“އިލާހީ މިބިން ކުރައްވާށި އަމާން
މިއަޅާގެ އުފަން ދިވެހީންގެ މިބިން
ތިބާ ޙަޟުރަތުން އޮހޭ މަދަދުން
ފިލާ ނުމެދާ ދިވެހީންގެ މިބިން”
– އޮނަރަބަލް ޢަބުދުއްރަޝީދު ޙުސައިން ނ.ޢ.ވ.
ނަޞްރުގެ ދުވަހޭ ބުނުމުން އަޅުގަނޑުގެ ހިތަށް ވެރިވަނީ ބިރުވެރިކަމާއި ސިހުމެވެ. ގައުމީ މިފަދަ މުނާސަބާއެއްގެ ނަން އިވުމުން އަޅުގަނޑުގެ ހިތަށް ބިރާއި ސިހުން ވެރިވަނީ ކީއްވެތޯ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދޭނެކަމާ މެދަކު ދެބަސްވާކަށް ނެތީމެވެ.
އޭރު އަޅުގަނޑަކީ ދިވެހި ސިފައިންގެ މީހެކެވެ. މަސައްކަތްކުރަނީ ފުލުސް އޮފީހުގައި ސީ. ސެކްޝަންގައެވެ. އެއީ، ޓްރެފިކް އެކްސިޑެންޓާ ބެހޭ ބައެވެ.
1988 ނޮވެންބަރު 2 ވަނަ ދުވަހުގެ ރޭ ހިނގި ޢުދުވާން ހިނގަން ފެށުމުގެ މަދު މިނެޓުކޮޅެއް ކުރިން އަޅުގަނޑު އިނީ ވޮރަންޓް އޮފިސަރ މަރުޙޫމް ސުލައިމާން މަޙުމޫދު ހުށައެޅުއްވި މައްސަލައެއްގައި ގެނައި މީހަކާ ސުވާލު ކުރާށެވެ.
އެއީ، އާދެ! 1988 ނޮވެންބަރު 2 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ފަހުގެ ވަގުތެކެވެ. ރޭގެ ބިރުވެރިކަމުގެ ވާހަކަ ދައްކާކަށް މިތާކު ނެތީމެވެ.
ޖެހިގެން އައި ވަގުތުތަކުގައި ހިނގައިދިޔަ ކަމެއް ހިނގައި ނިމިގޮސް ހިސާބަކަށް މީހުންނަށް ހަމަޖެހި ނޭވާލެވުނު ފަހުން، އަޅުގަނޑު ސެކްޝަނަށް ވަދެ ބަލާލިއިރު، ސެކްޝަނުގައި އަޅުގަނޑު އިންނަ މޭޒާ ދިމާވާގޮތަށް އަމީރުއަހުމަދުމަގަށް ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑަށް އަރާފައިހުރި ވަޒަން (އުންޑަ) ހުރީ ބިއްލޫރިގަނޑު ފޫދުއްވާލާފައި އިރަށް ގޮސް އިރުމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ދޮރުފަތްލީ އަލަމާރީގެ ބިއްލޫރިގަނޑަށް އަރައި އުންޑަ ދަތުރުކުރި މަގުގައި ހުރި ފައިލު ފޫއަޅުވާލާފައި ގޮސް ސީ ސެކްޝަނާއި ބީ ސެކްޝަނާ ދެމެދު ހުރި ބިތް ފޫދުއްވާލާފައި އިރުމައްޗަށް ގޮސް ބީ ސެކްޝަނުގެ އިރުމަތީ ފަރާތު ފާރަށް އަރައި ފާރުތެރެއަށް ވަދެ ތާށިވެފައެވެ.
ދުވަސްވީ މަސްވެރި ކެޔޮޅުން މަޖާޒީގޮތުން ބުނެއުޅޭ ބަހެއް ހަނދާން ވެއްޖެއެވެ. އެމީހުން ބުނެ އުޅުނެވެ. “ގަނެފައި ދާނީ އަބަދުވެސް ބޮޑުމަހެވެ”.
އަލްޙަމްދުﷲ! ﷲގެ ފަޟުލުވަންތަވެރިކަމުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރެއްވީއެވެ. އެ ވަގުތު އެ ގޮނޑީގައި އަޅުގަނޑަށް އިންނަން ދިމާވި ނަމަ އެ އުންޑަ ދިއައީހީ އަޅުގަނޑުގެ ފުއްކިބަ ތޮރުފާލާފައެވެ.
