ގަދީމީ ޒަމާނުގައި ވެސް ދުނިޔޭގައި ފެތުރުނު ކަމަށް ބެލެވޭ ފައިލޭރިއާ ނުވަތަ އާންމު ނަމުންނަމަ ފައި ފަލަވާ ބަލި ސައިންޓިފިކަލީ އެންމެ ފުރަތަމަ ހޯދިފައިވަނީ 1863 ވަނަ އަހަރު ކިއުބާ މީހެއްގެ ގައިންނެވެ. ލިންފެޓިކް ފައިލެރިއޭސިސްއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވަރަށް ވޭންހުރި ބައްޔެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ހާމަކުރާ ގޮތުގައި ދުނިޔޭގެ 44 ގައުމެއްގައި 882 މިލިއަން މީހުންނަށް ފައިލޭރިއާ ޖެހުމުގެ ބިރު އޮތްއިރު އިތުރަށް ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހެއެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 51 މިލިއަން މީހުންނަށް ފައިލޭރިއާ ޖެހިފައި ވީ ނަމަވެސް، 2000 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ފަށާފައިވާ ކެމްޕެއިންގެ ސަބަބުން ބަލިޖެހޭ މިންވަރު %74 މަދުވެފައިވާކަން ފާހަގަކުރެވުނެވެ.

މީގެ 72 އަހަރު ކުރިން 1952 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ދިވެހިރާއްޖޭގެ 34 ރަށަކަށް ޒިޔާރަތްކޮށް، ފައިލޭރިއާ ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ހެދިފައިވާ ސާވޭ ރިޕޯޓެއްގައި ވާގޮތުން އޭރު ރާއްޖޭގައި މި ބަލި ޖެހިފައިވާ 939 މީހުން ތިބިކަން ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖޭފައި ފައިލޭރިއާ ބަލި އެންމެ ގިނައިން ފެނިފައިވަނީ މަދިރި އާލާވާފަދަ ކުޅިތަކާއި އެފަދަ ތަންތަން ހުރި ސަރަހައްދު ތަކުގައެވެ. އަދި އެހެން ސަރަހައްދުތަކުން މި ބަލި ފެނިފައިވާ މިންވަރު ވަރަށް މަދުކަން ވެސް ފާހަގަ ކޮށްފައިވެއެވެ. ފައިލޭރިއާ ވަނީ ދިވެހިރާއްޖެއިން 2016 ވަނަ އަހަރު ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ކަނޑައަޅާފައިވާ ބައްޔެކެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ (ޕެރަސައިޓް) ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ޖެހޭ މި ބަލި ޖެހުމުން އެތައް ދުވަހެއް ވަންދެން އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެންނަމަވެސް ޖަރާސީމު ދާނީ ލިންފެޓިކް ސިސްޓަމަށް އަސަރު ކުރަމުންނެވެ. އަދި ގިނަ ދުވަސްވުމުން ބައެއް މީހުންގެ އަތް، ފައި އަދި ބައެއް އެހެނިހެން ގުނަވަންތައް ދުޅަވުމާއި، ހަންގަނޑު ބޯވުން ފަދަ ކަންކަން ފެނެއެވެ. އަދި މިފަދަ މީހުންނަށް އެހެނިހެން އިންފެކްޝަންތައް ޖެހެން މެދުވެރިވެއެވެ. އަދި އޭގެ ސަބަބުން ހުން އައުމާއި ބައެއް އެހެނިހެން އިތުރު އަލާމާތްތައް ފެނުން އެކަށީގެންވެއެވެ.

ފައިލޭރިއާއަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔަކަށް ނުވެފައި، ބަލި ފެތުރެނީ ވެސް ވަރަށް ގިނަ ފަހަރަށް ބަލި ޖެހިފައިވާ މަރިރި ހެފުމުން ކަމަށް ވީނަމަވެސް ބައްޔަކީ އޭގެ ޒާތުގައި ވަރަށް ވޭންހުރި ބައްޔެކަމުން މި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެކެވެ. މިގޮތުން:

  • މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން އަދި މަދިރި ގެ ބޭނުންކުރުން.
  • މަދިރި ހެފިޔަނުދިނުމަށް ހަށިގަނޑު ބޮޑަށް ނިވާވާނޭކަހަލަ ހެދުން އެޅުން.
  • ވައި ވެއްދުމަށް ހަދާފައި ހުންނަ ގޮޅި، ފެންލައިޓް، ކުޑަދޮރުފަދަ ތަންތަނުގައި މަދިރި ދާ ޖެހުން.
  • މަދިރި އުފެދޭ ތަންތަން ނައްތާލުން.
ޝެއަރކުރެއްވުމަށް