ދިވެހިންނަކީ ޒަމާނުއްސުރެ ހަމަޖެހުމާއި ސުލްޙައަށް ލޯބިކުރި ސާދާ ބައެކެވެ. އެކަކު އަނެކަކަށް އަޅާލުމާއި، ބަހައްޓާ އޯގާތެރިކަމަކީ އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިކަމާ އެކު ފާހަގަކުރާ ރީތި ސިފަތަކެވެ. ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވުމުގެ ނަސީބު ލިބިގަނެ، އެ ދީނުގެ އަސްލުތަކުގައި ހިފަހައްޓައިގެން ކާމިޔާބު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަމުންދިޔަ ހީވާގި، މުރާލި ބައެކެވެ.
ޒަމާން ބަދަލުވެއްޖެއެވެ. ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރު މި ރީތި މަންޒިލަށް ވެސް ވާސިލުވެއްޖެއެވެ. ދުނިޔޭގެ ކަންކޮޅުތައް ހުރަސްކޮށް މި ހިތްފަސޭހަ އަމާން މަންޒިލަށް ނޭދެވޭ، ދެކެން ބޭނުން ނުވާ ކުލަވަރުތައް އައިސް ދިވެހިރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކަށް ބީއްސާލިއިރު، އަޅުގަނޑުމެން ތިބީ އެއީ ނުހިނގާ، ނުފެންނަ މަންޒަރުތަކެއްގެ ގޮތުގައި ބަލައިގެންނެވެ. ފަތުރުވެރިކަމުން ނަފާ ހޯދައިގެން ދިރިއުޅެމުންދިޔަ ސުލްޙަވެރި އަމާން މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ގައުމުގެ ރީތި ނަމަށް ކިލަނބު ކަމެއް އަތުވެދާނެ ކަމުގެ ބިރަށެވެ.
އެއްވެސް ބާވަތެއްގެ ބިރެއް، ނުރައްކަލެއްގެ އިޙުސާސް ނުކުރެވި ތިބި ކުޑަކުޑަ އާބާދީއަށް ސިހުން ގެނުވީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ޙަމަލާއެވެ. އެއާއެކު ދިވެހިރާއްޖެއަށް ވެސް ކުރިން ކުރިމަތިވަމުން ނުދާ ތަފާތު ނުރައްކާތައް ކުރިމަތި ކުރުވަފާނެ ކަމުގެ އިންޒާރު ލިބުނެވެ. އެ އިންޒާރުތަކާ ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމަކީ ގައުމީ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކި ހަލުވި ފިޔަވަޅުތަކެއް އެޅިއެވެ.
އަސްކަރީ ގޮތުން ގައުމު ހޭލާ، އެ ދާއިރާއިން ގައުމަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އެ ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދިޔަ އިރު، ކުރިން އަޅުގަނޑު ފާހަގަކުރި އޮއިވަރުތަކާމެދު އެކަށީގެންވާ ސަމާލުކަމެއް ނުދެވުނެވެ. އޭގެ ބަދަލުގައި ގައުމުގައި ފެންނަމުންދިޔައީ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފަރުދީ މިނިވަންކަމާއި ޑިމޮކްރެޓިކް އުސޫލުތައް ގެނައުމަށް ކުރެވެންފެށި މަސައްކަތްތަކެވެ.
ސިޔާސީ ގޮތުން ހަރަކާތްތެރިވެ އުޅުމުގެ މިނިވަންކަން ދިވެހިން މިދަނީ ތަޖުރިބާ ކުރަމުންނެވެ. ޑިމޮކްރެޓިކް އުސޫލުތައް ތަޢާރަފު ކުރެވި، ޑިމޮކްރަސީގެ ފޮނި މީރުކަން ވެސް ދިވެހީން މިދަނީ ތަޖުރިބާ ކުރަމުންނެވެ. އިމެއްނެތިއެވެ. ގައުމަށް ގެންނަމުންދިޔަ ޒަމާނީ ބަދަލުތަކާއެކު، އަންނަންޖެހޭ އެހެން ކަންކަން ލިބިގަތުމަށް ވަގުތު ނުހޯދައެވެ. ތަޢުލީމީ ޖީލެއް ބިނާ ކުރުމަށް ބޭނުންވާ ވަގުތު ނުހޯދައެވެ. ފަންނީ ދާއިރާތަކަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހޯދޭނެ ގޮތްތަކެއް ތަނަވަސް ނުކުރެވިއެވެ.
