ދިވެހި ސިފައިންގެ ޚިދުމަތް ތަރައްޤީވަމުން ކުރިއަރަމުން އައީ ކުރިން ހީވެސް ނުކުރެވޭހާ ބާރު މިނެއްގައެވެ. މިއަދު ސިފައިންގެ ކަންތައްތައް ފެންނަ ލޮލަކަށް އިއްޔެ އެ ކަންތައްތައް ހުރީ ކިހިނެތްކަން ތަޞައްވުރެއް ނުކުރެވޭނެއެވެ. ޤައުމީ ސަލާމަތުގައި ސިފައިން ޚިދުމަތްކުރަމުން ދިޔައީ ކޮން ގޮތަކަށް، ކިހިނެތްކަން، ކޮން ޙާލެއްގައިކަން އެނގޭފަދަ ލިޔުންތަކެއް ފެންނަން ވެސް ނެތުމާ އެކުގައެވެ. ސިފައިންގެ ކަންތައްތައް ކުރިއަރައި ތަރައްޤީވެގެން ގޮސްފައިވަނީ ސަރުކާރާއި ސިފައިންގެ ވެރިންނާއި ސިފައިންގެ މީހުންގެ ގަދަ ހިތްވަރުންނެވެ. ރާއްޖޭގެ ދިފާޢީ ބާރު މިއަދު މިދެކޭ ކުރިއެރުންތަކަކީ، މި މުއައްސަސާ ދެކެ ލޯބިޖެހިފައިވާ ދިވެހި އެތަކެއް ދަރިންތަކެއްގެ ހިންމަތާއި މިންނަތުގެ ނަތީޖާއެވެ.

އަޅުގަނޑު ސިފައިންގެ ޚިދުމަތާ ގުޅުނީ، 1957 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު ސިފައިންގެ ޚިދުމަތަށް މީހުން ވައްދަނީ މިހާރު މިހަދާ ކަހަލަ މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހަކު ނޫނެވެ. އެހެން ނަމަވެސް ހާނިޔާއާއި ޓީބީ ފަދަ ބަލިތައް ހުރިތޯ އޭރު ވެސް ބަލައެވެ. ސިފައިންގެއަށް ވަނުމުގެ ކުރިން މިހާރު މި ހަދަންޖެހޭ ކަހަލަ ޓްރޭނިންގތަކެއް އޭރަކު ހަދާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ދެމަހެއް ތިންމަހެއްހާ ދުވަހު ހެނދުނާއި ހަވީރު ޕީޓީކުރުވައެވެ.

އަޅުގަނޑު ސިފައިންގެއަށް ވަތްއިރު ސިފައިންގެ މީހެއްގެ މުސާރައަކީ، 25 ރުފިޔާއެވެ. އޭގެ އިތުރުން ކޮންމެ މަހަކު 11 ނާޅި، 3 ލާހި ހަނޑޫ ލިބެއެވެ. މި ތަކެތި ގެއަށް ގެނެސްދެނީ ކަލާސީންގެ މީހެކެވެ. މައިންބަފައިންގެ ފާތިޙާއާއި ޢީދު ބޯފޮޅި ޞަލަވާތަށޭ ކިޔާފައި ކޮންމެވެސް ވަރަކަށް ރުފިޔާ ލިބުނެވެ. އަދި ކޮންމެ އަހަރު 4 ހެދުން ލިބެއެވެ. އެއީ، 4 މުންޑާއި ގަމީސްފަހާ ފޮއްޗެވެ. އަޅުގަނޑު ސިފައިންގެ ޚިދުމަތާ ގުޅުނީ ގާތްގަނޑަކަށް ޢުމުރުން 19 އަހަރުގައެވެ. އޭރު އަޅުގަނޑުގެ ބައްޕަ ރަންވިއްކާ ދޮންކަލޭފާނަކީ ދެފަށް އަރާފައި ހުންނަ ސިފައިންގެ އިސްބޭފުޅެކެވެ. ސިފައިންގެ މީހަކަށްވުމުގެ ޝަޢުޤުވެރިކަން އަޅުގަނޑުގެ ހިތުގައި ވަރަށް ޅައިރުއްސުރެ ވެސް ވަނީ ބިންވަޅު ނެގިފައެވެ. އެއީ އަޅުގަނޑުގެ ބައްޕަ ރަންވިއްކާ ދޮންކަލޭފާނާއި، ބޭބެ ރަންވިއްކާ ޢަލީމަނިކު ސިފައިންގެ ވަޒީފާގައި އުޅުއްވުމާ އެކު އެ ބޭފުޅުންނެކޭ އެއްފަދައިން އަޅުގަނޑު ވެސް ޤައުމަށް ޚިދުމަތްކުރުމުގެ މަޤުޞަދުގައެވެ.

