ހިތް ކުދިކުދިވަނީއެވެ! ކުރެވޭނޭ ކަމެއް ނެތްކަމުގެ އިހުސާސް ވުމުން ރޮވެނީއެވެ! ފަލަސްޠީނުގެ ކޮންމެ ކުއްޖެއްގެ ކޮންމެ އުޚުތެއްގެ އަޚެއްގެ ރުއިމާއި ގިސްލުމާއި ބޭނުންތަކުގެ އަޑު އިވެއެވެ. އެކަމަކު މުސްލިމު ދުނިޔެ ވަނީ މަންމަންވެފައެވެ. މިއަދު އެ ކުދިންގެ މަދަދުގާރަކީ ޣައްޒާގެ ބަރަކާތްތެރި ބިމެވެ. ފަލަސްޠީނުގެ ސާފުތާހިރު ފަސްގަނޑެވެ. އެ ތަނުގައި އޮތް ކޮންމެ ހިލައެއް އެ ކުދިންނަށް ހަމްދަރުދީވެއެވެ. އެ ބިމުގެ ކޮންމެ ވެލިފުކެއް އެކުދިންނަށް އެބަ އަޅައިލައެވެ. ހޫނައި ފިނީގައި އެކުދިން އެ ކެތްކުރާ ކެތްކުރުން ބުނެދެނީ އެ ތަނުގެ ވެއްޔާއި ހިލައިގެ އޯގާވެރި ފިރުމުމުގެ ވާހަކައެވެ. މަންމައިންގެ އޯގާތެރި އުނގުތަކުގައި ތިބެ އިއްޔެ ނިދި ބައެއް ކުދިންގެ ބާލީހަކީ އަދު ކަޅު ހިލަކޮޅުކޮޅެވެ. ނުވަތަ ފަރުބަދައެއްގެ ހިލަގަނޑުގަނޑެވެ. ނުވަތަ ހަމަލާތަކުގެ ގަދަފަދަ ވޭނުން ފުނޑުފުޑުވި ކޮންމެވެސް އިމާރާތެއްގެ ބައެކެވެ. މަންމައާއި ބައްޕައާ އެކު އެ ކުދިން އުފާކުޅަ ހިޔާވަހިތައް މިއަދު އެ ވަނީ ހިރަފުހަށްވެފައެވެ. އެ ކުދިން ނިދި ތަންމަތިތަކެއް ދާންތަކެއް މިއަދަކު ނެތެވެ. އެ ކުދިންގެ ތަންމައްޗަކީ ވެސް އެކުދިންގެ ދާނަކީ ވެސް މިއަދު ފަލަސްޠީނުގެ އޯގާތެރި ބިންގަނޑެވެ. ހިލަބިންމައްޗެވެ. ގަދަ ހޫނުކަމުން ދޮންވެ އަނދަމުންދާ ބިންގަނޑެވެ. ގަދަ ފިނީގައި ފިނިކަން ގަދަވެގެންވީ އެ ހިލަ ބިންމައްޗެވެ. އެ ފަރުބަދަތަކުގެ އެތިކޮޅުކޮޅެވެ.

މުޅި ފަލަސްޠީނު އެވަނީ ދުމާއި ހިރަފުހުގެ ތެރޭގައެވެ. އެ ތާނގެ ޖައްވު އެ ވަނީ ނުސާފުވެފައެވެ. ކިލަނބުވެ ތަޣައްޔަރުވެފައެވެ. އެކަމަކު، ނަގާ ބޯވިލާގަނޑުތަކުން އެ ކުދިންގެ މައްޗަށް ވެހެނީ ސާފު ވާރެއެވެ. ބަރަކާތްތެރި ފެނެވެ. އެކުދިންނަށް ރިޒްޤު ދެއްވަނީ ﷲ ތައާލާކަން އެ ކުދިން ވަރަށް ރަނގަޅަށް ދަނެވެ. އެ ކުދިންގެ މައިންބަފައިން ނެތްކަން އެ ކުދިން ދަނެވެ. ކުޑަކުއްޖާ އޭނާގެ ތުއްތުތުއްތު ކޮއްކޮ ކިހިލީގައި ޖަހައިގެން އެ ދަނީ ނާށިގަނޑަކާއިގެން ކާނެ އެއްޗަކަށް ސަލާން ޖަހާށެވެ. ބައެއް ކުނިގޮނޑުތައް މިއަދު ފަލަސްޠީނުގެ މައުޞޫމު ދަރީންނަށް ވަނީ ކާބޯތަކެތީން ބަރާވެފައިވާ ސުރުފާއަކަށެވެ. އެ ކުދިންނަށް އޯގާވެރިވަނީ މިއަދު ފަލަސްޠީނުގެ ބިންގަނޑެވެ. ޣައްޒާގެ ބަރަކާތްތެރި ބިންގަނޑެވެ. އެ ކުދިންގެ މައްޗަށް ހުރި ރަޙުމަތާއި އެކުދިންނަށް ފަހުން ހުރި ހެޔޮކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތައާލާއެވެ. ހިތަށް އަރައެވެ.

