ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން ފަރު މަހުގެ މަސްވެރިކަމަކީ އަތޮޅުގެ އެތެރެވަރީގައި، ފަޅުފަޅާއި، ގިރިގިރިޔާއި، ހާހަލާއި، ތިލަތިލައިގެ ކައިރީގައި އަދި ބައެއްފަހަރު އަތޮޅުތަކުގެ ބޭރުން ރަށްރަށުގެ ކައިރީގައި، ފުށޮޅުގައި ކަނޑަވަޅިތަކުގައި ތަފާތު ވަރަށް ގިނަ ގޮތްގޮތަށް ކޮށްއުޅޭ މަސްވެރިކަމެކެވެ.
ފަރު މަސްވެރިކަން އެއްބަޔަކު ކުރަނީ އާމްދަނީ ހޯދުމުގެ ގޮތުންނެވެ. ފަރުމަސްވެރިކަން ކުރުމަށް ގޮސް އުޅޭ ގިނަ މީހުން މިހާރުވެސް އެކަމުގައި ބައިވެރިވެ އުޅެނީ ފޫހިފިލުވައިލުމުގެ ގޮތުން ކަމެއް ކޮށްލުމަށެވެ. ނުވަތަ ހުސްވަގުތު ފުރާލައި މަޖާކޮށްލުމަށެވެ. މަޖަލަށް ކުރާ މިބާވަތުގެ ފަރުމަސްވެރިކަމަށް މިޒަމާނުގައި ” މަސްދަތުރު ދިޔުން” ނުވަތަ ”ނައިޓް ފިޝިންގ” އޭވެސް ކިޔައެވެ. މިއީ އެކުވެރިންނާ ނުވަތަ ޢާއިލާގެ މެންބަރުން އެކުވެގެން ކުރާ މުނިފޫހި ފިލުވުމުގެ މަސްވެރިކަމެކެވެ.
އާމްދަނީ ހޯދުމަށް ކުރާ ފަރު މަސްވެރިކަމަކީ ވަރަށް ސީރިއަސް ކަންމަތީގައި ތިބެގެން ކުރާ މަސްވެރިކަމެކެވެ. ކާންބޯން ކުރާ މަސައްކަތަކަށްވާތީ މަސްވެރިކަމުގައި ފަތިހެއް މެންދުރެއް ރޭގަނޑެއް ނޯވެއެވެ. ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް ރަތްދަކާ އަވީގައި ކެޔޮޅުންތައް ލޯބޯ ފިއްސައިގެން މަހެއް އަތުޖެހޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ.
މިއާޚިލާފަށް މުނިފޫހި ފިލުވުމުގެ މަސްދަތުރުތަކުގައި އެކަމަށް ޚާއްސަ ވަކި ވަގުތެއް ނޯވެއެވެ. މިބާވަތުގެ މަސްވެރިކަމަށް އާންމުކޮށް ގިނަ މީހުން ނިކުންނާނީ ބުރާސްފަތި ދުވަހު ހަވީރުއެވެ. ބައެއް މީހުން ހަފުތާގެ އެހެނިހެން ދުވަސްތަކުގައިވެސް މި މަސްވެރިކަން ކުރެއެވެ. ޚާއްސަކޮށް ރޯދަމަހު މިބާވަތުގެ ފަރުމަސްވެރިކަމުގައި ކަނޑުމައްޗަށް ނިކުންނާނީ ރޯދަ ވީއްލޭގޮތަށް ކާބޯތަކެތިން ބަރާކޮށްގެންނެވެ.