އަޅުގަނޑު ސިފައިންގެ ތެރެއަށް ވަތްއިރު ސިފައިންގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ، ދައްޕަރު މޫސާމަނިކު، އޮގަރު ކަޅުތުއްތު، ނައިބު ޅަތުއްތު، ހާޖީގެ ދޮންތުއްތު، ބީފާނު ތުއްތު، ރަންވިއްކާ ދޮންކަލޭފާނު، ފެރިދޫ ދޮންތުއްތު އަދި ޓިނު އަލިފުޅު ފަދަ ބޭފުޅުންނެވެ. އޭރުވެސް ސިފައިންނަށް ދެއިރު ކެއުމާއި ތިންއިރު ސައި އޮވެއެވެ. މިގޮތަށް ކެއުން ތައްޔާރުކޮށްފައި ހުންނަނީ، ފެންޑާއެއްގައި ދިގުމޭޒު ޖަހާފައި، ބޮޑެތި ޒިންކް (ލޯތަށި ނަމަކަށް ކިޔާ) ތަށްޓަށް ބަތްއަޅާފައި، ބޯތަށްޓަށް ރިހަ އަޅާފައެވެ. މި ފެންޑާއަކީ ދިރޭ އެއްޗެއްސަށް (މެހި، ހޯނު، ކުރަފި ފަދަ) ނުވަދެވޭގޮތަށް މެހިދާޖަހައި، އެކަހަލަ ކަންތައްކޮށްފައި ހުންނަ ފެންޑާއެއް ނޫނެވެ. އެއީ، އޭރުގެ ޙާލަތެވެ.

ސިފައިންގެ މީހުން ނިދަނީ ހާމަކޮށް ހުންނަ ފެންޑާތަކެއްގައެވެ. ނިދާ އެނދަކަށް ބޭނުންކުރަނީ ފަތްޖެހި އެނދުގައި ގޯނި ޖަހައިގެންނެވެ. ސިފައިންގެ މީހުން ފެންވަރައި، ފާޚާނާ ކުރަނީ ގަނޑުވަރު (މިހާރުގެ ސަލްޓަންޕާކު) ގައި ހުންނަ ގިފިއްޔެއްގައެވެ. އެ ތަނުގައި ފާޚާނާކުރަން ހައެއްކަ ގޮޅި ހުރެއެވެ. ފާޚާނާކުރަނީ ދަގަނޑުން ވަޅުޖަހައިގެންނެވެ. ފެންވަރައި ފާޚާނާކުރަން ވީމާ، އެތިކޮޅު ހިފައިގެން މީހުން ހިނގާބިނގާވެ ހަދާ މެދުޒިޔާރަތްމަގު ހުރަސްކޮށް އެ ގިފިއްޔަށް ދަނީއެވެ. ފެންވަރަނީ އެ ގިފިލީގައި ހުންނަ ބޮޑު ފެންވަޅަކުން، ދާނިންނެވެ.

