ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ، 1985 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ތެދުވެރިކަމާއި، ވަފާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މީގެތެރޭގައި ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައް ވަކިން ޚާއްޞަކޮށް ފާހަގަކުރަމެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ސިފައިންގެ ޚިދުމަތުގެ ކެރިއަރ ފެށްޓެވީ ސިފައިންގެ ކޮމިއުނިކޭޝަން ޔުނިޓުންނެވެ. ސިފައިންގެ ޚިދުމަތުގެ ވަރަށް ކުރީކޮޅު ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ އެމެރިކާގެ ފޯޓް ގޯޑަންގައި ފުރިހަމަ ކުރެއްވި ރޭޑިއޯ ރިޕެއަރ ކޯހުން އެއްވަނަ ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހި އަސްކަރިއްޔާއަށް ރީތި ނަން ހޯއްދަވައިދެއްވާފައެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން ފުރިހަމަކުރެއްވި ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ފުރިހަމަކުރެއްވި ވީއެޗްއެފް ޓްރޭނިންގ ކޯސް، ޕާކިސްތާނުގެ ރާވަލް ޕިންޑީގައި ހުންނަ ޕާކިސްތާން ސްކޫލް އޮފް ސިގްނަލްސްގައި ފުރިހަމަ ކުރެއްވި ޔަންގް އޮފިސަރސް ކޯހާއި، ސިގްނަލް އޮފިސަރސް ބޭސިކް ކޯހާއި، ސިގްނަލް މިޑް-ކެރިއަރ ކޯސް، ސްރީލަންކާގެ ޑިފެންސް ސަރވިސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ފުރިހަމަކުރެއްވި ސްޓާފް ކޮލެޖް އަދި އެމެރިކާގެ ހަވާއީގެ އޭޝިއާ ޕެސިފިކް ސެންޓަރ ފޯ ސެކިއުރިޓީ ސްޓަޑީޒުން ފުރިހަމަ ކުރެއްވި އެޑްވާންސް ސެކިއުރިޓީ ކޯޕަރޭޝަން ޕްރޮގްރާމް، އިންޑިއާގެ ސިކަންދަރު އާބާދުގައި ހުންނަ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގައި ފުރިހަމަކުރެއްވި ޑިފެންސް މެނޭޖްމަންޓް ކޯސް ހިމެނެއެވެ. މީގެއިތުރުން ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރާއްޖޭން ބޭރުގައި ބޭއްވި ތަފާތު ގިނަ ބައްދަލުވުންތަކަކާއި ކޮންފަރެންސްތަކަކާއި ސެމިނަރތަކެއްގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރައްވާފައެވެ. ބައިނަލްއަޤްވާމީ ދުނިޔޭގައި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހާސިލުކުރެއްވި އެންމެ ފާހަގަކޮށްލެވޭ ޝަރަފަކީ ސްރީލަންކާގެ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ވޯލް އޮފް ފޭމުގައި ހިމެނިވަޑައިގަތުމެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ރާއްޖެއިން ފުރިހަމަ ކުރެއްވި ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި އެންސީއޯ ކޭޑަރ ޓްރޭނިންގ ކޯސް، އޮފިސަރސް ޑްރިލް ކޯސް، ވީޓީސީން ފުރިހަމަކުރެއްވި ޑިޕްލޮމާ އިން އިލެކްޓްރޯނިކްސް ކޯސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފުރިހަމަކުރެއްވި މެޗް ކޮމިޝަނަރ ކޯސް، މޯލްޑިވްސް ސުވިމިންގ އެންޑް ވޯޓަރ ސްޕޯޓްސް އެސޯސިއޭޝަނުން ފުރިހަމަކުރެއްވި ސްވިމިންގ އިންސްޓްރަކްޓަރ ކޯސް ފާހަގަކުރެވެއެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އަސްކަރީ ޚިދުމަތުގައި ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގައި ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ފުރުއްވާފައިވެއެވެ. މިގޮތުން އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (ސީޓްސް)ގެ ސެކަންޑް އިން ކޮމާންޑްކަމާއި، މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ އޮފިސަރ އިންޗާޖުކަމާއި، ސީޓްސްގެ އޮފިސަރ ކޮމާންޑިންގކަމާއި، އަދި އޯޑިނަންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރކަމާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަމާއި، މިލިޓަރީ ޕޮލިސްގެ ކޮމާންޑިންގ އޮފިސަރކަމާއި، ސަރވިސް ކޯރގެ އެކްޓިންގ ކޮމަޑާންޓްކަމާއި، ސްޕެޝަލް ޕްރޮޓަކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރކަމާއި، ސްޕެޝަލް އެސެސްމަންޓް ޔުނިޓްގެ ކޮމާންޑިންގ އޮފިސަރކަމާއި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމަޑާންޓްކަމާއި، ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޑައިރެކްޓަރ ޖެނެރަލްކަމާއި، ޝޫޓިންގ އެސޯސިއޭޝަންގެ ނައިބު ރައީސްކަމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަމާއި، ޗީފް އޮފް ޑިފެންސް ފޯސްކަން ހިމެނެއެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދާކުރެއްވި ސްޓާފް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޑައިރެކްޓްރޭޓް އޮފް ސީ4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަން (ސިމިކް) ގެ ޑައިރެކްޓަރ ކަމާއި، ޕްރިންސިޕަލް ޑައިރެކްޓަރކަމާއި، ދިވެހި އަސްކަރިއްޔާގެ ރަސްމީ ތަރުޖަމާނުކަމާއި، އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޑައިރެކްޓަރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސްގެ ޕްރިންސިޕަލް ޑައިރެކްޓަރކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމު ހިމެނެއެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަތުމާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި، ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތާއި، ކޮވިޑް-19ގެ އާލަމީވަބާގެ ބޮޑު ކާރިސާގައި ރެއާއި ދުވާލު ސިފައިން ވަރުބަލިކަމެއްނެތި ދިވެހިރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ކުރެއްވި ޤައުމީ އަގުހުރި މަސައްކަތްތައް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ދިވެހި އަސްކަރިއްޔާގައި އުފައްދާފަވާ ބޯޑުތަކާއި ކޮމިޓީތަކުގައި ވެސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މިގޮތުން އެމްއެންޑީއެފް ޕްރޮމޯޝަން ބޯޑާއި ސިފައިންގެ ލަފާދޭ މަޖިލިހުގެ މެންބަރެއްގެ ގޮތުގައާއި ވައިސް ޗެއަރމަން ގޮތުގައި އަދި ފަހުން ޗެއަރމަންގެ ހައިސިއްޔަތުން ކުރެއްވި އަގުހުރި މަސައްކަތްތައް ފާހަގަކުރަމެވެ. އަދި އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި، އެމްއެންޑީއެފް ގްރީވަންސް ބޯޑާއި، އެމްއެންޑީއެފް ޑިސިޕްލިންގ ކޮމެޓީއާއި، ސިފައިންގެ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ސްޓިއަރިން ކޮމެޓީގެ މެންބަރުކަމާއި، އެމްއެންޑީއެފްގެ މިލިޓަރީ ޖަސްޓިސް ކޮމިޝަނާއި، އެމްއެންޑީއެފް ވެލްފެއަރ ފަންޑިންގ ގަވަރނިންގ ބޯޑުގެ މެންބަރެއްގެ ގޮތުގައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްތައް ވެސް ފާހަގަކުރަމެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ދިވެހި އަސްކަރިއްޔާގައި މިއަދު މިދެކޭ ޒަމާނީ މުއާސަލާތާއި، ޓެކްނޮލޮޖީގެ ޚިދުމަތާއި، ތަރައްޤީވެ ކުރިއަރާފައިވާ މީޑިއާގެ ޚިދުމަތާއި، ފުޅާވެގެން ގޮސްފައިވާ  ޑިފެންސް އިންޓެލިޖެންސްގެ ޚިދުމަތް ތަރައްޤީކޮށް މި ހިސާބަށް ގެނެސްދެއްވުމުގައި ހުނަރުވެރި، ފަންނީ މަސައްކަތްތަކެއް ކުރައްވާފައިވާ އިޚްލާޞްތެރި ހަރުދަނާ ލީޑަރެކެވެ. އަދި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ހަވާލުކުރެއްވި ކޮންމެ ކަމެއް ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރައްވާފައިވާ ދީނީ ލޯތްބާއި ޤައުމީ ރޫޙުގައި މަސައްކަތްކުރެއްވި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ލިބިވަޑައިގެންފައިވާ ޢިލްމާއި ހުނަރާއި ތަޖުރިބާގެ އަލީގައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ޒަމާނީ ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ސިފައިންގެ ޤާނޫނުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދެއްވާފައެވެ.  ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރުގެ ގޮތުގައި އެއަރ ކޯރ އުފައްދަވައި، ވައިގެމަގުން ދިވެހިރާއްޖެ ދިފާޢުކުރުމަށާއި ސިފައިން ހިންގާ ވައިގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ވައިގެ ޚިދުމަތަށް  ތަޢާރަފުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން އަދާކުރައްވާފައިވަނީ ވަރަށް މުހިންމު ދައުރެކެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެލި، ޖުމްހޫރީ 50ގެ މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި (ކޮވިޑް-19)، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ކާމިޔާބުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ދެފަހަރަށް، އަޚްލާޤީ ކުލަ ތިންވަނަ ފަހަރަށެވެ. މީގެ އިތުރުން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭނެ ޒުވާނުންނަށް ވެސް ދައްކުއިދެއްވި ވަރަށް ރީތި މިސާލެކެވެ. ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ހޭދަކުރެއްވި ޤައުމީ ޚިދުމަތުގެ ދިގު މުއްދަތުގައި ލޮބުވެތި ޢާއިލާއިން ވެވަޑައިގެންނެވި ޤުރުބާނީއާއި ވެދެއްވި މަތިވެރި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުގެ ޖިޒީތައް ވެދުންކުރަމެވެ. އަދ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރި ހަޔާތެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

ޝެއަރކުރެއްވުމަށް