ޣަޒްނީގެ ސުލްޠާން މަޙްމޫދު އަކީ ސުލްޠާން  މިނަން އުފައްދަވައި “ސުލްޠާން” މި ލަގަބު ބޭނުންކުރި ފުރަތަމަ ވެރިޔާކަމަށް ތާރީޚީ ޢިލްމުވެރިން ބުރަވެއެވެ. ޕާކިސްތާނުން އެގައުމުގެ ކުރު ރާސްތާ ބެލިސްޓިކް މިސައިލަށް ދީފައިވާ ނަން “ޣަޒްނަވީ” އަކީ ސުލްޠާން މަޙުމޫދުއަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. މި މަޒުމޫނުގައި ޣަޒަނާވިޑް އެމްޕަރަރ އާއި ސުލްޠާން މަޙްމޫދާއި ބެހޭ މަޢުލުމާތުކޮށްޅެއް ލިޔެވޭތޯ މަސައްކަތްކޮށްލާނަމެވެ.

ޣަޒްނީގެ ތާރީޚް:

ޣަޒްނީ އަކީ މިހާރު އަފްޣާނިސްތާނުގެ މެދުތެރޭގައި އޮންނަ މުހިންމު ވިޔަފާރި އަދި ސިނާއީ މަރުކަޒެކެވެ. އެއީ ދިރޭތަކީގެ ބޮޑު ލައިވް ސޮޓޮކެއް ހިމެނޭ،  ދިރޭތަކެތީގެ ކެހެރިއާއި، ސިލްކާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރީގެ ބޮޑު މަރުކަޒެކެވެ. ޣަޒްނީގެ ކުރީގެ ތާރީޚަކީ އޮޅުން ބޮޅުން ބޮޑު ތާރީޚެކެވެ. ޣަޒްނީ ޝަހަރު އުފެދިފައިވަނީ ބެލެވޭގޮތުގައި މީލާދީން 7 ވަނަ ގަރުނުގައެވެ. މީލާދީން 11 ވަނަ ގަރުނުގެ ކުރީކޮޅު، ޣަޒްނާގެ މަޙްމޫދުގެ ވެރިކަމުގައި، އެ ރަށަކީ އަފްޣާނިސްތާނުގެ ފުރަތަމަ މުސްލިމް ދަރިކޮޅު ކަމަށްވާ ޣަޒްނަވީންގެ ފުޅާ ދައުލަތުް ކަމަށްވާ ޢަޒްނާވިޑް އެމްޕަރަރގެ ވެރިރަށް ކަމުގައި ވެގެން ދިޔައެވެ.

މީލާދީން 11 ވަނަ ޤަރުނުގެ ފަހުކޮޅު ޢަޒްނާވީންގެ ދައުލަތުގެ ބާރު ކުޑަވިއެވެ. އަދި މީލާދީން 1150 ވަނަ އަހަރާއި 1151 ވަނަ އަހަރާ ދެމެދު ޢަޒްނީ ދޫކޮށް ދިއުމަށް އެރަށުގެ ބައެއް އަހުލުވެރިންނަށް މަޖުބޫރުވިއެވެ. މިގޮތުން މީލާދީން 1221 ވަނަ އަހަރު މޮންގޯލިއަނުން އެރަށް ފަތަޙަކޮށް އެރަށް އާމާންކުރަންދެން ޣަޒްނީގެ ބާރުވެރިކަން ހޯދުމަށް އެކި ފަރާތްތަކުން ހަނގުރާމަ ކުރިއެވެ. މީލާދީން 14 ވަނަ ޤަރުނުގައި ތުރުކީގެ ފަތަޙަވެރިޔާ ތައިމޫރު (ތަމަރްލާނޭ)، ޣަޒްނީ ފަތަޙަކުރިއެވެ. އަދި މީލާދީން 1504 ވަނަ އަހަރު މޫގަލުން ޣަޒްނީއާއި ކާބުލް ފަތަޙަ ކުރުމާ ހަމަޔަށް، ތުރުކީގެ ފަތަޙަވެރިޔާ ތައިމޫރު ޣަޒްނީގައި ވެރިކަންކުރިއެވެ. މީގެ އިތުރުން މީލާދީން 1747 ވަނަ އަހަރު އަޙްމަދު ޝާހު ދުރާނީގެ ވެރިކަމުގައި ކާބުލްއާއި ޣަޒްނީ ވަނީ އަފްޣާނިސްތާނުގެ އާ ރަސްކަމުގެ ބަޔަކަށް ހަދާފައެވެެ. އިނގިރޭސިން އަފްޣާނިސްތާން އަޅުވެތިކުރީ މީލާދީން 1839 އިން 1842 ވަނަ އަހަރާއި ހަމައަށް ކުރި ފުރަތަމަ އެންގްލޯ-އަފްޣާން ހަނގުރާމައިގެ ދުވަސްވަރުއެވެ. މިހާރު ޣަޒްނީއަކީ ކާބުލްއިން ކަންދަހާރަށް ދަތުރުކުރާ ހައިވޭގެ މެދުގައި އޮންނަ މުހިންމު ޝަހަރެކެވެ. ނުވަތަ މަރުކަޒެކެވެ. 2020 ވަނަ އަހަރު ބޯހިމެނުން ދައްކާގޮތުން ޢަޒްނީގެ އާބާދީއަކީ 69000 އެވެ.