އާންމުކޮށް ރާއްޖޭގައި ފަރުމަސްވެރިކަން އެންމެ ރަނގަޅުކަމަށް ފެންނަނީ ހަނދުމަހުގެ ފޮއި ދުވަސްތައް ”ފޮއިމަތި” ކަމަށްވާ މުސްކުޅިން ކިޔަމުން އަންނަ ހަނދުމަހުގެ ނުވަތަ ހިޖުރީ މަހުގެ 14، 15 އަދި 16 މި ދުވަސްތަކެވެ. ރޭގަނޑަށް ޚާއްސަ މި މަސްވެރިކަން ކުރުމުގައި ހަނދު ހުންނަ މިސްރާބާއި އޮއިވަރާ ދިމާކުރަން ޖެހެއެވެ. ފަރު މަސްވެރިކަން ރާއްޖޭގެ އެކި ހިސާބުތަކުގައި އާންމުކޮށް ވަރަށް ރަނގަޅަށް ކުރެއެވެ. އެކަމަކު އެންމެންވެސް ބުނާ ވާހަކައެއް އޮވެއެވެ. މާލޭ ސަރަޙައްދުގައި ވަކި ދުވަސްވަރެއް ނެތި ފަރު މަސްވެރިކަން ނޯންނަ ވާހަކަ އާއި މަސްވެރިކަން ދަށް ވާހަކައެވެ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއް ބާވައެވެ؟
މާލޭ ސަރަޙައްދުން ފަރުމަސްވެރިކަން ދަށްވާ ސަބަބެއްކަމަށް ބައެއް މީހުން ލަފާކުރަނީ ކުޅިވަރަކަށް ހަދައިގެން ސަކަރާތެއްގެ ގޮތުގައި ފަރުމަސްވެރިކަމަށް ނިކުންނަ މީހުންގެ ޢަދަދު ގިނަ ކަމުން ވާގޮތެއްކަމަށެވެ. މިހެންވުމުން މަސްބާނާ ޕޮއިންޓްތައް ހަލަބޮލިވެ މަސް ނޫޅެނީ ކަމަށް އެ މީހުން ބުނެއެވެ.
މާލޭ މަސްމާރުކޭޓުގެ ފަރުމަހުގެ މަސްވެރިކަން ކުރާ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ޢަބްދުﷲ މިކަމާ ދެކޮޅެވެ. އޭނާ ބުނިގޮތުގައި މާލޭ ސަރަޙައްދުން އެދެވޭ ގޮތެއްގައި ފަރު މަސްވެރިކަން ނުކުރެވެނީ މާލޭ ކައިރި ހިސާބުތަކުގައި ޑައިވިންގ ކުރުން އިތުރުވެފައިވުމެވެ.
”އަޅުގަނޑަށް ހީވަނީ މި ހިސާބުގެ (މާލޭ ސަރަޙައްދު) ފަރު މަސްވެރިކަން ދަށްވަނީ މަސްބާނާ ޕޮއިންޓްތަކަށް ގެސްޓުން ގޮވައިގެން ގޮސް މާގިނައިން ޑައިވްކޮށް ފީނާ ހަދާތީހެން.” ޢަބްދުﷲ ބުންޏެވެ. އޭނާ ބުނީ މާލޭ ސަރަޙައްދުން ފަރުމަސް ލިބޭމިންވަރު ދަށްކަމުން މަސްބާނަން ދާންޖެހެނީ ވަރަށް ދުރަށް ކަމަށާއި މިހެންވުމުން ތެޔޮއަންދާ މިންވަރު ގިނަވެ މަހުގެ އަގު މައްޗަށްދާ ކަމުގައެވެ.
ޢަބްދުﷲގެ މިވާހަކަތަކާ މެދު މަސްމާރުކޭޓުގެ އެހެން ކެޔޮޅަކު ބުނީ މާލޭ ސަރަހައްދުގައި އެކިއެކި ބޭނުންތަކަށް ފަޅުތަކާއި ގިރިތައް ހިއްކުން މިއީވެސް މަސް ނުބޭނެން ދިމާވެދާނެ ސަބަބެއް ކަމަށެވެ. އެކަމަކު ސިނަމާލެ ބުރިޖު އެޅިފަހުން އެތާކައިރިން ކޮންމެވެސް ވަރަކަށް ފަރުމަސް ތިޔާގި ކަމަށް އޭނާ ބުންޏެވެ.
