ބުރާރަ މުޙައްމަދު ފުޅު ކިޔާގޮތަށް އަލްޙާއްޖަ އިބުރާހީމް ބުނި އިސްމާޢީލް ފީބޯ ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކަ އާއި އަޅުގަނޑަށް މި ފިކުރާވެވެނީ މާބޮޑަކަށެވެ. އެ ވާހަކަ ފޮތުން ހަމަ ކިތަންމެ ކުޑަ ތަންކޮޅެއް ކިޔާލެވުނަސް އެތަންކޮޅަކާ މެދު ވިސްނާ ފިކުރު ހިންގަން އެބަ ޖެހެއެވެ.
އެ ވާހަކަ ލިޔުނުމީހަކުގެ ސިކުނޑި ހާދަ ތަނަވަސްވާނެއޭ ހިތައް އަރައެވެ. ވާހަކަ ކިޔަމުން ދާއިރު އަޅުގަނޑު ސިކުނޑީގައި ވެރިވެ ހިނގަނީ އެޝުޢޫރެވެ.
އައްސުލްޠާނު އަބޫބަކުރު (އެއްވަނަ) ސިރީ ބަވަނަ ސޫރަޖު މަހާރަދުން އަވަހާރަ ވުމުން، ބުރަކި ރަނީން “މިރަސްކަމުގެ ދާނަށް މިއަދު އިސްވެ ވަޑައިގަންނަވާނީ ތިމަންކަމަނަޔޭ” ވިދާޅުވެ ތަޚުތައް އިސްވެ ވަޑައިގަތުމަށް ބުރަކި ރަނީން އެދިވަޑިގަތެވެ. އެހެންނަމަވެސް، ރަސްކަމުގެ ބޮޑުން އެކަމަށް އިޢުތިރާޒުކުރައްވައި އެކަމަނާގެ ކޮއި މަނިކުފާނު، ދޮންބުޅާ ފާށަނާކިލެގެފާނު ރަސްކަމަށް އިސްކުޅައީއެވެ.
މިފަހަރު އަޅައިގަނެގެން ނުނެއްޓިވިގެން މިއުޅެނީ މީލާދީން 1512 – 1512 ދިވެހި ތަޚުތުގައި ރެދަލިކުރެއްވި އައްސުލްޠާނު ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން އާދެ، ދޮންބުޅާ ފާށަނާ ކިލެގެފާނު ގައިކޮޅުގައެވެ. ބުރާރަ މުޙައްމަދުފުޅު ބޮޑުތަކުރުފާނު ވާހަކާގަ ކިޔާގޮތުން ބުރަކި ރަނީން ނާއި ދޮންބުޅާ ފާށަނާކިލެގެފާނާއި ދެބޭފުޅުންނަކީ 1442 1443 ދިވެހި ތަޚުތުގަ އިންނެވި އަބޫބަކުރު ރަސްގެފާނު (އެއްވަނަ) ސިރީ ބަވަނަ ސޫޖަ މަހާރަދުންނަށް މާފަ ވިދާޅުވާ ދެބޭފުޅުންނެވެ.
ރަސްކަަމުގެ ބޮޑުން ދޮންބުޅާ ފާށަނާއަށް އަބިކަބަލަކު ހިއްޕެވުމަށް މަޝްވަރާ އެރުވިހިނދު ވިދާޅުވިއެވެ. ” …. ދައިތާ ކަމަނާ މީހަކާ ކައިވެނި ބައްލަވައި ނުގަންނަވަނީސް ތިމަން މަނިކުފާނު މީހަކާ ކައިވެނިފުޅު ބައްލަވައިގަތުމަކީ ރަނގަޅު ކަމެއް ނޫނޭ، ދައިތާ ކަމަނާ މީހަކާ ކައިވެނިފުޅު ބައްލަވައިގެން މިކޯލަށް ގެންނަވާނޭ މީހަކު ހޯއްދަވާފައި އޭގެ ފަހުގައި ތިމަން މަނިކުފާނު މީހަކާއި ކައިވެނި ބައްލަވާ ގެންފާނަމޭ”
އަޅުގަނޑު ޝޯޚުކުރުވީ ރަނދުންގެ ރީތި އަޚުލާގުފުޅާއި މެދުގައެވެ. މިއަދު، އަޅުގަޑުމެން ތިމާޔަށްވުރެ ދޮށީމީހަކަށް، އަޚެއް އުޚުތަކަށް ކުރާ އިޙުތިރާމެއް ނެތެވެ. އެއްވެސް ކަމެއްގައެވެ. މިކަމުގައި ޖިންސެއްގެ ވަކި ތަފާތެއްނެތެވެ.
ކަޅު އުބުށޭމު އޭ ތޯއެވެ!؟ އެއީ، އަބޫބަކުރު ރަސްގެފާނު، އެ ބޭފުޅުން ތުއްޕުޅުއިރު އަރިހުގަ ގެންގުޅުނު ޚާދިމްކުއްޖެކެވެ. ފަހުން ރަދުންގެ ކަނޑިކޮޅު ހިފާމީހާއެވެ. ކަކާ ބޭކަލެކެވެ. މިޒަމާނުގެ ބަހުރުވަޔަކުން “ކަކާ” އެބަސް މޭރުން ކޮށްދޭނެގޮތެއް އަޅުގަނޑަކަށް ނޭގެއެވެ. ‘ހަށިފާރަވެރިޔާ’ އޭ ދެންނެވުމުން އަދި އެއީ ރަނގަޅު ދޭހަޔަށް ނުވެހިގާދާނެއެވެ. އެހެންނަމަވެސް އެއީ ރަދުންގެ ކަނޑި އައްޑަނަ ހިފައިގެން ރަދުންގެ އެެންމެ އަރިހުގައި ހުންނަ ރަދުން އެންމެ އިތުބާރު ކުރައްވާ މީހައޭ ދަންނަވާލާފައި މިފަހަރަށް ފުއްދާލާނީއެވެ.