މުސްލިމު އުންމަތުގެ ބާރު ވަނީ މުލުން ލުހިފައި ބާވައެވެ! މުސްލިމު ބޮޑެތި ޤައުމުތައް ވަނީ ކުޑަކަކޫ ބިންމަތީގައި ޖެހި ނިކަމެތިވެފައި ބާވައެވެ! ބޮޑެތި އުސް ގުއްބު ޖަހައިގެން އުޑާ ވާހަކަ ގޮވާ ވަރު އިމާރާތްތައް ކޮށް ދުންޔަވީ ވަގުތީ އަރާމާއި އުފަލުގެ “ޖަންނަތުތައް” ބިނާކުރަމުން މުސްލިމުންގެ ފޯރާ ޤައުމުތައް މި އުޅެނީ މި ތަނަކީ ދާއިމީ މަންޒިލެއް ކަމުގައި ދެކިގެން ބާވައެވެ! ފަސް އިރު ކެޔުންތަކަށް ނައަމް ސޫފީގެ ޖާފަތްތަކަކާ އެކު ބާވަތްބާވަތުގެ ސުރުވާތަކާއި ބަތްގަނޑުގަނޑާއި ބިރިޔާނީގަނޑުގަނޑު ހަދައިގެން ބަނޑުބޮޑުކުރާ އިރު ނިކަމެތި ތުއްތުކުދީންނާއި އެތައް ހާސް ބަޔަކު ގޮދަން ރޮށިކޮޅަކަށް ސަލާން ޖަހަން ދިގު ކިޔުތަކުގައި އެބަ ތިބިކަން މި ބައި މީހުން ދަނޭ ބާވައެވެ! މަންޒަރުތައް ފެނުމުން އަހުރެންގެ ލޮލުން ކަރުނަ މި ހިލެނީ ކީއްވެގެން ބާވައެވެ! މި ކަރުނަ އެބައިމީހުންގެ ލޯތަކުން ނުހިލެނީ ކިއްވެގެން ބާވައެވެ! އަދިވެސް ހިތަށް އަރައެވެ.

އަދު ދުނިޔޭގައި ތިބީ މަންމަން ބީރު ލޯކަނު މުސްލިމުން ބާވައެވެ! އދ. ކޮބައިބާވައެވެ! ސުލްހައޭ ކިޔައިގެން މި ކުރަނީ ކޮން ކަމެއް ހެއްޔެވެ! ފާޑުފާޑުގެ ސަރަޙައްދީ ޖަމިއްޔާތައް ހަދައިގެން އަމިއްލަ ބަނޑު ބޮޑުކުރުން ފިޔަވައި ދެން ކުރަނީ ކޮން ކަމެއް ބާވައެވެ! ﷲ ތައާލާގެ ބިމުގައި ބޯޑާވެ ކިބުރުވެރިވެގެން އުޅޭ އިރު މުސްލިމު އެތައް އަޚަކާއި އުޚުތަކު ފުރާނަ އަތްމައްޗަށް ލައިގެން ހިރަފުހާއި ކިލަލާ މެކެމުން މަގުތަކުގައި ނިކަމެތި ޙާލު ބިކަވަމުން ދާކަން މި ބައި މީހުން އެބަ ދަނޭބާވާއެވެ! ލައުނަތް ހުއްޓެވެ! ހަލާކުހުއްޓެވެ! ޖަވާބުދާރީވާން ޖެހޭ ދުވަހެއް އޮތް ކަން ދަނެ ތިބެ އަމިއްލަ އެދުން އިސްކުރި މީހުން ނިކަން ރަނގަޅަށް ދަންނައްޗެވެ. ދެކެދެނެ ތިބޭށެވެ.

