ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭބޭފުޅުން ބުރަވެ ވަޑައިގަންނަވާ ގޮތުގައި، ދިވެހި ރާއްޖޭގައި މީހުން އުޅެން ފެށިތާ ހަތަރު ހާހެއްހައި އަހަރު ވެއްޖެއެވެ. އެހެންވީމާ މިއަހަރާ ހަމައަށް ބެލިމަވެސް މީލާދީ ތާރީޚު ޖަހަން ފެށުމުގެ އެތައް ސަތޭކަ އަހަރު ކުރިން ފެށިގެން މި ރާއްޖޭގައި މީހުން އުޅެން ފަށައިފި ކަމަށް ބެލިދާނެއެވެ. ރާއްޖޭގައި މީހުން އުޅެންފެށި ކަމަށް ބުނާ މި ތާރީޚާމެދު ފަހުގެ ގިނަ ލިޔުންތެރީންގެ ލިޔުއްވުންތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރި ކަމަށް ފެނެއެވެ. ނަމަވެސް މިއިން އެއްވެސް ލިޔުމަކުން ކަށަވަރު ކަމާއެކު ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އުޅުނީ ކޮންބައެއް ކަމެއް ވިދާޅުވެފައެއް ނެތެވެ. ފެންނާން އޮތް އެއްރިޕޯޓަކީ 1899 ގައި ސްޓެއިންލީ ގާރޑެނިއަރ ކުރައްވައިފައި އޮތް ދިރާސާ އަކާ ބެހޭ ރިޕޯޓެކެވެ. ތާރީޚު ލިޔުއްވި އެހެން ބޭފުޅުންވެސް އެކި ޒަމާންތަކުގައި ރާއްޖެއަށް އައިސް ގޮސްވެ އުޅުނު ދަތުރުވެރިންނާއި، މީސްމީހުންނާ، ވިޔަފާރިވެރިންގެ ވާހަކަ ލިޔުއްވައިފައި އެބަހުއްޓެވެ.
ބައެއް ލިޔުންތެރިން ލިޔުއްވާ ގޮތުގައި، ދުނިޔޭގެ އިތުބާރުހުރި މަޝްހޫރު ލިޔުންތެރީންގެ ވަރަށް ކުރީގެ ލިޔުއްވުން ތަކުގައިވެސް ރާއްޖޭގެ ވާހަކަ ލިޔުއްވައިފައި އެބަހުއްޓެވެ. އޭގެތެރެއިން އެއް ލިިޔުމަކީ މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައި އިޓަލީގެ ރޯމުގައި ލިޔެފައިވާ ފޮތެކެވެ. މިފޮތުގެ ނަމަކީ ” ޕެރިޕްލުސް މާރިސް އެރިތުރެއި” އެވެ. ކޮލި ޙަސަން އަޙުމަދު މަނިކު ލިޔުއްވާ ގޮތުގައި މިއީ ނިޔަމިކަމާބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ. މިފޮތުގައި ބުނާގޮތުން އިންޑިޔާ ކަނޑުގައި އޮންނަ “ލިމުރެކެ” ނަމަކަށް ކިޔާ ރަށެއްގެ ކައިރީގައި އޮންނަ ޖަޒީރާ ތަކަކުން ކަހަނބުފަތް ހޯދާކަމަށް ވެއެވެ. އެހެން ކަމަށް ވާނަމަ އެބުނާ ޖަޒީރާ ތަކަކީ ދިވެހި ރާއްޖެކަމުގައި ވެދާނެއެވެ. މި ފޮތުގައި މިބުނާ ޖަޒީރާ ރައްތަކަކީ ދިވެހި ރާއްޖެ ކަމުގައި ވެއްޖެނަމަ، މި ވާހަކަ ކޮޅަށް އެކަނި ބުރަވާއިރުވެސް އެދަނީ މީލާދީ ތާރީޚުގެ ފެށުމުގެ ކުރިއަށެވެ.