ބުރާރަ މުޙައްމަދު ފުޅު ކިޔުއްވާ ޢިބާރާތުން ޢިބާރާތައް ނޫންނަމަވެސް ވިދާޅުވެލައްވާށެވެ. ބުރަކިރަނިންގެ ކައިވެނިފުޅު ރަށްދެބައިމަގު ކަޅު މުޙަންމަދަށް ހުށައެޅި، ކަޅުމުޙައްމަދުގެ މައިކަމަނާ “ރެއްކެއްގެ ދި ބުރެއްކަކާ މަގޭ ކަޅު މުހަންމަދާ އަރާ އަރަފޯދިގެނެއް ނުވެޔޭ” ވިދާޅުވެ ކައިވެނި ފުޅަށް ހުރަސް އެޅުއްވުުމުން ހިނގާ ދިޔަ ކަންތައްތަކެއްގައި ކަޅު މުޙައްމަދު ހިފެވި ގަސްދޮށަށް ނެރެ ހުވަދޫއަށް ފޮނުވާލެއްވިއެވެ.
ކަޅު މުޙައްމަދު މަނިކުފާނުގެ މަންމައަކީ އައްސުލްޠާނު އަބޫބަކުރު (އެއްވަނަ) ސިރީ ބަވަނަ ސޫރަޖު މަހާރަދުންގެ ކޮއްކޯ ފުޅަށް ވުމުގެ ސަބަބުން ބުރެކި ރަނީންގެ ބޮޑުދައިތާ ފުޅެވެ.
ސުމުލްވުލްއަމީރު މުޙައްމަދުއަމީނު “ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ގައި ލިޔުއްވާފަ ވެއެވެ. ބުރަކިރަނީންގެ ވާހަކައަކީ ވަރަށްވެސް ކިޔާހިތްވާ ކަހަލަ ވާހަަކައެކެވެ. އެވާހަކަ ނިމެނީ އެކަމަނާގެ ޙުއްޖަތުން 5 ވަނަ ޢަލީ ރަސްގެފާނު ގަތުލުކުރާ ހިސާބުންނެވެ. …”
“ޙަސަދައާ ފިތުނަޔާ މަކަރުން ހިތާއިމެޔާ ފުރައިިފިއްޔާ،
މަސަލަހުން އެންމެ ހިނދުކޮޅަކަށް ނަފުސުގައި މޭ ނުހުންނާނޭ”
(ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން)
ބުރެކިރަނީންނަށް، މަކަރުވެރި ޢިޝްޤީ އާލާސްކަން ފުޅެއްޖެހި ވަޑައިގަތުމަށްފަހު ނަދުރުުުފުޅެއް ފުއްދެވުމުގެ ބަހަނާގައި ގާފަރު ކަޅުުއުބުށޭމު ގޮވައިގެން ހުވަދޫ ވާދޫއަށް ވަޑިގަތުމަށް ފުރާވަޑައިގެން ވަޑައިގެން ހުވަދޫ ކަނޑުން އޮޑިކޮޅު ދަށްކުރުވައި އަސޭ ކަރައަށް ވަޑައިގެން ސުޖާޑުބާޑުގައި އޮޑިކޮޅު ބަނދަރުކޮށް އަސޭ ރަސްގެފާނުގެ މެހެމާނުދާރީގައި ފައިބައިވަޑައިގެންނަވައި އޮޑިކޮޅު މާލެ ފޮނުވާލެއްވިއެވެ.
ދުވަސްކޮޅަކު އަސޭގައި ހަށިފަސޭހައަށް އިންނެވުމަށްފަހު އަސޭއިން ފުރާވަޑައިގެން ގޯވާއަށް ވަޑައިގެން ގޯވާގެ ރަސްގެފާނުގެ މެހެމާނު ދާރީއަށް ފައިބައި ވަޑައިގެން ގޯވާގައި ދުވަސްކޮޅަކު އިންނެވުމަށްފަހު، ގޯވާ ރަސްގެފާނުގެ މަދަދު ހޯދަވައިގެން ހަނގުރާމަ މަތީ އަރުމާދެއްގައި ވަޑައިގެން ރޭގަނޑެއްގެ އެއްދަން ހުސްކޮށް ގާދޫކޮޅުން ވަދެވަޑައިގެން މާލޭ ބަދަރުގައި ނައު (އަރުމާދު) ހައްޔަރުކޮށް، ގާފަރު ކަޅު އުބަށޭމާއި ދިމާއަށް ބުރެކިރަނިން އެބުރިވަޑައިގެން، “ކަޅުއުބަށޭމާވޭ، ކޮށްކޯފުޅުގެ ރަސްކަމުގައި ދިވެހިރާއްޖޭގާ ގާފަރު ކަޅު އުބަށޭމުގެ ހިތެއް ނުވާނެޔޭ، ކޮއްކޯފުޅު ޝަހީދު ކޮށްފައި އަންނާން ދަހަރޭ” ވިދާޅުވިއެވެ.
އަޅުގަނޑު ބުރާރަ މުޙައްމަދު ފުޅު ކިޔާގޮތަށް ބޮޑުތަކުރުފާނު ވާހަކައާ މިހާގަޔާ ވެގެން މިއުޅެވޭ ސަބަބޭތޯއެވެ؟ އިސްވެދެންނެވި ހިސާބު ކިޔަމުންދާއިރު އަޅުގަނޑަށް އިޙުސާސް ކުރެވެނީ ރީތި ލޯބީގެ ވާހަކައެއް ކިޔަމުން ދާކަހަލަ އިހުސާސް އެކެވެ.