ޙައްޤުތައް ޙިމާޔަތް ކުރުމުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ބޮޑު އެއް ބަދަލަކީ، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ތަޢާރަފު ކުރެވުނު “ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 19/2019” އެވެ. މި ޤާނޫނުގައި “ކުޑަކުދިން” މާނަ ކޮށްފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ. މި ޤާނޫނުގައި ކުޑަކުދިންގެ ޙައްޤުތައް ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްފައިވާއިރު، ގައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ގައުމުގެ އަންނަން އޮތް ޖީލުތަކުގެ މުހިންމުކަން ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށް ޓަކައި ވުޖޫދަށް ގެނެވުނު “ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު 18/2019” ގައި ހަރުދަނާ، ކުށްމަދު ޖީލެއް ބިނާ ކުރުމަށް ބޭނުންވާނެ އަސާސްތަކާއި، ހިންގަންވާނެ ހަރަކާތްތަކާއި ޒިންމާތައް ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްފައިވެއެވެ. މި ދެ ޤާނޫނުގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގައި ވެސް ކުޑަކުދިންނަށް ޚާއްޞަ ބާބެއް އެކުލެވިގެންވެއެވެ.
ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މި ޤާނޫނުތަކުގައި 18 އަހަރު ނުފުރޭ ކުދިންނަކީ ކުޑަކުދިން ކަމަށް ކަނޑައަޅުއްވާފައި ވާއިރު ޢާންމު ގޮތެއްގައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އަދިވެސް އޯލެވެލް އިމްތިޙާނު ނުވަތަ ގްރޭޑް 10 ނިންމުމަށްފަހު، ތަޢުލީމީ ޙަޔާތް ނިންމާލާ ނުވަތަ ނިންމާލަންޖެހޭ ބައެކެވެ.
ތަޢުލީމީ ޙަޔާތް ނިންމާލުމާ އެކު، އެކުދިން ދެން ނިކުންނަން ޖެހެނީ މުޖުތަމަޢުގެ ތެރޭގައި އޮތް ހަލަބޮލި މާޙައުލުގެ ތެރެއަށެވެ. ޤާނޫނީ ގޮތުން ބޮޑެތި މީހުންގެ ގޮތުގައި ނުބެލެވުނަސް މީގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ވަގުތު ހޭދަކޮށް ޙަރަކާތްތެރިވެ އުޅެން ޖެހެނީ ޢާންމު މާޙައުލުގައެވެ. ގިނަ ޢަދަދެއްގެ ކުދިން ކިޔެވުމަށް ޝައުޤުވެރިކަމެއް ނުދޭއިރު، މަސައްކަތެއް ކޮށް ޒިންމާދާރުކަމާ އެކު ދުވަސްތައް ހޭދަކުރަނީ މަދު ޢަދަދެއްގެ ކުދިންނެވެ. ގޮންޖެހުންތައް ނެތިއެއް ވެސް ނޫނެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ތެރެއަށް ހުށަހޮޅުމަށް މަގުފަހިވަނީ ހަމައެކަނި ތަޢުލީމު ހާސިލުކުރުމަށް ނުވަތަ ޢަމަލީ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަމެއް ނުދިން ކުދީން އެކަންޏެއް ނޫނެވެ. އެ ކުދިންނެކޭ އެއްފަދައިން އަމިއްލަ މަސައްކަތްކޮށް، ޒިންމާދާރު ކަމާއެކު އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތް ކޮށް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ހިތްވަރާއެކު މުޖުތަމަޢަށް ނުކުންނަ ވަރަށް ގިނަ ކުދިންނަށް ވެސް ކުރިމަތިލާން ޖެހެނީ ހިތްދަތިކަމެވެ. މަސައްކަތްތެރިކަމުގެ މާޙައުލުގެ ތެރޭގައި ހިނގާ ނޭއްގާނީ ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުންނަ ކުދިންނަށް ކުރިމަތިވާ މައްސަލަތަކާއި ކުދި ވިޔަފާރި އާއި ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރުމަށް ނުކުންނަ ކުދިންނަށް ކުރިމަތިވާ ކަންކަމަކީ ހިތާމަވެރި، އަޅައިނުލާ ދޫކޮށްލައިގެން ތިބެވެން ނެތް އިޖުތިމާޢީ ބޮޑެތި މައްސަލަތަކެވެ. ދިވެހި މުޖުތަމަޢުގައި ޢާންމުވެފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި، ޖިނާޢީ ކުށްތަކަށް އަރައިގަތުމާއި ގޭންގުތަކުގެ ބާރުގެ ދަށަށް ނުގޮސް ސަލާމަތްވުމަކީ ދަތިކަމެކެވެ.
