”ފޭސްބުކުން ފެނުނު އެ ރީތި ކުއްޖާދެކެ ލޯބިވެބުނީ އަމަށަކު ވަރަކަށް ނޫން. އެންމެފަހުން އޭނާ އަހަރެން ބުލެކްމެއިލް ކުރީ ފައިސާއަށް. އެއީ ލޯބީގެ އަސަރުގަދަ ސްކޭމެއް.”
ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީ އަސްލެއް ނޫނެވެ.
އެކުވެރީންނެވެ. މި ކިޔައިދެނީ އަހަރެންނަށް ދިމާވި ލޯބީގެ އަސަރުގަދަ ހަގީގީ ހާދިސާއެކެވެ. އަހަރެންނަކީ ރާއްޖޭގެ އެންމެ އުތުރު ރަށަކަށް އުފަން އުމުރުން 25 އަހަރުގެ ޒުވާން ފިރިހެނެކެވެ. އަހަރެން ލޯބީގެ ގޮތުން އެތައް ދުވަހެއް ވަންދެން ރައްޓެހިވެގެން އުޅުނު ކުއްޖާ ބީވެދިއުމުން މާޔޫސްވެ ގިނަގިނައިން މީސްމީޑިޔާގެ އެކި މަންސަތަކުގައި ހަރަކާތްތެރިވަމުން ދިޔައީމެވެ. އޮފީހުން ގެއަށް އައިސް ލިބޭ ހުސްވަގުތުތަކުގައި ފޫހިފިލުވާލުމަށް ކުރާކަމަކީ އެއީއެވެ. މިގޮތުން އެއްދުވަހަކު ފޭސްބުކު ބަލާލިއިރު މަރީ (އަސްލު ނަމެއް ނޫން) ކިޔާ ކުއްޖަކު ފޭސްބުކުން ރިކްއެސްޓެއްކޮށްފައި އޮތެވެ. އެ ކުއްޖާގެ ޕްރޮފައިލް ފޮޓޯ ރީތިކަމުން އަހަރެން އޭނައަށް ހިތްކިއެވެ. އެހެންވެ ވަގުތުން ރިކްއެސްޓް އެކްސެޕްޓްކުރީމެވެ. އެކްސެޕްޓްކުރިތާ މާގިނައިރެއްނުވެ މެސެންޖަރއިން އެ ކުއްޖާ ”ހައި” ޖަހާލިއެވެ. އަހަރެން ވެސް ”ހައި” ޖަހާލީމެވެ. އޭގެ ފަހުން ދެ މީހުން އެކަކު އަނެކަކަށް ތަޢާރަފްވީމެވެ. އަދި އޭނާއަކީ ވެސް އަހަރެން ފަދައިން ލޯބިވެރިޔާ ބީވެގެން ގޮސްފައިވާ ކުއްޖެއްކަމަށް ބުނުމުން މެސެންޖަރއިން މަޑުމަޑުން ދެމީހުން ވާހަކަ ދައްކަން ފެށީމެވެ. އޮފީހުގައި އުޅޭއިރު ވެސް ގިނަ ވަގުތު އެ ކުއްޖާއާ ވާހަކަ ދައްކަން އިނދެވެއެވެ. މިހެން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ދެ މީހުންނަށް ވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ.
މެސެންޖަރއިން ވާހަކަ ދައްކާ އެ އަންހެން ކުއްޖާއަކީ މާލޭގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ކުއްޖެއްކަމަށް އެ ކުއްޖާ ބުނެއެވެ. އޭނާގެ ހުންނަނީ މުސްކުޅި މަންމައެއް ކަމަށާއި މަންމަ ބަލިކަމުން އޮފީހަށް ވެސް ނުގޮސް ގޭގައި ހުންނަނީ ކަމަށް އެ ކުއްޖާ ބުންޏެވެ. އެ ރީތި ފޮޓޯ ޕްރޮފައިލްގެ އަންހެން ކުއްޖާގެ ޖާދޫގައި ޖެހުނު ފަހުން އަހަރެން މުޅި ދުވަސް ހޭދަކުރަމުން ދިޔައީ އެ ކުއްޖާއާ ވާހަކަ ދެއްކުމުގައެވެ. ބައެއް ފަހަރު މެސެންޖަރއިން ވީޑިއޯ ކޯލް ކޮށްގެން ވެސް ވަރަށް ދަންވަންދެން ވާހަކަ ދައްކަން ތިބެމެވެ. މިހެން ވުމުން ބައެއް ފަހަރު ހެނދުނު އޮފީހަށް ދެވެނީ ވެސް ގަޑިޖެހިގެންނެވެ.
