ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ތިމާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީތެރިވެދޭނެ އެންމެ މުހިންމު ކަންތަކެވެ. މީގެ ސަބަބުން އަމިއްލަ ނަފުސަށްކުރާ އިތުބާރުބޮޑުވެ، މުޖުތަމަޢުގައި ތިމާއަކީ އެހެން މީހުން ބަލައިގަންނަ މީހަކަށްވުމުގެ އުފާ އިޙުސާސް ކުރެވޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެ ކަންތައްތައް ފަރުވާތެރިކަމާ އެކު ކުރުމަކީ ތިމާ، ތިމާގެ އަމިއްލަ ނަފުސަށް ސަމާލުކަންދެވޭ މިންވަރު ދެނެގަނެވޭނެ ކަމެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލާލަނީ ތިމާގެ ނަފުސު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ޓަކައި ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކުގެ މައްޗަށެވެ.

އިސްތަށިގަނޑު

މަދުވެގެން ހަފުތާއަކު އެއްފަހަރު ޝޭމްޕޫއެއް ބޭނުން ކޮށްގެން އިސްތަށިގަނޑު ދޮންނަންވާނެއެވެ. ޝޭމްޕޫ ހޯދާއިރު އަގު ބޮޑު މީރުވަސްދުވާ ޝޭމްޕޫއެއް ހޯދުމުގެ ބަދަލުގައި އިސްތަށިގަނޑާ ގުޅޭ ރަނގަޅު ޝޭމްޕޫއެއް ހޯދާށެވެ. ޝޭމްޕޫ ލުމަށްފަހު ބޮލުގެ ނާށިގަނޑު ރަނގަޅަށް މަސާޖު ކުރާށެވެ. މިއީ މަރުވެފައިވާ ހަން، ތެޔޮ އަދި ހަޑި ފިލުވުމާއި ސަރކިއުލޭޝަން ރަނގަޅު ވުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ. އަދި ރީތިކޮށް ސާފުފެނުން އިސްތަށިގަނޑު ދޮވެ ސާފުކުރަން ވާނެއެވެ. ކޮންޑިޝަނަރއެއް ބޭނުން ކުރުމަކީ ޚާއްޞަކޮށް ދިގު އިސްތަށިގަނޑެއް އޮންނަ މީހަކަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ އިސްތަށިގަނޑު މަޑުވެ ރީތިކޮށް އޮތުމަށް އެހީތެރިވެދޭ ކަމެކެވެ. ފުނާ އެޅުމަށް ދަތްބޮޑު ފުނަލެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އިސްތަށިގަނޑު ތެތްނަމައެވެ. މީގެ އިތުރުން ހަފުތާއަކު އެއްފަހަރު އިސްތަށިގަނޑުގައި ތެޔޮ ލުމަކީ ބޭނުންތެރި ކަމެކެވެ. އަދި ތެޔޮލުން އެންމެ އެދެވިގެންވަނީ އިސްތަށިގަނޑު ދޮވުމުގެ އެއްގަޑިއިރު ކުރިންނެވެ.

ހަންގަނޑު

ހަންގަނޑާ ގުޅޭ މައިލްޑް ސައިބޯނި ބޭނުންކޮށްގެން މަދުވެގެން ދުވާލަކު ދެފަހަރު ފެންވަރަން ޖެހޭނެއެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ހޫނުގަދަ ޤައުމެއްގައި ދިރިއުޅޭނަމަ މިކަމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭނެއެވެ. ކުޅިވަރުކުޅުން ފަދަ ހަރަކާތްތަކުގައި ޝާމިލުވާނަމަ އެ ހަރަކާތެއް ނިމުނުހާ އަވަހަކަށް ފެންވަރަންވާނެއެވެ. ގައި އުނގުޅުމަށް ސްޕޮންޖް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ބުރަކަށި އުގުޅުމަށާއި ފައި އުނގުޅުމަށް ޙާއްޞަ ކުރެވިފައިވާ ތަކެތި ހޯދައި ބޭނުންކުރުމަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. ވިސްނަންޖެހޭނެ މުހިންމު ނުކުތާއަކީ މިފަދަ ތަކެތި ޚިޔާރުކުރާއިރު މިހާރު މެޓީރިއަލްސްއިން ތައްޔާރު ކޮށްފައިވާ ތަކެތި ބޭނުން ނުކުރުމެވެ. އެއަށްފަހު ސައިބޯނި ފިލާވަރަށް ރަނގަޅަށް ފެންއަޅައި ދޮވެލާށެވެ. އަދި ހިކި ތުވާއްޔެއް ބޭނުންކޮށްގެން މުޅިގައި ރީތިކޮށް ހިއްކައިލާށެވެ. އެހެންމީހުން ބޭނުންކުރާ ސައިބޯނި އަދި ތުވާލިފަދަ ތަކެތި ބޭނުންނުކުރާށެވެ. އަދި ތިމާގެ ހަންގަނޑާ ގުޅޭ މޮއިސްޗަރައިޒިން ކްރީމެއް ނުވަތަ ލޯޝަނެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަތްޕިލަ

ދުވާލު ދެއިރު ދަތް އުނގުޅައި ސާފުކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ކޮންމެފަހަރަކު ކައިނިމިގެން އަނގަތެރެއާއި ދަތްޕިލާ ރީތިކޮށް ސާފުކޮށްލަންވާނެއެވެ. އަދި ހަމަ އެހެންމެ ނިދުމުގެ ކުރިން ދަތް ރަނގަޅަށް އުނގުޅަންޖެހޭނެއެވެ. ދަތް އުނގުޅާއިރު ޚާއްޞަ ސަމާލުކަމެއް ދޭންވީ ދަތްޕިލައިގެ އެތެރެފުށާއި ކޮލުދަތްތައް ރަނގަޅަށް ސާފުކުރުމަށެވެ. ދަތްޕިލަ އުނގުޅާ ނިމުމުން ދޫ ވެސް ރަނގަޅަށް އުނގުޅާ ސާފުކުރަން ޖެހޭނެއެވެ. ދަތް އުނގުޅުމަށް މަޑު ބުރުހެއް ބޭނުން ކުރާށެވެ. އަދި ދަތް އުނގުޅާ ބޭސް ޚިޔާރު ކުރާއިރު ފްލޮރައިޑްއާއި ކެލްސިއަމް އެކުލެވޭ ބޭސް ހޯދައި ބޭނުންކުރުމަކީ އަނގައިގެ ނުބައިވަސް ކެނޑި ހިރުގަނޑުން ލޭ އައުމާއި އެހެނިހެން ކުދި ބަލިތަކުން ތިމާ ރައްކާތެރިވެ ހުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އަނގައިން ނުބައިވަސް ދުވުން

ތާފަނާ ފެންފޮދަކަށް ކުޑަ ލޮނުކޮޅެއް އަޅައި ގިރާލުމަށްފަހު މަދުވެގެން ދުވާލު ދެއިރު އެއިން އަނގަ ދޮވެލާށެވެ. މިހެން ހެދުމުން އަނގައިގެ ތެރޭގައި އަށަގަނެފައިވާ ޖަރާސީމުތައް ނެތިގޮސް ތިމާގެ އަނގައިން ނުބައިވަސް ފިލުވާލަދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ޑެންޓަލް ފްލޮސް ބޭނުންކޮށްގެން ދަތްތަކުގެ ދޭތެރޭގައި ހަރުލައިފައިހުންނަ ކާތަކެތި ސާފުކޮށްލާށެވެ. އަނގަފާރުވެ ހިރުގަނޑު ދުޅަވެ، ލޭ އަންނަނަމަ ލަސްނުކޮށް ޑެންޓިސްޓަކަށް ދައްކާ ފަރުވާ ހޯދާށެވެ.