އެއަށްފަހު ބުރެކިރަނީން ގޯވާގެ ރަސްގެފާނުގެ އަރުމާދެއްގައި ރާއްޖެ ވަޑައިގަންނަވާ ހިސާބުން މުޅިވާހަކަ ބަދަލުވެގެން ދަނީ މުޅިން އެހެން ރާގަކަށެވެ. ދީނަކަށް ވަޒަނަކަށް ރަޢިއްޔަތަކަށް އެއްވެސް ކުލުނެއް ލޯތްބެއް ރަހުމެއް ނެތް މަކަރުވެރި އަންހެނެއްގެ ހީލަތްތެރި ނުބައިރޭވުން ތަކަކަށެވެ. އެރޭވުމުގެ ތެރެއިން ފެނިގެންދަނީ ތިމާގެ ދީނަށާއި އުފެދި ބޮޑުވި ގައުމާއި ވަޠަނަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތް އަމިއްލަ އެދުމާއި ދަރަޖައާއި މަގާމަށް ދަހިވެތިވެފައިވާ ބަޔަކާއި ވެރިންނަށް އެއްވެސް ތެދުވެރިކަމެއް އިހުސާން ތެރިކަމެއްނެތް ޣައްދާރުން ތަކެއް ވެރިކަމާއި މަގާމާއި ވަގުތީ ތަނަވަސްކަން ހޯދުމަށްޓަކާ ހުރި ދަހިވެތި ކަމެވެ. އޭގެ އަނެއްކޮޅުން ފެނިގެންދަނީ ވެރިކަމުގެ އެއްވެސް ދަހިވެތިކަމެއް ނެތް، ތިމާއަށް ލިބިދާނެ އެއްވެސް މަންފާއެއް ނެތި، ހަމައެކަނި ގައުމަށްޓަކައި ދީނަށްޓަކައި، ތިމާއަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި މަސައްކަތްކުރި ތަނެއް ދޮރެއް ނުދަންނަ ފަގީރު ފަގީރު ވަކަރުގޭ ކުއްޖާގަނޑެކެވެ. އަދި ދީނާއި ދުނިޔެ ދަންނަ އެދުރުބޭކަލެކެވެ.
“ޝަޚުޞިއްޔަތެއްހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ،
ފަޚުރާ ޝަރަފުވެރި ބާރަކީ، ޙުލްބުލްވަޠަންކަން ދަސްކުރޭ”
(އަލްފާޟިލާ ފާއިޒާ)
ކަޅު އުބުށޭމު ކަނޑި އައްޑަނަ ހިފައި، ހަނގުރާމައިގެ ހަތިޔާރުއަޅައި ނަވުބައްތެލީގައި އައިސް މާލެ އެރުމަށްފަހު އޭނާގެ ދޮންބައްޕަ ހުޅުދެލި ދޮން ޔޫސުބު ކަލޭގެއާއެކު ދޮންބުޅާ ފާށަނާ (ފަސްވަނަ ޢަލީ ރަސްގެފާނު) ޝަހީދުކޮށް ވެރިކަން ބަދަލުކޮށް ލުމުގައި އެހީތެރިވެދީފިނަމަ ރާއްޖޭގެ ބޮޑުބަނޑޭރިކަން ދޭނެކަމަށް ބުނެ، ދޮންބައްޕަ ހުޅުދެލީ ދޮން ޔޫސުބު ކަލޭގެ އެބަސްކުރުވައި ކަންކުރަންވީގޮތް ބުނެ ލާދިނުމަށްފަހު ރަދުންނާއި ޙަމަލަ ދިނުމަށް ގުޅަކުޅޭ ފަސްގަނޑަށްނުކުމެ ސައްކަރަންޏާ ދޮރޯށްޓާއި ދިމާއަށް ކުރިމަތި ލައިގެން ގާފަރު ކަޅުއުބުށޭމު ޙަމަލާގަ އޮތެވެ.
ހުޅުދެލީ ދޮން ޔޫސުބު ކަލޭގެ އޭތޯއެވެ! އެއީ ދޮންބުޅާ ފާށަނާގެ ކަކާ ބޭކަލެކެވެ. އެމަގާމު އޭނައަށް ދޮންބުޅާ ފާށަނާ ދެއްވީއަކީ އޭނާ ހެވިކަމަށް މާ މޮޅު މީހަކަށް ވެގެންނޫންކަން ހުޅުދެލީ ދޮން ޔޫސުބު ކަލޭގެ ބަހުންވެސް އެގެއެވެ. ދޮން ޔޫސުބު ކަލޭގެ “އާދަމުގެ ދަރިޔާގައިގައި ކަނޑިން ޖަހާނީ މިޔަފުށުންކަން ނުވަތަ ފުށޮޅިން ކަންވެސް ނުދަންނަކަމަށް” ދޮންބުޅާ ފާށަނާއިން ޝަހީދުކުޅަރޭ، ދޮންބުޅާ ފާށަނާއައަށް ދެންނެވިކަމަށް ވެއެވެ.
ވިސްނާ ވަޑައިގަންނަވާށެވެ. ގާފަރު ކަޅުއުބުށޭމުގެ ދެބަފައިން މިނުކުތީ ދުނިޔެވީ ދަހިވެތިކަމުގައި އެމީހުންގެ ސާހިބާ ”ކަތިލުމުގެ” ނުބައި ނުލަފާ ވިސްނުމުގައެވެ.
“ޡާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި،
ޚާލިޤުލްކައުނައިނި ވާކަން ނޭގެނީތަ ޢަޖައިބެކޭ”
ވާހަކައިގެ މަންޒަރު ދެން ބަދަލުވަނީ މުޅިން އެހެންގޮތަކަށެވެ. ދޮންބުޅާ ފާށަނާއިން ޒަޚަމްވެ ވަޑައިގެންއޮތީ ފަސްގަނޑަށް ވެއްޓި ވަޑައިގެންފައެވެ. ދޮންބުޅާ ފާށަނާގެ ފަސްހަނގުރާމަ ބަލަންހުރި ކަކާ ކޮއި ހުޅުދެލީ ދޮން ޔޫސުބު އޮތީ ދޮންބުޅާގެ ފަހަތްޕުޅުގައި މަރުވެގެން ވެއްޓިފައެވެ. ދޮންބުޅާ ފާށަނާއިންގެ ކުރިމަތިފުޅުގައިވަނީ ގާފަރު ކަޅުއުބެށޭމަށް ލިބުނު ޒަޚަމްތަކުން ފޭބި ލޭގެ ފުނިވަރެވެ.
