ޑެޑް ސީއަކީ ދުނިޔޭގައިވާ އެންމެ ލޮނުކަން ގަދަ ކަނޑުގެ ތެރެއިން އެއް ކަނޑެވެ. މިއީ ފަލަސްޠީނާއި އުރުދުންއާ ދެމެދު އޮންނަ ފެން ލޮނު ކުޅިއެކެވެ. ކަނޑުގެ ސަތަހައަށް ވުރެ 1371 ފޫޓް ތިރީގައި އޮންނަ މި ތަނަކީ ބިމުގައިވާ އެންމެ ތިރި ހިސާބެވެ. “ދިރުމެއް ނެތް ކަނޑުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކަނޑަކީ ލޮނުފެން އެކުލެވޭ އެންމެ ބޮޑު ކުޅިއެވެ.

ޑެޑްސީގެ ދިގުމިނުގައި 42 މޭލު އަދި ފުޅާމިނުގައި 11 މޭލު ހުރެއެެވެ. އެންމެ ފުންހިސާބުގައި ހުންނަނީ، 399 މީޓަރެވެ. މެދުމިން ފުންމިނަކީ، 200 މީޓަރެވެ. 2010 ވަނަ އަހަރު ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، އެ ކަނޑުގެ އޭރިއާއަކީ، ގާތްގަނޑަކަށް 650 އަކަ ކިލޯމީޓަރެވެ. ކޮޑިމިނަކީ، 114 ކޮޑި ކިލޯމީޓަރެވެ. ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި، އެ ކަނޑުގެ 35 އިންސައްތައަށް ވުރެ ބޮޑުބައި ވަނީ މިހާރު ނެތިގެން ގޮސްފައެވެ. އުރުދުންގެ ރިފްޓް ވެލީގައި އޮންނަ ޑެޑްސީ ބެހިގެންދާ މައި ގޮތްޕަކީ އުރުދުން ކޯރެވެ. ޑެޑްސީގެ ހުޅަނގު ދެކުނު ފަރާތުގައިވާ 700 ފޫޓް އުސްމިން ހުރި ފަރުބަދައަކީ މަޝްހޫރު ޞަދޫމް ފަރުބަދައެވެ.

ޑެޑްސީ އުފެދުނީ ކިިހިނެއް؟

ސަލާމްލެއްވި ލޫޠުގެފާނަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ޒަމާނުގައި އުޅުއްވި، އިބްރާހީމުގެފާނާއި ނަސަބުފުޅުން ގުޅިފައިވާ ނަބީބޭކަލެކެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ކޯފާލެއްވުމުގެ ހާދިސާއަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެކެެވެ.

އެ ހާދިސާ ހިނގިގޮތަށް ބަލާއިރު، ލޫޠުގެފާނު، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު، ސަލާމްލެއްވި އިބްރާހީމުގެ އިޒުނަފުޅާއެކު، ރަށުން ނިކުމެވަޑައިގެން، ސަދޫމު ޝަހަރަށް ވަޑައިގެންނެވިއެވެ. އެ ޝަހަރާ ގުޅިފައިވާ އެހެން ރަށްތަކާއި އަވަށްތައްވިއެވެ. ސަދޫމަކީ ވެރި ރަށެވެ. އެ ރަށުގެ އަހުލުވެރިންނަކީ، ކާފިރު، އެންމެ އުޅުން ނުބައި, އެމީހުންނަށް ވުރެ ކުރިން ދުވަހަކު ވެސް އެހެން ބަޔަކު އަރައިނުގަންނަ ފާފައަކަށް ވެސް އަރައިގަންނަމުން ދިޔަ ބައެކެވެ. އެއް ޖިންސުން ގުޅުން ހިންގުން އެމީހުންގެ ތެރޭގައި އޮތީ އާންމުވެފައެވެ.