” މި ސަރަހައްދުން ވަރަށް ނުބޭނޭ. ނޭންގެ ކީއްވެގެން ކަމެއް. ބޮޑަށް ބެލެވެނީ މި ސަރަޙައްދުގެ ފަރުތަކާއި ފަޅުތަކާއި ގިރިތައް އެކިބޭނުންތަކަށް ހިއްކަމުންދާތީހެން. އެކަމަކު މިހާރު މަޑުމަޑުން ކޮންމެވެސް ވަރަކަށް މަސްވެރިކަން ރަނގަޅުވޭ އެބަ. ބުރިޖު އެޅިފަހުން އެތަނުގައި އުފެދިފައި އޮންނަ ބާރުގަދަ އޮއިގަނޑެއްގެ ސަބަބުން ކޮންމެވެސް ވަރަކަށް އެތާ ކައިރި މަސްވެރިކަން ތިޔާގި ކަމަށް ފެނޭ. އެކަމަކު ކުޑަކޮށް ބޭނޭ ދުވަސްވެސް އާދޭ.” ނަން ހާމަނުކުރުމަށް އެދި ކެޔޮޅަކު ބުންޏެވެ.
ކޮންމެއަކަސް، އެންމެންވެސް އިއްތިފާގުވާ އެއްކަމެއް އޮވެއެވެ. އެއީ މާލޭ ސަރަޙައްދުގައި ފަރު މަސްވެރިކަން ދަށްވުމުގެ ވާހަކައެވެ. ސީދާ މިހެންދިމާވާން ޖެހޭ އަސްލު ސަބަބުން އެއްވެސް މީހަކަށް ބުނެދޭކަށް ނޭންގެއެވެ. މިކަމާ ގުޅޭ ތަހުލީލެއް އެއްވެސް އިދާރާއަކުން ކުރިކަމެއްވެސް ދަންނަވާކަށް ނޭންގެއެވެ. އެކަމަކު މި ފަހަކަށް އައިސް މާލޭ ސަރަޙައްދުގައި ފަރުމަހުގެ މަސްވެރިކަން ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަކަމުގެ ނިޝާންތަކެއްވެސް ފެނެއެވެ. މިހެން މިދަންނަވާލީ މަސް ދަތުރުތަކުގައި ބައިވެރިވާ ޒުވާނުން މިހާރަކަށް އައިސް ”ކާލާ” ވަރަށް މަސް ބާނާތީ އާއި ކުރިން ދެންނެވި ހަޤީޤީ ފަރުމަސްވެރިން މާލެއާ ދުރު ޕޮއިންޓްތަކުން ރަނގަޅަށް މަސްބާނާކަން މާލޭ މަސްމާރުކޭޓުން ފެންނާތީއެވެ.
މާލޭ ސަރަޙައްދުގައި ފަރުމަސްވެރިކަން ދަށްވާ ވާހަކަ މިއީ ގިނަބަޔަކު ދައްކާ ވާހަކައެކެވެ. އެކަމުގެ ޙަޤީޤަތެއް އެއްވެސް މީހަކަށް ބުނެދޭކަށް ނޭންގެއެވެ. އެނގޭހާވެސް ކަމަކީ ފަރުމަސްވެރިކަމަކީ ވެސް މޫސުމާއި އޮއިވަރާއި ދިޔަވަރާ ގުޅިފައިވާ ކަމެކެވެ. މާލޭ ސަރަޙައްދުވީމައި ނުބޭނިފައި ރާއްޖޭގެ އެހެން ސަރަޙައްދެއްވީމަ ބޭނިފައި އެހެންވާ ކަމެއް ނޫނެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސްވެރިކަން ރަނގަޅު ޕޮއިންޓްތައް ހުންނަ ފަދައިން މާލޭ ސަރަހައްދުގައިވެސް ފަރުމަސްވެރިކަން ރަނގަޅަށް ކުރެވޭ ޕޮއިންޓްތައް ހުރެއެވެ. މީގެތެރެއިން ގިނަ ޕޮއިންޓްތަކަކީ ކެޔޮޅުން ވަރަށްބޮޑަށް ސިއްރުކޮށްފައި ހުންނަ ޕޮއިންޓްތަކެކެވެ. ނަމަވެސް މިހާރަކަށް އައިސް މަސްވެރިކަމުގައި ޒަމާނީ އާލާތްތައް މިސާލަކަށް ޖީޕީއެސް އާއި ފިޝް ފައިންޑަރ ބޭނުންކޮށްގެން ކަނޑުގެ ފުންމިނާއި އޮއިވަރާއި ދިޔަވަރު ބަލައިގެން ފަރުމަސްވެރިކަން ކުރުމުގައި ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.