އެއީ ކާކުހެއްޔެވެ؟ ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ ހުންނަނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟ މިއިން އެއްވެސް މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، އޭނާއަށް އަހަރެންގެ ހުރިހާ މަޢުލޫމާތެއް އެނގެއެވެ. ދިރިއުޅެނީ ކިހިނެއްކަމެވެ. ރައްޓެހިވި ހުރިހާ ކުދިންގެ ނަމެވެ. އެ ކުދިންނާ ރުޅިވިގޮތް ވެސް އެނގެއެވެ. ނުވިތާކަށް މިހާރު އަހަރެންގެ ދިރިއުޅުން މިހުރި ހިސާބު ވެސް ރަނގަޅަށް ދަނެއެވެ. އަހަރެންގެ ބޮލުގައި ރިއްސަނީ މިކަންކަމާއެވެ. ނުވެސް ދަންނަ މީހަކަށް އަހަރެންގެ ޙަޤީޤަތް އެނގޭތީއެވެ. އަޅަމުންދާ ފިޔަވަޅުތައް ފެންނަކަމަށް ޓަކައެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ. ދުރުގަ، މާދުރުގައި ހުންނަ މީހަކަށް ތިމާގެ ހުރިހާ ޙަޤީޤަތެއް ސާފުކޮށް އެނގުމަކީ ވަރަށް ޖެހިލުންވާންޖެހޭ ކަމެކެވެ. އެފަދަ މީހަކަށް، ތިމާޔަށް ކޮންމެ ގެއްލުމެއް ވެސް ދެވިދާނެއެވެ. އަހަންނަށް މައްސަލައަކީ އެންމެ މައްސަލައެކެވެ. ދުވަހަކު ވެސް އޭނާ އަހަންނާ ބައްދަލުނުކުރާތީއެވެ. އޭނާގެ ނަންވެސް އަހަންނަށް ބުނެދިނުމަށް އޭނާ އެއްބަހެއް ނުވިއެވެ. ހަމައެކަނި އިވެނީ އޭނާގެ އަޑެވެ. އެވެސް ކުރާ ފޯންކޯލްތަކުންނެވެ. އެކަމަކު، ދުވަހަކުވެސް އަހަރެންގެ ފަރާތުން ފައިދާއެއް ނަގާކަށް އޭނާ ނޭދެއެވެ. އޭނާ ބޭނުން ވަނީ އެންމެ ކަމެކެވެ. އަހަރެންގެ އުޅުން ބަދަލުކުރުމަށެވެ. އިޞްލާޙުވެ، އުފާވެރި ޙަޔާތެއް ފެށުމަށެވެ. ގުޅާ ކޮންމެ ފަހަރަކު ވެސް ދައްކާނީ މި ވާހަކައެވެ. ބައްޕައަކު ދަރިއަކަށް ދޭވަރަށް ނަޞޭޙަތް ވެސް އޭނާ އަހަންނަށްދެއެވެ.

އަހަންނަކީ ވެސް ހުތުރު އަންހެންކުއްޖަކަށް ނުކިޔާނެއެވެ. އަހަރެން ރައްޓެހިވި ފިރިހެންކުދިންނަށް މިކަން ރަނގަޅަށް އެނގޭނެއެވެ. އެއްވެސް މީހަކު އަހަރެން ދޫކޮށްލާފައެއް ނުދެއެވެ. އެކަމަކު، އެ ހުރިހާ އެންމެން ވެސް އަހަރެން ދޫކޮށްލީއެވެ. ހިތް ފުރުމުން، އާކޮށްލަން އަހަރެން ބޭނުންވަނީއެވެ. މިއީ އަހަރެންގެ ބަލިފައިކަމަށް ވެސް ވެދާނެއެވެ. އެކަމަކު، ހޯދޭނީ މިއަދު ހޯދި އުފަލެކެވެ. އަހަރެން ދެކޭގޮތުގައި މާދަމާ އުފަލެއް ހޯދަން މަޑުކުރުމަކީ މޮޔަކަމެކެވެ. ސަބަބަކީ އެ އުފާވެރި ވަގުތުކޮޅު މާދަމާ، ނުލިބިދާނެކަމަށް ޓަކައެވެ. އަހަންނަކީ ފުރުޞަތުގެ ބޭނުން ހިފަން ވަރަށް ބޭނުންވާ މީހެކެވެ. ލޯބީގައި އަހަންނަށް ނުލިބުނު އެއްވެސް އުފަލެއް އެހެން މީހަކަށް ލިބުމަކީ އަހަރެން އެދޭ ގޮތެއް ނޫނެވެ. އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު އަންހެންކުއްޖެކޭ މީހުން ބުނެފާނެއެވެ. އަހަންނަށް ވަރިހަމައެވެ.

“އަހަރެންނަށް ތިހާ ހެޔޮއެދޭ މީހަކަށް ވާނަމަ، މިހާރު އަހަންނާ ބައްދަލުކޮށްފީސް.” އޭނާ ފޯނުކުރުމުން އަހަރެން ބުނީމެވެ.

