ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1992 ވަނަ އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 31 އަހަރާއި، 7 މަހާއި، 21 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 2023 ޑިސެންބަރު 31 ވަނަ ދުވަހުއެވެ. ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲގެ ސަރވިސް ނަންބަރަކީ 2117  އެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ގެ އަސްކަރީ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން، ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމުކަމުގައިވާ “ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް”ގެ މަޤާމުގައި އަދި “އެކްޓިންގ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް”ގެ މަޤާމުގައި ދިވެހި އަސްކަރިއްޔާއާއި އެންލިސްޓެޑް ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި މަސައްކަތްތައް ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. މިގޮތުން ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާގައި އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، އެންލިސްޓެޑް ސިފައިން މަސައްކަތްކުރަމުން އައި ސިންގަލް ލެޑަރ ސިސްޓަމުން، ޓްރިޕަލް ލެޑަރ ސިސްޓަމަކަށް ބަދަލުކޮށް، އޮފިސަރ ކޯރއާއި، ވޮރަންޓް އޮފިސަރ ކޯރއާއި، އެންލިސްޓެޑް ކޯރ އުފެއްދެވުމާއެކު އެންލިސްޓެޑް ސިފައިންގެ އެންމެ މަތީ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރަތަމަ އުފުލުމުގެ ޝަރަފު ތާރީޚުން ހޯއްދަވައި، އައު ނިޒާމާ އެއްގޮތަށް އެންލިސްޓެޑް ކޯރ ހަރުދަނާ ބިންގަލެއްގެ މައްޗަށް ބައްޓަން ކުރެއްވުމުގައި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އިން، ސިފައިންގެ ޚިދުމަތް ފެށްޓެވި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވަނީ ދިވެހި އަސްކަރީ ޚިދުމަތުގައި ވަރަށް ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައެވެ. މިގޮތުން ފުރިހަމަ ކުރެއްވި ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި އިންޑިއާއިން ފުރިހަމަކުރެއްވި އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯސް، ދިވެހިރާއްޖެއިން ފުރިހަމަ ކުރެއްވި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ، ޑްރިލް އިންސްޓްރަކްޓަރ ކޯސް، ފިޒިކަލް އިންސްޓްރަކްޓަރ ކޯސް، ބެލެންސް މެޓެލް އަދި ކޯޕްރަލް ކޯސް، ސާޖަންޓް ކޯސް (އެންސީއޯ ކެރިއަރ ކޯސް) އަދި ވޮރަންޓް އޮފިސަރ ބޭސިކް ކޯސް (އެންސީއޯ އެޑްވާންސް ކޯސް) ހިމެނެއެވެ. މި ކޯސްތަކުގެ ތެރެއިން އެންސީއޯ އެކެޑަމީން ފުރިހަމަކުރެއްވި އެންސީއޯ އެޑްވާންސް ކޯހާއެކު ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީޒް ހާސިލުކުރައްވައި، މުޅި ކޯހުން އެއްވަނަ އަދި އޮނަގުރެޖްއޭޓުގެ ޝަރަފު ވެސް ހާސިލުކުރެއްވިއެވެ. ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ ފަހުން ސްޓްރެޓެޖިކް މެނޭޖްމަންޓުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ވެސް ހާސިލުކުރައްވާފައެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ އަކީ ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައި ވަރަށް މުހިންމު އެޕޮއިންޓްމަންޓްތަކެއް ފުރުއްވާފައިވާ ނަމޫނާ ސީނިއަރ އެންލިސްޓެޑް ލީޑަރެކެވެ. މިގޮތުން އީއެމްއީގައި މަސައްކަތް ކުރެއްވި ދުވަސްވަރު މެކޭނިކަލް އިންޖިނިއަރ ކަމާއި، ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެންސީއޯ އިންޗާޖުކަމުގެ އިތުރުން، 27 ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕްލެޓޫނު ލީޑަރުކަމާއި، ޑްރިލް އިންސްޓްރަކްޓަރކަން ކުރެއްވުމާއި، އެންސީއޯ އެކެޑަމީގެ ޕްރޮގްރާމް ކޯޑިނޭޓަރކަމާއި، ހެޑް އޮފް ޑިޕާޓްމަންޓް އެންޑް ސަބްޖެކްޓް އިންސްޓްރަކްޓަރކަން ކުރެއްވުން ހިމެނެއެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ސިފައިންގެ ލެވެލްގައި އަދާކުރައްވާފައިވާ މުހިންމު އެޕޮއިންޓްމަންޓްތަކުގެ ތެރެއިން ސަރވިސް ކޯރގެ ސީނިއަރ އެންލިސްޓެޑް ލީޑަރކަމުގައި ކުރެއްވި ޚިދުމަތާއި، 5 އޯގަސްޓް 2012 އިން 1 ޖަނަވަރީ 2014 އަށް “އެކްޓިންގ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް”ގެ މަޤާމުގައި އަދި 1 ޖަނަވަރީ 2014 އިން 13 ޖަނަވަރީ 2021 އަށް “ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް”ގެ މަޤާމުގައި ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަ ކުރެވެއެވެ. ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވިއިރު ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައެވެ. މީގެ އިތުރުން ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ ރާއްޖޭން ބޭރުގައި ބޭއްވި ތަފާތު ގިނަ ސިމްޕޯޒިއަމްތަކާއި ކޮންފަރެންސްތަކުގައި ދިވެހި އަސްކަރިއްޔާ ތަމްސީލު ކޮށްދެއްވާފައެވެ.