ގްރޭޑް 10 ނިންމާ ޢުމުރުފުރައިގެ ކުދިން، އެ ކުދިން މުޖުތަމަޢުގެ ތެރޭގައި ގާތްގަނޑަކަށް ދެ އަހަރު ހޭދަކުރުމަށް ފަހު ރަސްމީ ވަޒީފާތަކަށް ކުރިމަތިލާ އިރު ޚާއްޞަކޮށް ސަލާމަތީ ބާރުތަކުގެ ވަޒީފާތަކަށާއި ޔުނިފޯމް ސަރވިސްތަކުގެ ވަޒީފާތަކަށް ކުރިމަތިލާ އިރު، މި ފަރާތްތަކުގެ އަޚްލާޤަށާއި ދިރިއުޅުމުގެ އާދަކާދަ ހުންނަގޮތުން މިދެންނެވި މުއައްސަސާތަކަށް ބޭނުންވާ އެންމެ އެކަށޭނެ ބަޔަކު ހޯދުމަކީ ދަތިކަމެކެވެ. މިފަދަ ފަރާތްތަކުގެ ހުންނަ ބައެއް ނޭދެވޭ ކަންތައްތަކަކީ ދިގު މުއްދަތެއްގެ ތަމްރީނާއި މެންޓަޝިޕްގެ ތެރެއިން ނޫނީ ބަދަލުކުރަން އުނދަގޫ ކަންތައްތަކެވެ. އަދި މި އާދަކާދަތަކުގެ ސަބަބުން އައިސްފައިވާ ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ތަމްރީނުތައް ފުރިހަމަ ކުރުމާއި، އެ ސަފުތަކުގައި ބެހެއްޓުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. ޔުނިފޯމް ސަރވިސްތަކުން ވަޒީފާ ނުލިބޭ މީހުންނަށް އޮތީ ވަޒީފާއެއް ހޯދުމުގެ ގޮންޖެހުމެވެ. އެ ވަޒީފާ އަދާކުރަން ދާންޖެހޭ މާޙައުލުގެ ބިރުވެރިކަމާ ކުރިމަތިލުމެވެ. މިއިން އެއްވެސް ގޮންޖެހުމަކާ ކުރިމަތިލާން ބޭނުންނުވާ ފަރާތްތައް ގިނަ ފަހަރަށް ވަނީ މުޖުތަމަޢަށް ބޮޑު ބުރައަކަށް ނުވަތަ ބޮޑު ނުރައްކަލަކަށެވެ.
ތަޢުލީމް އުނގެނުމަށް ޝައުޤުވެރިކަމެއް ނެތް، ވަޒީފާ އަދާނުކުރާ ފަރާތްތަކުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކަށް އޮތް އެއް ޙައްލަކީ ތަރުބިއްޔަތާއެކު ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތްކުރުމެވެ. 1980 ގެ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވުނު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުތަކުން ހުނަރުވެރި، ޒިންމާދާރު ޒުވާނުން އުފައްދަމުންދިޔަ އިރު، މި ޒުވާނުން ދިޔައީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ސިނާޢަތުގައި ނަމޫނާ ދައްކައި އެކި ރޮނގުރޮނގުން ގައުމަށް އެތައް ކުރިއެރުންތަކެއް ގެނެސްދެމުންނެވެ. މިއަދުވެސް މިޕްރޮގްރާމް ފުރިހަމަކޮށް ޢަމަލީ މައިދާނުގައި ޙަރަކާތްތެރިވަމުންދާ ގިނަ ފަރާތްތަކަކަކީ މުޖުތަމަޢުގައި ނަމޫނާ ދައްކަމުންދާ ބައެކެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އައި ބަދަލުތަކާއި އިތުރުވެގެން ދިޔަ ތަޢުލީމީ ގިނަ ފުރުސަތުތަކާ އެކު، ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުތަކަށް ކުރިމަތިލާނެ އެކަށީގެންވާ ރަނގަޅު ކެނޑިޑޭޓުން ނުލިބި ދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، މި ތަމްރީނުތައް ދެމުންދިޔަ ގިނަ ސެންޓަރުތަކުން ހިންގަމުންދިޔަ ޕްރޮގްރާމްތައް ހުއްޓުމަކަށްއައުމެވެ.
ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުތަކުގެ ދުވެލި މަޑުޖެހުމަށްފަހު ދެން ފެނިގެންދިޔައީ ހުނަރުވެރިކަމުގެ ފަންނުތައް ކުރިއެރުވުމަށް ޝައުޤުވެރި ފަރާތްތަކުން، އަމިއްލަގޮތުން ކުރަންފެށި މަސައްކަތްތަކެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ފަދަ އަމިއްލަ އިންސްޓިޓިއުޓް، ސްކޫލުސް އަދި ކޮލެޖްތަކުން މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ޒުވާނުން އުފެއްދުމަށާއި، މަސައްކަތްތެރިކަން ދަސްކޮށް އަމިއްލަ މަސައްކަތުން ޢާމްދަނީއެއް ހޯދާ ނަމޫނާ ޒުވާނަކަށް ވާންބޭނުންވާ ޒުވާނުންނަށް މި އިންސްޓިޓިއުޓްތަކުން ވަރަށް ރަނގަޅު ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ދިޔައީ އަދި މިހާރު ވެސް ދަނީ ހިންގަމުންނެވެ.
ފުރުސަތުތައް ބައިވަރެވެ. ނަމަވެސް މުޖުތަމަޢުން އެކަށީގެންވާ ސަމާލުކަމެއް ނުދެވި، އަޅާނުލެވި އޮތް ބޮޑު އާބާދީއެއް މާލެއާއި އަތޮޅު ތެރޭގައި ވެސް އެބައޮތެވެ. ކުށުގެ ވެއްޓަށް ހުށައެޅުމުގެ ބިރު އޮތް ކުދިންނާއި ކުށުގެ ވެށީގެ ތެރޭގައި ހަރަކާތްތެރިވާ ކުޑަކުދިންނާއި ޒުވާނުންނަކީ އާބާދީގެ ނިސްބަތުން ބޮޑު އާބާދީ އެކެވެ.
ކުށުގެ ވެށީގައި ތިބި އާބާދީއާއި ކުށުގެ ވެއްޓަށް ހުށަހޮޅުމުގެ ބިރު އޮތް އާބާދީއަށް އޮތް އެއް ފަރުވާ އަކީ “ޔުނިފޯމްޑް ސަރވިސަސް” މެދުވެރިކޮށް ގައުމުގެ ތަރައްޤީގެ ޙިއްސާދާރުންގެ ގޮތުގައި އޮތް މި ބޮޑު އާބާދީ ހަމަމަގަށް އެޅުވުމެވެ. މި ވިސްނުމަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން ވެސް ގެންގުޅުނު ވިސްނުމެއްކަމަށް ބެލެވެއެވެ. 1988 ވަނަ އަހަރުގެ ޢުދުވާނީ ޙަމަލައަށް ފަހު ދިވެހި އަސްކަރިއްޔާއަށް ޒުވާނުން ޚިދުމަތް ކުރުމަށް މަޖުބޫރު ދުވަސްތަކެއް ދިޔަ އިރު، އެކަމަށް ފުރަތަމަ ބެލެނިވެރިން ފަސްޖެހި ޒުވާނުން ދެކޮޅުހަދަމުންދިޔަ ނަމަވެސް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބެލެނިވެރިންނަށް ޤަބޫލުކުރެވި، އެ ޚިދުމަތަށް ކުރިމަތިލާ ޒުވާނުންގެ ނިސްބަތް ދިޔައީ އިތުރުވަމުންނެވެ. އޭގެ ހެޔޮ ނަތީޖާ ދިޔައީ އަސްކަރީ ޚިދުމަތުންނާއި މުޖުތަމަޢުން ވެސް ފެންނަމުންނެވެ.