“ހެޔޮ އެދޭ ކޮންމެ މީހަކީ، ތިމާޔާ ބައްދަލުކުރަން އެދޭނެ މީހެއް ނޫން. ނުފެނުނަސް، އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރުމުން ފައިދާވާނީ ޝަޒްނާއަށް. އަހަރެން އެއްވެސް ކަމެއް ބޭނުމެއް ނޫން ޝަޒްނާގެ ފަރާތުން. އެކަމަކު، ތިކަހަލަ ފުރިހަމަ ރީތި އަންހެންކުއްޖަކު ހަލާކުވާކަށް އަހަރެން ބޭނުމެއް ނޫން. ތިއުޅުން ބަދަލުކޮށްފިއްޔާ އަހަންނަށް ވަރަށް ރަނގަޅު. ކިތަންމެ ރީއްޗަސް އަގެއްނެތިއްޔާ ބޭނުމެއް ނުހިފޭނެ. ދުނިޔެއަށް ގިނަވެ، ބަދުނާމުވުމުން ދެން ހެދޭނެ ގޮތެއް ނޯންނާނެ. މިއަދު ރީތިކަން ދައްކައިގެން މީހުން ހައްލަމުން އުފާ ހޯދިދާނެ. އެކަމަކު މާދަމާ ދައްކާނީ ކޮން އެއްޗެއް؟ ވިސްނާލަބަލަ މިނޫން އެހެން ދުވަހެއް ވެސް އޮތްކަން. އޭރުން އަހަންނަށް ހީވަނީ ތިހެނެއް ނޫޅޭނެހެން؟” އަހަންނަށް ހީވަނީ އޭނާ، އަހަންނަށް ތަޤުރީރެއް ދެނީހެންނެވެ.

“ތިވެސް ދޮގު ވާހަކައެއް ނޫން. އެކަމަކު މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުން. މި ދިރިއުޅުން ކުރިއަށް ގެންދާނީ އަހަރެން. ދުރުގައި ހުންނަ މީހަކު ފާޑުކިޔާކަށް އަހަރެން ބޭނުމެއް ނޫން.” އެހާ ފަސޭހައިން ގޮތްދޫކުރުމަކީ އަހަރެންގެ ގޮތެއް ނޫނެވެ.

“މި އުޅެނީ ފާޑުކިޔާކަށް ނޫން. ތިނުވިސްނޭ ސިކުނޑިއަށް ވިސްނަދެވޭތޯ. އެންމެ ފަހުން ވެސް ކުޑަ ބަނޑޮހުގައި ޝަޒްނާ އުޅުނުގޮތް އަހަރެން ދުށީމޭ. ހިތަށް އެރި ތީ ހަމަ ދިވެއްސެއްގެ ދަރިއެއް ބާވައޭ؟ ލަދުރަކިކަން ހުންނަ އަންހެންކުއްޖެއްވިއްޔާ ތިހެނެއް ނޫޅޭނެ. ވިސްނާލަބަލަ! ތިމާގެ ދިރިއުޅުން. އެ ދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާލާކަށް ނުވާނެ. ކިތަންމެ އުފަލެއް ލިބުނަސް، ފަހުން ލިބޭނެ ވޭނަށް ވެސް ވިސްނަންޖެހޭނެ. އަނެއްކޮޅުން، ތިމާގެ ސަބަބުން ދެން ތިބި އެހެން މީހުން ހަލާކުވުމަކީ ވެސް ވަރަށް ދެރަކަމެއް. އެކަމުގެ ޒިންމާ ވެސް ހަމަ ނަޖަންޖެހޭނީ ޝަޒްނާ.” އޭނާއަކީ ވާހަކަ ދައްކަން މޮޅު މީހެކެވެ.

“ބައްދަލުކޮށްލަފާނަންތަ ތިހާ ވަރަށް އަހަންނަށް ވިސްނަދޭން ބޭނުމިއްޔާ؟” އަހަރެން އެހީމެވެ.

“ކޮންމެވެސް އެއްދުވަހަކުން ތިކަންވެސް ވާނެ.” އޭނާ ބައްދަލުކުރާ ޚިޔާލެއް ނުކުރެއެވެ.