ދިވެހި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއާއި ވެލްފެއަރއާ ގުޅިފައިވާ ތަފާތު ގިނަ ބޯޑުތަކެއްގައި ވެސް ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ މަސައްކަތް ކުރައްވާފައެވެ. މިގޮތުން ސިފައިންގެ އައްޑަނަ މަޖައްލާގެ އެޑިޓޯރިއަލް ބޯޑާއި، ސިފައިންގެ ފުލެޓް ކޮމެޓީއާއި، ޑިފެންސް މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ކޮމެޓީއާއި، އެމްއެންޑީއެފް ސްކޯލަރޝިޕް ބޯޑާއި، އެމްއެންޑީއެފް އެންލިސްޓެޑް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމުގެ އިތުރުން، އެމްއެންޑީއެފްގައި އެންމެ ފުރަތަމަ އެކުލަވާލި އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރިން އެކުލަވާލި ޑޮކްޓްރިން އެންޑް ރިފޯމް ކޮމެޓީގެ މެންބަރުކަމާއި އެމްއެންޑީއެފް އެންލިސްޓެޑް ބޯޑުގެ ޗެއަރމަންގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ.

ދިވެހި އަސްކަރިއްޔާގައި، ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޤައުމަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ވަނީ ކޮށްދެއްވާފައެވެ. މިގޮތުން 2004 ޑިސެންބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އަތޮޅު ތެރޭގައި ހިންގި ފާސްޓް ފޯވާޑް ކޯޑިނޭޝަން ސެންޓަރުތަކުގެ ތެރެއިން މ. އަތޮޅުގައި ގިނަ ދުވަސްތަކެއް ވަންދެން ރިލީފް އޮޕަރޭޝަންގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި 17 ވަނަ ސާކް ސަމިޓާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންގައާއި، ކޮވިޑް-19 ގެ އާލަމީވަބާއާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ވެސް ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި 10 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ހާސިލުކުރައްވާފައިވާ މެޑެލިތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެއްޔާއި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، އަދި އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ ޑްރިލް އިންސްޓްރަކްޓަރެއްގެ ގޮތުގައާއި ފިޒިކަލް އިންސްޓްރަކްޓަރެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން ސިފައިން ހަށިހެޔޮކަން ބެލުމަށް ޖަހަމުންދާ ހަށިހެޔޮކަމުގެ ޓެސްޓްތަކުގައި ހަރަކާތްތެރިވުމާއި، ސިފައިންގެ ހެވިކަމުގެ މުބާރާތްތަކުގައި އީއެމްއީ ތަމްސީލުކުރި ސްކޮޑްގެ ހެވިއެދުރެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. އަދި ކުޅިވަރުގެ ރޮނގުން ފުޓްބޯޅައާއި ވޮލީއާއި ޓްރެއިތުލޯން މުބާރާތްތަކުގައި އީއެމްއީ ޓީމު ތަމްސީކޮށްދެއްވުން ފާހަގަ ކުރެވެއެވެ. ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲއަކީ ކުޅަދާނަ ހުނަރުވެރި ލިޔުންތެރިއެކެވެ. ސިފައިން ނެރޭ އައްޑަނަ މަޖައްލާއަށާއި ހަފުތާ އައްޑަނައަށް ކުޅިވަރުގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔެ ޝާއިޢުކުރައްވާފައިވެއެވެ. މި ނޫނަސް ތަފާތު ރޮނގުތަކުން ދިވެހި އަސްކަރިއްޔާއަށް ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ، ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތްތަކެކެވެ.

ޝެއަރކުރެއްވުމަށް