ކުރީގެ ލިޔުންތަކަށް ބަލާއިރުވެސް ރާއްޖޭގައި އެދުވަސްވަރު އެއުޅުނީ ކޮންބައެއް ކަމެއް ޔަގީންކަމާއެކު ލިޔުއްވައިފައެއް ނެތެވެ. ރާއްޖޭގައި އުޅުނު ނަސްލަކާ ބެހޭގޮތުން ބޭބޭފުޅުން ލިޔުއްވަން ފައްޓަވައިފައި ވަނީ ތަންކޮޅެއް ފަހުންނެވެ. އެގޮތުން އެޗް.ސީ.ޕީ ބެލް، އަލްބަޓް ގްރޭގެ ލިޔުއްވުމަކާ ޙަވާލާ ދެއްވައި ވިދާޅުވަނީ، އެއްގޮތަކީ ޢީސާއީދީން ފެށުން އައި ޒަމާނުގައި، ދިވެހި ރާއްޖޭގައި ވަޒަަންވެރިވެ އުޅުމަށް ސިންގަޅައިންގެ ބަޔަކު އޮޅުދޫ ކަރައިން (ސިލޯނުން) ދިވެހި ރާއްޖެއަށް އައީ ކަމަށް ބެލުމެވެ. އޭނާ މިގޮތަށް ބުރަވެވަޑައިގަންނަވާ އެއް ސަބަަބަކީ އެޒަމާނުގެ ސިންގަޅަ އަކުރު ކަމަށްވާ އޭލޫ އަކުރާއި ދިވެހީން ބާރަވަނަ ޤަރުނުގައި ބޭނުންކުރި “އެވޭލާ” އަކުރާ ހުރި ގާތްކަމެވެ. ނަމަވެސް ބައެއް ބޭފުޅުން މިގޮތަކަށް ބުރަވެ ވަޑައެއް ނުގަންނަވައެވެ. އެއީވެސް ހަރުދަނާ ސަބަބުތަކަކާ ހުރެއެވެ. އެއީ އެކިއެކި ބޭބޭފުޅުންގެ ލިޔުންތަކުންވެސް ސްރީލަންކާގައި އުޅުނު ބަޔަކު މިސަރަޙައްދުގައި ގިނަގިނައިން ދަތުރުފަތުރު ކޮށް އުޅުނުކަން އެނގެން ނެތުމާއި އޮޅުދޫ ކަރައިގެ ނައުފަހަރު އެގޮތަށް ދަތުރުކޮށް އުޅުނުކަމަށް އެހައި ސާބިތުކަމާއެކު ބުނެވެން ނެތީމައެވެ.
ރާއްޖޭގައި މީހުން އާބާދު ވުމާއި ޤަދީމީ ރަށްވެހިކަން އަދި އެންމެ ފުރަތަމަ ވަޒަންވެރީން
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި ބަޔަކު ހޯއްދެވުމުގެ ގޮތުން ސާރވޭއެއް ހެއްދެވުމަށް 1899 ވަނަ އަހަރުގެ ތެރޭގައި ޕްރޮފެސަރ ޖޯން ސްޓޭންލީ ގާރޑެނިއަރ ދިވެހި ރާއްޖެއަށް ވަޑައިގަތެވެ. އެދަތުރު އޭނާ ވަރަށް ގިނަ މަޢުލޫމާތު ތަކެއް އެއްކުރެއްވިއެވެ. މިކަމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުގެ މީހުންގެ އިސްކޮޅާއި ބޮލާއި ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނެންގެވިއެވެ. މި ކުރެއްވި ދިރާސާ ތަކުގެ އަލީގައި ހުށައެޅުއްވި ރިޕޯޓުގައި ވަނީ ދިވެހި ރާއްޖޭގައި އުޅެނީ ހަތަރު ނަސްލެއްގެ މީހުން ކަމަށެވެ. އެއީ މިދަންނަވާ ނަސްލު ތަކުގެ މީހުންނެވެ.
- އިންޑިޔާގެ ސަބުކޮންޓިނެންޓާއި، ސްރީ ލަންކާ
- ޢަރަބި ކަރަ
- އެފްރިކާ
- އަސޭކަރަ (މިހާރު އިންޑޮނީޝިޔާ އާއި މެލޭޝިޔާ)
މި ދެންނެވި ހަތަރު ފަސް ނަސްލުގެ މީހުންގެ ސިފަތައް އަޅުގަނޑުމެން ދިވެހީންގެ ކާބައިންގެ ތެރެއިން ފެންނާން ހުރިކަމަށް ގާރޑެނިއަރ ވިދާޅުވެއެވެ. ސާރވޭ ކުރެވުނީ މިދެންނެވި ތާރީޚުގައި ކަމުގައިވިޔަސް، އެނަސްލުތައް އެހައިތަނަށްވެސް އެއައީ ނަގުލު ވަމުންނެވެ. ދެން އޮތީ ކުރީގައި އުޅުނު ބަޔަކު ވާހަކަ ދައްކައި އުޅުނު ބަހުރުވަ ތަކަކީ ކޮބައިތޯ ބެލުމެވެ. އެއީވެސް އެބަޔަކު ދެނެގަތުމަށް އޮތް ވަސީލަތެކެވެ. މި ވިސްނުމުގައި ބަލާއިރު “ކަނޑު، ތީމު، އޮޑި ” މިފަދަ ބަސްބަހަކީ ދުރެވީދިއަން ބަހުން އައިސްފައިވާ ނަންނަމަށް ވާތީ ކުރީގައި