އޭރު ފޯރިމަރަން ބޭނުންކުރާ ޔުނިފޯމަކީ، މުންޑާއި އަތްދިގު ހުދު ލިބާހެވެ. މި ލިބާހުގެ ގޮށްފައްޗާއި ގިރުވާނާއި އަދި އަތުކުރި ހުންނަނީ ކަޅުކުލައިންނެވެ. ލިބާހުގެ ވާތުގެ މުލައްދަނޑިއާއި ދިމާލުގައި އިނގިރޭސި އަކުރުން “އެލް އައި” ޖަހާފައި ހުރެއެވެ. އެ ދެ އަކުރުން ރަމުޒުކޮށްދެނީ، “ލައިޓް އިންފެންޓްރީ” އެވެ. ބޭންޕާޓީއާ އެކު މާޗްކުރާ ޔުނިފޯމަކީ، ކާކީ ކުލައިގެ ކުރު ފަޓްލޫނާއި އަތްއޮޅާފައި ހުންނަ ކާކީކުލައިގެ ބުސް ގަމީހެކެވެ. އަރަން ގެންގުޅެނީ ދަގަނޑުކޮޅުތަކެއް ބޫޓުގެ ދަށަށް ޖަހާފައި ހުންނަ ބަރު ބޫޓެކެވެ. އެ ބޫޓަށް ބައެއް ކުދިން މަޖަލަކަށް ކިޔަނީ “ޖަލްބަރޮސް” އެވެ. އޭރު ސިފައިންގެ މީހުން ޕެރޭޑްކުރަންދޭ ޔުނިފޯމް ދޮވުމަށް ލޮޓަސް ސައިބޯނިބުރިއެއް ދެއްވައެވެ. ޔުނިފޯމްތައް ދޮވެ، އިސްތިރިކުރަންޖެހެނީ އަމިއްލައަށެވެ. ސިފައިންނަށް އެންމެ ފުރަތަމަ ދޮވެ، އިސްތިރިކުރުމުގެ ޚިދުމަތްދޭން ފެށްޓެވީ، ސިފައިންނަށް ރަންޖެހިކޮށި ލިބިގެން އެ ތަނުގައި މީހުން އުޅެން ފެށިފަހުންނެވެ.