 

ޢަޒްނާވީންގެ ދަރިކޮޅު

ޢަޒްނާވީންގެ ދަރިކޮޅުގެ ބާނީއަކީ ޣަޒްނާ (މިޒަމާނުގެ ޣަޒްނީ، އަފްޣާނިސްތާން)ގެ ގަވަރުނަރެއްގެ ގޮތުގައި ސަމާނީން (އީރާނުގެ މުސްލިމް ދަރިކޮޅު) ގަބޫލުކުރި އަބޫ މަންސޫރު ސަބުކްޓިގިން އެވެ. އޭނާއަކީ ޣަޒްނީގެ ކުރީގެ މަމްލޫކު އަޅުވެތި ހަނގުރާމަވެރި ތުރުކީ މީހެއްކަމަށްވާ އަބޫ މަންސޫރު ސަބުކްޓިގިން އެވެ.

ބުޚާރާގައި (މިހާރު އުޒްބެކިސްތާނުގައި) އޭރު އޮތް ސަމާނީ ދަރިކޮޅު ފުނޑުފުނޑުވާން ފެށުމުން، މީލާދީން 977 ވަނަ އަހަރު ސަބުކްޓެގިން އޭނާގެ އުފަން ރަށް ޣަޒްނީގެ ކޮންޓްރޯލް އަތުލިއެވެ. އަދި އެތަނުގައި ރަސްކަމެއް އުފައްދައި ޣަޒްނަވީންގެ ދައުލަތެއް “ޣަޒްނާވިޑް އެމްޕަރަރ” ނަމުގައި ދައުލަތެއް ގާއިމުކޮށްފައެވެ. ސަމާނީ ދަރިކޮޅު ބަލިކަށިވަމުން ދިޔަވަރަކަށް ސެބުކްޓިގިން ވަނީ އޭނާގެ މަޤާމު ވަރުގަދަކޮށް، އިންޑިއާގެ ބޯޑަރާއި ހަމައަށް އޭނާގެ ސަރަހައްދު ފުޅާކޮށްފައެވެ. ސެބުކްޓިގިންގެ ވެރިކަން ފުޅާކުރުމުގެ ސިޔާސަތު ފަހުން ހަވާލުކުރީ އޭނާގެ ދޮށީ ދަރިކަލުން އަދި ހަނގުރާވެރި ކޮމާންޑަރެއްކަމަށްވާ ސުލްޠާން މަޙްމޫދު އާއެވެ. މިގޮތުން އެ ވެރިކަމުގެ ސަރަޙައްދު ފުޅާކުރުމުގެ ސިޔާސަތު މަޙްމޫދުގެންދެވީ ހުއްޓުމެއްނެތި ކުރިއަރަމުންނެވެ.

ސުލްޠާން މަޙްމޫދު

ޣަޒްނީގެ މަޙްމޫދަކީ ފާރިސީ ބަހުން ކިޔާނަމަ (محمود غزنوی،) މަޙްމޫދު ޢަޒްނަވީ އެވެ. އެނާގެ މަޝްހޫރު ނަމަކީ ވެސް މަޙްމޫދު ޣަޒްނަވީއެވެ. 971 ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު އަފްޣާނިސްތާނުގެ އިރުދެކުނުގައި އޮންނަ ޣަޒްނާ ޓައުންއަށް އުފަންވި ޣަޒްނީގެ މަޙްމޫދުގެ ފުރިހަމަ ނަމަކީ ޔާމީން އައްދައުލާ އަބްދުލްޤާސިމް މަޙްމޫދު ބިން ސަބުކްޓިގިން އެވެ. މަޙްމޫދުގެ ކުޑައިރާ ބެހޭ ގޮތުން މާބޮޑު މައުލޫމާތެއް އެނގިފައެއް ނުވެއެވެ. އޭނާގެ ހަގަށް ދެ ބޭބެއިން ތިބޭކަމަށްވެއެވެ. މަޙްމޫދުގެ ބައްޕަ ސަބްޓެގިން އޭނާގެ ދެވަނަ ދަރިފުޅު އިސްމާޢީލް ރަސްކަމަށް އިސްކުރީ 997 ވަނަ އަހަރުގައި ހިނގި އަސްކަރީ ކުރިމަތިލުމެއްގައި ސަބުކްޓެގިން ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގެން މަރުއެނދުގައި އޮންނަވައެވެ. އޭރު އޭނާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ގޮތުން ހުނަރުވެރި ދޮށީ ދަރިކަލުން މަޙްމޫދު ހުންނެވީ ނިޝާޕޫރުގައެވެ. މީލާދީން 977 ވަނަ އަހަރުން ފެށިގެން މީލާދީން 997 ވަނަ އަހަރާއި ހަމައަށް މަޙްމޫދުގެ ބައްޕަ ސަބުކްޓިގިން ވަނީ ޢަޒްނީގައި ވެރިކަން ކުރައްވާފައެވެ.