ލޫޠުގެފާނު އެމީހުންގެ ގާތަށް ވަޑައިގެން، ދީނަށް ގޮވާލެއްވިއެވެ. މާތް ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމަށާއި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެ ޙަޟުރަތަށް ޝަރީކު ނުކުރުމަށާއި އެމީހުން ކުރަމުންގެންދިޔަ ފާޙިޝް މުންކަރާތްތަކާއި، ހަޑިހުތުރު ޢަމަލުތަކުން އެއްކިބާވުމަށް ގޮވާލެއްވިއެވެ. އެކަލޭގެފާނުގެ މި ގޮވާލެއްވުމަކަށް އެމީހުން އިޖާބައެއް ނުދިނެވެ. އެގޮތުގައި އެމީހުން މަގުފުރެދުންމަތީ ތިއްބައި، މާތް ﷲ  އެމީހުންގެ މައްޗަށް، އެމީހުން ހީވެސްނުކުރާ ފަދަ ބޮޑު ޢަޛާބެއް، ފޮނުއްވައި އެމީހުންނާއެކު، އެމީހުންގެ ރަށް ބަންޑުން ޖައްސަވައިލެއްވިއެވެ. ނުބައި ފާޙިޝް ޢަމަލުތައް ކުރުމުގައި ދެމިތިބޭ މީހުންނާމެދު މާތްރަސްކަލާންގެ އާޚިރުގައި ކަންކަން ނިންމަވާނެ ގޮތުގެ މިސާލެއް ކަމުގަޔާއި ވިސްނާ ފިކުރުކުރާ ބަޔަކަށްހުރި ޢިބްރަތެއް ކަމުގައި އެމީހުން ލެއްވިއެވެ.

ސަދޫމް ޝަހަރު ބަނޑުން ޖެއްސެވުމުން އެ ޝަހަރު އޮތް ތަނުގައި އުފެދިފައިވަނީ، އާދަޔާޚިލާފު ކަނޑެކެވެ. އެ ކަނޑަށް މިހާރު އާންމުކޮށް ކިޔަނީ، ޑެޑްސީއެވެ. ޢަރަބި ބަހުން ކިޔަނީ، “އަލްބަޙުރުލްމައްޔިތު” އެވެ. ޑެޑް ސީއަށް އެކި ޒަމާންތަކުގައި އެކި ނަން ދެވިފައި ވެއެވެ. “ބަޙުރުލްމައްޔިތު”، “ލޮނުކަނޑު”، “މަރުގެ ކަނޑު”، “ސަދޫމު ކަނޑު”، “ބަންޑުންޖެހިފައިވާ ކަނޑު” އަދި “ލޭކް އޮފް ލޫޠު” އޭ ވެސް ކިޔާ އުޅުނެއެވެ. އެހެން ނަމަވެސް އެ ކަނޑަށް އެންމެ ފުރަތަމަ ކިޔުނުކަމަށް ބުނެވެނީ “ބަޙުރުލްމައްޔިތު” އެވެ. އެ ކަނޑަށް އެ ނަމުން ނަންދިނީ ޔޫނާނީންކަމަށް ބުނެވެއެވެ. ޔޫނާނީންނަކީ މިހާރުގެ ގްރީކް މީހުންނެވެ. އެމީހުން އެ ނަން ދިނީ، އެ ކަނޑުގައި އެއްވެސް ދިރޭ އެއްޗެއް ނޫޅޭތީއެވެ. ނަމަވެސް މިހާރު ދުނިިޔޭގެ ޗާޓްތަކުގައި އެތަން ފާހަގަކޮށްފައި ވަނީ ޑެޑް ސީގެ ނަމުންނެވެ.

ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވި ދުވަސްވަރު ކަމަށް ބެލެވިފައި ވަނީ، ސަލާމްލެއްވި ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ 1800 އަހަރުގެ ކުރިއެވެ. ޑެޑްސީ ނުވަތަ ދިރުމެއްނުވާ ކަނޑަކީ ދުނިޔޭގެ ބިމުގައިވާ އެންމެ ތިރި ތަން ކަމަށް ބުނެވެއެވެ. އެކަނޑާ ބެހޭގޮތުން 2013 ވަނަ އަހަރު ކުރި ދިރާސާތަކުން އެނގުނު މަޢުލޫމާތަށް ބަލާއިރު، ޑެޑްސީގެ އައްސޭރިފަށް އޮންނަނީ، މެދުތެރޭ ކަނޑުގެ ލޮނުގަނޑުގެ މަތިން ފެށިގެން ގާތްގަނޑަކަށް 400 މީޓަރު އަޑީގައެވެ.