އަޅުގަނޑު ސިފައިންގެ ޚިދުމަތުގައި ހޭދަކުރި ދިގު މުއްދަތުގައި ފޯރިމެރުމާއި، ސިފައިންގެ އޮފީހުގެ ޕިޔޯނެއްގެގޮތުން މަސައްކަތްކުރުމާއި، މައްސަލަތައް ބެލުމަށް އުފެއްދެވި “ފެހި އޮފީހު” ގައި މައްސަލަ ބައްލަވާ ބައެއް ބޭފުޅުންގެ އަރިހުގައި މަސައްކަތްކުރުމާއި، ފުލުސް އޮފީހެއް އުފައްދަވައި، އެ އޮފީހުގައި މާރާމާރީ މައްސަލަ ބަލާ ބައިގެ އިސްވެރިޔާގެ އެހީތެރިއެއްގެ ގޮތުންނާއި އަދި އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރުމާއި، މީގެއިތުރުން ވައްކަމާއި ސިޔާސީ މައްސަލައާއި ދީނާއި ޚިލާފު މައްސަލަތައް ބަލާ ބައިގައި ވެސް މަދު ދުވަސްކޮޅަކު ނަމަވެސް މަސައްކަތްކުރީމެވެ. އަދި ރާއްޖެތެރޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކޮށް އެ ފަހަރަކަށް ބެލުމަށް ޙަވާލުކުރެއްވި މައްސަލައެއް ބަލައި، ތަޙުޤީޤުކޮށް ހަދާފައިވާނެއެވެ. އަދި ސިފައިންގެ ކޮއްތު ގުދަނުގައި އިސްމީހެއްގެ ގޮތުން މަސައްކަތްކުރުމުގެ އިތުރުން، 4 ޑިސެންބަރު 1984 ގައި ސިފައިންގެ އޮފީހުގެ ބޭކަލެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ އޮފީހުގައި ވެސް މަސައްކަތްކޮށްފައިވާނެއެވެ. މީގެއިތުރުން ލ.ކައްދޫ އެއާޕޯޓެއް ހެދުމުގެ މަސައްކަތުގެ އިސްމީހެއްގެ ގޮތުން 5 އޮގަސްޓު 1981 ގައި މާލެއިން ފުރައިގެން ލ.ކައްދޫއަށް ގޮސް، އެ އަތޮޅުން މަސައްކަތު މީހުން ނަގައިގެން، ފުރަތަމަ 275 ފޫޓާއި 3000 ފޫޓުގެ އޭރިއާއެއް އެއްކޮށް ކޮށައި، ސާފުކޮށް، ދޮޅުފޫޓަށް ކޮނެހެދުމަށްފަހު، މާލެއައީ 30 މާރިޗު 1982 ގައެވެ. ކައްދޫ އެއާޕޯޓް ހެދުމުގެ މަސައްކަތަށް ދެވަނަ ފަހަރަށް އެ ރަށަށް ދިޔައީ، 14 އޮގަސްޓު 1983 ގައެވެ. މާލެ އައީ، 11 އޮކްޓޫބަރު 1983 ގައެވެ. ސިފައިންގޭގައި މެއިންޓެނަންސް ސެކްޝަނެއް އުފެއްދެވުމާ ގުޅިގެން އެ ސެކްޝަންގެ ފުރަތަމަ އޮފިސަރ އިންޗާޖެއްގެ ގޮތުން 1 މޭ 1990 ގައި މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަދި 1 ޖަނަވަރީ 1991 އިން ފެށިގެން އާމަރީގެ އޮފިސަރ އިންޗާޖްގެ އެހީތެރިއެއްގެ ގޮތުން ހަމަޖެއްސެވިއެވެ. އަދި މިހާރު ވެސް މަސައްކަތްކުރަމުން ދަނީ އެގޮތުގައެވެ.

ހުވަދޫ ބަޣާވާތް ނިމުމަކަށް ގެންނެވުމަށް ވަޒީރުލްޢައުޒަމް އަލްފާޟިލް އިބްރާހީމް ނާޞިރު، އެ އަތޮޅަށް 1959 ޖުލައި 13 ވަނަ ދުވަހު މޯލްޑިވްސްޓަރގައި ވަޑައިގެންނެވި ދަތުރުފުޅުގައި ދިޔަ ސިފައިންގެ މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނުނެވެ. ރަށްރަށުގެ ރައްޔިތުންނަށް ދައުލަތުން ދެއްވާ މެސެޖް ގައްދޫ ޢަލީކަލޭފާނު ވިދާޅުވި އިރު މެގަފޯން ހިފަހައްޓައިގެން ބައެއްފަހަރު އަޅުގަނޑު ހުރީމެވެ. މި މެސެޖް ދެއްވަމުން ގެންދެވީ ކުޑަ ސީގަލް ލޯންޗެއްގައި ފަޅުބޭރުގައި ތިއްބަވައިގެންނެވެ. ގދ.ތިނަދޫ، ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވުމަށްފަހު، އެ ރަށުގައި ފުރަތަމަ ޑިޔުޓީ މެރުމަށް ބޭތިއްބެވި ސިފައިންގެ މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނުނެވެ. އޭރު އެ ރަށުގައި ތިބިއިރު އާންމުގޮތެއްގައި ހަތިޔާރަކަށް ގެންގުޅުނީ، މާލެއިން ގެންދިޔަ މުގުރެވެ. ޑިޔުޓީ މެރުމުގައި އެ ރަށުގައި 9 މަހާއި 9 ދުވަހު ހުރީމެވެ. އެ ރަށުގައި ތިބިއިރު ކެއުމުގެ ކަންތައްތައް އޮވެއެވެ. އެހެންނަމަވެސް، މާލެއިން ކާތަކެތި ގެންދަނީ “ޑަންގީ” ކިޔާ ބޯޓުގައިކަމަށްވާތީ ބައެއް ފަހަރު ކާތަކެތި ގެންދިޔުން ލަސްވެގެންނާއި މަސްނުބާނާތީ ވަރަށް ދެރަވާ ފަހަރު ވެސް އާދެއެވެ. އެހެން ނަމަވެސް، ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުން ދިޔައީ ޝަކުވާއެއްނެތި ވަރަށް ރަނގަޅަށެވެ.

ސިފައިންނަކީ އަބަދުވެސް ވަރަށް ފޯރީގައި ކުޅިވަރު ކުޅޭ ބައެކެވެ. އަޅުގަނޑު ސިފައިންގެއަށް ވަތް ދުވަސްވަރު ސިފައިންގޭގައި ފުޓްބޯޅަ، ރަގްބީ ފުޓްބޯޅަ، ވޮލީ، ކްރިކެޓް އަދި ޓެނިސް ކުޅެއެވެ. މި ކުޅިވަރުތަކުގައި ބައިވެރިވެ އަޅުގަނޑު ވެސް ކުޅެމެވެ. އޭރު ސިފައިންގޭގައި އޮންނަނީ ދެ ދަންފަޅިއެވެ. އެއީ، ކަޅު ދަންފަޅިއާއި ރަތް ދަންފަޅިއެވެ. އަޅުގަނޑު އުޅުނީ ކަޅު ދަންފަޅީގައެވެ. އޭރު ކުޅިވަރުތަކުގައި ވެސް ވާދަކުރަނީ މި ދެ ދަންފަޅިއެވެ.

ސިފައިންގެ ޚިދުމަތުގައި އަޅުގަނޑު ހޭދަކުރި 52 އަހަރުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ދެ ހާދިސާއަކީ، 1979 ވަނަ އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ހިނގި ބަނޑު އަޑިއަށްދިޔަ ހާދިސާއާއި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާއެވެ. ދޫނިދޫއިން ވެލި ބަރުކޮށްގެން މާލެ އަންނަނިކޮށް ބަނޑު އަޑިއަށް ދިޔައިރު އެ ބަނޑުގައި އަޅުގަނޑު ހުރީމެވެ. އަޅުގަނޑު ވެސް އެ ދުވަހު ސަލާމަތްވީ ހަމަ ކިރިޔާއެވެ. 3 ނޮވެންބަރު ދުވަހު ދިން ޢުދުވާނީ ޙަމަލާގައި ފަތިހު 05:15 ހާއިރު މެދުޒިޔާރަތްމަގުން ސިފައިންގެއަށް އަންނަނިކޮށް ހެންވޭރު ހަތިހާއާ ހަމައަށް އާދެވުނުތަނާ ދުޝްމިނުންގެ މީހަކު ޖެހި ބަޑިއެއްގެ ވަޒަނެއް އަޅުގަނޑުގެ ވާތުފައިގެ ކުޑަހުޅަށް އަރައ ޒަޚަމްވިއެވެ. ވަޒަން އެރުމުގެ ސަބަބުން ތަނބިކަށި ވަނީ ހަލާކުވެފައެވެ. މިއަދާ ހަމައަށް ވެސް އެކަމުގެ ވޭން އެބަހުއްޓެވެ. މި ޢުދުވާނީ ހާދިސާގައި ސިފައިންގެ ތެރެއިން 8 މީހުންނާއި، އާންމުންގެ ތެރެއިން 11 މީހުން ޝަހީދުކޮށްލާފައިވެއެވެ.

