ދިވެހި ތާރީޚުގެ މައްޗަށް ގިނަގުނަ މަސައްކަތްކުރެއްވި ނަސީމާ މުޙައްމަދު ވިދާޅުވާ ގޮތުން “ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ 2500 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. “(ދިވެހީންގެ ތަރިކަ 2004.)  މިއީ ދިވެހި ތާރީޚާ މެދު ލިޔުއްވައިފާ މުއައްރިޚުން އިއްތިފާގުވެވަޑައިގަންނަވާ ކަމެއް ވެސް މެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް 900 އަހަރު މި ދަނީ ވަމުންނެވެ. އެތައް ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންނެއް މި ރާއްޖޭގައި ވެރިކަން ކުރެއްވިއެވެ. ރަސްކަމަށް ފަހު އުފެދުނު ޖުމުހޫރިއްޔަތުގައި ވެސް އެތައް ރައީސަކު ވެރިކަން ކުރައްވައިފިއެވެ. ކޮންމެ ވެރިޔަކު ވެސް ކުރައްވައިފައިވާ ޚިދުމަތްތަކެއް  އެބަ ހުރިކަން ތާރީޚަށް ތެދުވެރި ކޮންމެ ލޮލަލަކަށް ވެސް ފެންނާނެއެވެ.

ބައެއް ކަހަލަ ވާހަކަތަކުން މިއީ ދާދި މިދާކަށް ދުވަހު އުފެދުނު ގައުމެއް ކަހަލަ އިހުސާސެއް ކުރާލެއް ބޮޑުކަމުން ދަންނަވައިލާ ހިތްވީއެވެ. މިރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. އެއީ މުޅޮ ދިވެހި އުންމަތުގެ ހިތުގެ ޢަޤީދާއެވެ. އެއަކާ ފަސޭހައެއްކޮށެއް ނުކުޅެވޭނެއެވެ. ދެން އޮތީ ދިވެހިބަހެވެ! އެއީ ދިވެހީންގެ ދޮށިކަމާއި ދިވެހިރާއްޖޭގެ ޙުކޫމަތުގެ މުސްކުޅިކަން ބަޔާން ކުރާ ދިރި ހުރި ނިޝާނެކެވެ. އެކި ޒަމާންތަކުގައި އެކިއެކި ބަސްބަހުގެ ނޭދެވޭ ނުފޫޒީ ބާރު ފޯރިއެއް ކަމަކު 21ވަނަ ގަރުނުގެ ފަންނިއްޔާތާ ވެސް ރައްޓެހި ވެފައިވާ ބަހަކަށް މި ވަނީ ވެފައެވެ.

ވީމާ! އިންޝާއަﷲ ދިވެހިބަހެއް ވެސް މި ގައުމަކުން ފިލައެއް ނުދާނެއެވެ.ދިވެހިންގެ އުފެއްދުންތެރި އަކުރުގެ ނިޒާމާއި އެ ނިޒާމު މިއަދު ކުރިއަރައިފައިވާ މިންވަރަށް ބަލާ އިރު ސުމޭކު އެތައް ވަސީލަތެއްގައި ދިވެހިބަސް ތާނަ އަކުރުން އެބަ ރަސްކަން ކުރެއެވެ. ދެން އޮތީ ގައުމިއްޔަތެވެ. އެއީ ބަހާއި ދީނާއި މިނިވަންކަމާއި ތާރީޚާއި ސަގާފަތުގެ މައްޗަށް ބިނާވެގެންވާ  ގައުމީ ޖަޒުބާތެކެވެ. މި ދެންނެވި އަސާސްތަކަށް އިންޝާއަﷲ  ނިމުމެއް  ނެތެވެ.  އެހެންވީމާ ދިވެހި ގައުމިއްޔަތު ވެސް ތާއަބަދަށް ހީނލަހީލަ  އޮންނަ ހުށްޓެވެ.

އަޅުގަނޑުމެންނަކީ ގަދީމީ ތާރީޚަކާއި ޒަމާންވީ ތަރިކަތަކެއް ލިބި އަމިއްލަވަންތަ ޙަޟާރަތެއްގެ ފޮނިމީރުކަން ހިއްސާކުރަމުން އަންނަތާ އެތައް ވޭލާއެއް ވީ ދުވަސްވީ މުސްކުޅި ގައުމެއްގެ ރައްޔިތުންނީމުއެވެ. އެއް ގޮތަކަށް ވެސް މިއީ އިއްޔެ ނޫން އިހަށް ދުހު އުފަންވި ގައުމެއް ނޫނެވެ.  މި ގައުމު މިހައި ރީތިކޮށް މިހައި އަމާންކޮށް ސުލްހައާ އެކު ދެމި އޮތީ ގައުމީ އެތައް އަބްޠާލުންނަކާއި ދިވެހި އެތައް ދަރީންނެއްގެ ފިދާއީ ގުރުބާނީން ކަން އަދުގެ ކުޑަކުދީންނަށް ގައުމު ދެކެ ލޯބިވާން ދަސްކޮށް ދޭން  ނަގާ ފިލާވަޅުތަކުގައި ހަނދާންކޮށްދީ ތަކުރާރުކޮށްދިނުން ހުށްޓެވެ.

އެހެން ނޫނީ މިއަދު އިވޭ ބައެއް އަޑުތަކަށް ބަރޯސާވެ މާދަމާގެ ޖީލު ދިވެހިރާއްޖޭގެ ނަމާއި ނިޝާން ވެސް ބަދަލުކޮށް ޒަމާނީ ކުރުމުގެ އިސްތިރާޖީ ތަދުބީރުތައް ކޮށްފާނެތެވެ. އެ ހެން އެ ކަންކަން ވާން ޖާގަ ނުދެމާތޯއެވެ! މިއީ ހަމަ

ކޮންމެ ދިވެއްސެއްގެ ލޯބިވާ ފަސްގަނޑެވެ. ގައުމެވެ. ވަޠަނެވެ!

ޝެއަރކުރެއްވުމަށް