އަޅުގަނޑަކީ ފޮތް ކިޔާ ހިތްވާ މީހެއް ނޫނެވެ. އެހެން ނަމަވެސް ލިޔާ ހިތްވާ މީހެކެވެ. ވަޒީފާގެ މާހައުލުގައި ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން ހިތްނުތަނަވަސްވާ އެތަކެއް ހާލަތްތަކެއް ދިމާވެދާނެއެވެ. ކިޔުންތެރިނަށް ވެސް މި މޭރުމުން މިކަން ތަޖުރިބާ ކުރަން ޖެހިފައި ހުރެދާނެއެވެ. ހަމައެއާއެކު މި އުފެދޭ ހިތްނުތަނަވަސްކަމާ އެކު އެނބުރި ގެޔަށް ދާއިރު ދިމާވަނީ ކުށެއް ނެތް ލޯބިވާ އާއިލާއެވެ. މީގެ އިދިކޮޅަށް ދިމާވާ ބަޔަކު ވެސް ތިބެދާނެއެވެ. ގޭތެރެއިން ދިމާވާ ހިތްނުތަނަވަސްކަމަކާ އެކު އެނބުރި މަސައްކަތަށް ނިކުންނަ އިރު އެތަނުގައި ތިބޭ މީހުންނަށް އޭގެ ރޯޅި ބާލާ މީހުން ވެސް ފެނިފައި އެބަހުއްޓެވެ. މި ކަންކަން އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ވަރަށް އުނދަގޫ ވާ ހާލަތްތައް ވެސް އާދެއެވެ.
މިފަދަ އެތަކެއް ސަބަބަކާ ހުރެ އަޅުގަނޑު ވެސް މިފަދަ ކަންކަމާ ގުޅޭ ފޮތްތައް ކިޔަން ފެށީމެވެ. އެކަމުން އަމިއްލަ ނަފުސަށް ވެސް އިތުރު ފަސޭހައެއް ލިބިގެން ދިޔަކަން އިހުސާސްވުމުން، މިކަން ކިޔުންތެރިންނަށް ހިއްސާކޮށްލުމަށް ހިތުގައި އުފެދުނު ޝައުޤާ އެކު އަޅުގަނޑު ތަޖުރިބާކުރި ބައެއް ކަންކަމާ އެކު ހަނދާނުން ނައްތާނުލައި ގެންގުޅުނު ބައެއް ވާހަކަތައް ހިއްސާކޮށްލަން މި އާޓިކަލް ލިޔަން ފަށަމެވެ.
މި މައުޟޫގެ ދަށުން އަޅުގަނޑު އަލިއަޅުވާލަން ބޭނުންވަނީ އަމިއްލަ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ގެނެވޭނެ ގޮތްތަކެއްގެ މައްޗަށެވެ. ސަބަބަކީ ވަޒީފާގެ މާހައުލު ނުވަތަ އާއިލާއަކީ އެހެން މީހުން ވެސް މިކަމުގައި ހިއްސާ އޮންނަ ކަންކަމެވެ. އެހެންކަމުން އުފަލުގައި ހުރުމަށް ނުވަތަ ހިތްހަމަޖެހިގެން ކަންކަމާ ކުރިމަތިލާ ނަމަ އެ މީހާގެ އަމިއްލަ ނަފުސަށް ބުނެދޭންޖެހޭ ނުވަތަ ހަނދާންކޮށްދޭންޖެހޭ ވަރަށް ބައިވަރު ކަންކަން ހުރެއެވެ. މީގެ ތެރެއިން ބައެއް ކަންކަން މިތަނުގައި ހިއްސާކޮށްލާނަމެވެ.
އަމިއްލަ ނަފުސު ދެނެގަންނާށެވެ. ކޮންމެ އިންސާނަކީ ވެސް ތަފާތު މީހެކެވެ.
