އިންސާނާގެ ހަޔާތުގައި އޭނާ ބޭނުންވާ މަންޒިލަކަށް ދިއުމަށް ދަތުރުހަދާއިރު، އޭނާގެ އެ މަންޒިލަކަށް ދިއުމަށް ދަތުރުކުރެވިދާނެ ވަރަށް ގިނަ މަގުތައް ފެންނަށް ހުންނަ ފަހަރު އާދެއެވެ. ނަމަވެސް އެއިން ކޮންމެ މަގެއް ޚިޔާރުކޮށް އެ މަންޒިލަށް ދެވުނަސް އެއިން ކޮންމެ މަގަކުން ވެސް އެ މީހަކަށް ކުރެވޭ އިހުސާސް ނުވަތަ ނެރެވޭ ނަތީޖާ ތަފާތު ވެދާނެއެވެ. އެ ނޫންގޮތަކަށް ބުނާނަމަ އެ މީހާ އެ ޚިޔާރުކުރީ އޭގެ އެންމެ ރަނގަޅު މަގުކަމުގައި ނުވެދާނެއެވެ. އާދެ. މި ފަހަރު އަޅުގަނޑު މި ބަލާލަނީ އަޅުގަނޑުމެން ދިރިއުޅުމުގައި ކަންކަން ކުރުމުގައި ބައެއް މީހުން ގެންގުޅޭ ބައެއް އުސޫލުތަކާ ނުވަތަ ކަންކަންކުރުމުގައި އަމަލުކުރާ ގޮޮތްތަކާ ބެހޭގޮތުގެ މައްޗަށެވެ.
އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ނަޒަރު ހިންގާލާނީ، ކޮންމެ ދުވަހަކުހެން ފާޚާނާއިން އަޅުގަނޑުމެންނަށް ފެންނަ ފްލޭޝް ޓޭންކަށެވެ. ފާޚާނާގެ ފްލޭޝް ޓޭންކް ފަރުމާކޮށްފައިވާގޮތުން ފްލޭޝްކުރުމަށް އޭގައި ކުޑަ ފިތަކާއި ބޮޑު ފިތެއް އިންނަކަން އެންމެން ވެސް ދަނެއެވެ. ނަމަވެސް އެ ދެ ފިތުގެ ފަރަގު ނޭނގިތިބެ ފްލޭޝްޓޭންކް ބޭނުންކުރާ މީހުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި މަދެއް ނޫނެވެ. ފްލޭޝްޓޭންކްގައި އަބަދުވެސް އެއް ވަރެއްގައި ފެން ހުންނަ އިރު، ފެން ފްލޭޝްކުރާ މިންވަރަށް އަނެއްކާ ވެސް ފްލޭޝްޓޭންކަން އަމިއްލައަށް ފެން އެޅޭގޮތަށް ހުންނަ އިރު، ކުޑަ ފެންކޮޅެއް ފްލޭޝްކޮށްލަންޖެހޭ ހާލަތްތަކުގައި ގިނައިން ފެން ފްލޭޝްކުރުމަކީ ވަރަށް ބޮޑު އިސްރާފަކަށް ނޫނީ ނުވާނެއެވެ. ފާޚާނާ ބޭނުންކުރުމަށްފަހު ދުވާލެއްގެ މައްޗަށް އެތަކެއް ލިޓަރު ފެން ޕްލޭޝްކޮށް ހަދަންޖެހޭއިރު، ފެނުގެ ޚަރަދަށް ވެސް އަޅުގަނޑުމެން ބަލަން އެބަ ޖެހެއެވެ. ބައެއް ފަހަރު ތުން ފުހެލާފަ ޓިޝޫކޮޅެއް ފާޚާނާއަށް ވައްޓާލާފައި، ނޫނީ ކުޅެއް ޖަހާފަ ވެސް ފާޚާނާ ފްލޭޝްކޮށްލާ ފަހަރު އެބައާދެއެވެ. އެހެންކަމުން އަޅުގަނޑުމެން ފާޚާނާގެ ފްލޭޝް ޓޭންކް ބޭނުންކުރާއިރު އެތަނުން ފިތާލާނީ ކުޑަ ފިތަށްތޯ ނުވަތަ ބޮޑު ފިތަށްތޯ ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދެން ވެސް އަޅުގަނޑު މި ބަލާލަނީ އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި މީހުން އުޅޭއިރު ވިސްނާނުލާ ފިތާލާ އިތުރު ފިތަކާ ދޭތެރޭގައެެވެ. އާދެ ބުނެލަން މި އުޅެނީ ލިފްޓުގަ މަތިން ތިރިއަށް ދިއުމަށް ބޭނުންކުރާ ދެ ފިތުގެ ވާހަކައެވެ. ލިފްޓުތަކުގައި މައްޗަށް އަދި ތިރިއަށް މިސްރާބު ދައްކާފައި އިންނަ ދެ ފިތް އިންނަތަން ފެނެއެވެ. ލިފްޓުގެ ޚިދުމަތް ބޭނުންކުރާއިރު މައްޗަށް ދާން ބޭނުންނަމަ އަބަދުވެސް ފިތަަންޖެހޭނީ މައްޗަށް މިސްރާބު ދައްކާފައި އިންނަ ފިތަށެވެ. އަދި ތިރިއަށް ދާން ބޭނުންނަމަ ފިތަން ޖެހޭނީ ތިރިއަށް މިސްރާބު ދައްކާފައި އިންނަ ފިތަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރުދުން ލިފްޓުގައި އިންނަ ދެ ފިތުގެ ތެރެއިން ފިތާނީ ކޮން ފިތަކަށްތޯ ބަލާނުލާ އެ ފަހަރެއްގަ ޖެހުނު ފިތަކަށް ފިތާ ފަހަރު އާދެއެވެ. އޭގެ ސަބަބުން ލިފްޓު ބޭކާރު ހުއްޓުމެއް ހުއްޓައި، ލިފްޓު ހުޅުވި، ލިފްޓް ބޭނުންކުރާ އެހެން ފަރުދުންނަށް ވެސް އޭގެ ސަބަބުން ލަސްތަކެއް ކުރިމަތިވާފަހަރު އާދެއެވެ. ލިފްޓު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ފަދަ ކަންކަމަށް ހޭލުންތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކޮންމެ ކަމެއް ކުރުމުގައި އެކަމެއްގައި އޮންނަ އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން އެތަކެއް ފައިދާތަކެއް ތިމާއަށާއި އެހެނިހެން ފަރުދުންނަށް ކުރާނެއެވެ.