ތިޔަބައި މީހުނާ އަދުލާއި އިންސާފާއި އިންސާނީވަންތަކަން ސުވާލުކުރާނެއެވެ. ﷲގެ ދީނުގައި ތިބި މުސްލިމުން ހަލާކުކޮށް ނެއްތަމުން ދާއިރު އަޅައިނުލައި ތިބީ ކޮން ބައެއް ހެއްޔެވެ؟ ސަލާމަތް ކުރެވޭނޭ މަގުތަކާއި ގޮތްތަކާއި ބިންތަކާއި ހިޔާވަހިކަން އެ ނިކަމެތީންނަށް ދެވެން އޮތް ހިނދު ވެސް އެ މަގު އިޚްތިޔާރު ނުކޮށް ދުނިޔޭގެ ބާރާއި އާރާއި ޖާހަށް ހެއްލި ވަސްވާހުގައި ޖެހުނީ ކޮން ބައެއް ހެއްޔެވެ؟ އޭ ލޯބިވާ ފަލަސްޠީނުގެ އޯގާވެރި ބިމާއެވެ! ތިބާ މި މައުސޫމު ކުދީންނަށް އަޅައިލަދޭށެވެ. އެ ކުދިންނަށް އެކުދިންގެ މަންމައާއި ބައްޕަކަމުގައި ވެދޭށެވެ. އެ ކުދިންގެ މޫނުގައި ލޯބިން ބޮސްދޭށެވެ. އެ ކުދިންގެ އިޙުސާސްތައް އެންމެ ގާތުން ދަނެގަނެވޭނީ ތިބާއަށެވެ. އެ ކުދިންގެ ހަށިތަކުގައި އޯގާވެރިކަމާ އެކު ފިރުމައިދޭށެވެ.

