2004 ޑިސެންބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން އަމިއްލަ ރަށް ދޫކޮށް ހިޖުރަކުރަން ޖެހުނު ރ. ކަނދޮޅުދޫ ރައްޔިތުން އެ ދުވަހަށް ފަހު ދިރިއުޅެމުން ދިޔައީ ހުޅުމާލޭގެ އިތުރުން ރ. އަތޮޅުގެ އެކިއެކި ރަށްރަށުގައެވެ. ރ. އަތޮޅު އަލިފުށްޓާ، މަޑުއްވަރީ، މީދޫގެ އިތުރުން ހުޅުދުއްފާރާއި، އުނގޫފާރުގައި ވެސް ކަނދޮޅުދޫ މީހުން ދިރިއުޅެމުން ގެންދިޔައެވެ. އެ މީހުން ދިރިއުޅެމުން ގެންދިޔައީ ސަރުކާރުން ހައްދަވައިދެއްވާފައިވާ ވަގުތީ ހިޔާތަކެއްގައެވެ.
ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރ. ކަނދޮޅުދޫ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން އަލަށް އާބާދުކުރައްވަން ނިންމެވި ރަށަކީ އެ އަތޮޅު ދުވާފަރެވެ. ގާތްގަނޑަކަށް 47 ހެކްޓަރުގެ މި ރަށުގައި ސަރުކާރާއި، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީން އިމާރާތްކޮށްދެއްވި ގެތަކަށް މީހުން ބަދަލުކުރުމަށް ސިފައިން ވަނީ ޚާއްޞަ އޮފަރޭޝަނެއް ހިންގާފައެވެ. “އޮޕަރޭޝަން ދުވާފަރު” ގެ ނަމުގައި ރ.އަތޮޅުގެ 5 ރަށެއްގައި ތިބި ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމަށް ހިންގި އޮޕަރޭޝަނަކީ ސިފައިންނާ އާންމު ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުން، އިތުރަށް ބަދަހިވެގެންދިޔަ ވަރަށް ކާމިޔާބު އޮޕަރޭޝަނެކެވެ.
ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް، 2008 ޑިސެންބަރު 7 ވަނަ ދުވަހު މާލެއިން ދިޔަ ސިފައިންގެ ފުރަތަމަ ފައުޖު، އެ އަތޮޅަށް ގޮސް، ޢަމަލީ ގޮތުން މީހުން ބަދަލުކުރުމުގެ މަސައްކަތް ފެށްޓީ 2008 ޑިސެންބަރު 9 ވަނަ ދުވަހުއެވެ. އެ ދުވަހު ރ. އަލިފުށީގެ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދިޔަ ކަނދޮޅުދޫގެ 47 އާއިލާގެ މީހުންނާއި، އެ މީހުންގެ ސާމާނު ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ދުވާފަރަށް ވަނީ ބަދަލުކޮށްފައެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން އެރޭ މަސައްކަތް ހުއްޓާލަން ޖެހުނު ނަމަވެސް، ޖެހިގެން އައިދުވަހު އަލިފުށީގައި ދެންތިބި މީހުން ވަނީ ދުވާފަރަށް ބަދަލުކޮށް ނިންމާފައެވެ.
ރ. މަޑުއްވަރީގައި ތިބި ކަނދޮޅޫދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފެށީ 2008 ޑިސެންބަރު 10 ވަނަ ދުވަހުއެވެ. އެ ދުވަހު ސިފައިން ވަރުބަލިކަމެއްނެތި ކުރި މަސައްކަތުން މަޑުއްވަރީގައި ދިރިއުޅެމުންދިޔަ ކަނދޮޅުދޫގެ 158 މީހުންނާއި، އެ މީހުންގެ ސާމާނުތައް ސަލާމަތްތެރިކަމާއެކު ދުވާފަރަށް ބަދަލުކޮށް ވަނީ ނިންމާލެވިފައެވެ.
ރ.މީދޫގައި ތިބި ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކުރީ 2008 ޑިސެންބަރު 11 ވަނަ ދުވަހާ 12 ވަނަ ދުވަހުއެވެ. މީދޫގައި ދިރިއުޅެމުންދިޔަ ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން ފުރަތަމަ ދުވަހު ބަދަލުކުރެވުނީ 192 މީހުންނާއި އެމީހުންގެ ސާމާނުތަކެވެ. ދެވަނަ ދުވަހު އިތުރަށް ތިބި 37 މީހުންނާއި އެމީހުންގެ ސާމާނު ވަނީ ބަދަލުކޮށް ނިންމާލެވިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރަންޖެހުނީ ކިތަންމެ ދަތި އުނދަގޫ ހާލަތެއްގައި ކަމަށްވިޔަސް، މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިން މަސައްކަތް ކޮށްފައިވަނީ އެއްވެސް ފަސްޖެހުމެއް، ވަރުބަލިކަމެއް ނެތިއެވެ. 2008 ޑިސެންބަރު 12 ވަނަ ދުވަހު، ރ. ހުޅުދުއްފާރުގެ ވަގުތީ ހިޔާތަކުގައި ތިބި ކަނދޮޅުދޫގެ 619 ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފެށިއެވެ. ހުޅުދުއްފާރުން ފުރަތަމަ ދުވާފަރަށް ބަދަލުކުރެވުނީ 190 މީހުންނާއި އެ މީހުންގެ ސާމާނެވެ. 2008 ޑިސެންބަރު 13 ވަނަ ދުވަހު ހުޅުދުއްފާރުގައި ތިބި ކަނދޮޅުދޫ މީހުން ބަދަލުކޮށް ނިންމުމަށްފަހު ސިފައިން މިސްރާބު ޖެހީ އުނގޫފާރަށެވެ. އުނގޫފާރަކީ ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ދިރިއުޅެމުން ދިޔަ ރަށެވެ. އުނގޫފާރުގައި ދިރިއުޅެމުންދިޔަ 2040 މީހުންގެ ތެރެއިން ޖުމުލަ 1709 މީހުންނާއި މުދާ ދުވާފަރަށް ގެންގޮސް ނިންމާލެވުނީ ޑިސެންބަރު 23 ވަނަ ދުވަހުއެވެ.
ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރަން ސިފައިންކުރި މަސައްކަތަކީ ސުނާމީ ކާރިސާ ކުރިމަތިވުމުން ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސިފައިންކުރި ބުރަ މަސައްކަތަށްފަހު، ރައްޔިތުންގެ ޚިދުމަތުގައި ދިވެހި ސިފައިން ކުރި އެންމެ ބޮޑު މަސައްކަތެވެ. ކަނދޮޅުދޫ މީހުން ދުވާފަރުގައި އާބާދުކުރުމަށް ސިފައިން ކޮށްފައިވަނީ ނުހަނު ބުރަ އުނދަގޫ މަސައްކަތެކެވެ. ބައެއްގެ ދިރިއުޅުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިރު ހިތަށް ވެރިވެގެންދިޔައީ ސުނާމީއާ ގުޅިގެން ހުރިހާ ދިވެހިން އެކަތިގަނޑަކަށްވެ، އަތާއިއަތް ގުޅާލައިގެން ކުރި ބުރަ މަސައްކަތެވެ. އެ ދުވަހަކު ވަރުބަލިކަމެއް އިޙުސާސެއް ނުކުރެވެއެވެ. މަސައްކަތުގައި އެތައް ދުވަހެއް ހޭދަވެގެންދިޔަ އިރުވެސް އާއިލާއާއި ތިމާގެ މީހުންނާ ދުރުގައި މަސައްކަތްކުރި އިރު އާއިލާއަށް ވުރެ ބޮޑަށް އިސްކަންދެވުނީ ޤައުމީ ވާޖިބަށެވެ. ޤައުމީ ޚިދުމަތަށެވެ. ހިތުގައި އުފެދިފައިވަނީ ޤައުމީ ރޫޙާއި ޖޯޝެވެ. ރައްޔިތުންނާ މެދުގައި އުފެދިފައިވަނީ ހަމްދަރުދީއާއި އޯގާތެރިކަމާއި ކުލުނެވެ. ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރި އިރުވެސް ދިވެހި ސިފައިންގެ ފަރާތުން ފެންނަމުންދިޔައީ މިފަދަ ރީތި މިސާލުތަކެކެވެ. ރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ޤައުމެއްގައި ދިރިއުޅޭ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ކިހާވަރެއްގެ މަސައްކަތެއްކަން އެންމެ ބޮޑަށް އިހުސާސްކުރެވޭނީ އެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށެވެ.
ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމާންޑަރަކަށް ހުންނެވި މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމުގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް މުޙައްމަދު ނަޝީދާއި، ނާއިބު ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ޑިފެންސް މިނިސްޓަރ، އޮނަރަބުލް އަލްފާޟިލް އަމީން ފައިޞަލް އަދި މި މަސައްކަތާ ގުޅޭ ބައެއް އެހެނިހެން މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަން ހިނގަމުންދިޔަ ގޮތް ދުވާފަރަށް ވަޑައިގެން ބައްލަވާލެއްވިކަން ފާހަގަކުރަމެވެ.
ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސިފައިންނެވެ. މި މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް ވެސް ޢަމަލީގޮތުން ހަރަކާތްތެރިވެފައި ވެއެވެ. މި މަސައްކަތް ހިނގަމުންދިޔައިރު ތަނުގެ ސެކިޔުރިޓީގެ ކަންތައްތައް ވަރަށް ފުރިހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ބަލަހައްޓަވައި ދެއްވާފައެވެ. ސިފައިން ހިންގި، މި ޚާއްޞަ އޮޕަރޭޝަންގައި ސިފައިންގެ އެކިއެކި ޔުނިޓްތަކުގެ އިތުރުން އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ. މިގޮތުން ކޯސްޓްގާޑުގެ ގިނަ އުޅަނދުފަހަރުތަކެއް މި އޮޕަރޭޝަންގައި ހަރަކާތްތެރިވިކަން ފާހަގަކުރަމެވެ.
މި މަސައްކަތްތަކުގެ ސަބަބުން ދިވެހި ސިފައިންގެ ތަސައްވުރު އާންމު ރައްޔިތުންގެ ކުރިމަތީގައިވަނީ އެތައް ދަރަޖައަކަށް އުފުލިފައެވެ. އަދި ދިވެހި ސިފައިންނަށް ރައްޔިތުންކުރާ އިތުބާރާއި، ސިފައިންނަށް އޮންނަ ޔަގީންކަން އެތައް ދަރަޖައަކަށް ވަނީ އިތުރުވެގެން ގޮސްފައެވެ. މިއީ ސިފައިން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އަދި ހިންގާ ކޮންމެ އޮޕަރޭޝަނެއްގައި ވެސް އަޅުގަނޑުމެން ހާސިލުކުރާނެ ލަނޑުދަނޑިއެކެވެ.