ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ޞާހިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 2008 ނޮވެންބަރު 22 ވަނަ ދުވަހުގެ ރޭ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލުގެ ހަށިކޮޅު މާލެ ގެންނަވައި ރަސްމީ ޢިއްޒަތުގައި ވަޅުލުމުގައި ސިފައިން ޢަމަލީ ގޮތުން ވަރަށް އިސްދައުރެއް އަދާކޮށްފައިވެއެވެ.
1968 ނޮވެންބަރު 11 އިން 1978 ނޮވެންބަރު 11 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާގެ މަޤާމު ފުރުއްވާފައިވާ އަލްފާޟިލް އިބްރާޙީމް ނާޞިރު އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ. އިބްރާޙީމް ނާޞިރު ފުރަތަމަ ސިފައިންގެ ތެރޭގައި ޚިދުމަތްކުރެއްވީ އާދައިގެ މީހެއްގެ ގޮތުގައެވެ. އެގޮތުން ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ހިޖުރައިން 1368 ރަބީޢުލްއައްވަލު މަހުގެ 30 (1949 ޖަނަވަރީ 30) ގައި ކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ. ސިފައިންގޭގައި ޚިދުމަތްކުރެއްވި ދުވަސްވަރުގެ ތެރޭގައި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އައްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަން ފެށުނު އިރު އެ ރަދުންގެ ބެއްލެވުމުގެ ދަށުން ސިފައިންގެ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ ކޮޅުނބުގައި މަޑުކުރެއްވުމާ ގުޅިގެން އެ ރަދުންގެ ބެއްލެވުމުގެ ދަށުން ސިފައިންގެ ހިންގުމުގެ ވެރިއެއްގެ ގޮތުން އިބްރާހީމް ނާޞިރު އިސްކުރައްވައި، އެކަމުގެ ފަތްކޮޅު، ހިޖުރައިން 1375 ވަނަ އަހަރު ޝަޢުބާން މަހުގެ 14 ވަނަ ދުވަހު މަތިގޭގައި އޮތް ޖަލްސާއެއްގައި ރަދުންގެ އަތްޕުޅުން އެރުވުނެވެ.
އިބްރާޙީމް ނާޞިރު ސިފައިންގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ޓަކައި ތަމްރީނު ދިނުމުގެ ގޮތުން ކުރެއްވި މަސައްކަތްތަކެވެ. މިގޮތުން 1959 ވަނަ އަހަރު ސިލޯނުން އިންސްޓްރަކްޓަރަކު ގެންނަވައި ސިފައިންނަށް ޕެރޭޑްގެ ހަރަކާތްތައް ދަސްކޮށްދެއްވާފައިވެއެވެ. އެއީ ސިލޯނު ސިފައިންގެ ތެރެއިން ރިޓަޔަރކޮށްފައިވާ މޭޖަރ ފޮސްޓަރއެވެ. އޭނާ ރާއްޖޭގެ ސިފައިންނަށް ތަމްރީނު ދިނުމަށްފަހު އެނބުރި އޭނާގެ ޤައުމަށް ދިޔައީ ތަމްރީނު ދޭނެ ބޭކަލުން ސިފައިންގެ ތެރެއިން އުފަންކުރުވައި ތަމްރީނު ދެވޭނޭ ގޮތްތަކެއް ޤާއިމުކޮށްދެއްވާފައެވެ. މީގެ އިތުރަށް ސިފައިންގެ ބޭންޑް ތަރައްޤީ ކުރުމަށް ޓަކައި ވެސް މިފަދަ މަަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެގޮތުން ސިލޯނުގެ ބޭންޑް މާސްޓަރެއް ކަމުގައިވާ މިސްޓަރ ސެމިޑޯންގެ އެހީތެރިކަން ހޯއްދަވައި ދެއްވާފައިވެއެވެ. ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ސިފައިންގެ 10 ބޭކަލަކަށް އަލިފާން ނިއްވުމުގެ މަސައްކަތް ދަސްކޮށްދެއްވުމުގެ ތަމްރީނު ހޯއްދެވުމަށް ކޮޅުނބަށް ފޮނުވާލެއްވިއެވެ.
ސިފައިންގެ ކުންފުނި ވިޔަފާރި އުސޫލަކުން ހިނގާނެ ގޮތްތައް ރާއްވަވާ، ކުރިން ސިފައިންގެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށް އެމީހުންގެ ހިއްސާތައް އަނބުރާ ދެއްވާ، ކުންފުންޏަކީ ސިފައިންގެ އެންމެނަށް ހަމަހަމަ އުސޫލަކުން ފައިދާ ލިބޭނެ ތަނެއްކަމުގައި ހެއްދެވީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އެގޮތުން ކުރެއްވި މަސައްކަތްތަކުގައި އެސްއީކޭގެ މަސްބޯޓްފަހަރު އުފައްދަވާ އެ ތަކެތީގެ ބޭނުންކޮށްގެން އެސްއީކޭއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދިޔަ މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ.
ސިފައިންގެ ޚިދުމަތް ފުޅާވެ ސިފައިންގެ ޚިދުމަތަށް ގިނަ ބަޔަކު ލެއްވުމާ ގުޅިގެން ސިފައިންގެއަށް ބޭނުންވާ އުމްރާނީ ތަރައްޤީ އެ ދުވަސްވަރާ ގުޅޭގޮތުން ގެނެސްދެއްވިއެވެ. އެގޮތުން ސިފައިންގޭގައި ދިރިއުޅުމަށް ޓަކައި ދެ ބްލޮކްބަރި ހައްދަވާ އެ ތަންތަނުގައި ފާޚާނާބަރިތައް ހަދާ، ފަސޭހައިން ފެންވަރާ ފާޚާނާ ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވާދެއްވިއެވެ.
އެމަނިކުފާނުގެ ސިފައިންގެ ވެރިކަމުގެ ދަށުގައި ކުރެވިފައިވާ ބޮޑެތި މަސައްކަތްތަކަށް ކުރުކޮށް އަލިއަޅުވާލާ އިރު ދެކުނު ބަޣާވާތުގެ ކަންތައްތައް ހަަމަޖެއްސެވުމަށް ޓަކައި ކުރެވިފައިވާ ދަތުރުތަކާއި އެއަރޕޯޓް ހެދުމުގެ ގޮތުން ސިފައިންކޮށްފައިވާ ބުރަ މަސައްކަތްތަކާއި އެސްއީކޭގެ މަސްބޯޓްގައި އައްޑުއަށް ކުރެވުނު ދަތުރުތަކާއި ރާއްޖޭގައި އަލަށް އިންޖީނު އެޅި “އުންމީދު” ދޯނީގައި ތަޖުރިބާ ކުރުމުގެ ގޮތުން ސިފައިން މަސްވެރިކަން ކުރުމަށް ޓަކައި ކުރި މަސައްކަތްތަކާއި ކޮލެރާ ކޮންޓްރޯލްކުރުމުގައި އެ ވަގުތަށް ދަޢުލަތަށް ބޭނުންފުޅުވި އެހީތެރިކަން ސިފައިން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އިގުތިސާދީ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށް ވަދެއުޅޭ ބޯޓްފަހަރުތައް އަތުލުމާއި އަދި ރާއްޖޭގެ ފަރަށްއަރާ ބޯޓްފަހަރުތައް ފުންކުރުމާއި ރާއްޖޭގެ އިގުތިސާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތްތައް ފަދަ އެތައް މަސައްކަތެއް ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް ގަމުން އިނގިރޭސީން ފޭބުމާ ގުޅިގެން ގަން ބެލެހެއްޓުމާއި، އިނގިރޭސި ރާނީ މާލެ ވަޑައިގަތުމުގެ ގޮތުން ކުރެވުނު ގިނަގުނަ މަސައްކަތްތަކާއި މިނޫން ވެސް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
އަލްފާޟިލް އިބްރާހީމް ނާޞިރު އަވަހާރަވީ 2008 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެމަނިކުފާނުގެ މައިގަނޑު އާލާސްކަންފުޅަކީ ކިޑްނީގެ އާލާސްކަންފުޅެއް ކަމަށް ވިއަސް އައިސީޔޫގައި އޮންނެވި އިރު ޞިއްޙީ އިތުރު މައްސަލަތައް ކުރިމަތިވެފައިވެއެވެ. އަލްފާޟިލް އިބްރާޙީމް ނާޞިރުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން