ދިވެހީންގެ ޤައުމިއްޔަތަކީ ދިވެހީންގެ ދިވެހިވަންތަކަމާއި، ދިވެހީންގެ އެކުވި ވިސްނުމުގައި އޮންނަ އެއްބައިވަންތަކަމާއި، ދިވެހީންގެ ދެމިއޮތުމުގެ ފިކުރެވެ. މި ފިކުރު ބިނާވެފައި ވަނީ ވަރަށް ވަރުގަދަ ބިންގަލަކާއި ތަނބުތަކެއްގެ މައްޗަށެވެ. މި ބިންގަލަކީ ދިވެހީންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނެވެ. މި ދެންނެވި ތަނބުތަކަކީ ދިވެހީންގެ ޤައުމާއި، ދިވެހީންގެ ރާއްޖެއާއި، ދިވެހީންގެ މިނިވަންކަމާއި، ދިވެހީންގެ ބަހާއި، ދިވެހީންގެ ތާރީޚާއި ދިވެހީންގެ ސަގާފަތެވެ. ދިވެހީންގެ ޤައުމިއްޔަތު ބިނާވެ ދެމިހެއްޓިގެން އައީ ދިވެހީންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ޤުރުބާނީއެއް ވެފައިވަނީ ދިވެހީންގެ ފަޚުރުވެރި ދިފާޢީ ލަޝްކަރެވެ. އެއީ މިއަދުގެ ސިފައިންނެވެ.

ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރުގެ، އާރާއި ބާރަކީ ދިވެހީންގެ ދިފާޢީ ލަޝްކަރެވެ. ދިވެހީންނަކީ އަމިއްލަ ވެރިކަމެއްކުރާތާ ހަތަރު ހާސް އަހަރުވެފައިވާ ދިވެހީންގެ ރަށްވެހިކަމުގެ ފެށުމެއް އެނގެން ނެތް އެވޭލާ ޤައުމެކެވެ. ދިވެހީންނަކީ މިނިވަންކަމުގެ ފަޚުރުވެރި ދިގު ތާރީޚެއް ލިބިފައިވާ، ޙަޟާރަތެއް ބިނާކޮށްފައިވާ އުޅުންހުރި، ގޮތްހުރި ބައެކެވެ. މިއީ ޤައުމު ދިފާޢުކުރުމަށް ފާރަވެރިންނާއި ބޭނުންވާ ހަތިޔާރު އުފައްދައި ބޭނުންކުރި ފަންނުވެރިންނާއި ހުނަރުވެރިން އުފެއްދި ޤައުމެކެވެ. ޤައުމުގެ މިނިވަންކަމަށްޓަކައި ޖާނުދޭން ކެރޭ ދަރިންތަކެއް އުފަންކުރި ރާއްޖެއެވެ. ދުޝްމަނުންގެ ފަރާތުން ޤައުމަށް ދިމާވާ ދުއްތުރާތަކުން ޤައުމު ސަލާމަތްކުރެވޭހާ ހިތްވަރާއި ޢަޒުމުހުރި ކެރޭ ހީވާގި އިސްވާރުންނާއި ލަޝްކަރެއް ބިނާކުރި ދިވެހީންގެ ދައުލަތެވެ. އެ ޒަމާނުގައި އެ ލަޝްކަރަށް “ސިފައިން” މި ނަމުން މުޚާޠަބު ނުކުރިޔަސް އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ވެރިކަމާއި ދިވެހި ލަޝްކަރުގައި އަސްކަރީ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޢަލީރަސްގެފާނާއި، ބޮޑުތަކުރުފާނާއި، ބޮޑު ރަސްގެފާނާއި، އިސްކަންދަރު ރަސްގެފާނާއި، ދޮންބަންޑާރައިންނާއި، ހާޖީބަންޑާރައިން ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިއާއި ފަހަށް ބަލާއިރު ވެސް ދިވެހީންނަކީ މިނިވަންކަމަށް ޓަކައި ބޮޑެތި ބާރުތަކާ ދެކޮޅަށް ތެދުވެ ކާމިޔާބު ހޯދާފައިވާ ބައެކެވެ. މީލާދީން 12 ވަނަ ޤަރުނުގައި މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި ޗޯޅާއިންނާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމައިން ދިވެހީން ކާމިޔާބު ހޯދިއިރު އަދި ދިވެހިރާއްޖެ ރަސްމީކޮށް އިސްލާމްދީން ބަލައެއް ނުގަނެއެވެ.  ދިވެހީން ރަސްމީކޮށް އިސްލާމްދީން ބަލައިގަތީ، ހިޖުރައިން 548 ވަނަ އަހަރުއެވެ. އެއީ މީލާދުން 1153 ގައެވެ. ބޭރުގެ ދަތުރުވެރީންގެ ފަރާތުން ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވެ، ރަސްމީކޮށް ދިވެހީންގެ ދީނަކީ އިސްލާމްދީން ކަމުގައި ގަރާރުކުރެއްވީ ތީމުގެ މަހާކަލަމިންޖާކަލޯ އެވެ. ފަހުން އެއީ އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނެވެ. އެ ރަދުން އިސްލާމްވެ ވަޑައިގަތުމަށް އިސްލާމީ ނޫރު ދިވެހިރާއްޖޭގައި ފެތުރުއްވުމަށް ފެށްޓެވި މަސައްކަތްޕުޅުގައި ސިފައިންގެ ދައުރު ވަރަށް ބޮޑެވެ. ދަރުމަވަންތަ ރަސްގެފާނަށްފަހު ދެން ވަޑައިގެންނެވި ރަސްރަސްކަލުން ވެސް ދިވެހީންގެ ހިތްތައް އިސްލާމްދީނުގެ ރަންމަރުން ހުޅުދާން ކުރެއްވުމަށް ރަށްރަށަށް ފޮނުއްވީ ސިފައިންނެވެ. މުޅި ރާއްޖެ އިސްލާމްވުމަށް ބައިގަރުނަށްވުރެ ގިނަ ދުވަސް ހޭދަވުމުން ދޭހަކޮށްދެނީ ހެޔޮ ނަސޭހަތާއެކު ދީނަށް ގޮވާލެއްވުމުގައި ކެތްތެރިކަމާއެކު ދައުލަތުން ގިނަ ދުވަސްތަކެއް ނެންގެވިކަމެވެ.

ޤައުމަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ސަގާފަތެއް ހިއްސާކުރާ، އެއް ތާރީޚަކާ ގުޅިލާމެހިފައިވާ އިންސާނީ ޖަމާޢަތަކަށް ވީހިނދު، ދިވެހި ޤައުމަކީ ދިވެހީންނާ ލާމެހިފައިވާ މި ދެންނެވި ސިފަތައް ހިއްސާކުރާ މީހުންނެވެ. ދިވެހީންގެ ޢަޤީދާއާއި ބަހާއި ތާރީޚާއި ދިވެހީންގެ އުޅުމާއި ގުޅުންތައް އެއްގޮތްކުރާ އެއްބައިވަންތަކަން މި ޤައުމުގައި ދެމެހެއްޓި ބަޔަކީ ވެސް ދިވެހި ސިފައިންނެވެ. ދިވެހީންގެ ސިލްމާއި ސަލާމަތް ދެމެހެއްޓީ ސިފައިންނެވެ. ބައިބައިވެގެން ހިނގައިދާނެ ކަންތައްތަކުން ޤައުމު ސަލާމަތްކުރުމުގައި ސިފައިންގެ ދައުރު ވަރަށް ބޮޑެވެ. މީގެއިތުރުން ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކުވެރި ސަރަހައްދެއްގެ ގޮތުގައި ބަލަހައްޓަމުން އައީ ވެސް ސިފައިންނެވެ. ސިފައިންގެ މި ވަރުގަދަ ފާރު މި ޤައުމުގެ ދުޝްމަނުންނަށް ފޫއަޅުވާލެވިފައިވަނީ މަދު ދެތިން ފަހަރެއްގައެވެ. އޭގެތެރެއިން އެއް ފަހަރަކީ މީލާދީން 1558 ވަނަ އަހަރު ޕޯޗްގީޒުން ޢަލީ ރަސްގެފާނު ޝަހީދުކުރުމަށް ފަހު ދިވެހިރާއްޖެ އަޅުވެތިކުރި ފަހަރެވެ. އޭގެ 15 އަހަރު ފަހުން، 1573 ވަނަ އަހަރު އަލްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވިއެވެ. އެ ރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންފައި ޤައުމު ބިނާކުރެއްވުމަށް އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތްޕުޅަކީ ދިވެހިރާއްޖެ ދިފާޢުކުރުމަށް ދިވެހި އަސްކަރީ ބާރު އުފެއްދެވުމެވެ. ހަނގުބޭކަލުންގެ ނަމުގައި އެ ދުވަހު އުފެއްދެވި ސިފައިންގެ ލަޝްކަރު އެކުލަވާލެއްވީ އިސްތިންވަރާއި ފަސްތިންވަރުގެ މައްޗަށެވެ. ކަނޑާއި އެއްގަމުގައި ހަނގުރާމަކުރާނެ ހަނގުރާމަވެރިންނާއި އެ ފަރާތްތަކަށް މަދަދުދީ ވާގިދީ އެހީތެރިވާނެ ފައުޖުތަކެއްގެ މައްޗަށެވެ.

އަނެއް ހާދިސާއަކީ މީލާދީން 1752 ވަނަ އަހަރު މަލާބާރީން ނުވަތަ ހޮޅީން ރާއްޖެ އަޅުވެތިކުރިކުރުމެވެ. އެއީ ހިޖުރައިން 1166ވަނަ އަހަރުގެ ޞަފަރުމަހުގެ 13ވަނަ ވިލޭރެއެވެ. އެ އަޅުވެތިކަމުގައި ހަތަރުވަރަކަށް މަސްދުވަސް ވީތަނާ ރާއްޖެ މިނިވަންކޮށްދެއްވީ ދޮންބަންޑާރައިން ނުވަތަ އަލްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެއީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. ދޮންބަންޑާރައިން ރާއްޖެ މިނިވަންކޮށް ދެއްވުމަށްފަހު ވެސް ދިވެހި ލަޝްކަރުގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދެވިއެވެ.

މީގެ އަނެއް ހާދިސާއަކީ މީލާދީން 1887 ވަނަ އަހަރު އިނގިރޭސީންގެ ބިރު ދެއްކުމާއެކު ކުރެވުނު އެގްރިމެންޓަކުން އިނގިރޭސީންގެ ހިމާޔަތް ޤަބޫލުކުރަން ދިވެހީންނަށް މަޖުބޫރުވި މަޖުބޫރުވުމެވެ. މި އެގްރިމެންޓުން ދިވެހީން މިނިވަންވީ 1965ވަނަ އަހަރު ދެ ދައުލަތުގެ ދެމެދުގައި ވެވުނު މިނިވަންކަމުގެ އެއްބަސްވުމަކުންނެވެ. ދިވެހި ދައުލަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރުލްއަޢުޡަމް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެ ހިސާބަށް ދިވެހީންނަށް ދެވުނީ ދިވެހި ސިފައިން އެތައް ޤުރުބާނީއެއް ވެގެންނެވެ. އިނގިރޭސީން އައްޑުއަތޮޅުގައި ތިބެގެން އެމީހުން ވާގިވެރިވެގެން އުފެއްދި ޣައިރު ޤާނޫނީ ދައުލަތް ނައްތާލުމަށާއި، ދެކުނު ގަޑުބަޑުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ނަގަން ސިފައިންނަށް މަޖުބޫރުވިއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރީ ބާރު އެ މީހުންނަށް މަދަދުދޭނެކަމަށް ހީކޮށްގެން ތިބި ބަޣާވާތުގެ ބޮޑުންގެ ހީލަތްތެރި ވާހަކަތައް ޤަބޫލުކުރެވިފައިވާ ރައްޔިތުންނަށް ދިވެހި ދައުލަތުން ނަސޭހަތްދެއްވައި ވިސްނައިދެއްވަން ކުރެއްވި ހުރިހާ މަސައްކަތެއް އޭރު ވަނީ ނާކާމިޔާބު ވެފައެވެ. ސުވައިދީބު ސަރުކާރާއި ދެކުނު ގަޑުބަޑުގެ އަޑީގައި އޮތީ އައްޑު އަތޮޅު ގަމުގައި ތިބި އިނގިރޭސި ސިފައިންކަން ދެނެތިބެ އެ ގަޑުބަޑު ރޫޅާލުމަށް ސިފައިން މަސައްކަތްކުރީ އާދަޔާ ޚިލާފު ޤައުމީ ޖޯޝެއްގައެވެ. އެ އޮޕަރޭޝަންގައި ހަވަރު ތިނަދޫ ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވުމާއެކު އިނގިރޭސީންގެ ސިޔާސަތަށް ބަދަލު ގެނައިކަން އެއީ ތާރީޚުން ފެންނަ ހަގީގަތެވެ. އެއަށްފަހު ދެ ދައުލަތުގެ ދެމެދުގައި ވާހަކަދެކެވި އޯލްޕޯޓް އެގްރިމެންޓްގައި ސޮއިކުރިއެވެ. އަދި އޭގެފަހުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯދުމުގެ މަޝްވަރާތައް ފެށުނެވެ. ދިވެހީންނަށް މިނިވަންކަން ލިބިގެން ދިޔައީ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރާއި އެތައް ދިވެހީންނެއްގެ މިންނަތް މަސައްކަތުންނާއި ދިވެހި ސިފައިންވީ މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުންނެވެ. އެ ދުވަސްވަރު އާންމު ރައްޔިތުންގެ އެތައް ބަޔަކު ސިފައިންގެ ޚިދުމަތާ ގުޅުނެވެ. އެ ފަރާތްތައް ދިވެހި އަސްކަރިއްޔާއާ ގުޅުނީ އިނގިރޭސީން އަޑީގައި ތިބެގެން ޤައުމު ބައިބައިކުރަން ކުރާ މަސައްކަތުން ޤައުމު ސަލާމަތްކޮށް، ދިވެހި ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ.

