ލޮބުވެތި މާތް ނަބިއްޔާ (ޞޢވ) އަށް އަބޫޛައްރުގެފާނު ސުވާލު ދެންނެވިއެވެ. ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ކޮބާއިތޯއެވެ؟ އެ ހިނދު މާތް ނަބިއްޔާ (ޞޢވ) ޙަދީޘްފުޅު ކުރެއްވިއެވެ. މަސްޖިދުލް ޙަރާމެވެ. ދެން ކޮން މިސްކިތެއްތޯއޭ ދެންނެވުން، ޙަދީޘްފުޅު ކުރެއްވިއެވެ. މަސްޖިދުލް ޢަޤްޞާއެވެ.

ބައިތުލްމަޤުދިސް ނުވަތަ ޤުދުސްގައިވާ އެންމެ މާތް މުޤައްދަސް ބިނާއަކީ އަލްމަސްޖިދުލްއަޤްޞާއެވެ. އިމާމް ބުޙާރީއާ އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އަލްމަސްޖިދުލް އަޤްސާ ބިނާކުރެވުނީ އާދަމް ޢަލައިހިއްސަލާމްގެ ޒަމާނުގައެވެ.

މާތް ﷲ އިތުރު އެކަލޭފާނަށް ދެއްވި މަތިވެރި މުޢުޖިޒާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މުޢުޖިޒާތަކީ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތެވެ. އިތުރުއެކަލޭގެފާނު މައްކާއިން ބައިތުލްމަޤުދިސަށް ކުރެއްވި ދަތުރުފުޅަކީ އިސްރާއެވެ. އަދި ބައިތުލްމަޤުދިސްގެ އަލްމަސްޖިދުލްއަޤްޞާއިން އުޑުތަކަށް ކުރެއްވި ދަތުރުފުޅަކީ މިޢުރާޖެވެ. މި ދެ ދަތުރުފުޅަކީ ވެސް ތެދު ޙަޤީޤަތެއްކަން ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުކޮށްދެއެއެވެ.

އަލްމަސްޖިދުލް އަޤްޞާއަށް އިސްލާމްދީނުގައި ވަނީ މަތިވެރި ޤަދަރަކާއި ޝަރަފެއް ދެވިފައެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އިސްރާގެ މާތް ދަތުރުފުޅުގައި ކީރިތި ރަސޫލާ މިސްކިތުގައި ނަބީބޭކަލުންނާ އެކު އިމާމުވެ ނަމާދުކުރެއްވިއެވެ. އެއީ މުސްލިމުންގެ މުޤައްދަސް ތިންވަނަ މިސްކިތެވެ.

ޢަބްދުﷲ އިބްނު ޢުމަރު (ރއ) ރިވާކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ “އަހަރެމެން ރަސޫލާ (ޞޢވ) އާ އެކު މަސްޖިދުލްއަޤްޞާއަށް ކުރިމަތިލައިގެން 16 ނޫނީ 17 މަސް ވަންދެން ނަމާދުކުރީމެވެ. އޭގެ ފަހުން މާތްﷲ ރަސޫލާއަށް ވަޙީކުރެއްވީ މައްކާގައިވާ މާތް ﷲގެ ގެކޮޅު، ކައުބާއަށް ކުރިމަތިލައިގެން ނަމާދުކުރާށެވެ” (އަލްބުޚާރީ)

އަލްމަސްޖިދުލް އަޤްޞާއަކީ ދުނިޔޭގައި ދެވަނައަށް ބިނާކުރެވުނު މިސްކިތެވެ. އަރަބި ބަހުން “އަލްމަސްޖިދުލް އަޤްޞާ” މި ބަހުގެ މާނައަކީ އެންމެ ދުރުގައި ހުންނަ މިސްކިތެވެ. ކަޢުބަތުﷲ ގެފުޅާ ދުރުގައިވާ މުޤައްދަސް މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއެވެ.

އަލްމަސްޖިދުލް އަޤްޞާއަކީ، އިސްލާމީ ޢިބާދަތާ ގުޅުމެއް އޮތް ތަނެކެވެ. މުސްލިމުން ނަމާދު ކުރުމުގައި އެތައް ދުވަހެއް ވާންދެން ކުރިމަތިލަމުން އައި ޤިބްލައެވެ. ހިޖުރައިން ދެވަނަ އަހަރު ޝަޢުބާން މަހަށް ދާންދެން މުސްލިމުންގެ ޤިބުލައަކީ އަލްމަސްޖިދުލް އަޤްޞާއެވެ.

އިސްލާމީ ވެރިކަމުގެ ފަރާތުން އެކި ދުވަސްވަރުގައި ތިއްބަވާ ވެރީން، އެ ތަންތަނަށް ވަރަށް ގިނަ ހޭދަތައް ކުރައްވައި، ވަރަށް ގިނަ މުދަލާއި ބިމާއި ތަކެތި އެ ތަނަށާއި އެ ތަން ބެލެހުއްޓުމަށް ޚާއްޞަކުރައްވައިފައިވެއެވެ. މުސްލިމުންގެ ހިތްތަކުގައި އެފަދަ ޤަދަރުވެރި ކީރިތި މިސްކިތް މިހާރު ނަޖިސް ކުރަމުން އެ ގެންދަނީ ޔަހޫދީންގެ ފައިތިލަތަކެވެ. އެބައިމީހުންގެ ފައިން ޙަޤީޤަތުގައި އެ އަރަނީ އިސްލާމީ އުންމަތުގެ ބޮލަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ؟ އަލްމަސްޖިދުލް އަޤްޞާއާއި، އެތާންގެ ބިން، ޔަހޫދީންގެ އަތުން އަތުލައި ސަލާމަތްކުރުމަށް ޓަކައި ޖިހާދު ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ. އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެކެވެ.

ހިތާމައަކީ، އަލްމަސްޖިދުލް އަޤްޞާ މިއަދު މުސްލިމުންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުން ބީވެފައިވާ ކަމެވެ. އެ މިސްކިތާއި މިސްކިތް ހުރި ބިން، ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވައިފައިވާ ބިން، މިހާރު އޮތީ މުސްލިމުންގެ އަތްމައްޗަކު ނޫނެވެ. ޔަހޫދީންގެ އަތްމަތީގައެވެ. މުސްލިމުންނާ އެންމެ ދެކޮޅުވެރި ޔަހޫދީންގެ އަތްމަތީގައެވެ. އަލްމަސްޖިދުލް އަޤްޞާ މުސްލިމުންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމަކީ މިއަދު ޖީލުތަކުން އަދާކުރަންޖެހޭ ދީނީ މަސްއޫލިއްޔަތެކެވެ. އިސްލާމީ އުންމަތުގެ ޢިއްޒަތާއި ޝަރަފު އިޢާދަކުރެވެން އޮތީ އަލްއަޤްޞާ މިސްކިތް މިނިވަންކުރެވިގެންނެވެ. މާތްﷲ އެ ކަމުގައި އިސްލާމީ އުންމަތަށް ތައުފީޤު ދެއްވައި ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން.

ޝެއަރކުރެއްވުމަށް