އަހަރެން ވިސްނާލީމެވެ. އަހަރެންގެ ދިރިއުޅުން ހުރި ހިސާބެވެ. ދާން ބޭނުންވާ ހިސާބެވެ. ވާޞިލުވާން އެދޭ މަންޒިލެވެ. އެކަމަށް އެޅިފައިވާ ހުރަސްތަކެވެ. ތެދެކެވެ. އޭނާ އެދެއްކީ ވެސް ގޯސް ވާހަކަތަކެއް ނޫނެވެ. އެކަމާ ދެކޮޅުހެދޭކަށް ނެތެވެ. ކުރިން އަހަންނާ ވާހަކަދައްކާ ހުރިހާ ފިރިހެނުން ވެސް އަހަންނަށް ތަޢުރީފު ކުރާނެއެވެ. ވަރަށް އަވަހަށް ބައްދަލު ވެސް ކުރާނެއެވެ. ނުވިތާކަށް ދެން މަސައްކަތްކުރާނީ ނެގެން އޮތް ފައިދާއެއް ނެގުމަށެވެ. އެ ހުރިހާ އެންމެންނަށް އެކަން އެހާ ފަސޭހަ ވަނީ ވެސް އަހަރެންގެ ސަބަބުންނެވެ. އަހަންނަކީ ވެސް އެފަދަ ކަންކަމަށް ވަރަށް ބޭނުންވެފައި ހުންނަ މީހަކަށް ވާތީއެވެ. އެކަމަކު، އޭނާގެ ވާހަކަތަކުން އަހަންނަށް ވަރަށް ބޮޑު އެއްޗެއް ވިސްނުނެވެ. ހެޔޮއެދޭ މީހުންގެ ގޮތެވެ. ދިރިއުޅުމުގެ ފަލްސަފާއެވެ. ހިތްހަމަ ޖެހުމުގެ ތަޅުދަނޑި ހޯދާނެ ގޮތެވެ.

“އަހަރެން ވަރަށް ބޭނުން ބައްދަލުކޮށްލަން.” އޭނާ ގުޅުމުން އަހަރެން އެދުނީމެވެ.

“މުހިންމީ ބައްދަލުކުރުމެއް ނޫން. ޝަޒްނާގެ ދިރިއުޅުމަށް ތި ގެންނަ ރަނގަޅު ބަދަލުގެ ސަބަބުން އަހަރެން ވަރަށް އުފާކުރަން. މުސްތަގުބަލުގައި ތިއަށްވުރެ ވެސް ރަނގަޅު، ފުރިހަމަ އަންހެންކުއްޖަކަށް ވާނެކަމަށް ހީކުރަން. ތީ ކިހާ ރީތި އަންހެންކުއްޖެއް. ތިހާ ރީތި ކުދިން ނުވާނެ އެހާ ޗީޕްވާކަށް. މިހާރު މިކަންވެސް ޝަޒްނާއަށް ވިސްނެމުންދާތީ އަހަރެން ވަރަށް ހިތްހަމަޖެހޭ.” އޭނާގެ ބޭނުމަކީ އަހަރެން އިޞްލާޙުކުރުމެވެ.

“ކުރިން އެގޮތަށް ކަންތައްވީ އަހަރެން ވެސް އެގޮތަށް އުޅެން ބޭނުންވެގެން. މިހާރު އެހާ ޗީޕެއް ނުވާނެ. އަގު ބޮޑުވެގެން އެންމެ އަގު ބޮޑު އަންހެންކުދިންގެ ތެރޭގައި އަހަރެން ވެސް ހިމެނޭނެ. އެކަމަކު، ހިތަށް އަރާ ތިފަދަ ހެޔޮލަފާ ރައްޓެއްސަކާ ބައްދަލުވުމުގެ ނަޞީބު ޙަޔާތުގައި ނެތީ ކީއްވެގެންބާވައޭ؟” އަހަރެން އޭނާއާ ބައްދަލުކުރަން ވަރަށް ބޭނުމެވެ.

“ބައްދަލު ނުވިޔަސް އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް ވަނީ ޝަޒްނާއާ އެކުގަ؟|” އެހެން ބުނުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ.

އޭގެ ފަހުން މިހާރު ހަތް އަހަރުވީއެވެ. އަހަރެންގެ ދިރިއުޅުން ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެވެ. މިހާރު އަހަރެންގެ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ފިރިމީހާއާއި ދެ ކުދިންނަށް ދޭންޖެހޭ އަޅާލުމާއި ލޯބިދެމުން މި ގެންދަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. މިހާރު ވެސް ވަރަށް މަދުމަދުން އޭނާ އަހަންނަށް ގުޅައެވެ. ޙާލު އަނހާ އޮޅުން ފިލުވައެވެ. ދިމާވާ މައްސަލަތަކުގައި ޙައްލު ހޯދައިދެއެވެ. އެހެނަސް މިއަދާ ހަމައަށް އައި އިރުވެސް އަހަންނަށް އޭނާ ފެނުމުގެ ނަޞީބެއް ނުލިބުނެވެ. ބައްދަލެއް ވެސް ނުވެއެވެ. އެއީ މައްސަލައެއް ނޫނެވެ. އަހަރެން ތެދެއް ބުނަން ހެއްޔެވެ؟ އަހަރެންގެ އުފާވެރި ޙަޔާތުގެ ސިއްރަކީ އޭނާގެ ފޯނުކޯލުތަކެވެ. އޭނާގެ ފޯނުކޯލަށް އަހަންނަށް އަބަދުވެސް އިންތިޒާރުކުރެވޭނެއެވެ.

ޝެއަރކުރެއްވުމަށް