މިގޮތުގައި ގާތްގަނޑަކަށް ދެ ހަފުތާ ވީތަނާ އަހަރެން އޮފީހުގައި އިންދާ އެ ކުއްޖާގެ މެސެޖެއް ފޯނަށް އައެވެ. މެސެޖްގައި އޮންނަނީ އޭނާގެ މަންމަ ބަލިިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ވާހަކައާއި އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތުމުން ފައިސާގެ އެހީއަކަށް އެދިފައެވެ. އެހެންކަމުން ވަގުތުން އޭނާއަށް ގުޅައި ބޭނުންވަނީ ކިހާ ފައިސާއެއްތޯ އެހީމެވެ. ނަމަވެސް އޭނާ ބުނަމުން ދިޔައީ އަހަރެންގެ އަތުން ފައިސާ ބޭނުން ނުވާކަމަށާއި އެހީއެއް ވެދީފިނަމަ ޝުކުރުވެރިވާނެ ކަމަށެވެ. އެހެންކަމުން އަހަރެން އޭނާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ ބުނި އެކައުންޓަށް އެއްހާސް ރުފިޔާ ޓްރާންސްފަރ ކޮށްދިނީމެވެ. އޭނާ އެކަމަށް ޝުކުރު ވެސް އަދާކުރިއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ފަހުން ދޭގޮތަށް ފަސްހާސް ރުފިޔާ އޭނާ އަހަރެންގެ އަތުން ނެގިއެވެ. މި ގޮތަށް އެކިފަހަރު މަތިން ފައިސާ ނަގަމުން ގޮސް ގާތްގަނޑަކަށް ފަންސާސް ހާސް ރުފިޔާ އޭނާއަށް ދެވިއްޖެއެވެ. ކޮންމެ މަހަކު ވެސް މުސާރަ ލިބުމާއެކު އޭނާ ފައިސާއަށް ކިޔާތީ ލޯބިވާލެއް ބޮޑުކަމުން ފައިސާ ފޮނުވެނީއެވެ. މިގޮތުގައި ގާތްގަނޑަކަށް ތިންމަހެއްހާ ދުވަސް ފާއިތުވިފަހުން އޭނާގެ އެދުމުގެ މަތިން އަހަރެމެން ދެމީހުން ކޮންމެ ރެއަކު ވެސް ވީޑިއޯ ކޯލުކޮށްގެން ވާހަކަ ދައްކަމުން ދިޔައީމެވެ. އަދި އޭނާ ވެސް ބަރަހަނާ ފޮޓޯ ނަގާފައި އަހަރެންނަށް ފޮނުވާތީ އަހަރެން ވެސް ބަރަހަނާ ފޮޓޯ ނެގުމަށްފަހު މެސެންޖަރއިން އޭނައަށް ފޮނުވަމުން ދިޔައީމެވެ. އަދި ބައެއް ފަހަރު ބަރަހަނާވެގެން ވީޑިއޯ ކޯލްކޮށް ލޯބީގެ މާތައް ފޮޅުވަމުން ދިޔައީމެވެ. މިގޮތުގައި މަހެއްހާ ދުވަސް ވީފަހުން އެއްރެއަކު އޭނާއަށް ވަރަށް ބޮޑު ކަމެއް ޖެހިއްޖެކަމަށް ބުނެ ދިހަހާސް ރުފިޔާ ފޮނުވައިދިނުމަށް އެދުނެވެ. ނަމަވެސް އަހަރެންގެ އަތުގައި އެވަރަށް ފައިސާ ނެތުމުން ދެވެން ނެތް ވާހަކަ ބުނުމާއެކު އޭގެފަހުން އޭނާގެ ވާހަކަ ދެއްކުމުގެ ރާގު މަޑުމަޑުން ބަދަލުވާން ފެށިއެވެ. އަދި ފައިސާ ނުދީފިނަމަ އޭނާ ދެކޭނީ އެއީ ލޯބިނުވާތީ ކަމަށް ވެސް ބުނަމުން ދިޔައެވެ. އޭގެ ތިން ދުވަސް ފަހެވެ. އޭނާ އަހަރެންގެ ފޯނަށް މެސެޖެއް ފޮނުވިއެވެ. މެސެޖްގައި އޮތީ ފައިސާ ނުދީފިނަމަ އަހަރެން އޭނާއަށް ފޮނުވި ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ލީކްކޮށްލާނެ ވާހަކަ ބުނެ ބްލެކްމެއިލްކޮށް އަހަރެންނަށް ބިރު