ނިޝާޕޫރު (މިހާރު އީރާނުގައި) ބަހައްޓާފައި ހުރި މަޙްމޫދަށް އޭނާގެ ކޮއްކޮ ތަޚުތަށް ހަމަޖެއްސެވި ވާހަކަ އަޑު އިވުމުން، އެނާގެ ކޮއްކޮ އިސްމާޢީލްގެ ވެރިކަމަށް ގޮންޖަހަން ވަގުތުން އިރުމައްޗަށް މިސްރާބު ޖެހިއެވެ. މަޙްމޫދު ވަނީ 998 ވަނަ އަހަރު އޭނާގެ ކޮއްކޮގެ ލަޝްކަރުގެ  މައްޗަށް ކުރިހޯދަވައި، ޣަޒްމާވިޑް އެމްޕަރަރގެ ތަޚުތު ހޯދާފައެވެ. އޭގެ ފަހުން އޭނާގެ ކޮއްކޮ އިސްމާޢީލް، ގޭ ބަންދުގައި އޭނާގެ އުމުރު ދުވަހު ބެހެއްޓިއެވެ.

އުމުރުން 27 އަހަރުގައި މީލާދީން 998 ވަނަ އަހަރު މަޙްމޫދު ރަސްކަމަށް އިސްވެވަޑައިގަތްއިރު، އޭގެ ކުރިންވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ އިދާރީ ޤާބިލުކަމާއި ދައުލަތް ހިންގުމުގެ ކުޅަދާނަކަން ހޯއްދަވާފައެވެ. އޭނާގެ ބައްޕަގެ ރަސްކަމުގައި އެކަން ޢަމަލީ ގޮތުން ސާބިތުވެސްކޮށްދީފައި ވެއެވެ. މަޙްމޫދު ވެރިކަމަށް ވަޑައިގެންނެވިއިރު ޣަޒްނާއަކީ ކުޑަކުޑަ ރަސްކަމެކެވެ. ޒުވާން އަދި ހިންގުންތެރި މަޙްމޫދު، ރަސްކަން ފުޅާކޮށް، ބޮޑު ރަސްކަމެއް ޤާއިމުކުރުމަށް އުންމީދު ކުރެއްވިއިރު، 20 އަށް ވުރެ ގިނަ ސަރަހައްދު ފަތަޙަކޮށް، އެންމެ ފަހުން ކަޝްމީރާއި ޕަންޖާބު ސަރަޙައްދާއި އީރާނުގެ ބޮޑު ބައެއް ހިމެނޭ ފުޅާ ސަރަޙައްދެއް ފަތަޙަކޮށް ޣަޒްނާވިޑް އެމްޕަރަރ ދައުލަތުގެ މުއްސަނދިކަން އިތުރުކުރެއްވިއެވެ.

ސުލްޠާން މަޙްމޫދު ރަސްކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރަސްކަމުގެ ސަރަހައްދު ފުޅާކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު އިންޑިއާއަށް ޙަމަލާ ދިނުމަށް ވަޢުދުވެ ވަޑައިގެންނެވިއެވެ. މިގޮތުން 17 ވަރަކަށް ފަހަރު އިންޑިއާއަށް ޙަމަލާ ދިންކަމަށް ތާރީޚީ ފަތްފުތްތަކުން ހާމަކޮށްފައިވާއިރު އެންމެ ފުރަތަމަ އިންޑިއާއަށް ޙަމަލާ ދީފައި ވަނީ މީލާދީން 1001 ވަނަ އަހަރު އެވެ. އަދި އެންމެ ފަހުން ސުލްޠާން މަޙްމޫދު އިންޑިއާއަށް ޙަމަލާ ދީފައި ވަނީ މީލާދީން 1026 ވަނަ އަހަރު ކަމަށް ބުނެވެއެވެ. އެންމެ ފުރަތަމަ ހަނގުރާމަ އަމާޒުކުރީ ޕަންޖާބާއި އިންޑިއާގެ އިރުއުތުރަށެވެ. މަހުމޫދު އެންމެ ފަހުން އިންޑިއާގެ ސަރަހައްދެއްގައި ކުރި ޙަނގުރާމަކައަކީ ސޮމްނަތުގައި ކުރި ހަނގުރާމައެވެ. އެއީ އިންޑިއާގެ ދެކުނު ބަނދަރު ސަރަހައްދެއްކަމުގައިވާ މިހާރުގެ ގުޖުރާތުގެ ސްޓޭޓްގެ ފައްޅިއެކެވެ.

