާތުތައް ފޯރުކޮށްދެވޭނީ ކިޔަވައިދިނުމުގެ ތެރެއިންނާއި، އެހެނިހެން ގޮތްގޮތުން ވެސް އެ ކުދިންނަށް ޝަޢުޤުވެރި ގޮތަކަށް ޤައުމާމެދު ފިކުުރުކުރަން ދަސްކޮށްދެވިގެންނެވެ. ނަޞްރު ލިބުނީ ކޮންކަމަކަށްކަމާއި، ނަޞްރު ލިބެނީ ކިހިނެއް ކަންކަން ކޮށްގެންކަމާއި، ނަޞްރަކީ ކޮބައިކަން އަންގައިދެވިގެންނެވެ. މިއީ އުނގެނުމުގެ ތެރެއިން ވެސް ދަސްކޮށްދެވޭކަމަކަށް ވެގެންނެވެ.

ކޮންމެ މާއްދާއަކަށް ފޮތެއް އޮންނަ ފަދައިން، ކޮންމެ ދުވަހަކަށް ޚާއްޞަ ފާހަގަކުރުންތަކެއް ބާއްވާފަދައިން، ކޮންމެ އަހަރަކު އެެއްފަހަރު ބާއްވާ އިމްތިހާނުތަކުގައި އަންނަ ސުވާލުތައް ފަދައިން ނަޞްރުގެ ދުވަހަށް ވެސް އެކުދިން ހޭލުންތެރިކޮށް ބުނެދެވިގެންނެވެ.  އެކަން މިއަދު ނުކުރެވިއްޖެނަމަ މާދަމާ އަޅުގަނޑުމެން ކަރުނަ އަޅަންޖެހިދާނެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ މި ދީބަށް ފެހިކަމާއި އާރޯކަން ގެނެސްދެއްވުމަށް ޓަކައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި މި ޤައުމަށް ޓަކައި ޝަހީދުވި އަބުޠާލުންގެ ޛިކުރާ އަޅުގަނޑުމެންނަށް އާލާ ނުކުރެވުނީތީއެވެ. މިއަދުގެ ޖީލާއި އަންނަން އޮތް ޖީލަށް އެ ޝަހީދުންގެ މުހިންމުކަމާއި އެ ޝަހީދުން ލެއިންވީ ޤުުރުބާނީގެ މުހިންމުކަން ކިޔައި ނުދެވުނީތީއެވެ.

މާތްﷲ މި ޤައުމަކީ އަބަދުވެސް އަމާން ތަނެއްކަމުގައި ލައްވައި، އަޅުގަނޑުމެންގެ ހިތުގައި މި ޤައުމަށް ޓަކައި ޝަހީދުވި ދަރިންނާ މެދު އިޚްލާޞްތެރިކަން އިތުރުކުރައްވައި، އެފަދަ ބަޔަކަށް އަޅުގަނޑުމެންގެ ދަރިން ވެސް ވުމުގެ ހިތްވަރު ދެއްވާށިއެވެ.

ޝެއަރކުރެއްވުމަށް