ގާފަރު ކަޅު އުބުށޭމު މަރުން ސަލާމަތްވުމުން އަވަސް އަވަހަށް ނަވައް ގޮސް ބުރެކިރަނީން ނަށް މާލޭގެ ޚަބަރު ދަބަރު ދަންނަވައި ފިއެވެ. ބުރެކިރަނިންނަށް މާލޭގެ ޚަބަރު ލިބިވަޑައިގަތުމުންނާއި ގާފަރު ކަޅު އުބުށޭމުގެ ޙާލުފެނިވަޑައިގަތުމުން ކޯފާ އިންތިހާއަށް ގަދަވެ އެކަމަނާއަށް އެހީވުމަށް ގޯވާއިން ފޮނުވި ލަސްކަރީންނަށް “މިރޭގެ އިރު އެރުމާ ދެމެދު މާލެޔަށް އަރައި މާލެ ތަޅާލާފަ އަންނާން ދަހަރޭ” ވިދާޅުވެ އަމުުރު ކުރެއްވިއެވެ.
މިލިޔުމުގެ ސުރުޚީގައި އަޅުގަނޑު ނަންގެންފައިވާ ހަރުދަނާ ޝަޚުޞު، “ބޮޑު ތަކުރުފާނު ވާހަކަ. ބުރާރަ މުޙައްމަދު ފުޅު ކިޔާގޮތަށް” ވާހަކައިގައި، އުފަންވަނީ ދެނެވެ.
“ދަތިޖަހާ ހަސަނު ސޮރަކީ ވަކަރުގޭ ކުއްޖެކެވެ. … އެސޮރު ނިދާއުޅެނީ ކޯއްޓޭކޮޅު ތަޅުވަކަރު މަތީގަޔޭ، … އެސޮރަށް ފެނުނީ، ބުރެކިރަނީން ގޯވާއިން ގެންނެވި ލަސްކަރުގެ މީހުން ހަތިޔާރުތައް ހިފައިގެން ބައްތެއްޔަށް ފައިބައި ނާދޮށުން ބައްތެލިތައް ދުރުކޮށްލި ތަނެވެ. މި ސޮރު ހިތުގައި ޖެހުނޭ، މިރޭ އިސްހަނގުރާމަ ބަލާންވެސް، ފަސްހަނގުރާމަ ބަލާންވެސް ހުރީ ތިމަންނަޔޭ، … އޮންނާކަށް ނުވާނެޔޭ … ނުއޮވެއެއްވެސް ނުވާނޭ، މިހެން ހިތައި ދުވެފާގޮސް ދަތުރަށް އަރާވަޑައިގަންނަވާ ދޮރޯށިން އެއްގަމަށް އަރައި، ހެންވޭރު ދޮރޯށި މިހާރު އެހަރަތަނުން، ވެޔޮދޮށު ގަނޑުވަރު ދޮށުން ދުވަމުން އިރުމައްޗަށް ދަމުން މިސޮރު ގޮވަޔޭ “މިރަށުގާ މިތިބަ މީހުނަށް ބަޑުބަތާ މުސާރަދިނުމަށްވުރެ ހެވޭ ކުކުޅުހާ ގެރިބަކަށްޓަށް ބަޑުބަތާ މުސާރަ ދިނިއްޔާ، ދޮންބުޅާ ފާށަނާއިން މަޑިއެއް މިޔަރެއް ކަތިލިހެން ޝަހީދުކޮށް އެއޮތީ ގުޅަކުޅޭ ފަސްގަނޑަށް ވައްޓާފައޭ”، މިސޮރު މިހެންގޮވަމުން ދާއަޑު ދޮއްތަޑަފި އެދުރު އަލިމަނިކުފާނު އެރޭގެ މެންދަމު ލޯޖެހިގަނޑުވަރުގައި ހުންނަވާ އައްސަވައި ދުވެފައި ބޭރަށް ނުކުމެ އެސޮރުގެ އަތުކުރީގާ ހިފާފާ ބުނުއްވިޔޭ ކަލޯވޭ، މީގެ އެކޮޅަށް ތިޔަހެން ނުގޮވާށޭ، މިހެން ކިޔާފާ އެސޮރު ގޮވައިގެންގޮސް ބޭރު ދޮރޯށީގާ އެސޮރުބާއްވާާފަ ދުވެފާ ގެޔަށްވަދެ ކުރުއްޕީ ލައިގެން ބޮންތިޔާ އައްޑަނަ ހިފައިގެން ދެފައިކުރިއަށް ބާރުލާ ދުވެގޮސް ކަބާއްޖާ ދިމާއަށް ނުކުތްއިރު ބައްތެލިތައް އަންނަތަން ދެކެފާ ކަބާދިމައްޗަށް އަރާ ބޮންތި އައްޑަނަ އަބުރާލާ ފުންމައިގެންގޮސް ކަޑިންމާ އިރުމަތީ ފައިކަށްޓަށް ޖެހުނޭ، މިތަން ދެކެފައި ބައްތެލިތައް އަބުރާލާ ނާދޮށަށް ދިޔައީމާ ބުރަކި ރަނީން ވިދާޅުވިޔޭ، “ކަލޭމެން ތިޔައީ މާލެޔަށް އަރާ މާލެ ތަޅާލާފަހޭ،” މިބައިމީހުން ދެންނެވިޔޭ، މާލެއަށް އަރައި މާލެތަޅާލެވޭނީ ކިހިނަކުންތޯޔޭ ވަންނާން އޮތީ ދެގާފުނި ދޭތެރެޔޭ އެތަނުން އެއްގާފުނީގަހުރީ އެދުރުޖިންނިޔޭ، އެދުރުޖިންނިއަށް ބިރަށޭ މިއައީ، އެދުރު ޖިންނި މަޑުކުރަން ދަންނަމޭ ބުރެކިރަނީން ވިދާލުވެ ތަބަކަކަށް ރަންހިޔެއް އަޅުއްވައިގެން ބައްތެއްޔަށް ފައިބާވަޑައިގަންނަވާ ބައްތެލިޖަހާ ގެންނައިރުގާ މިދޮއްތަޑަފި އެދުރު