 

އިންޑިއާއަށް ދިން ފުރަތަމަ ޙަަމަލާ:

އިންޑިއާގެ އުތުރުގައި ސުލްޠާން މަޙްމޫދުގެ އެންމެ ބޮޑު ދެކޮޅުވެރިޔަކީ ޕަންޖާބުގެ ވެރިޔާ ޖައިޕަލް އެވެ. މީލާދީން 1001 ވަނަ އަހަރު ސުލްޠާން މަޙްމޫދު 15،000 އަސްވާރުންނާއެކު އިންޑިއާގެ ޕަންޖާބަށް ޙަމަލާ ދިނެވެ. ޕަންޖާބުގެ ވެރިޔާ ޖައިޕަލް، ސުލްޠާން މަޙްމޫދުގެ ލަޝްކަރާއި ބައްދަލުކުރެއްވީ 12،000 އަސްވާރުންނާއި، 30،000 ފައިމަގު ހަނގުރާމަވެރިންނާއި 300 ފިރިހެން ނީލަގެރި އެތާއެކުގައެވެ. ޕެޝަވާރު (މިހާރު ޕާކިސްތާނުގައި) ކައިރީގައި ހިނގި މިހަނގުރާމައިގައި އިންޑިއާ ލަޝްކަރުގެ ހަނގުރާމަވެރިންގެ އަދަދާއި އެޒަމާނުގައި ހަނގުރާތަމަތުގައި ބޭނުންކުރި ހަތިޔާރުތައް އިންޑިއާގެ ލަޝްކަރުގައި ގިނަ ނަމަވެސް އާޚިރުގައި އިންޑިއާ ލަޝްކަރު ވަނީ މުސްލިމް އަސްވާރުންގެ އަތުން ބަލިވެ،  އެލަޝްކަރުގެ 15،000 ހަނގުރާމަވެރިން މަރުވެފައެވެ. މި ނާކާމިޔާބިއަށްފަހު ޕަންޖާބުގެ ވެރިޔާ ޖައިޕަލް ވަނީ އެ ހަނގުރާމައިގައި ބައިވެރިވި، އޭނާގެ ގާތްތިމާގެ މީހުންނާއި އޮފިސަރުންގެ ތެރެއިން 15 މީހުންނާއެކު ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާފައެވެ. މުސްލިމުންގެ ލަޝްކަރާ ބައްދަލުކޮށް ލިބުނު މި ލަދުވެތި ނާކާމިޔާބަށް ކެތް ނުކުރެވި، ޕަންޖާބުގެ ވެރިޔާ ޖައިޕަލް އޭނާގެ ދަރިފުޅު އަނަންދުޕާލްއަށް ވެރިކަން ހަވާލުކުރިއެވެ. އަދި އެންމެ ފަހުން ޖައިޕަލް ވަނީ އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ ތެރެއަށް ފުންމާލައި އަމިއްލައަށް މަރުވެފައެވެ.

އާނަންދުޕާލް ވަނީ އޭނާގެ ބައްޕަގެ ލަޝްކަރު، މަހުމޫދުގެ ލަޝްކަރާއި ބައްދަލުކޮށް ލިބުނު ލަދުވެތި ނާކާމިޔާބުގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާގެ އެހެން ރާޖާއިންގެ އެހީތެރިކަމަށް އެދިފައެވެ. ރާޖާއިންނަކި އިންޑިއާގެ އެހެން މޮނާޗްތަކާއި ކިއްލާތަކުގައި ވެރިކަންކުރާ ޝާހީ ރަސްކަލުންނެވެ. އާނަންދުޕާލްގެ އެދުމަށް އިންޑިއާގެ ބައެއް ރާޖާއިން ޝަހުސީގޮތުން މާ އެދެވޭ ޖަވާބެއް ނުދިން ނަމަވެސް އަނެއްބައި ރާޖާއިން އާނަންދުޕާލްއަށް އެހީވުމަށް ލަޝްކަރުތައް ފޮނުވިއެވެ. އަދި މުސްލިމުންގެ ލީޑަރ ސުލްޠާން މަޙްމޫދާއި ހަނގުރާމަ ކުރުމަށް މުޅި އިންޑިއާ ބައްރުގެ ބޮޑު ލަޝްކަރެއް އުފެއްދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ގިނަ މޮނާޗްތަކުގެ އަންހެނުންނުތައް ވަނީ އެމީހުންގެ ގަހަނާތައް ވިއްކާފައެވެ.

 