އޭ ފަލަސްޠީނުގެ ލޮބުވެތި ބިމާއެވެ! ހޫނުމޫސުމުގައި އެ ކުދިންނަށް ތިބާ ފިނި ތަނެއް ކަމުގައި ވެދޭށެވެ. ފިނިމޫސުމުގައި އެ ކުދިންނަށް ތިބާއީ މަޑުހޫނުތަނެއް ކަމުގައި ވެ އެކުދިން ހީފިލުވައި ދޭށެވެ. އޭ ފަލަސްޠީނުގެ ލޯބިވާ ހިލަތަކާއެކެވެ. މިއިން ކޮންމެ ކުއްޖެއްގެ މިތުރަކަށް ވެދޭށެވެ. އެ ކުދިންގެ ބޯދަށަށް ލައްވާނޭ އަރާމު ބާލީހަކަށް ވެދޭށެވެ. ޝައްކެއް ނުކުރަމެވެ! ފަލަސްޠީން މިނިވަން ވާނެއެވެ. ޣައްޒާ މިނިވަންވާނެއެވެ. މިނިވަންކަމުގެ އުފާވެރި ފަތިހަކަށް އަލިވިލޭނެއެވެ. އަމާން އޮމާން ސުލްހަވެރި ރީތި ދުވަސްތަކަށް އިރު އަރާނެއެވެ. ފަލަސްޠީނުގެ ރައްޔިތުން ރީތި ހެނދުނުތަކާއި ހިނިތުންވެރި މެންދުރުންތަކާއި ފިނިފިނި ހަވިރުތަކާއި އަރާމު ރޭތައް އަދި ދެކޭނެއެވެ. އެދުވަސް މާލަހެއް ނުވެ ދުނިޔެ ދެކޭނެއެވެ. އެ ދުވަހުން އަދުގެ މި ކުދިން ނިދި ކޮންމެ ހިލައެއް ވާނީ ރަންގަނޑަކަށެވެ. އަދު މި ކުދިން ނިދި ކޮންމެ ޖިފުޓިއެއް، ކޮންމެ ހިޔާގަނޑެއް، ކޮންމެ ފަސްކޮޅެއް ވާނީ ހަނދާނުގެ މަރުކަޒަކަށެވެ. އެދުވަހަކުން އަހުރެން ވެސް ނުހުރެދާނެއެވެ. އެހެނަސް އަހުރެންގެ މި ބަސް މި ކަމަށް ހެކިވާނެއެވެ. މިއަދު މި ތިބަ ލަދުވެތިކަމެއް ނެތް ބޮޑެތި މުސްލިމު ވެރިންނެއް ވެސް ނުތިބެ ދާނެއެވެ. މި ކަމަށް ވެސް އަހުރެންގެ މި ބަސް ހެކިވާނެއެވެ. އެ ދުވަހަކުން ފަލަސްޠީން މިލަވަ ކިޔާނެވެ. މި އަޑު އިއްވާނެއެވެ. “މިނިވަންވީއެވެ. މިނިވަންކަމުގެ ނޭވާ ލެވުނީއެވެ. ޣައްޒާ ސަލާމަތް ވީއެވެ. މުޤައްދަސް އަޤްޞާ މިނިވަންވީއެވެ.” ހައްދަވައިބޮޑުކުރެއްވި މާތް ރަސްކަލާކޮ! މުޝްރިކުންގެ ހަމަލާތަކުން ފަނާވަމުން އެ ދަނީ ބަރަކާތްތެރި ޣައްޒާއެވެ. މުޤައްދަސް އަޤްޞާއެވެ. މުޅި ފަލަސްޠީނުގެ މާތް ބިމެވެ. އެއީ އިތުރު މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އިސްރާއާއި މިއުރާޖުގެ ދަރުފުޅުގެ އިމެވެ. އެތައް ހާސް މަލާއިކަތްބޭކަލުންނާ އެކު އެކަލޭގެފާނު އިމާމުވެ ނަމާދުފުޅު ކުރެއްވި ބަރަކާތްތެރި އަޤްޞާގެ ބިމެވެ. އެތައް ނަބީބޭކަލަކު ޚިދުމަތްކުޅަ ރަޙުމަތުގެ ބިމެވެ. އެ ބިން ހިމާޔަތްކުރައްވާނދޭއެވެ. ފަލަސްޠީން ޙިމާޔަތްކުރައްވާނދޭވެ! އޯގާވަންތަ އިލާހް! ފަލަސްޠީނުގެ ޙިމާޔަތުގައި ނުކުންނަ ކޮންމެ މުޖާހިދަކީ އިބަ އިލާހުގެ މަދަދުވެރިކަމާއި ކަރާމާތްތެރިކަމާއި ރިއާޔަތްތެރިކަމާ އެކު ނުކުންނަ ފަހުލަވާނަކު ކަމުގައި ލައްވާނދޭވެ!

ފަހެ ބަނދުރުގެ ދުވަހު އިބަ އިލާހު އަޅަމެންގެ މުސްލިމުންނަށް ދެއްވި ނަސްރާއި ފަތަހަ ފަދަ ނަޞްރަކާއި ފަތަޙައެއް މުސްލިމު މުޖާހިދުންގެ މައްޗަށް ލައްވައި ފަލަސްޠީނު ޙިމާޔަތްކުރައްވާނދޭވެ! މުޝްރިކުންގެ މައްޗަށް އަޅަމެންގެ މުޖާހިދުންނަށް ގަދަކަން ދެއްވައި ފުރިހަމަ ނަޞްރެއް ދެއްވައި ފަލަސްޠީން މިނިވަންކޮށްދެއްވައި ސުލްހަޔާއި އަމާންކަމުގެ މާމެލާމެލި އެ ބަރަކާތްތެރި ބިމުން ފޮޅިފަރިވާން އިރާދަކުރައްވާނދޭވެ!

 

ޝެއަރކުރެއްވުމަށް