ކުރު ވާހަކަ ކޮޅަކުން މިބައި ބުނެދެވޭތޯ ބަލާނަމެވެ. ކުޑަކުއްޖެކެވެ. ވަރަށް ލަދުރަކި ކުއްޖެކެވެ. އުމުރުގެ އެހެން ކުދިންނާ އަޅާ ބަލާއިރު ބަރުދަން އިތުރު ކުއްޖެއްކަން ބަލާ ބެލުމުން އެނގޭނެއެވެ. މަންމަގެ ލޯބި އިންތިހާއަށް ލިބޭ ކުއްޖެކެވެ. މަންމައަކީ ފެޝަނަށް ލޯބިކުރާ މީހެއް ނޫންކަމުން ލާން ޖެހެނީ މަންމަ ޤަބޫލުކުރާ މިންގަނޑުގެ ހެދުމެވެ. އެ ހެދުންތައް ލައިގެން ހުންނަ އިރު ވެސް އެހާމެ ރީތި ކުއްޖެކެވެ. އެހެން ކުދިންނާ އެކު މަގުމަތީ ކުޅެން ދިޔުމުގެ ހުއްދައެއް ނޯވެއެވެ. މި ހުރިހާ ސަބަބުތަކާ ހުރެ އެހެން ކުދިންނާ ތަފާތުކަން އަމިއްލައަށް އިހުސާސް ވެއެވެ. ބޮޑުވެ ފުރާ ފުރިހަމަވުމުން ކައިވެނި ކުރެވުނީ އަދި ތަފާތު އުޅުމެއްގެ މީހަކާއެވެ. އެ އާއިލާގެ މީހުންގެ ކިބައިން ފެނުނީ އެންމެ ކުޑައިރު ވެސް އުޅެން ބޭނުންވެ، ނޫޅެވި ހުރި ހުރިހާ ގޮތްތަކެއްހެން ހީވިއެވެ. އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހޭނެން ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ކުރެވުނު ކޮންމެ މަސައްކަތަކާ އެކު ކުރިން ހުރި ހަރަށް މާބާރަށް ވަންނަން ޖެހުނެވެ. ގަންނަނީ ލަދެވެ. އަމިއްލަ ނަފުސަށް ގެއްލުނީ އިތުބާރެވެ. މިކަން ފޮރުވަން ކުރެވުނު މަސައްކަތުގައި ބޭރުފުށަށް ލެވުނީ ފަރުދާއެކެވެ. އަމިއްލަ ނަފުސަށް އަމިއްލަ މީހާ އޮޅޭ ހިސާބަށް މިކަން ދިޔައެވެ. މިކަންކަން ސިކުނޑިއަށް ވީ ބޮޑު ބުރައަކަށެވެ. ދުނިޔޭގައި ހުރުމަށްވުރެ ނެތުން މާ ރަނގަޅުކަމަށް ހީވާން ފެށިއެވެ. މިކަންކަމުން މި އަންހެން ކުއްޖާ ސަލާމާތްކޮށްދިނީ ކޮން ކަމެއްކަން އެނގިލައްވާ ތޯއެވެ. ވާހަކައެއްގެ ތެރެއިން މީހަކު ބުނި ބުނުމަކަށެވެ. “އަހަރެން ބުރަ މަސައްކަތުން ދަރިން ބޮޑުކުރި ނަމަވެސް އަހަރެން އަބަދުވެސް ބެލީ އެކުދިން އެކުދިންގެ ގޮތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.” މި ބަސްކޮޅުގެ ތެރެއިން ވެސް ޚާއްޞަކޮށް އަމިއްލަ މީހާ އެމީހާގެ އަމިއްލަ ގޮތުގައި ކުރިޔަށް ދިޔުމަށް އޮތް ބައެވެ.
ބުނެވި ދިޔަ ބަސްކޮޅާ އެކު، އެ ހިނދުކޮޅާ އެކު މި ބަސްކޮޅުގެ އަސަރު ހިތުގެ ވަކި ފުންމިނަކަށް ދަތުރުކުރުމާ އެކު އެ ކުއްޖާ ބަދަލުވިއެވެ. އަމިއްލަ ނަފުސު ދެނެގަތުމުގެ މަރުހަލާ ފެށިގެން ދިޔައެވެ. ކުރިން އުޅުނު ގޮތާއި، ކިޔެވި އެއްޗެއްސާއި ލާން ގެންގުޅުނު ހެދުންތަކާއި މަންމަގެ އުނގުން ލިބުނު ހުރިހާ ފިލާވަޅެއް އެކީ ގުޅުވާލިއެވެ. އަދި އެއާއެކު މުޅި މީހާ އެމީހާގެ އަމިއްލަ ގޮތަށް ބަދަލުކޮށްލިއެވެ. އަދި އަމިއްލަ ނަފްސު ތަރައްޤީކުރުމަށް ބޭނުންވާ ދާއިރާތައް ބެލިއެވެ. ރައްޓެހިން ހޯދިއެވެ. ކަންކަމުގައި އުޅެން ފެށިއެވެ. ތަންތަނުގައި ވާހަކަ ދައްކަންފެށިއެވެ. އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ވިއެވެ. ކަންކަމުގައި މީހުން އެހީތެރިކަން ހޯދާން އަންނަ ފަރާތަކަށް ވެެއްޖެއެވެ. ދަރިންނަށް އެ ހުރިހާ ތަޖުރިބާއެއް ހިއްސާކޮށް ދަރިން، އެކުދިންގެ އަމިއްލަ ނަފްސު ދެނެގަތުމަށް އެހީތެރިވެދޭ ފަރާތަކަށް ވެއްޖެއެވެ.