އެންމެ ފަހުން އިންޑިއާ ރާޖާއިންގެ މި ބޮޑުލަޝްކަރާ ސުލްޠާ މަހުމޫދާ ބައްދަލުވީ ޕެޝާވަރު ކައިރިން މީލާދީން 1008 ވަނަ އަހަރު އެވެ. 40  ދުވަސް ވަންދެން ކުރި މިހަނގުރާމައިގައި ސުލްޠާން މަޙުމޫދުގެ ލަޝްކަރާއި ބައްދަލުކުރީ އިންޑިއާގެ ރާޖާއިންގެ ތެރެއިން ޚޯކަރު ގަބީލާގެ 30000 ހަނގުރާމަވެރިންގެ ދެ ލަޝްކަރަކާއެވެ. މި ދެލަޝްކަރުން މަޙުމޫދުގެ ލަޝްކަރަށް ދިން ކުއްލި ސިހުންގެނުވި ވަރުގަދަ ޙަމަލާއާ ގުޅިގެން ކުރި މުސްލިމުންގެ ލަޝްކަރަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހަނގުރާމައިގެ ވަކި ހިސާބަކުން ލަޝްކަރު ފަހަތަށް ޖެހެން ސުލްޠާން މަޙުމޫދު ގޮވާލަން ވެސް އުޅުނުވެ. ނަމަވެސް އެ ނާޒުކު ވަގުތުގައި މަހޫމޫދުގެ ލަޝްކަރުން ދިން ރައްދު ޙަމަލާއާއި ގުޅިގެން ޕަންޖާބުގެ ރާޖާ އާނަންދު ޕާލް އިންނެވި އެތް (އެލެފެންޓް) ޕެނިކުވެ ބިރުން، އައިކޮޅަށް ދުއްވައިގަތެވެ. މިމަންޒަރު ޚޯކަރު ޤަބީލާގެ ލަޝްކަރަށް ފެނުމުން އެމީހުން ހީކުރީ އެމީހުންގެ ލީޑަރު ހަނގުރާމައިގެ މައިދާން ދޫކޮށް ފިލީ ކަމަށެވެ. އެންމެ ފަހުން އިންޑިއާގެ މި ބޮޑު ލަޝްކަރު ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދިޔައީ ހަނގުރާމައިގައި އެ ލަޝްކަރުގެ މީހުންގެ ތެރެއިން މަރުވި މީހުންނާއި ޒަޚަމްވި މީހުން މަރުވާން ހަނގުރާމައިގެ މައިދާނަށް ދޫކޮށްފައެވެ. ﷲ ސުބުޙާނަޙު ވަތަޢާލާ މުސްލިމުންގެ އަދަދު މަދު ނަމަވެސް ނަޞްރު ދެއްވަނީ މިފަދަ ގޮތަކަށެވެ.

މީލާދީން 1008 ވަނަ އަހަރު ލިބުނު މި މުހިންމު ކާމިޔާބީގެ ސަބަބުން ޖެހިގެން އައި އަހަރު އިންޑިއާގެ ހިތްކަމުގައި ބެލެވޭ މަދަޔަޕްރަދޭޝް  ފަތަޙަ ކުރުމަށް މަގުފަހިވިއެވެ. އަދި އޭގެ ފަހުން އިންޑިއާގެ އެކި ސްޓޭޓްތަކާ ކުރި ހަނގުރާމަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ 1018 ވަނަ އަހަރު އުއްތަރަ ޕްރެދޭޝް ޑިސްޓްރިކްޓްގެ މުއްސަނދި ސިޓީއެއްކަމަށްވާ ކަނައުޖް ފަތަޙަ ކުރުމެވެ. ސުލްޠާން މަޙްމޫދު އިންޑިއާގެ އެކި ކިއްލާތަކާއި ގަބީލާތަކާ ކުރި ހުރިހާ ހަނގުރާމައެއް ކާމިޔާބެއް ނުވެއެވެ. މިގޮތުން ނާކާމިޔާބުވި ހަނގުރާމަތަކުގެ ތެރެއިން ސުލްޠާން މަޙުމޫދު 1015 ވަނަ އަހަރު ކަޝްމީރަށް ކުރި ހަނގުރާމަ ފާހަގަކޮށްލެވެއެވެ. އެހަނގުރާމަކުރި މަޤްޞަދު ހާސިލުނުވި ނަމަވެސް ކަޝްމީރުގެ އެކި ކިއްލާތަކުގެ ވެރިންގެ އަތުން ސުލްޠާން މަޙްމޫދަށް ޓެކްސް ދައްކަން މަޖުބޫރުވިއެވެ. މީގެ އިތުރުން މީލާދީން 1022 ވަނަ އަހަރު ގުވަރލިއަރ (އިންޑިއާގެ މަދަޔަ ޕްރަދޭޝްގެ ސިޓީއެއް)  ފަތަޙަކުރަން ކުރި ހަނގުރާމައާއި 1023 ވަނަ އަހަރު ކަލިންޖަރ (މިހާރު އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަންޑްރާ ޑިސްޓްރިކްޓްގައި ހިމެނޭ ސިޓީއެއް) ފަތަޙަކުރަން ކުރި ހަނގުރާމަ ނާކާމިޔާބުވި ނަމަވެސް އެކިއްލާތަކުގެ ވެރިންގެ އަތުން ޓެކްސް ނެގިއެވެ. މިގޮތުން އޭނާ އެނބުރި ޣަޒްނާއަށް ވަޑައިގަތީ އިންތިހާއަށް ގިނަ އަދަދެއްގެ ޣަނީމާ މުދަލާގެންނެވެ.

