ގައުމީ ޖިހާދަކީ ގައުމަށް ޓަކައި ކުރާ ޖިހާދެވެ. ދިވެހި ބަހުގައި ޖިހާދަކީ ދީނާއި ގައުމު ހިމާޔަތް ކުރުމަށް ޓަކައި ކުރާ ހަނގުރާމައެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން މާތްވެގެންވާ އިސްލާމް ދީނާއި، އެ ބައެއްގެ ގައުމުގެ ދިފާޢުގައި ޖިހާދު ކުރުމަކީ އެފަދަ ޖިހާދެއް ކުރަންޖެހިއްޖެ ހިނދެއްގައި ދީނީ، އަދި ގައުމީ ގޮތުން ކުރަންޖެހޭ ކަމެކެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވާތީ، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޖިހާދު ކުރުމަކީ ދީނީ އަދި ގައުމީ ވާޖިބެކެވެ. ދިވެހިރާއްޖެއަށް ދުޝްމަނުންގެ ބަޔަކު އަރައި ޙަމަލާދީފި ނަމަ، ގައުމުގެ ދިފާޢުގައި ހަނގުރާމަކުރުމަށް އޮންނަ ލަޝްކަރަކީ ދިވެހި އަސްކަރިއްޔާއެވެ. ދިވެހި ސިފައިންނެވެ. ސިފައިންނަކީ ގައުމުގެ ދިފާޢުގައި ހަނގުރާމަކުރުމަށް ތިބޭ ބައެކެވެ. ސިފައިންނަކީ ދައުލަތުގެ ދިފާޢުގައި ރުކުރުވާލާފައިވަނީ ލަޝްކަރެވެ. ދުޝްމަނުންގެ ކިބައިން ގައުމު ދިފާޢުކުރުމަށް ހަނގުރާމަކުރުމަކީ ސިފައިންގެ މައްޗަށް ވާޖިބުކަމެކެވެ.
އިސްލާމީ ޝަރީޢަތާއި ބުއްދީގެ ހަމަތަކާއި، ބައިނަލުއަގުވާމީ ޤާނޫނުތަކުގެ އަލީގައި ގައުމީ ޖިހާދު ތަރުތީބު ކުރާއިރު، ގައުމުގެ ދިފާޢުގައި އެންމެ ފުރަތަމަ ހަނގުރާމަކުރަން ޖެހޭ ބަޔަކީ ގައުމުގެ ދިފާޢީ ބާރެވެ. އެއަށްފަހު ގައުމުގައި އޮންނަ ލަޝްކަރު، ގައުމު ދިފާޢުކުރުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ގައުމުގެ ޙާކިމުގެ އަމުރަށް ހަނގުރާމައިގައި ރައްޔިތުންގެ ތެރެއިން ކުޅަދާނަކަން ލިބިގެންވާ މީހުން ބައިވެރިވުން ވާޖިބުވާނެއެވެ. މިގޮތުން ވެސް ގައުމު ދިފާޢު ނުވެވިއްޖެނަމަ ގައުމުގެ އެންމެހައި ރައްޔިތުން ގައުމު ދިފާޢުކުރުމަށް ކުރެވެން އޮތް މަސައްކަތްތަކެއް ކުރުން ވާޖިބުވާނެއެވެ. ގައުމީ ޖިހާދަކީ ހަމައެކަނި ހަތިޔާރުން ކުރާ ކަމެއްނޫނެވެ. ދީނާއި ގައުމުގެ ދިފާޢުގައި ޙައްޤު ބަސްބުނުމާއި، ހެޔޮގޮތުގައި ގައުމު ބިނާކުރުމަށް މަސައްކަތްކުރުމަކީ ވެސް ޖިހާދެކެވެ.
މާތް ﷲ، ޖިހާދު ފަރުޟު ކުރެއްވި އަލްޙައްޖު ސޫރަތުގެ 39 ވަނަ އާޔަތާއި 40 ވަނަ އާޔަތުގެ މާނައިގައިވެއެވެ. “ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށް ޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ. އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް ޙައްޤަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، ނަޞާރާއިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ އިސްމުފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް ނަޞްރު ދޭ މީހަކަށް، އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.”
މުސްލިމު ބަޔަކު ކުރިޔަސް ކޮންމެ ހަނގުރާމަ އަކީ ޖިހާދެއްނޫނެވެ. މިގޮތުން ޤައުމެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށް ސިޔާސީ ގޮތުން، ނުވަތަ ނަސްލީ ގޮތުން ގަދަވެގަތުމަށް ކުރާ ހަނގުރާއަކީ އިސްލާމީ ޝަރުޢީ ނަޒަރުން ބަލާއިރު ޖިހާދެއް ނޫނެވެ. އަދި ދުނިޔަވީ މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި އިސްލާމް ދީނުގެ ނަމުގައި، ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަކީ ވެސް ޖިހާދެއް ނޫނެވެ.
މުސްލިމުން މާތް ވެގެންވާ އިސްލާމް ދީނާއި، އެބައެއްގެ ނަފުސާއި، މުދަލާއި، ގޯތިގެދޮރާއި ބިމާއި، އަނބިދަރީންނާއި، ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރީންގެ ދިފާޢުގައި ޤުރުބާންވުމަކީ ޝަހީދުވުމެވެ. ޝަހީދުވުމަކީ ނުހަނު މަތިވެރި ނަސީބާއެކު ލިބިގެންދާ މަތިވެރި ދަރަޖައެކެވެ. ކައުއިތުރު ރަސޫލާ صلّى اللّه عليه وسلّم ގެ އަރިހުން ސަޢުދު ބިން ޒައިދު رضى اللّه عنه ރިވާކުރެއްވި ހަދީސްފުޅެއްގެ މާނައިގައިވެއެވެ. “އެމީހެއްގެ މުދާ ރައްކާތެރިކުރުމުގައި ޤަތުލުކުރެވިއްޖެ މީހަކީ ޝަހީދެކެވެ. އެމީހެއްގެ އަހުލުން ރައްކާތެރިކުރުމުގައި ޤަތުލުކުރެވިއްޖެ މީހަކީ ޝަހީދެކެވެ. އެމީހެއްގެ ދީން ރައްކާތެރިކުރުމުގައި ޤަތުލުކުރެވިއްޖެ މީހަކީ ޝަހީދެކެވެ. އެމީހެއްގެ ނަފުސު ރައްކާތެރިކުރުމުގައި ޤަތުކުރެވިއްޖެ މީހަކީ ޝަހީދެކެވެ.”
ދިވެހިރާއްޖެއަކީ ދީނާއި ގައުމަށް ޓަކައި މަތިވެރި ގައުމީ ޖިހާދުތަކެއްކޮށްފައިވާ ގައުމީ އަބްޠާލުންތަކެއް ނިސްބަތްވާ ޤައުމެކެވެ. އަދި ދީނާއި ގައުމަށް ޓަކައި ޖިހާދުކޮށް ޝަހީދުވެވަޑައިގެންނެވި ގައުމުދެކެ އިންތިހާއަށް ލޯބިވީ ދަރިންގެ ލެއިން މިނިވަންކަމުގެ އަގު ދާއިމަށް ވަޒަންކޮށްދިން ފަސްގަނޑެކެވެ.
މަސްދަރު:
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. (2010). އިސްލާމީ ނަޒަރަކުން ޖިހާދުކުރުމުގެ ނަޒަރިއްޔާ. ނެގީ https://avas.mv/74981