ޑެޑްސީގެ ފެނުގައި އެހާ ލޮނުކަން ގަދައީ ކީއްވެ؟

ޑެޑް ސީއަކީ އެ ކަނޑުގައި ހުންނަ ފެން އެހެން އެއްވެސް ކަނޑަކާ ނުވަތަ ކުޅިއަކާ އަދި ކޯރަކާ ވެސް ގުޅިފައި ނުވާ ވަށައިގެން ބެދިފައިވާ ކަނޑެކެވެ. ނުވަތަ ކުޅިއެކެވެ. ޑެޑް ސީއަކީ ދުނިޔޭގެ އެހެން ކަނޑުތަކަށްވުރެ ލޮނުކަން ގަދަ ކަނޑެކެވެ. ޑެޑް ސީގެ ފެނުގައި ހުންނަ ލޮނުގެ މިންވަރު، ދުނިޔޭގެ އެހެން ކަނޑުތަކުގެ ފެނުގައި ހުންނަ ލޮނުގެ މިންވަރަށްވުރެ 10 ގުނަ އިތުރެވެ. ނަމަވެސް ޑެޑް ސީއަކީ ދުނިޔޭގެ ކަނޑުތަކުގެ ތެރެއިން އެންމެ ލޮނުކަން ގަދަ ކަނޑު ކަމުގައި ވެސް ބުނެވޭކަށް ނެތެވެ.

ދުނިޔޭގައި ހިމެނޭ ކަނޑުތަކާއި ކުޅިތަކުގެ ތެރެއިން ޑެޑްސީ އަންނަނީ ދުނިޔޭގެ ދެވަނައަށް އެންމެ ލޮނުގެ މިންވަރު މަތި ކަނޑުގެ ގޮތުގައެވެ. މިގޮތުން ދުނިޔޭގެ އެންމެ ލޮނުގެ މިންވަރު މަތި ކަނޑު ނުވަތަ ކުޅިއަކީ ތުރުކީގައި އޮންނަ ލޭކް ވޭންއެވެ. ލޭކް ވޭންގައި ސެލިނިޓީ ހުރި މިންވަރަކީ %330 ޕަސެންޓެވެ. ސެލިނިޓީއަކީ ފެނުގައި ހުންނަ ލޮނުގެ ނިސްބަތަށް ކިޔާ ނަމެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ލޮނުގެ މިންވަރު މަތި ކަނޑެއްގެ ގޮތުގައި ބެލެވިފައި ވަނީ ފަލަސްޠީނާއި އިންވެގެން އޮންނަ ޑެޑް ސީއެވެ. ޑެޑްސީގައި ސެލިނިޓީ ހުރި މިންވަރަކީ %240 ޕަސެންޓެވެ. ދުނިޔޭގައި ތިންވަނައަށް އެންމެ ލޮނުގެ މިންވަރު މަތި ކަނޑެއްގެ ގޮތުގައި ބެލެވިފައިވަނީ އެމެރިކާގައި އޮންނަ ގްރީޓް ސޯލްޓް ލޭކްއެވެ. މި ލޭކްގެ ސެލިނިޓީ ހުރި މިންވަރަކީ %220 ޕަސެންޓެވެ.

ޢިލްމީ ނަޒަރަކުން ބަލާއިރު، ޑެޑް ސީގައި ލޮނުގެ ނިސްބަތް މަތިވެފައިވަނީ، އެއީ ބަންދުވެފައިވާ ކަނޑެއް ކަމުގައިވާތީއާއި އެ ކަނޑުގައި ހިމެނޭ ފެނުގެ ސެލިނިޓީ މަތިވުމުގެ ސަބަބުންނެވެ. މީގެ އިތުރުން އެ ސަރަޙައްދުގެ ހޫނުކަން މައްޗަށް ދިއުމާއި، އާވީގެ ގޮތުގައި އެ ކަނޑުން ފެން އަރައިގެންދާ މިންވަރު އިތުރުވުމުގެ ސަބަބުންކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެކަމުގެ ސަބަބުން އެކަނޑުގެ ލޮނުގެ ނިސްބަތް ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންދާކަމަށް ބުނެވެއެވެ. އަދި އެ ކަނޑުން އެކިއެކި މާއްދާތައް ނެގުމަށް ޓަކައި ކުރެވޭ ޞިނާޢީ މަސައްކަތްތަކުގެ ސަބަބުން ވެސް، އެ ކަނޑު ހިނދި އަޑިވަމުންދެއެވެ. ޑެޑް ސީގައި ހިމެނޭ ލޮނުގެ މިންވަރު މަތިވުމަށް މެދުވެރިވާ އެހެން ސަބަބުތައް ވެސް ހުރެދާނެއެވެ.