ޝައްކެއް ވެސް ނެތެވެ. 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ފަހަކަށް އައިސް ދިވެހިން ނުދެކޭފަދަ ބިރުވެރި ނާމާން ދުވަހެކެވެ.
ނަސީބު ދިމާކުރިގޮތުން އެރޭ، އެ ބިރުވެރި ވަގުތު އަޅުގަނޑަށް ހުރެވުނީ ސިފައިންގެ ތެރޭގައެވެ. އެރެއާ ޖެހިގެން އައި އަށާރަ ވަރަކަށް ދުވަހު އަޅުގަނޑަށް ތަޙައްމަލު ކުރެވުނު ތަޖުރިބާއަކީ އެއްވެސް ދިވެއްސަކު ދުވަހަކު ވެސް ތަޖުރިބާކުރަން އަޅުގަނޑު އެދޭނެ ތަޖުރިބާއެއް ނޫނެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ބިރުވެރި ވާހަކަަ ވިދާޅުވެ ލެއްވުމަށް ބޭނުންފުޅުވާ ބޭފުޅުން ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން، 2012 ނޮވެންބަރުު 3 ވަނަ ދުވަހު ނެރުއްވާފައިވާ ސިފައިންގެ ތާރީޚު 2، “ނޮވެންބަރު ތިނެއް” ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1991 ނޮވެންބަރު 3 ވަނަ ދުވަހު ޝާއިޢު ކުރައްވާފައިވާ “ނޮވެންބަރުު ތިނެއްގެ ޢުދުވާނީ ޙަމަލާ” ފޮތުން ވިދާޅުވުމަށް އަޅުގަނޑު ދަންނަވަމެވެ.
އަޅުގަނޑަށް ފޮތްފޮތުން ފެނި ދެނިވެ ކިއިފައި ވަނީ “ދިވެހިންނަކީ ޒަމާނުއްސުރެ ޞުލްޙަވެރިކަމާއި އަމާންކަމަށް ލޯބިކުރާ ބައެކެވެ. އިސްލާމީ އުޞޫލުތަކުގެ މަތީން އެކުވެރިކަމާ އެކު ދިރިއުޅެމުން އަންނަ ބަޔެކެވެ. މަޑުމައިތިރި ހަމަހިމޭން ދިރިއުޅުމަކަށް އާދަވެފައިވާ ބަޔެކެވެ.
ތަޅާފޮޅުމާއި ލޭ އޮހުރުވުމާއި، އަނިޔާވެރިކަމަކީ، ދިވެހިންނާ ގުޅުމެއް، ގާތްކަމެއް ހުރި ކަންކަމެއް ނޫނެވެ. ގަބޫލުކުރާ ކަންކަމެއް ވެސް ނުމެނޫންމެއެވެ.”
މިފަދަ ޡަޤާފަތެއް އަށަގެންފައިވާ ބައެއްގެ ތެރޭގައި މިފަދަ ޢުދުވާނެއް ހިނގާދިއުމުން އެކަމާ ސިހި ހައިރާން ނުވާނީ ފަހެ ކާކުތޯއެވެ؟ އަޅުގަނޑު އެންމެބޮޑަށް ސިހި އެކަމާ ޙައިރާން ވާންޖެހުނު ކަމަކީ އެކަމުގެ އެންމެ އިސްސަފުގައި، އެންއެސްއެސްގެ އަލިފާން ނިވާ ބައިގައި އޭރު އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވި އެންއެންއެސްގެ ކޯޕްރަލަކާއި ރާއްޖެއިން ބޭރުން ސަރުކާރުގެ ދީލަތި އެހީފުޅާއެކު މިލިޓަރީ ތަމްރީނު ހޯއްދަވައިގެން ސިފައިންގެ މަތީ މަގާމުތައް ފުރުއްވާފަހުރި ބޭފުޅަކު މިކަމުގެތެރޭގައި ޝާމިލު ވީތީއެވެ.