އަތްތިލަ

ކެއުމުގެ ކުރިންނާއި ފަހުން ސައިބޯނިލައިގެން އަތް ރަނގަޅަށް ދޮންނަންވާނެއެވެ. ހަމަ އެހެންމެ ފާޚާނާކޮށް ނިމުމުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންވާނެއެވެ. އަތްތިލަ ދޮންނައިރު ދެ އިނގިލި ދޭތެރެ، ނިޔަފަތިތައް، އަދި އަތުގެ ނުފުށް ދޮވެ ސާފުކުރަންވާނެއެވެ. މީގެ އިތުރުން އަތްފުހެން ބޭނުންކުރާ ތުވާލި ދުވާލަކު އެއްފަހަރު ބަދަލުކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ.

ފައިތިލަ

ފެންވަރާ ގަޑީގައި ފައިތިލައިގެ ދަށްފުށް ވަރަށް ރަނގަޅަށް ސްކްރަބްކުރާށެވެ. މިކަމަށް ހިރިގާކޮޅެއް ނުވަތަ މިފަދަ އެހެން އެއްޗެއްވެސް ބޭނުންކުރެވިދާނެއެވެ. ފެންވަރައި ނިމުމުން ދެއިނގިލި ދޭތެރެ ރަނގަޅަށް ފެން ހިއްކައި ސާފުކޮށްލާށެވެ. މީގެ އިތުރުން އަބަދުވެސް ނިޔަފަތި ކަނޑައިފައި ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭނެއެވެ.

ފައިތިލައިން ނުބައިވަސް ދުވުން

މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުންނަށް ދިމާވާ ވަރަށްބޮޑު، ޙައްލުކުރަން އުނދަގޫ މައްސަލައެކެވެ. މިއީ އާންމު ގޮތެއްގައި އާދަޔާ ޚިލާފަށް ދާހިއްލާ;މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.

  • 1 ގެލަން ފެނަށް 1 އައުންސް ރާހުތް އެޅުމަށްފަހު ނިދުމުގެ ކުރިން ދެފައިތިލަ އެއިންރަނގަޅަށް ދޮވެލާށެވެ.
  • ފައިތިލައިން ދާހިއްލާ މީހުންނަށް ޚާއްޞަކުރެވިފައިވާ ޕައުޑަރ ބޭނުންކުރާށެވެ.
  • ކޮޓްން ނުވަތަ ވޫލް އިސްޓާކީނުގެ ބަދަލުގައި ސިންތެޓިކް އިސްޓާކީނު ބޭނުންކުރުމަށް ސަމާލުކަންދޭށެވެ.

މި ކަންތައްތައް އާދަކޮށް ކުރާނަމަ ފައިތިލައިން ދާހިއްލުން ކޮންޓްރޯލްވެ ނުބައިވަސް ދުވުން ވަރަށް ބޮޑު ތަން ކުޑަވެގެންދާނެއެވެ.

ޝޭވިންގ

މިއީވެސް ތިމާގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. އަންހެނަކުނަމަ ދެފައިގެ ކަށިމަތި އަދި ކިހިލިފަތް އަބަދުވެސް ރީތިކޮށް ޝޭވްކޮށްފައި ބެހެއްޓުމުން ހަންގަނޑުގައި ހަރުލާފައި ހުންނަ ޖަރާސީމުތައް މަދުވެ ހަށިގަނޑުން ނުބައިވަސްދުވުން ކުޑަވާނެއެވެ. ބުރަ މަސައްކަތްތަކުގައި އުޅޭ ފިރިހެނުން ތުނބުޅި މަތިމަސް ބާލާއިފައި ބެހެއްޓުމުން ފަސޭހައިން ސާފުކޮށްލެވެއެވެ. ޝޭވްކުރުމަށް ތަފާތު ވައްތަރުތަކުގެ ޝޭވިންގ ކްރީމް ބާޒާރަށް ނެރެފައި ހުރިކަމުގައި ވީނަމަވެސް ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި ހެއަރ ކޮންޑިޝަނާރއެއް ބޭނުން ކޮށްގެން ޝޭވް ކުރުމުން ގިނައިރަށް ހަންގަނޑުގެ ތެތްކަން ހިފަހައްޓައެވެ. ޝޭވްކުރުމަށް ސައިބޯނި އެއްގޮތަކަށް ވެސް ބޭނުންނުކުރާށެވެ.

ޝެއަރކުރެއްވުމަށް