އަޅުގަނޑު ސިފައިންގެ ވަޒީފާގައި 52 އަހަރު ހޭދަކުރިއިރު ކޮށްދެވުނީ ކޮން ޚިދުމަތެއްތޯ ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގެންފާނެއެވެ. އަނބުގަސް ވެސް އެހާ ގިނަދުވަހު އެތާނގައި އެބަހުއްޓެވެ. ތެދުފުޅެކެވެ. ނަމަވެސް، އަނބު ގަހަކުން ވެސް އަބަދު އަނބެއް ނުލިބޭނެއެވެ. އަނބު ލިބޭނީ އަނބު މޫސުމުގައެވެ.

އަޅުގަނޑުގެ ޙަޔާތުގެ ހުރިހާ ހަނދާންތަކެއް ވެސް ގުޅިފައިވަނީ ސިފައިންގެއާއެވެ. އޭރުގެ ޙާލަތު ކިތަންމެ ދަށްކޮށް ހުރިކަމުގައި ވިޔަސް، އަޅުގަނޑު ސިފައިންގޭގައި މަސައްކަތްކުރީ އާއިލާއާއި އަމިއްލަ ނަފުސަށް ވުރެ ވެސް ޤައުމީ ޚިދުމަތް ކުރިއަށް ނެރެގެންނެވެ. އޭގެ ނަތީޖާއަކީ ސިފައިންގޭގައި ޚިދުމަތްކުރަން ލިބުނު ދިގުމުއްދަތުގައި ދުވަހަކު ވެސް ވެރިޔަކު ހިތްޕުޅާނުވެގެން އަޅުގަނޑާ މެދު ބަރުބަހެއް ވެސް ވިދާޅުވާ އަޑު އިވިފައިނުވުމެވެ. ކަޅާއިހުދުގެ މާޒީއަކުން ޒަމާނީ ކުލަތަކުގެ ތެރެއަށް ދިވެހި ސިފައިން މިވަނީ ދަތުރުކޮށްފައެވެ. އަޅުގަނޑަށް ސިފައިންގެ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށެވެ. ވަކިކަމަކުން ވަކިރޮނގަކުން ނޫނެވެ. ހުރިހާ ގޮތަކުންނެވެ. ދިވެހި ސިފައިންގެ ތެރޭގައި މިހާރު ވަނީ ޢިލްމީ އަދި ޤާބިލު ޒުވާން ވެރިން އުފެދިފައެވެ. އެ ބޭފުޅުން ސިފައިންގެ ކަންތައްތައް އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު ޙައްޤެވެ. އަޅުގަނޑަށް ފެންނަނީ ދީނާއި ވަޠަނުގެ ދިފާޢުގައި ފަސްނުޖެހި ސިފައިންގެ ވާޖިބު އަދާކުރަމުންދާ ތަނެވެ. ސިފައިންނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ، އަޅުގަނޑުމެންނާ ހަމައަށް ކުރީގެ އަބްޠާލުން ގެނެސްދެއްވި މި ޤައުމުގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުމެވެ. ކުރިއެކޭ އެއްފަދައިން ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވުމެވެ. ސިފައިންނަކީ އެއްވެސް އިރެއްގައި ކުރާ މަސައްކަތާއި ލިބޭ އާމުދަނީއާ އަޅާކިޔާ ބައެއް ނޫނެވެ. މި ވަރުގަދަ އަސާސްގައި ސިފައިން ސާބިތުވެ ތިބޭއިރު އާންމު ރައްޔިތުންނަށް ފެންނަނީ، ސިފައިންކުރާ ބުރަ މަސައްކަތާއި އެމީހުންގެ ނުގުޑާފަދަ ޢަޒުމާއި، ގަދަ ހިތްވަރާއި ފަންވަރެވެ. މުސްތަޤްބަލުގައި ވެސް ދިވެހި ސިފައިން ތިބެން އަޅުގަނޑު އެދެނީ މި ހިތްވަރާއި، މި ފަންވަރާއި، މި ޢަޒުމްގައެވެ. އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ސިފައިންނަށް އަދަށް ވުރެ ފަހިކަމާއި ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ.

ޝެއަރކުރެއްވުމަށް