ސުލްޠާން މަޙްމޫދުގެ އެންމެ ފަހުގެ ރެއިޑް:

މީލާދީން 1000 ވަނަ އަހަރާއި މީލާދީން 1026 އާ ދެމެދު މަދުވެގެން 17 ފަހަރު އިންޑިއާގެ އެކި ޝަހަރުތައް ސުލްޠާން މަޙްމޫދު ވަނީ ފަތަޙަކޮށްފައެވެ. މިގޮތުން އާގްރާއާ ހަމައަށް ހަރިޔާނާ ހިމެނޭ ގޮތަށް މުޅި ޕަންޖާބު ފަތަހަ ކުރިއެވެ. އޭގެ ފަހުން މަޙްމޫދުގެ ގިނަ ރޭޑްތަކަކީ މުއްސަނދިކަން ހޯދުންކަމަށް ކުރި ރެއިޑްތައްކަމަށް ތާރީޚް ލިޔުންތެރިން ލިޔެފައި ވެއެވެ. މިގޮތަށް ތާރީޚް ލިޔުންތެރިން ސިފަކޮށްދީފައި ވަނީ ސުލްޠާން މަޙުމޫދު އެންމެ ފަހުންކުރި ރެއިޑްކަމަށްވާ ސޮމްނާތު ސިޓީ ފަތަޙަކުރުމަށް ކުރި ހަނގުރާމައަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. ސޮމްނާތު ސިޓީއަކީ ގުޖުރާތުގެ ހުޅަނގު ދެކުނުގައި އޮންނަ ސިޓީއެކެވެ.

މީލާދީން 1024 ވަނަ އަހަރު ސޮމްނާތު ސިޓީގައި ކުރި މިރެއިޑްގައި އެސިޓީ ފަތަޙަކޮށް އެ ސިޓީގެ މަޝްހޫރު ހިންދޫ ފައްޅިއެއްކަމަށްވާ “ޝިވާ” ފައްޅި އަށް ހަމަލާދީ އެތަނުގައި ހުރި މުދާތައް ޢަނީމާކުރިއެވެ. ސޮމްނާތު ސިޓީގެ އެ ފައްޅީގައި ބަރު ރަން ޗޭނުތަކާއި އެތައް ހާސް ޖަވާހިރުތަކެއް ހުރިކަމަށް ބުނެވެއެވެ. އެ ހަނގުރާމައަކީ ވަރުގަދަ ހަނގުރާމައަކަށް ވުމުން، ސިޓީގައި ކުރި ހަނގުރާމައިގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވިކަމަށް ބުނެވެއެވެ. މި ހަނގުރާމައިގައި އެތައް ހަނގުރާމަވެރިން ޝަހީދުވި ނަމަވެސް ސުލްޠާން މަޙްމޫދު ކާމިޔާބު ރެއިޑްގެ ތެރެއިން މިރެއިޑް ގުނާލެވޭނެއެވެ.

މިފައްޅި އެކި ދުވަސްވަރުގައި މުސްލިމު އެކި ލީޑަރުން އިންޑިއާއާ ކުރި ހަނގުރާމަތަކުގައި އެތައް ފަހަރަކު ތަޅާލި ނަމަވެސް 1951 ވަނަ އަހަރު މި ފައްޅިވަނީ އަލުން ބިނާކޮށްފައެވެ. ދާދި ފަހުން އެތަން ކޮނެ ކުރި ދިރާސާތަކުގެ ތެރެއިން މީލާދީން ގާތްގަނޑަކަށް 1500 ވަނަ އަހަރު ދިރިއުޅުނު އާބާދީއެއްގެ ގަބުރުތަކެއް ވަނީ ފެނިފައެވެ. ސޮމްނާތު ސިޓީ ފަތަޙަކުރި ދަތުރަށްފަހު ސުލްޠާން މަޙްމޫދު އެނބުރި ގައުމަށް ވަޑައިގަތީ މީލާދީން 1026 ވަނަ އަހަރުއެވެ. އޭނާގެ ޙަޔާތުގެ އެންމެ ފަހު އަހަރުތައް ހޭދަކުރެއްވީ އޭނާގެ ރަސްކަމަށް ނުރައްކާވާ މެދު އޭޝިޔާގެ ޤަބީލާތަކާ ހަނގުރާމަ ކުރެއްވުމުގައެވެ.