އަލިމަނިކުފާނަށް، ބުރެކި ރަނީން އެގިލައްވާ ބޮންތިޔާ އައްޑަނަ އަބުރާލާފާ ފުންމައިގެންގޮސް ކަބާދި މައްޗަށްޖެހި ބޮންތިޔާ އައްޑަނަ ތިރިކޮށްގެން ހުންނަވަނިކޮށް ބުރަކިރަނީން ވަޑައިގެން ކަބާއްޖާދިމާޔަށް ބައްތެލި ބީއްސާލާފާ ބުރަކިރަނިން ވިދާޅުވިޔޭ ދޮއްތަޑަފި އެދުރުކަލޭފާނުހޭ، މީނާ ދެންނެވިޔޭ އާދޭހޭ، ބުރަކިރަނިން ވިދާާލުވިޔޭ “ކޮއްކޯފުޅު ޝަހީދުވި މީހާ ޝަހީދުނުވާ ކަމަކަށް ނުވާނެޔޭ، ދެން މާތްރަސްކަލާނގެ ރުއްސެވިއްޔާ މިދިވެހިރާއްޖޭގެ ރަސްކަންކުރާނީ ތިމަންކަމަނާޔޭ، ތިމަންކަމަނާގެ ރަސްކަމުގައި ދޮއްތަޑަފި އެދުރު އަލިމަނިކުފާނަށް ދޮށިމޭނާކަމަށް ކޮލިލައްވާނަމޭ، މިރަންކޮޅު ހިފައިގެން މަޑުވެ ގޭގައި އޮންނާން ދަހަރޭ” ވިދާޅުވެފާ ފޯރުވާލި ރަންތަބަކުގައި ހިފައިގެން މީނާގޮސް ގެޔަށް ވަނީމާ، ދަތިޖަހާ ޙަސަން ސޮރު ހިތުގައި ޖެހުނޭ މިފިރިހެނާ ބޮޑުތަޅާފައި ކީއްކުޅަބާވަޔޭ، މިހެން ހީކޮށް ލޯޖެހި ގަނޑުވަރު ހުޅަގުން ޖެހިގެން ހުރިގެޔަށްވަދެ މިގޭ ބަދިގޭ ބިތްކޮށާލައިގެން ބަދިގެޔަށްވަދެ އެސޮރުގެ ނާށިގަނޑަށް ބަތްކޮޅެއް ލައިގެން ނުކުމެގެންގޮސް ކޯއްޓޭކޮޅު ތަޅުވަކަރު މަތީގައި ބަތްކޮޅު ކައިލަ ކައިލާ ލަވަ ކިޔައިލަ ކިޔައިލާ ރައިވަރު ކިޔައިލަ ކިޔާލާ އޮއްވާ، ބުރަކިރަނިން ނަވަށް ވަޑައިގެން “ތިއަ އެދުރު ޖިންނި މަޑުކޮށްފީމޭ، މާލެޔަށް އަރައި މާލެތަޅާލާފައި އަންނަންދަހަރޭ”، ވިދާޅުވީމާ އެމީހުން ބައްތެލިތަކަށް އަރާ ބައްތެލިތައް ނާދޮށުން ދޫކޮށްލިތަން ދަތިޖަހާ ޙަސަން ސޮރުދެކި، ކުރިން ހިތަށް އެރި ހުރިހާ ހާސަރެއް މިސޮރު ހިތަށް އަރައި ފައިބައިގެން ދިޔައެވެ. އަދި އެންމެފަހުން ދެފައިކުރިއަށް ބާރުލާ ދަތުރުން އަރާވަޑައިގަންނަވާ ދޮރުއަށި އެހެރަ ދިމާއިން އަރައިގެން، މާފަންނު ދޮރާށިތެރޭން އަޅާފަ މާފަތްގޭދޮށުން ބޮޑުވެޔޮ ދޮށުން، ވައްވެޔޮދޮށުން އަޅާފާ މައިޒާންގޭ ދޮށުން އަޅާފާ މިސޮރު ދުވަމުން ގޮވައޭ، “މިރަށުގައި މިތިބަމީހުނަށް ބަޑުބަތާ މުސާރަ ދިނުމަށްވުރެ ހެޔޮނޫންހޭ، ކުކުޅު ހާލަށް، ގެރިބަކަށްޓަށް ބަޑުބަތާ މުސާރަ ދިނިއްޔާ، ދޮންބުޅާފާށަނާއިން މަޑިމިޔަރެއް ކަތިލިހެން ޝަހީދުކޮށް އެއޮތީ ގުޅަކުޅޭ ފަސްގަނޑަށް ވައްޓާފައޭ” މިހެން ގޮވަމުން މިސޮރު ދާއިރު، މާފަންނު ބޮޑުދިއްގާގަސްދޮށުގޭގައި ފަހާފަށަވާޅުކޮއި ހުރެފައި، މި ސޮރު ގޮވަމުން ދާ ހާސަރުގެ އަޑު އަހާފައި ދުވެފައި ނުކުމެ އެސޮރު އަތުކުރީގައި ހިފައި “ކަލޯވޭ މީގެ އެކޮޅަށް ތިޔަހެން ނުގޮވާށޭ،” ކިޔާ އެސޮރު އަތުކުރީގައި ހިފައިގެން ގެޔަށްވަދެ ބޮޑުއަށީގައި އެސޮރު ބާއްވާާފާ ކުރުއްޕި ލައިގެން ބޮންތިޔާ އައްޑަނަ ހިފައިގެން ބޭރަށްނުކުމެ ދެފައިކުރިއަށް ބާރުލާ އަޅާ ދުއްވައި ގަތޭ ދުވެގޮސް ކަބައިދި މައްޗަށް އަރާ ބެލިއިރު ބައްތެލިތައް އަންނަތަން ދެކެފާ އޭނާގެއަތުގާވާ ބޮތިއާ އައްޑާނަޔާ އަބުރާފާ ފުންމައިގެންގޮސް ކަޑިއްމާ އިރުމަތީ ފައިކަށްޓަށް ޖެހުނޭ، ޖެހިފާ މިތާހުރެ ބޮންތިޔާ އައްޑަނަ އަނބުރާލާ ފުންމައިގެންގޮސް ހުޅަގު ފައިކަށްޓަށް ޖެހުނޭ، މިތަން ދެކެފައި ބައްތެލިތައް އަބުރާލާ ނާދޮށަށް ދިޔާމާ ބުރެކިރަނީން ވިދާޅުވެއޭ، ކަލޭމެން ތިޔައައީ މާލެޔަށް އަރާ މާލެ ތަޅާލާފަހޭ، މި ބައިމީހުން ދެންނެވިޔޭ، މާލެޔަށް އަރާ މާލެ ތަޅާލެވޭނީ ކިހިނަކުންތޯއޭ، ފުރަތަމަހުރީ އެދުރު ޖިންނިއޭ މިފަހަރު ހަމަގައިމުން އެހުރީ އެދުރުކޮޔޭ، އެހެންވެ އެދުރުކޮޔަށް ބިރަށޭ މާލެތަޅާނުލައި މިއައީ، ބުރަކި ރަނީން، ތިޔަ އެދުރުކޮއި މަޑުކުރާން ދެނެވަޑައިގަންނަވަމޭ ވިދާޅުވެ ތަބަކަށް ރަންހިޔެއް އަޅުއްވައިގެން ބައްތެއްޔަށް ފައިބާވަޑައިގެންނަވާ ބައްތެލިޖަހާ ގެންނަތަން ބަލަންހުރެފާ، އެއީ ބުރެކިރަނީންކަން އެގިގެން ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެން ގޮސް ކަބައިދި މައްޗަށް ޖެހި ބޮންތިޔާ އައްޑަނަ ތިރިކޮށްގެން ހުއްޓާ ބުރެކިރަނިން ބައްތެއްޔައިގެން ވަޑައިގެން ވިދާޅުވިޔޭ ފަހާފަށަވާޅުކޮއިހޭ، މީނާ ދެންނެވިޔޭ ސާހިބާ އާދޭހޭ، ބުރަކިރަނީން ވިދާޅުވިއޭ ފަހާފަށަވާޅު ކޮޔާވޭ، ކޮއްކޯފުޅު ޝަހީދު ވީމާ ޝަހީދު ނުވާކަމަކަށް ނުވާނެއޭ ދެން މާތްރަސްކަލާނގެ ރުއްސެވިއްޔާ މިދިވެހިރާއްޖޭގެ ރަސްކަންކުރާނީ ތިމަންކަމަނާއޭ ތިމަން ކަމަނާގެ ރަސްކަމުގައި ފަހާފަށަވާޅުކޮޔަށް ހަދޭގިރިކަމަށް ކޮލިލައްވާނަމޭ، މިރަންކޮޅު ހިފައިގެން ގޭގައި މަޑުވެ އޮންނަން ދާށޭ” ވިދާޅުވެ ފޯރުވާލި ރަންތަބަކުގައި ހިފައިގެން މީނާގޮސް ގެޔަށްވަނީމާ އެއްކަލަ ދަތިޖަހާ ހަސަނު ސޮރު ހިތުގާޖެހުނޭ ، މިފިރހެނާ އަނެއްކާ ކީއްކޮށްފައި އައިބާވައޭ، ހިތުގާލާ އެގޭން ނުކުމެގެންގޮސް ބުރުނީ ދަންޑަހެލު ތަކުރުފާނު ހުރިގޭ ބަދިގޭ ބިތްކޮށާލައިގެންވަދެ މިސޮރުގެ ނާށިގަނޑަށް ބަތްކޮޅެއް ލައިގެން މިސޮރުހިގައިގޮސް ކޯއްޓޭކޮޅު ތަޅުވަކަރުމަތީގައި ބަތްކޮޅު ކައިލަ ކައިލާ ލަވަކިޔައިލަ ކިޔައިލާ ރައިވަރު ކިޔަލައި ކިޔަލާ އޮއްވާ ބުރަކިރަނީން ނަވަށް ވަޑައިގަންނަވާ ވިދާޅުވިޔޭ “ތިޔަ އެދުރުކޮއި މަޑުކޮށްފީމޭ މާލެއަރާ މާލެތަޅާލާފާ އަންނާން ދަހަރޭ،” ވިދާޅުވީމާ އެމީހުން އާދޭހޭ ދަންނަވައި ބައްތެލިތަކަށް އަރާ ބައްތެލިތައް ނާދޮށުން ދޫކޮށްލިތަނޭ ދަތިޖަހާ ހަސަނުސޮރު ދުށީ، ދެކެ ކުރީ ދެފަހަރުވެސް ހިތުގައި ހިނގައިގަތް ހުރިހާ ހާސަރުތައް ހިތުގާ ހިގައިގަތުމުން ތެދުވެގެން އަޅައިދުއްވައިގަތޭ ދުވެގޮސް ދަތުރަށް އަރާވަޑައިގަންނަވާ ދޮރޯށި އެހެރަ ދިމާއިން އަރައިގެން ހެންވޭރު ދޮރޯށި އެހެރަތަނުން އަޅާފާ ވެޔޮދޮށު ގަނޑުވަރު ދޮށުން، އެސްޖެހި ގަޑުވަރުދޮށުން، ސިއްކަގޭ ދޮށުން، މަލިންގޭދޮށުން، މާވާ ކިލެގެފާނު ގަޑުވަރުދޮށުން، މާބަޑޭރިގޭދޮށުން އަޅާފާ ފާމުދޭރިގޭދޮށުން އަޅާފާ، ދުވަމުން އެސޮރު ގޮވަޔޭ “މިރަށުގައި މިތިބަ މީހުނަށް ބަޑުބަތާ މުސާރަދިނުމަށްވުރެ ހެޔޮނޫންހޭ ކުކުޅުހާ ގެރިބަކަށްޓަށް ބަޑުބަތާ މުސާރަ ދިނިއްޔާ”، މިސޮރު މިހެން ގޮވަމުންދާއަޑު އުއްޅަވައް ކައިރު އެދުރު އުބުރެހެން ތަކުރުފާނު ގަލޮޅު މައިޒާންދޮށުގައި