އެހެންނަމަވެސް ކުޑަކޮށް ވިސްނާލުމުން މިއީ މާބޮޑު ހައިރާންކަމެއް ލިބެންޖެހޭ ކަމެއް ކަމުގައެއް އަޅުގަނޑުގެ މިކޮށި ވިސްނުމަކަށް ނައެވެ. އެހެނީ، ސިފައިންނޭ ކީ ނަމަވެސް އެއީ ވެސް ހަމައެހެން އިންސާނުން ފަދަ އިންސާނުންނަށް ވީ ކަމެވެ. އަދި އަޅުގަނޑުމެނަށް ވުރެ މާކުރިން ކުރިއަރައި ގޮސްފައިވާ ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ޢަސްކަރިއްޔާތަކުގައި ވެސް މިފަދަ ބަޣާވަތްތައް ހިނގާފައިވާތަން ތާރީޚުން ފެންނަން ހުރިކަމެވެ.
ޙަޤީޤަތަކީ، އަޅުގަނޑުމެން (ދިވެހި ސިފައިން) ތެރޭގައި ވެސް ވެރިކަމަށާއި މަތީ ދަރަޖައަށް ދަހިވެތިވެފައިވާ ތިބި މީހުން އަބަދުވެސް ތިބޭކަމެވެ. ދިވެހި ސިފައިން ތެރޭ ހިނގާފައިވާ މިފަދަ ކަންކަމުގެ ވާހަކަތައް ލިޔެ އާންމުކޮށް ޝާއިޢުކުރެވިފައި ނެތުމުންނާއި، އަސްކަރިއްޔާ ތެރޭ އެފަދަ ކަމެއް ހިނގިނަމަވެސް އެފަދަ ކަމެއް އެނގޭ މީހާ ވެސް އެކަން ސިއްރުކޮށް ހިފެހެއްޓުމުގެ ސަގާފަތެއް ތަނުގައި ވަކިހިއްޕައި އަށަގަނެ މޫލާފައިވާލެއް ވަރުގަދަކަމުން އެކަން ކަމުގެ ހަގީގަތް އެނގޭ މީހުންގެ މަދުކަމެވެ. ނުވަތަ އެނގޭ މީހެއް އެއްގޮތަކަށް ވެސް ނެތުމެވެ.
މި ދެންނެވި ބަހުގެ ސާފު އެއް ޙަޤީޤަތަކީ، މުޙައްމަދު ޖަމީލު 2012 ޝާއިޢު ކުރެއްވި “އޯކިޑް” “ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން އަދި މުޙައްމަދު އަމީނުގެ ނިމުން 1953” ގެ 229ވަނަ ޞަފުޙާގެ ދެވަނަ ކޮލަމުގައިވާ މި ޢިބާރާތެވެ. “މިހާރު ބުނަން .. އަހަރެން މީ .. ވެރިޔަކީ، ސިފައިންގެ ވެރިޔަކީ އަހަރެން، އިހަށް ވެސް ކަލޭމެންގެ ވެރިމީހާނު ..” ތުއްތުމަނިކާއި، ކަރޯ އިބްރާހިމްފުޅާއި ޙާޖީގެ ދޮން އިބުރާހީމްފުޅާއި ތިން މީހުންނަށް މުޙައްމަދު އަމީނު ކުރެއްވި މި އަމުރާއި އެ އަމުރަށް އެވަގުތު ސިފައިންގެ އިސްސަފުގައި ތިއްބެވި ދައްޕަރު މޫސާ މަނިކާއި އޮގަރު ކަޅުހުއްތު ފަދަ އެއްވެސް ބޭފުޅެއްގެ ލަފައެއް އިރުޝާދަކަށް އެހުމެއް ކެހުމެއް ނުވަތަ ބެލުމެއްނެތި އެމީހުން ކިޔަމަންތެރިކަން އަދާކުރުމެވެ.
“ދޭބަލަ … ކަލޭމެން ތިން މީހުން ގޮސް އިބްރާހީމް ދީދީ ގޮވައިގެން އަންނަން،”
(އަޅުގަނޑުގެ ކޮށި ޢިބާރާތުން މި ދެންނެވި އެއްޗެއް ރަނގަޅަށް ފަހުމުވެ ވަޑައިގަންނަވާނީ އެ ފޮތުގެ ހަތްވަނަބައި، 210 244 ވަނަ ޞަފުޙާއަށް ވިދާޅުވުމުންނެވެ).