ޒުވާނުން އަސްކަރިއްޔާއަށް ޚިދުމަތް ކުރުމަށް ބަޖުބޫރު ކުރުވުމުން ލިބުނު ހެޔޮ ނަތީޖާގެ އަލީގައި މިއަދު މިވަނީ، ހަރުދަނާ، ޒިންމާދާރު ޖީލެއް ބިނާކުރުމަށް ޔުނިފޯމްޑް ސަރވިސަސް މެދުވެރިކޮށް ގައުމީ ޙަރަކާތެއް ފަށަންޖެހިފައެވެ. ޒުވާނުންނާއި ޒުވާން ޢުމުރުފުރައިގެ ކުދީންގެ މިއަދުގެ ޙާލަތަށް ބަލާއިރު، އަސްކަރީ ބަޔަކަށް މެނުވީ މިކުދީން ހަރުދަނާ ބަޔަކަށް ހެދުމަކީ ދަތި ކަމަކަށްވާނެއެވެ. އަސްކަރީ ތަމްރީނުތަކުގައި 7/24 ކޮންމެ ދަރިވަރަކު ވެސް މުދައްރިބެއްގެ ބެލުމުގެ ދަށުން ބެލެހެއްޓުމުގެ ނިޒާމެއް އެކުލަވާލެވިފައިވާ އިރު، ދަރިވަރު ތަމްރީނުދޭ މަރުކަޒުގައި ޢަމަލުކުރާ އުޞޫލާއި ޚިލާފްވެއްޖެ ނަމަ އެކަމަށް ކަނޑައަޅެފިވާ އަދަބު ދެވި، ކައުންސިލް ކުރެވެއެވެ. ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ހުނަރު ދަސްކޮށްދިނުމާއި ޒިންމާދާރު މީހަކަށް ހެދުމަށް ދޭންޖެހޭ ތަމްރީނުތައް މެދުނުކެނޑި ދެވެއެވެ.
ދެން އޮތީ ތަމްރީނުދޭ މަރުކަޒުން ކަނޑައަޅާ މިންގަނޑު ހާސިލުކުރާ ފަރާތްތަކަށް ވަޒީފާގެ މާޙައުލުން ފުރުސަތު ހޯދައިދިނުމުވެ. ޔުނިފޯމްޑް ސަރވިސްތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރަނގަޅު ވިސްނުމެއްކަމަށް ޤަބޫލުކުރެވެއެވެ ނަމަވެސް ވަޒީފާގެ މާޙައުލުގައި ވެސް ވަކި މުއަދަތެއްގައި ޚާއްޞަ އުސޫލުތަކެއްގެ ތެރެއިން މޮނީޓަރ ކުރެވި، ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ނުގެންގުޅެފި ނަމަ ކުރިން ކުރަމުންދިޔަ ކުށްތަކަށް އަރައިގަތުމާއި ވަޒީފާ އަދާކުރާ މުއައްސަސާއަށް ބޮޑެތި ބަދުނާމު ލިބި ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާގެ އިތުބާރު ގެއްލުމުގެ ފުރަސަތު ބޮޑުވެގެންދާނެއެވެ. ޚާއްޞަގޮތެއްގައި “ކޮންޓްރޯލްޑް އެންވަޔަމަންޓް” ތަކުގައި ގެންގުޅޭއިރު އެތަނެއްގައި ހެދިފައިވާ އުޞޫލުތަކަށް ތަބަޢަވެ، ޢަމަލުކުރުމަށް މަޖުބޫރީ ޙާލަތުގައި ދުވަސްތައް ހޭދަ ކުރުމަށްފަހު، އަމިއްލަ މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ލިބުމުން، ކުރީގެ ދިރިއުޅުމަށް އަނބުރާ ދިޔުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ސަލާމަތީ ބާރާއި، ޔުނިފޯމްޑް ސަރވިސަސްއަކީ ގައުމުގެ މިނިވަންކަމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގެ އެންމެ އިސްދައުރު އަދާކުރުމަށް ތިބި ފަރާތްތައް ކަމަށް ވުމާ އެކު، މި މުއައްސަސާތަކަށް ރެކްރޫޓް ކުރުމާއި، ރެކްރޫޓް ކުރުމަށްފަހު ވެސް ވަކި މުއްދަތެއް ކަނޑައަޅައި އެމުއްދަތުގައި ޚާއްޞަ މޮނިޓަރިންގ ސިސްޓަމެއްގެ ތެރޭގައި ގެންގުޅުން މުހިންމެވެ. ނޫންނަމަ މިހާރު ވެސް މަދުން ނަމަވެސް ދިމާވަމުންދާ އަޚްލާޤީ މައްސަލަތައް ގިނަވެ ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާތަކަކީ އެއްވެސް އަގެއްނެތް ބަޔަކަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. ހަމައެއާ އެކު، މާޔޫސްވެ ގޮތްހުސްވަމުންދާ ޖީލެއް ހަމަމަގަށް އަޅުވައި، ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް ޔުނިފޯމްޑް ސަރވިސްތައް ގުޅިގެން ގައުމީ ފެންވަރުގައި އެ ފަރާތްތަކަށް ތަމްރީނު ދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ފަށަންޖެހޭ މުހިންމު ގައުމީ މަސައްކަތެކެވެ.