ދައްކާފައެވެ. އެހެންވެ ވަގުތުން އަހަރެން އޭނާއަށް މެސެޖް ކުރީމެވެ. މީހެއްގެ އަތުން ލޯނު ނަގައިގެން ވެސް ތި ފައިސާ ދޭނަމޭ ލީކުނުކުރާށޭ އަހަރެން ބުނީމެވެ. މިހެން ބުނުމުން އޭނާ އެ ވީޑިއޯތައް ލީކް ނުކުރުމަށް އެއްބަސްވިއެވެ. އެހެންކަމުން އަހަރެންގެ ރަައްޓެއްސަކު އަތުން ދިހަހާސް ރުފިޔާގެ ލޯނެއް ނެގުމަށްފަހު އޭނާއަށް ޓްރާންސްފަރ ކުރީމެވެ. އޭނާއަށް އެ ފައިސާ ލިބުމާއެކު އޭނާގެ ޚަބަރެއް ނުވިއެވެ. ކުޑަމިނުން ޝުކުރު ވެސް އަދާނުކުރެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ފޯނު ބަލާލިއިރު އޭނާގެ މެސެޖެއް އޮތެވެ. މެސެޖުގައި އޮންނަނީ ”އޭނާ ހޯދަން ދެން ނުޅޭތި، ހޯދަން އުޅެފިނަމަ ވީޑިއޯތައް ލީކް ކޮށްލާނަން” މިހެންނެވެ. އެކަމާ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. މި ކުރެވުނު ކަންތަކާ ވަރަށް ހާސްވެ ކަންބޮޑުވިއެވެ. ނަމަވެސް އޭގެ ފަހުން އޭނާ އޮންނަނީ އޭނާ ގުޅާ ނަންބަރު ވެސް ނިއްވާލާފައެވެ. ފޭސްބުކުން ވެސް އަހަރެން ބްލޮކް ކޮށްލާފައެވެ.
އެކުވެރީންނެވެ. ފޭސްބުކުން މީހެއްގެ ފޮޓޯ ފެނި ހިތްކިޔަސް، ފެންނަހާ މީހަކު ދެކެ ލޯބިވެ ހިތް ދެވިއްޖެނަމަ އަހަަންނަށް މި ލިބުނު ލަނޑު ތިޔަ އެކުވެރިންނަށް ވެސް ލިބުން ގާތެވެ. އަހަރެންނަށް އެ ކުއްޖާ ދެކެ ލޯބިވެވުނީ އަމަށަކު ވަރަކަށް ނޫނެވެ. އެއީ ދުވަހަކު ވެސް ފެނި ބައްދަލުވެގެން ވީކަމެއް ނޫނެވެ. އެންމެ ފަހުން އެ ކުއްޖާ އަހަރެން ބުލެކްމެއިލް ވެސް ކުރީ ފައިސާގެ ބޭނުމުގައެވެ. އެއީ ލޯބީގެ ސްކޭމެކެވެ. އިނގިރޭސި ބަހުން ބުނާނަމަ ”ރޮމޭންސް ސްކޭމް” އެކެވެ. އެ ކުއްޖާގެ މަޅީގައި ޖެހި އަހަރެންގެ މުޅި ދިރިއުޅުން މިއަދު މިވަނީ ބަނގުރޫޓްވެފައެވެ. ލިބޭ ކުޑަ މުސާރަކޮޅުން އެއްކުރި ފައިސާކޮޅު އެ ލޯބީގައި މިއަދު މިވަނީ ފަނާކޮށްލާފައެވެ. އުމުރު ދުވަހު އެއްކުރި ފައިސާކޮޅު ލޯތްބަށް ޓަކައި ހުސްކޮށްލެވިފައެވެ. އެހެންކަމުން ކުރެވުނު މި މޮޔަކަންތަކާ މާޔޫސްވެ، ހިތާ ދެކޮޅަށް ނަމަވެސް މި މައްސަލަ ފުލުހުންނަށް އަހަރެން ހުށަހެޅީމެވެ.
އެކުވެރީންނެވެ. ފަހަކަށް އައިސް ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ލޯބީގެ ސްކޭމްތައް ހިމެނެއެވެ. އެފަދަ ސްކޭމްތައް އާންމުގޮތެއްގައި ފެށެނީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މެދުވެރިކޮށެވެ. އޭގެ ތެރޭގައި ޑޭޓިން ޕްލެޓްފޯމްތައް ހިމެނެއެވެ. “ދުރު ގައުމުތަކުންނާއި ރާއްޖެއިން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދެއެވެ.
މިފަދަ ސްކޭމްތައް ކުރިއަށްގެންދަނީ ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ސައްހަ ނޫން ނަންތަކާއި މަޢުލޫމާތު ބޭނުންކޮށްގެން ޕްރޮފައިލްތައް ހަދައިގެންނެވެ. އަދި މީހަކާ ވާހަކަ ދައްކަން ފެށުމަށް ފަހު، އެކަމަށް ގިނަ ވަގުތު ހޭދަކޮށް، އެ މީހެއްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން އެ މީހަކާ ޖަޒުބާތީގޮތުން ކުޅެ، އޮޅުވާލުމަށް ލޯބީގެ ބަސްތައް ބޭނުންކުރެއެވެ. މީގެ އިތުރުން ސްކޭމް ކުރާ މީހުންނަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ބައެކެވެ. މިސާލަކަށް، ލޯބިވާ މީހަކު ދާދި ފަހުން ބީވެފައިވާ ނުވަތަ އެކަނިވެރިވެ، އެކުވެރިކަން ހޯދަންއުޅޭ މީހުންނަށް އަމާޒުކޮށް މިފަދަކަންކަން ކުރަމުންގެންދެއެވެ. އެއަށްފަހު، ގުޅުން ވަރުގަދަ ވުމުން އެމީހަކު އާއިލާއާއި ރައްޓެހިންނާ އެކަހެރި ކުރަން މަސައްކަތް ކުރެއެވެ. އޭގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް، ގާތް މީހުންނާ މުއާމަލާތްކޮށް ލަފައާއި އެހީތެރިކަން ހޯދަން ދަތިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ މީހުން ތަފާތު ގޮތްގޮތަށް ފައިސާ ހޯދަން މަސައްކަތް ކުރާނެއެވެ. އޭގެ ތެރޭގައި، ‘ފޭކް އެމަޖެންސީ’ތައް ހިމެނޭކަން ފުލުހުން ޚިދުމަތަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ޞިއްޙީ ކަމެއް ނުވަތަ މާލީ ކަމެއް ނުވަތަ ގާނޫނީ މައްސަލައެއް ޖެހިފައިވާ ކަމަށް ބުނެ ފައިސާ ހޯދަން އުޅެފާނެއެވެ.
އިތުބާރު ގާއިމުވުމުން، ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައެވެ. އަދި ދަތުރުފަތުރުގެ ޚަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފާނެއެވެ. މީގެ އިތުރުން ބައެއް ހާލަތްތަކުގައި ލޯބީގެ ސްކޭމްތަކުގައި ޖެހޭ މީހުން ލައްވާ މަނީ ލޯންޑާ ކުރާ ހާލަތްތައް އާދެއެވެ. އެގޮތުން ސްކޭމް ކުރާ މީހާގެ ފަރާތުން ފައިސާ ޓްރާންސްފަރ ކުރުމަށް ފަހު، ސްކޭމްގެ ޝިކާރައަކަށްވާ މީހާ ލައްވައި އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުވާ ކަމަށާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއަށް ވެދާނެއެވެ. އެފަދަ ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހު ‘ލޯބިވެރިޔާ’ ވަކި ހިސާބަކުން ވާހަކަ ދެއްކުން ހުއްޓާލައި، އެކައުންޓު ވެސް ގެއްލެއެވެ.
މިފަދަަ ސްކޭމްތަކުން ދުރުވުމަށް ޓަކައި މާއަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވާން ޖެހެއެވެ. އަދި އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މަޢުލޫމާތު ނުފޮނުވުމާއި، ޕްރޮފައިލް ފޮޓޯއިން ފެންނަނީ އެކައުންޓުގެ ވެރިފަރާތް ނޫން ކަމަށް ގަބޫލު ކުރެވޭ ނަމަ ‘ގޫގުލް ރިވާސް އިމޭޖް’ ސާޗުކޮށްގެން އައިޑެންޓިޓީ ކަށަވަރުކުރުމާއި، ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުޞީލުތައް ހިއްސާކުރުން ހިމެނެއެވެ. މީގެއިތުރުން ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރަންޖެހެއެވެ.
އެކުވެރީންނެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ، ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫން ކަމަށެވެ. އެއީ، އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް ބަހައްޓަން ޖެހޭ ގުޅުމެކެވެ. އެހެންކަމުން ތިޔައިން ކޮންމެ އެކުވެރިއަކު ވެސް މިކަމަށް ވިސްނާށެވެ. ނޫންނަމަ އަހަރެންނަށް ދިމާވި ފަދަ ކަމެއް ތިޔަ އެކުވެރިޔާއަށް ވެސް ދިމާވެދާނެއެވެ.