އާދެ، އެ ދުވަހުގެ އެ ޙާލަތާއި މިއަދުގެ މިހާރުގެ ޙާލަތާ ވެސް ތަފާތެވެ. ކަންކުރާގޮތާއި ބާވަތާ ލިބިހުރި ވަޞީލަތް ވެސް ތަފާތެވެ. ގިނަގުނައެވެ. އެ ދުވަހު، ކޮޅު ފޭއްސި ކުރެދިގަނޑެއް އަތުގައި އޮތްއިރު މިއަދު އަތުގައި ހުރީ ބާރުގަދަ ބުރައުނީ ފިސްތޯލައާއި ހަނގުރާމަމަތީ ބޭނުންކުރާ ސްމޯލް އާމްސްގެ ބާވަތްތަކުގެ ތަފާތު ބަޑިތަކާއި އަތުބޮމާއި އެކްސްޕްލޯސިވްގެ ބާވަތްތަކެވެ. އެ ދުވަހު ކޮޅުފޭއްސާފައިހުރި ކުރެދިބުރިއެއް ހިފައިގެން އެއްވެެސް ފަންނީ ހުނަރެއް ލިބިފައި ނެތް ބަޔަކު ތިބިއިރު، މިއަދު ކޮންމެ ހަތިޔާރެއްގެ ފަހަތުގައި ހުރީ އެ ހަތިޔާރެއްގެ ފުރިހަމަ ޓްރޭނިންގް ހޯދާފައިވާ މީހެކެވެ. ވީމާ، މިއަދު އަޅުގަނޑުމެން، އާދެ، ދިވެހި ސިފައިންނާއި ގައުމުގެ އަމަން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާ އިހުނަށް ވުރެ މާބޮޑަށް ވެސް ބޮޑުވެއްޖެއެވެ. ފާރަވެރިވެ، ރައްކާތެރިވެ ބަލަހައްޓަންވީ ދިމަދިމާއާއި ކަންތައްތައް މާގިނަވެ އިތުރުވެއްޖެއެވެ. މާލޭގެ މަގުތަކުގައާއި، ވަށައިފާރުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތަކުން ފެށިގެން ގައުމަށް އަރާފައިބައިވާ ކޮންމެ މީހަކަށާއި އެ މީހާގެ އަތުގައި އޮންނަ މޯބައިލް ފޯނަށް ދަންދެން ފާރަވެރިވާން ޖެހިއްޖެއެވެ.
ނަޞްރުގެ ދުވަހަކީ މަސައްކަތްތެރިން މަސައްކަތާ ދުރުގައި ހަމަހިމޭންކަމާ އެކު އަރާމުކޮށްލަން، ޕިކްނިކް ހަދާލަން ނުވަތަ މަޖާކޮށް “އެންޖޯއީ” ކޮށްލަން، އަތުގައި އޮތް އެއްޗެއް ޚަރަދުކޮށްފައި ރާއްޖެ ތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދުވަހަކަށް ނަހަދައި ނަޞްރުގެ ދުވަހަކީ ހިމޭންކަމާއެކު ތިބެގެން މި ބަވަނަވެފައިވާ ދުނިޔޭގެ އުތުރާއި ދެކުނުގައި، އިރާއި ހުޅަނގުގައި، ހިނގާ ކަންކަމާމެދު ނިކަން ފުންކޮށް ވިސްނައި ފިކުރުކުރާ ދުވަހަކަށް މިހާރަށްވުރެ ބޮޑަށް ހަދަން ވެއްޖެއެވެ.
އަޅުގަނޑުމެންގެ ކުދި ޅަދަރިންނާއި ޒުވާނުންނާއި ހަރުމީހުންނާއި ގައުމުގެ އަޝްރާފުން އެއްތަނަކަށް އެއްވެ، އެކަކު އަނެކަކަށް ހިތް ސާފުކޮށް އިހުގެ ބަޠަލުން ކުރައްވާފައި ހުރި އަގުބޮޑު، މަތިވެރި ޖިހާދުގެ ޒިކުރާ އައުކޮށް އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަންނަންވީ ދުވަހެވެ. އޭރުން ގައުމުގެ ދުޝްމިނުން ނިކަމެތިވެ ބަލިވެދާނެއެވެ.
އަޅުގަނޑުމެންނަކީ ޞުލްޙައަށް ލޯބިކުރާ ބަޔަކަށް ވުމުން އަޅުގަނޑުމެންނާ ދެކޮޅުވެ ދެބަސްވާނެ ބަޔަކު ނުތިބޭނެއެވެ. ވެރިކަން ވައްޓާލުމަށް، ސިފައިންގެ އަތުލުމަށް ގުޅަކުޅޭ ފަސްގަނޑަށް ނުވަތަ ޖުމްހޫރީ މައިދާނަށް ނޫނީ ލޮނުޒިޔާރަތްކޮޅު އުސްފަސްގަނޑަށް އެއްވާނެ ބަޔަކު ނުތިބޭނެއެވެ. ބޭރުން ކުލީސިފައިންގެ ބަޔަކު ގޮވައިގެން އައިސް ސިފައިންގެ މަރުކަޒު އަތުލުމަށް ސިފައިންގެ ވަށާލުމުން ފެލިދޫ ޢަޒީ އެ ވިދާޅުވިހެން ސިފައިންގެ ހަމަލާ ގަދަކޮށް މީހުން ފަހަތަށް ޖައްސާކަށް ނުޖެހޭނެއެވެ.