އެ އުޅުނު ބަޔަކީ ދުރެވީދިއަން ބަހުން ވާހަކަ ދައްކައި އުޅުނު ބަޔަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އިންޑިޔާގެ ބައެއް ލިޔުންތަކަށް ބައްލަވައިފައި ދިރާސާ ކުރައްވާ ބޭފުޅުން (ޙަސަން އަޙުމަދު މަނިކު) ވިދާޅުވަނީ ދެކުނު އިންޑިޔާގެ “ސަންގަމް” ލިޔުން ތައް ބެލުމަށްފަހު، މިރާއްޖޭގައި ކުރިން އެއުޅުނު ބަޔަކު ދެނެގަތުމަށްޓަކައި ދެން ބަލަންވީ ރާއްޖޭގައި ހުރި އާސާރީ ތަކެއްޗަށް ކަމަށެވެ. މިގޮތަށް ބަލާއިރު ރާއްޖޭން ފެނިފައިވާ އާސާރީ ތަކެތި އިންޑިޔާއާއި، ލަންކާއިން ފެންނާން ހުރި އާސާރީ ތަކެއްޗާ ވަރަށް ވައްތަރެވެ. އަދި ޒަމާނުއްސުރެ ދިވެހީން ކައި އުޅުނު ކެއުމަށް ބަލައިލިޔަސް އަވަށްޓެރި ދެޤައުމުގެ ކެއުމުގެ ބާވަތްތަކާ މާބޮޑު ތަފާތެއް ނެތެވެ. އެހެންކަމުން މިކަންކަމަށް ބަލާއިރު ބޮޑަށް ބުރަވެވެން އޮތީ ޕްރޮފެސަރ ޖޯން ސްޓެއިންލީ ގާރޑެނިއަރ ހެއްދެވި ދިރާސާ ހަގީގަތާ ވަރަށް އެއްގޮތް ވެދާނޭ ކަމަށެވެ.
ރާއްޖޭގައި މިހާރު އުޅޭ މީހުންގެ ސިފައަށް ބަލާއިރުވެސް އިސްވެ ދެންނެވުނު ނަސްލުތަކާ ދުރަކަށް ނުދެވެއެވެ. މިސާލަކަށް ރާއްޖޭގައި މިހާރު އުޅޭ މީހުންނަށް ބަލައިލިޔަސް އިސްކޮޅާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކެއިންބުމުގެ ގޮތްތަކާއި ވައްތަރުވެސް އެންމެ ގުޅެނީ އަވައްޓެރި އުތުރު ކަރަޔާއި، އޮޅުދޫ ކަރައިގެ މީހުންނާއެވެ. ހަމައެފަދައިން މުލަކު އަތޮޅަށް ބަލައިލާއިރު މެލޭ ދަރިކޮޅާ އެމީހުން ވަރަށް ވައްތަރު ގޮތެއް ހުރެއެވެ. އެހެންވީމާ މިކަންކަމަށް ރިޢާޔަތް ކުރުމާއެކު ދިވެހީންގެ އަސްލަކީ ކޮބައިކަން ނިންމުމުގައި ވެސް ސްޓެއިންލީ ގާރޑެނިއަރ އެވިދާޅުވާ ވާހަކަފުޅަށް ބުރަވެވިދާނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުޅުނީ ކޮންބައެއްތޯ ބަލާއިރު ވަކިގޮތެއް ކަނޑައެޅުމުގައި ވިސްނިދާނެ ކަންތައް ތަކެއްވެސް އެބަހުއްޓެވެ. އެއީ ކުރީގެ ދުވަސްތަކުގައި ރާއްޖެއަށް ދަތުރުފަތުރު ކޮށް އުޅުނީ ކޮންބައެއްތޯ ބެލުމާއި، ވާހަކަ ދައްކައި އުޅުނު ބަހަކާއި، ދީނަކާއި، ލިޔެކިޔަން ބޭނުން ކޮށް އުޅުނު އަކުރަކާއި، އެ އުޅުނު ބައެއްގެ އާދަކާދަޔާއި ސަގާފަތުގެ މައްޗަށް ބަލައި ލުމެވެ.
ތާރީޚުގެ ދުރުމާޒީއަކުން ފަތްފުށްތައް އުކަމުން، ބަލަމުން އަންނައިރު ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެެވެ. އެއްގޮތް ކަންތައް ތަކެކެވެ. އެއްދިމާއަކުން ދިވެހިރާއްޖެއަށް އައިސްފައިވާ ބަޔަކު ގެންގުޅުނު އާދަކާދަ ތަކެއް ކަމުގައި ޤަބޫލު ކުރެވޭ ކަންތައް ތަކެކެވެ. މިސާލަކަށް ދިވެހީން ކައިބޮއި އުޅޭގޮތާއި ތަކެއްޗެވެ. ދިވެހީން ހެދުން އަޅައި އުޅުނު ގޮތެވެ. ކުޅެއުޅޭ ކުޅިވަރު ތަކެވެ. ގެދޮރު ބިނާކޮށް އުޅުނު ގޮތާއި ދިރި އުޅުމަށް ކޮށްއުޅުނު މަސައްކަތް ތަކެވެ. މިކަންކަމަށް ވިސްނާއިރު، ހައްތަހައިވެސް ބެލެނީ އަވަށްޓެތި ޤައުމުތަކާ ދިމާއަށެވެ.