ޑެޑް ސީގައި ހުންނަ ލޮނުގެ މިންވަރު މަތިވުމުގެ ސަބަބުން ފެނުގައި ނުވަތަ ކަނޑުތަކުގައި އުޅޭ ދިރޭ މަޚްލޫގުންނަށް އެ މާހައުލުގައި ދިރި ނޫޅެވޭނެއެވެ. މި ކަނޑު ދިރާސާކުރި މީހުންގެ ތެރެއިން 2010 ވަނަ އަހަރު ޑެޑް ސީ ދިރާސާކުރި މައިކްރޯބަޔޮލޮޖިސްޓުންނަށް ކަނޑުގެ އަޑީގައި ހުންނަ ކުނިކޮޅުތަކުގައި ދިރިއުޅޭ އާ ވައްތަރެއްގެ ބެކްޓީރިއާއެއް ކަމަށްވާ ހެލޯފެރެކްސް ވޯލްކެނީ ވަނީ ފެނިފައެވެ. އަދި މައިކްރޯބިއަލް ފަންގަސް މަދު މިންވަރަކަށް ވެސް ޑެޑް ސީއިން ވަނީ ފެނިފައެވެ.

ޑެޑްސީގެ ފެނުގައި ހުރި ލޮނުގެ މިންވަރާ އަޅާބަލާއިރު، އިންސާނާގެ ހަށިގަނޑުގެ މާސް ޑެންސިޓީ ވަރަށް ބޮޑަށް މަދުވާނެއެވެ. އެހެންކަމުން އެއްވެސް އުނދަގުލަކާ ނުލައި ހަރަކާތެއް ނުކޮށް ޑެޑް ސީގައި އިންސާނުންނަށް ފުލޯޓްކޮށްލައިގެން އޮވެވޭނެވެ. މިހެން ދިމާވަނީ ޑެޑްސީގައި ހިމެނޭ ފެނުގެ ލޮނުގެ މިންވަރު މަތިވުމުގެ ސަބަބުންނެވެ.

ޑެޑް ސީއަކީ މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ޔޫރަޕްގެ ފަތުރުވެރިން ވަރަށް ކުރިއްސުރެ ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ. ޑެޑްސީގައި ހުންނަ ލޮނުގެ މިންވަރު މަތިވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލައަކަށް ޓަކައި އެކަނޑުގެ ކައިރީގައި ހަދާފައިވާ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ޑެޑް ސީގައި ނުފެތުމަށް އިރުޝާދު ދީފައިވެއެވެ.

މި ޒަމާނަކީ އެއްޖިންސުން ކައިވެނިކުރަމާއި އެއްޖިންސުން ގުޅުން ހިންގުން އާންމުކަމެއް ކަމުގައި ހެދުމަށް ޔޫރަޕުގެ ގައުމުތަކުން ކެމްޕޭނުކޮށް އިޝްތިހާރު ކުރަމުންދާ ޒަމާނެކެވެ. ޑެޑް ސީގައި ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ބައެއް އަސަރުތައް މިއަދާ ހަމައަށް ވެސް ފެންނަން އެބަހުއްޓެވެ. އެއީ ޢިބްރަތް ޙާޞިލުކުރާ ބަޔަކަށް، މާތް ﷲ ލައްވާފައިވާ ހެކިތަކެކެވެ. ފުންކޮށް ވިސްނައިފިނަމަ މިއީ ވަރަށް ވަރުގަދަ އިންޒާރެކެވެ. ޞަދޫމަށް ދޮން ކުރެވިފައިވާ ހިލަ ވެއްސަވައި އެ ރަށް އޮތް ފުށަށް ނޫން އަނެއް ފުށަށް ޖައްސަވައި އަންނަން އޮތް ޖީލުތަކަށް އެކަން ޢިބްރަތެއްކަމުގައި ލެއްވެވި ﷲ ތަޢާލާ މިއަދުވެސް އެންމެހައި ބާރުތަކާއިއެކު ވޮޑިގެންވެއެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ޢަމަލުން އަޅަމެންނާއި އަޅަމެންގެ ޤައުމު ރައްކާތެރި ކުރައްވާށިއެވެ! އާމީން

މަޢުލޫމާތު:

  • https://bibilium.com/dead-sea-facts-facts-for-kids/
  • https://www.laidbacktrip.com/posts/dead-sea-facts
  • https://bahuru.net/
  • https://dv.advisor.travel/
  • https://www.wikipedia.org/
  • https://lovethemaldives.com/faq/which-is-saltier-salt-lake-or-dead-sea

 

ޝެއަރކުރެއްވުމަށް