ދިވެހި ސިފައިންނާއި ދިވެހީންގެ ޤައުމިއްޔަތު މި ޖީލަށް ކިޔައިދޭ އެންމެ އަސަރުގަދަ ހާދިސާއަކީ މީލާދީން 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއެވެ. އެ ހަމަލާއިން ފެންނަނީ ދީނާއި ޤައުމުގެ ދިފާޢުގައި ލެއާއި ފުރާނައިން ސިފައިން ވީ މަތިވެރި ޤުރުބާނީއެވެ. ސްރީލަންކާގެ ޕްލޯޓް ޖަމާޢަތާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާ ގުޅިގެން ޒަމާނީ ހަތިޔާރާއެކު މާލެއަރައި ރާއްޖެ ހިފަންކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ދިވެހި ސިފައިންގެ ވަރުގަދަ ޤައުމީ ޖިހާދުންނެވެ. މި ހާދިސާގައި 19 ދިވެހީން ޝަހީދުވިއިރު އޭގެތެރެއިން 8 ބޭފުޅުންނަކީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. އެ ދުވަހު އެންމެ ފާހަގަކޮށްލެވުނު ޤައުމީ ބަޠަލަކީ އުމުރުފުޅުން އެންމެ ވިހި އަހަރުގެ ޒުވާން ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. އެ ދުވަހު ސިފައިން ދައްކައިދިނީ މި ޤައުމު ދެކެ ސިފައިން ވާ މަތިވެރި ލޯތްބެވެ. ދިވެހީންގެ ޤައުމިއްޔަތު ދިފާޢުކުރުމުގައި ސިފައިން ފަސްނުޖެހޭނެކަމެވެ. ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ދިވެހި ސިފައިންކަމެވެ. ދިވެހީންނާއި ދިވެހިރާއްޖޭގެ ސަލާމަތް ބަލަހައްޓައި ދެމެހެއްޓުމުގެ ނިޒާމު ކަމުގައިވާ ދިވެހި ދައުލަތަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ދިވެހި ދައުލަތް ސަލާމަތްކޮށް، ހިމާޔަތްކޮށް، ދިފާޢުކޮށް، ރައްކާތެރިކުރުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ސިފައިން ވާނެކަމެވެ.

 

ޝެއަރކުރެއްވުމަށް