ތާރީޚު ލިޔުއްވި ބައެއް ބޭބޭފުޅުންގެ ލިޔުއްވުންތަކަށާއި، ފޯކްލޯރގެ ތެރެއިން އިވިފައިހުރި، އަދި ކިޔައިދެމުން އަންނަ ބައެއް ވާހަކަތަކަށް ބުރަވެ، އެކި ގޮތްގޮތަށް ލިޔުއްވައިފައިވެސް އެބަހުއްޓެވެ. އެއީ ދެކުނު އިންޑިޔާގެ ސަރަހައްދުގައި އުފެދުނު ޗޯލާއިންގެ ނުފޫޒު ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާފައިވާ ވާހަކައެވެ. އެހެން އެ ވިދާޅުވަނީ އެމީހުންގެ ބާރު މުޅި މި ސަރަހައްދަށްވެސް އޮތްލެއް ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ސަބަބަކީ ރާއްޖޭގައި ރަސްކަންކުރި ފުރަތަމަ ދަރިކޮޅު ކަމުގައިވާ “ތީމުގޭ ދަރިކޮޅު” ގެ ރަސްކަން ފެށުނީ ޗޯލާއިން މަލިކުއަތޮޅާއި، ތިލަދުންމަތި އެމީހުން ހިފައިގެން ތިއްބައި، މަހާބަރަނަ މަހާރަދުން އެމީހުންނާ ހަނގުރާމަ ކުރައްވައި ބަލި ކުރައްވައިފައި ކަމުގައި ވީތީ ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ވާހަކަތަކާއެކު ދެން ދެކެވެމުން އައިސްފައިވާ އަނެއް ވާހަކައަކީ، ރާއްޖޭގައި އާބާދުވި އެންމެ ކުރީގެ ބަޔަކީ ގިރާވަރު މީހުންކަމުގައި ޒަމާނުއްސުރެ ތުންތުންމަތިން އިވެމުން އަންނަ ވާހަކައެވެ. އެކަމަކު މިވާހަކައަކީވެސް އެހައި ސާބިތު ހެކިތަކެއް ފެންނާން ހުރި، އަދި ދެއްކިފައިވެސް ހުރި ވާހަކަތަކެއް ނޫނެވެ. ދެން އޮތީ ރާއްޖެ އިސްލާމްވި އިރު މިރާއްޖޭގައި އުޅުނު މީހުންނަށް ކިޔާފައި ހުރި ނަންތަކަށް ބަލައިލުމެވެ. އެގޮތުން މީލާދީ ގޮތުން 1192 ވަނަ އަހަރުން 1198 ވަނަ އަހަރަށް ރަސްކަން ކުރެއްވި ދިނެއި ކަލަމިންޖާ، ނުވަތަ ސްރި ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރު ކިޔައިފައި ހުރި ނަންތަކަށް ބަލައިލިޔަސް އެ ނަންތަކަކީ އަވަށްޓެރި ޤައުމުތަކާ މާދުރަށް ދެވޭކަހަލަ ނަންތަކެއް ނޫނެވެ. މިސާލަކަށް އެ ރަދުންގެ ދުވަސްވަރު ތިއްބެވި ވަޒީރުންގެ ނަންފުޅުތަކަށް ބަލާއިރު، “އައިސިރު، ބަބިރުސިރު، ސަދިސިރު” ފަދަ ނަންނަން ކިޔައިފައި ހުރިކަންވެސް ފާހަގަ ކުރެވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގައި ފުރަތަމަ އާބާދުވި ބަޔަކާއި، ދިވެހީންގެ އަސްލަކީ ކޮބައިކަމާދޭތެރޭގައި ކުރެވޭ ސުވާލު އޮތީ އަދިވެސް ދިރާސާ ކުރުމުގެ މަރުހަލާގައެވެ. އިތުރު ދިރާސާތަކެއް ރަނގަޅަށް ކުރެވި، ހޯދުންތަކެއް ހޯދެނިކޮށް ހަގީގަތަކާ ހަމައަށް ވާސިލު ވެވިދާނެއެވެ.
މަޢުލޫމާތު ހޯދީ:
- ސްޓެއިންލީ ގާޑެނިއަރ. 1899
- ކޮލި ޙަސަން އަޙުމަދު މަނިކު. ފަތްތޫރަ. 43
- މުޙައްމަދު އިބުރާހީމް ލުޠުފީ
- އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފް. 1940