އިންޑިޔާގައި އެންމެ ފުރަތަމަ އިސްލާމްދީނުގެ ދިދަ އުފުއްލެވި ބޭފުޅަކީ ސުލްޠާން މަޙްމޫދު ކަމަށް ބުނެވެއެވެ. ބައެއް މުސްލިމް ލިޔުންތެރިންނަށް އޭނާއަކީ އީމާންތެރިކަމުގެ ބޮޑު ޗެމްޕިއަނެއްކަމަށް ސިފަކޮށްދީފައިވެއެވެ. އަދި އެއީ ސުޕަރނެޗުރަލް ޕަވަރސް ތަކެއް ލިބިފައިވާ އިންސްޕަޔަރޑް ލީޑަރެއްގޮތުގައި ސިފަކޮށްފައިވެއެވެ. އަނެއްކޮޅުން އިންޑިއާގެ ގިނަ ތާރީޚް ލިޔުންތެރިން އޭނާގެ އަސްކަރީ ކާމިޔާބީތަކަށް އަލިއަޅުވާލައްވައި، އޭނާ ސިފަކުރައްވަނީ ފުރިހަމަ ނުވާ ވަޒަންވެރިއެއްގެ ގޮތުގައާއި ކެތްތެރި ފޭރޭ މީހެއްގެ ގޮތުގައެވެ. މިއީ މުޅިން ސައްޙަ ވާހަކަތަކެއް ނޫނެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ސުލްޠާނު މަޙްމޫދު ކުރި ހަނގުރާމަތަކުގައި އޭނާގެ ނަޒަރު މައިގަނޑު ގޮތެއްގައި ބެހެއްޓީ އިންޑިއާގެ ފައްޅިތަކުގައި ރައްކާކޮށްފައިވާ ޚަޒާނާތައް ޣަނީމާކޮށް މުއްސަނދިކަން ހޯދުމަށް ކަމަށް ބަައެއް ތާރީޚީ ލިޔުންތެރިން ހާމަކޮށްފައިވެއެވެ. ސުލްޠާން މަޙްމޫދަކީ އިސްލާމްދީނުގެ ބާރުގަދަ ލީޑަރެއް ނަމަވެސް، އިންޑިއާގެ ރައްޔިތުންނާ މެދު ދުވަހަކުވެސް ހަރުކަށިކޮށް ކަންތައް ކުރައްވާފައި ނުވެއެވެ. އަދި އެމީހުންގެ މައްޗަށް އިސްލާމީ ދީން ލާޒިމުކޮށްފައެއް ވެސް ނުވެއެވެ. ސުލްޠާން މަޙްމޫދު ހިންދޫ ސިފައިންގެ ބޮޑު ކޮންޓިންޖެންޓެއް، ބެލެހެއްޓިއިރު، އެމީހުންގެ އަމިއްލަ ގައުމުގެ މީހުން އެކޮންޓިންޖެންޓުގެ ކޮމާންޑަރުންނަށް އިސްކުރިއެވެ. މެދުތެރޭ އޭޝިއާގެ އެކި ޝަހަރުތަކަށް ނުވަތަ ސިޓީތަކަށް ނިސްބަތްވާ އެކި ދީންތަކުގެ ހަނގުރާމަވެރިން ސުލްޠާނު މަޙްމޫދުގެ ލަޝްކަރުގައި ހިމެނުނުކަމަށް ތާރީޚީ ލިޔުންތަކުން ހާމަވެއެވެ. އިސްލާމްދީނަށް ބަދަލުވުމަކީ ދުވަހަކުވެސް ސުލްޠާނު މަޙްމޫދުގެ ލަޝްކަރަށް ޚިދުމަތް ކުރުމުގެ ޝަރުޠެއް ކަމުގައި އޭނާ ނުބަލައެވެ.

 

ސުލްޠާން މަޙްމޫދު އިންޑިއާގެ އުތުރު ފަތަޙަ ކުރެއްވުމުން އިންޑިއާއަށް އޭގެ ފައިދާތަކެއްވެސްވިއެވެ. އިންޑިއާ ބައްރާއި މުސްލިމް ދުނިޔެއާ ދެމެދު ވިޔަފާރިއާއި ތަޢުލީމާއި ސަގާފަތް ކުރިއަރައިގެން ދިޔައެވެ. ސުލްޠާން މަޙްމޫދުގެ މި ހަނގުރާމަތަކަކީ އެކި ޤައުމުތަގައި އިންޑިއާގެ ސަގާފަތް ފެތުރުމަށް އެހީތެރިވެދިން ކަމެކެވެ. ހަމައެފަދައިން، އޭރު މިޞްރު މީހުންނާއި، ޔޫނާނީންނާއި، ރޯމަނުންނާއި، ސީރިޔާ މީހުން ފަދަ ޤަދީމީ ރައްޔިތުންގެ ސަޤާފަތްތައް އެއްކޮށް ތަރައްޤީކޮށްފައިވާ މުސްލިމް ސަޤާފަތަށް ވެސް އިންޑިއާގައި އުފެދިގެން ދިޔައެވެ. ގިނަ މުސްލިމް ޢިލްމުވެރިންނާއި، ލިޔުންތެރިންނާއި، ތާރީޚް ޢިލްމުވެރިންނާއި، ޅެންވެރިން ފެށިގެން ގިނަ ޢިލްމުވެރިން އެތަނުގައި ވަޒަންވެރިވިއެވެ.

އަޒްނާވިޑް އެމްޕަރަރއަށް ޖުމްލަކޮށް ބަލާލުމެއް

ސުލްޠާން މަޙްމޫދުގެ އަސްކަރީ ކެމްޕޭންތަކުގެ ސަބަބުން ޣަޒްނަވީ ސަރުކާރު ކުރިއަރައި، އިސްލާމްދީން ފެތުރުމަށް މަގުފަހިވި ނަމަވެސް، އޭނާގެ އަނިޔާވެރި އުކުޅުތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ހަނގުރާމަވެރިއެއްގެ ގޮތުގައި މޮޅު ސުލްޠާން މަޙްމޫދަކީ ފަންނާއި އަދަބިއްޔާތުގެ ކުރިއެރުވުމަށް އިސްކަންދެއްވި ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

މަޙްމޫދުގެ ވެރިކަމުގެ ފުރަތަމަ ދެއަހަރުގައި ޣަޒްނީގައި އޭނާގެ މަޤާމު ވަރުގަދަ ކުރެއްވިއެވެ. މިނިވަން ވެރިއެއް ނަމަވެސް ސިޔާސީ ސަބަބުތަކާހުރެ މަޙްމޫދު ވަނީ ބަޣްދާދުގައި އޮތް އިސްލާމީ ޚަލީފާގެ ވެރިކަމެއްކަމުގައިވާ  ޢައްބާސީ ދައުލަތަށް ބައިޢަތު ހިފާފައެވެ. އޭގެ ބަދަލުގައި، އައްބާސީ ދައުލަތުގެ ޚަލީފާ ވަނީ، ސުލްޠާން މަޙްމޫދަކީ އޭނާ ހިފާފައިވާ ބިންތަކުގެ ޝަރުޢީ ވެރިޔާކަން ޤަބޫލުކޮށް، އޭނާގެ ވެރިކަން ފުޅާކުރުމަށް އިތުރު ޝަހަރުތައް ފަތަޙަ ކުރުމަށް ހިތްވަރު ދެއްވިފައެވެ.

ސުލްޠާން މަޙްމޫދުގެ ވެރިކަމުގައި ޣަޒްނަވީގައި އޭނާގެ އާއިލާ ވަރަށް ބޮޑަށް ފެތުރިއެވެ. ތަޢުލީމީ މީހުންނަށް ބޮޑު އުޖޫރަ ދެއްވައި ގަނޑުވަރުތަކާއި މިސްކިތްތަކާއި ލައިބްރަރީތައް ބިނާކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ސުލްޠާން މަޙްމޫދުގެ ވެރިކަމަކީ މެދުތެރޭ އޭޝިޔާގެ ޖަވާހިރެއްގެ ގޮތުގައި މަޝްހޫރުވިއެވެ. ޣަޒްނީގެ މަޙްމޫދަކީ އޭޝިޔާގެ އެންމެ ބޮޑު މުސްލިމް ލީޑަރެވެ. އަދަބިއްޔާތާއި ފަންނުވެރިކަމަށް ތައުރީފު ކުރައްވައި އެކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރެއްވިއެވެ. ސުލްޠާން މަޙްމޫދުގެ ރަސްކަމުގައި ފަންނާއި ސަގާފަތަށް ތާއީދު ކުރެއްވުމުން ދިގުދެމިގެންދާ ހެޔޮ އަސަރުތަކެއް ކުރިއެވެ. ފާހަގަކޮށްލެވޭ ގިނަ ޢިލްމުވެރިން ޣަޒްނާގައި ވަޒަންވެރިވިއެވެ. އޭނާގެ ދަރުބާރުގައި ފިކުރީ މާހައުލެއް އުފެދިގެން ދިޔައެވެ. ސުލްޠާން މަޙްމޫދުގެ ޒަމާނުގައި ގެންގުޅުއްވި އިޖްތިމާޢީ، ސިޔާސީ، ސަގާފީ، ދީނީ އާދަތަކާއި ތަރިކަ ދިރާސާކޮށްގެން ތާރީޚް ޢިލްމުވެރިން ކުރިއެރުންތަކެއް ހޯދިއެވެ.

އެއްބަޔަކު ދެކޭގޮތުގައި ސުލްޠާން މަޙްމޫދަކީ އިސްލާމީ ބަޠަލެކެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ ވަނީ ހިންދޫ، ބުޑިސްޓް، އަދި ޒަޔަނިސްޓުންގެ އަޅުކަންކުރާ ތަންތަން ހަލާކުކުރި އަނިޔާވެރިއެކެވެ. ސުލްޠާން މަޙްމޫދުގެ ރަސްކަމުގައި އިންޑިއާ ބައްރުގެ މުހިންމު ސަރަޙައްދެއްގެ މައްޗަށް މުސްލިމުންގެ ބާރު ގަދަކޮށްދެއްވައި، އެޤައުމުގެ ސިޔާސަތާއި ދީނާއި ޙަޟާރަތް ދާއިމީ ގޮތެއްގައި ބަދަލުކުރެއްވިއެވެ. މަޙްމޫދުގެ މުއްސަނދިކަމުގެ ތެރެއިން ޔުނިވަރސިޓީއަކާއި ލައިބްރަރީތަކާއި މިއުޒިއަމަކާއި، ބޮޑު މިސްކިތެއް ބިނާކުރެއްވައި ވެރިރަށް ޣަޒްނީ މުއްސަނދިކުރިއެވެ. ކުރުގޮތަކަށް ބުނާނަމަ މެދުތެރޭ އޭޝިއާއަށް ތަޢުލީމާއި ތަހުޒީބު ގެނެސްދެއްވި އެމްޕަރަރއަކީ ސުލްޠާން މަޙްމޫދެވެ. މަޙްމޫދު އަވަހާރަވީ ހިޖްރައިން 1030 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ދުވަހުއެވެ.

މަޢުލޫމާތު:

  • https://www.geeksforgeeks.org/mahmud-of-ghazni
  • https://www.thoughtco.com/mahmud-of-ghazni-195105
  • https://www.britannica.com/biography/Mahmud-king-of-Ghazna
ޝެއަރކުރެއްވުމަށް