“ސިފައިންގެ މަރުކަޒު އަތުލުމަށް ސިފައިން ކުލީ އަތުރާލުމުން
ސިފައިންގެ ޙަމަލާ ގަދަކަމުން ފަހަަތަށް ޖެހެން ފަށްޓައިފިއޭ”
– ފެލިދޫ ޢަޒީ –
އަޅުގަނޑުގެ ނަޒަރުގައި ނޮވެންބަރުު 3 ވަނަ ދުވަހަކީ، އާދެ، ނަޞްރުގެ ދުވަހަކީ، އިސްވެ ދެންނެވި ފަދައިން ޗުއްޓީ ހަދާލައި “އެންޖޯއީ” ކޮށްލަން ހަމައެކަނި އޮތް ދުވަހެއް ނޫނެވެ. ނަޞްރުގެ ދުވަހަކީ މ.ފަޒާ މުޚުތާރު ފަހުމީ އެ ވިދާޅުވާ ފަދައިން އެ ހަނދާން، އިހުގެ މުޖާހިދުންގެ ހަނދާން އައުކޮށް ޚުޝޫޢު ވެރިކަމާއެކު، ޝަހީދުވާން ތައްޔާރަށް ތިބި ބަޔަކު މި ގައުމުގައި އެބަތިބިކަން ބަހާއި ޢަމަލުން ހާމަކުރަންވީ ދުވަހެވެ.
ގައުމަށް ހެޔޮއެދޭ ޚާދިމުން ގައުމުގައި އުފެދޭ ފަދައިން އަބަދުވެސް، ދުޝްމަނުންނާއި ޚާއިނުންނާއި ވެރިންނަށް ޚުޝާމަދު ކުރާނެ މީހުން އުފެދޭނެކަން ދަނެ އެމީހުންގެ ކިބައިން ސަލާމަތްވެވޭނެ ގޮތްތަކާމެދު ވިސްނާ ފިކުރު ކުރަންވީ ދުވަހެވެ.
“އެފަދައިން މިތާ ޝަހީދުވާން އެދިގެން ޚުޝޫޢުވެރި ވާން
އެހަނދާން ކުރާން ނޮވެންބަރުު ތިންވަނަ ދުވަހު ތިބެންވީ
މަޝްހޫރު ދުޝްމިނުންނާ، ބަސް ހުތުރު ޚާއިނުންނާ
އަސްލަށް ރުޖޫޢަވާކަން ވިސްނާ ފިކުރު ކުރަންވީ
މަގުޞަދު ނުބައި ޢަދާވާތް ވަގުސަފުތަކާ ބަޣާވާތް
މަގުފަހި މުނާފިގުން ވެސް މުޅިއުންމަތަށް އެނގެންވީ
ދުނިޔޭގެ އަސަރުތަކުގައި އަނިޔާގެ ކުރިމަތީގައި
ދިވެހީންގެ ނާރުތަކުގައި ޒިކުރާގެ ލޭ ހިގަަންވީ”
– މުޚުތާރު ފަހުމީ މ.ފަޒާ –
އާދެ، އެންމެ ފަހުން ހަނދާން އައު ކޮށްދިނުމުގެ ގޮތުން ބ.ދަރަވަންދޫ ޔޫސުފު ޢަލީ ފުޅުގެ ‘ނަޞްރުލްވަޠަންގެ ޛިކުރާ’ ޅެމުން ކޯޓު ކޮށް ދަންނަވަމެވެ.
“ޙުއްބުލްވަޠަން މި ޖީލަށް ދެއްވައިިފިކޮށް ޚަޒާނާ،
ރުއްސެވި މަގުން މި ދީބަށް ސިލްމާ އަމަން އަމާނާ”
– ޔޫސުފު ޢަލިފުޅު ބ. ދަރަވަންދޫ –
(ނިމުނީ)