ހުންނަވާ އައްސަވާފާ ދުވެފައިނުކުމެ މިސޮރުގެ އަތުގާ ހިފާާބުނުއްވިއޭ ކަލޯވޭ މީގެ އެކޮޅަށް ތިޔަހެން ނުގޮވާށޭ މިހެންކިޔާފާ އަތުގާ ހިފައިގެން މިސޮރު ގޮވައިގެން ގެއަށްވަދެ އެސޮރު ހީކަރުވަފާނެތީ ގައިގާލާނެ ފޮށައެއް ކަޑައިދީ އެސޮރުގައިގާ ފޮށާލައްވާާ އެސޮރު ބޮޑުއަށީގައި ބާއްވާފާ އެދުރުކަލޭގެފާނު ކުރުއްޕީ ލާފާ ބޮންތިއާ އައްޑަނަ ހިއްޕަވައިގެން ދޮރުމައްޗަށް ނުކުމެ، ބޮންތިއާ އައްޑަނަ އަބުރާ ފުންމައިގެންގޮސް މާބަޑޭރިގޭ ދޮށަށް ޖެހުނޭ، މިތާހުރެ ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެންގޮސް މާބަޑޭރިގޭ ދޮށަށް ޖެހުނޭ، އެތާހުރެ ބޮންތިއާ އައްޑަނަ އަބުރާ ފުންމައިގެންގޮސް މާވާ ކިލެގެފާނު ގަޑުވަރުފުޅަށް ކަނަށް ޖެހުނޭ، މިތާހުރެ ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެންގޮސް މިހާރު މުންނާރު އެހެރަ މަގަށް ޖެހުނޭ މިތާހުރެ ބޮންތިޔާ އައްޑަނަ އަނބުރާގޮސް ފުންމައިގެންގޮސް މުއްދަތުލާގާގަޑު ކޮޅަށް ޖެހުނޭ، މިތާހުރެ ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެން އައިސް ގުލަކުޅޭ ފަސްގަޑަށްޖެހުނޭ، ޖެހުނު އިރު ދޮންބުޅާ ފާށަނާފަސްގަނޑަށް ވެއްޓިވަޑައިގެން އޮންނަވަނިކޮށް ދެކެފާ ބޭރުދޮރޯށީގައި ބޮންތިއާ އައްޑަނަ ބަހައްޓާފާ އަރިއަހަށް އައިސް ހުއްޓިފާ ދެންނެވިޔޭ، މަނިއްޕުޅާވޭ ތިއައީ ދިމާޔަށް މީހަކުއައިސް ކުޅަކަމެއްތޯއޭ ނުވަތަ ވަގަކުކުޅަ ކަމެއްތޯއޭ ދޮންބުޅާ ފާށަނާއިން ވިދާޅު ބަސްފުޅެއް އިއްވެވިއޭ، އެދުރުކަލޭގެފާނުން ދަޑިގަނޑުގެ އެކޮޅު މިކޮޅު އެންގިމީހާ މަރުނުވެ ދުނިޔޭގައި ހުއްޓާ ދިމާޔަށް އައިސް މީހަކަށް ކަމެއްކުރާން ކެރޭނެތޯއޭ މިއީ ވަގަކު ކުޅަ ވައްކަމެކޭ، އެދުރުކަލޭފާނު ދެންނެވިއޭ މަނިއްޕުޅާވޭ ކުރިމަތީގައިވަނީ ކާކުތޯއޭ ނުވަތަ ފަހަތުގާވަނީ ކާކުތޯއޭ، ދޮންބުޅާފާށަނާއިން ވިދާޅުބަސްފުޅެއް އިއްވެވިއޭ އެދުރުކަލޭފާނުވޭ، ކުރިމަތީގައިވަނީ ގާފަރު ކަޅުއުބުށޭމޭ، ފަހަތުގައިވަނީ ހުޅުދަލީ ދޮންޔޫސުބު ކަލޭގެއޭ، ދެން އެދުރުކަލޭފާނު ދޮންބުޅާފާށަނާއިން އުރުވަޑުވައިގެން ގަޑުވަރަށް ވަންނަވާ ނާނޭފުޅު ފިއްލަވާ ދާނެއްގާ ވަޑުވާފައި ދެންނެވިއޭ މަނިއްޕުޅާވޭ އަދި މިވަގުތު ހުރެވޭކަށްނެތޭ ދަންނަވާފާ ބޭރު ދޮރާށްޓަށް ނުކުމެ ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެންގޮސް ކަބާދިމައްޗަށް ޖެހުނޭ ޖެހިފައި ބެއްލެވިއިރު ބައްތެލިތައް އަންނަތަން ދެކިލައްވާ ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެންގޮސް ކަޑިންމާ އިރުމަތީ ފައިކަށްޓަށް ޖެހިފާ ދުރުވި ރުޅީގައި ދެފައިކަށީން ދެފައިކަށްޓަށް ފުމެފުމެ ހުންނަވައޭ، ބައްތެލިތައް ކަންޑިމައާ ގާތްވާން ހެދީމާ އެދުރުކަލޭފާނު އަންނަ ރާޅުގެ ހުޅިމަތީގައި ކުޅިޖަހާ ކުޅިހަމަކުރަމުން ބައްތެލިތަކާއި ދިމާޔަށް ދުރުވެއޭ، މިތަންދެކެފާ ބައްތެލިތައް އަނބުރާލާ ނާދޮށަށް ދިޔައެވެ. ބުރަކިރަނީން ވިދާޅުވިއޭ ކަލޭމެން ތިޔައައީ މާލެޔަށް އަރާ މާލެ ތަޅާލާފަހޭ މިބައިމީހުން ދެންނެވިއޭ ކަމަނާވޭ މާލެޔަށްއަރާ މާލެތަޅާލެވޭނީ ކިހިނަކުންތޯއޭ، ފުރަތަމަ ފަހަރު ހުރީ އެދުރު ޖިންނިއޭ، ދެވަނަފަހަރުހުރީ އެދުރު ކޮޔޭ، މިފަހަރު ހަމަގައިމުން އެހެރީ އެދުރުކަމަނާއޭ، އެކަމަނާޔަށް ބިރަށް މާލެޔަށް އަރާ މާލެތަޅާނުލާ އައްޔޭ، ބުރަކިރަނީން ތިޔަ އެދުރުކަމަނާ މަޑުކުރާން ދެނެވަޑައިގަންނަވަމޭ، ވިދާޅުވެ ތަބަކަކަށް ރަންހިޔެއް އަޅުއްވާ ބައްތެއްޔަށް ފައިބާ ވަޑައިގަންނަވާ ބައްތެލިޖަހާ ގެންނައިރު އެދުރުކަލޭފާނަށް އެގިލައްވަތްޕޭ މިއީ ބުރެކިރަނީންކަން އެގިލައްވާ އޭނާގެއަތުގާވާ ބޮންތިޔާ އައްޑަނަ އަބުރާ ފުންމައިގެން އައިސް ކަބާދި މައްޗަށް ޖެހިފާ ބޮންްތިޔާ އައްޑަނަ ތިރކޮށްގެން ހުންނަވަނިކޮށް ބައްތެލި ގޮޑަށްލަފާލާ ބުރަކިރަނީން ވިދާޅުވިއޭ، އެދުރުކަލޭގެފާނު ތޯއޭ، އެދުރުކަލޭފާނު ބުނުއްވިއޭ ސާހިބާ އާދޭހޭ، ބުރަކިރަނީން ވިދާޅުވިއޭ އެދުރުކަލޭފާނުންނޭވޭ ކޮއްކޯފުޅު ޝަހީދުވީ މީހާ ޝަހީދު ނުވާކަމަކަށް ނުވާނެއޭ މާތްކަލާގެ ރުއްސެވިއްޔާ ދެން މިދިވެހިރާއްޖޭގެ ރަސްކަންކުރާނީ ތިމަންކަމަނާޔޭ ، ތިމަންކަމަނާ ރަސްކަމުގައި އެދުރުކަލޭފާނަށް ސެއްލަ ނޫންތޯއޭ، މިހެން ވިދާޅުވެފާ ރަންތަބަށް ފޯރުވާލެއްވިޔޭ، ފޯރުވާލެއްވި ރަންތަބަކުގައި އެދުރުކަލޭފާނު އަތުގައިވާ ބޮންތީން ޖަހައި ތަބަކާ ރަންތަކާ މޫދަށް ވައްޓާލާފާ އެއްގަމަށް އަބުރާލާ ދުރުވެ ގަޑުވަރަށް ވަންނަވާ ދޮންބުޅާ ފާށަނާއަށް އެދުރުކަލޭފާނު ދަންނަނީނަމަ ދަންނަހާ އިސްތިޣުފާރަކާ އިސްމެއް ދެންނެވިއޭ، ދެންއޭގެފަހުގައި ޝަހާދަތްލާދެއްވިއޭ ޝަހާދަތްވިދާޅުވެފައި ދޮންބުޅާ ފާށަނާއިން އަވަހާރަވިއްޔޭ ދެން އެދުރުކަލޭފާނު ނާބުދުޚާނަށް އަރާ ދެބައިލަސްކަރަށް ބެރުޖެއްސެވިއޭ ބެރުޖަހައި ދެބައިލަސްކަރީން އެއްކުރައްވާ ދޮންބުޅާ ފާށަނާއިން ސަންދޯއްޕުޅުގައި ވަޑުވާާފާ ދެބައިލަސްކަރީންގާތު އެދުރުކަލޭފާނު ބުނުއްވިއޭ ތިޔަބޭކަލުން ބުރެކިރަނީން ގޮވައިގެން ދުރުވާން ދުރުވަންނަވާށޭ، އެބެއިކަލުން ދުރުވެ ބުރަކިރަނީން ގޮވައިގެން ދުރުވެ، ރަސްކަމުގެ ދާނުގާ ވަޑުވާފާ ދޮންބުޅާ ފާށަނާ ބޮޑުގަލު މިސްކިތްތެރޭގައި، އާބަކުރުރަސްގެފާނާ އެއްބިސްތާނައިގާ ވަޅުލާ ހެޔޮކަންތައް ކުރެއްވިއެވެ.
“ހިތާމައަކީ މިދޭހުން ފެންނަ ޢިބުރަތްތައް ނުވިސްނޭކަން،
މިތާ ޣާފިލުވެގެން ތިއްބާ ޒުވާންކަން ގެއްލެމުން ދާކަން
ޒުވާނުންނަށް ނުހަނުތަނަވަސް އެތައް ގިނަވަގުތުތަކެއް އޮއްވާ،
ދުވާތައް ރޭގަނޑާ ބޭކާރުގޮތުގައި ފައްވަމުން ދާކަން
ކެރޭ ހީވާގި ކާބަފައިންގެ އަގުހުރި ފަޚުރުވެރި ޒިކުރާ،
ދިރޭފަދަ ފަޚުރުވެރި ޢަމަލެއް މިތާ ތިބެގެން ނުކުރެވޭކަން
ދުރަށް ވިސްނާލުމުން މުސްތަގުބަލާމެދު ފެންނަމުންދާހައި،
ނުރައްކާތެރި އެތައް ކުލައެއް ތަޖާހުލް ކުރެވެމުންދާކަން
ދިވެހި އުންމަތުގެ މިނިވަން ފަޚުރުވެރި ދިދައާއި އެކަށޭހެން،
ރިވެތިކުލަތައް ފަވާނޭ ފިހިތަކެއް ލިބެމުން ނުވެސްދާކަން”
(އައްޝައިޚު އަލްމަރުހޫމު މުޙައްމަދު ޖަމީލު)