މީގެ އެހެން މިސާލުތައް ވެސް އެބަހުއްޓެވެ. އެހެންނަމަވެސް ބުނަން ބޭނުންވާ ވާހަކަ ބުނެދެވިއްޖެ ކަމުގައި އުންމީދުކުރަމެވެ. ހަނދާނުގައި ބަހައްޓާލަން މުހިންމު އެއްވާހަކަ އެބައޮތެވެ. ބިޔަ ގަހަކަށް ނުވެވޭ ނަމަ، ގަހަށް ބާރުލިބިދޭގޮތަށް ހެދިފައި ހުންނަ އެހެން ކުދި ގަސްގަހުން ގަހަކަށް ވާށެވެ. އެތަނުން ގަހަކަށް ވެސް ނުވެވޭ ނަމަ، ބިންގަނޑުގެ ރައްކާތެރިކަމުގައި ވާ ވަރުގަދަ ވިނަ ގަނޑަކަށް ވާށެވެ. ބިޔަ ގަހަކީ ވެސް މުހިންމު އެއްޗެކެވެ. އަދި އެ ގަހުގެ ވަށައިގެން ވާ ކުދި ގަސްގަހަކީ ވެސް މުހިންމު ގަސްގަހެވެ. އަދި މި ގަސްތައް ކިތަންމެ ގިނަ ނަމަވެސް ބިންގަނޑަށް އެ ވަރުގަދަ ވިނަތަކުން ދޭ ރައްކާތެރިކަން އެގަސްތަކަށް ނުދެވޭނެކަން ދަންނާށެވެ. ވިނަ ގަނޑަކީ ވެސް އެހާމެ މުހިންމު އެއްޗެކެވެ.
“މީހާގެ މުހިންމު ކަމަކީ މީހާގެ ހުންނަ މަޤާމެއްގެ ސަބަބުން ކުޑަވާ އެއްޗެއް ނޫނެވެ. އަދި އެ މީހާ މޮޅު މީހެއް ކަމުގައި ކަނޑައަޅަނީ ވެސް އެމީހާ ހުންނަ މަޤާމެއް ނޫނެވެ. ކޮންމެ މަޤާމެއްގައި ހުރި ކަމުގައި ވީނަމަވެސް އަމިއްލަ ނަފުސު އޮޅުވާނުލާށެވެ.”
މަސައްކަތުގެ މާހައުލުގައި އުފާވެރިކަން ދެމެހެއްޓުމަށް މާޔޫސްކަމާއި ވަރުބަލިވުން ކަނޑުވާލަދޭނެ އުކުޅުތަކެއް ވެސް ދަސްކުރަން އެބަޖެހެއެވެ. މިގޮތުން ކުރެވިދާނެ ބައެއްކަންކަން ހިއްސާކޮށްލާނަމެވެ.
މޭޒުމަތީގައި ހުންނަ ހުރިހާ ކަރުދާސްތަކެއް ނަގާށެވެ. ބަހައްޓާނީ އެ ދުވަހަށް އެންމެ މުހިންމު އެންމެ އިސްކަންދޭ ކަރުދާސްތައް ނުވަތަ ނޯޓުތަކެވެ.
މަސައްކަތުގެ މުހިންމުކަމަށް ބަލާ މަސައްކަތްތައް ރާވާލާށެވެ.
މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ވަގުތުން ހައްލުކުރާށެވެ. ނިންމުމެއް ނިންމޭ ވަރަށް މައުލޫމާތު ހުރެއްޖެ ނަމަ އެކަމެއް އެންމެ ރަނގަޅަށް ނިންމާށެވެ. ވިސްނާނުލައި ރަނގަޅު މައުލޫމާތު ނެތި ނިންމުންތައް ނުނިންމާށެވެ.
ތަރުތީބުކުރަން ދަސްކުރާށެވެ. އެހެން މީހުންގެ ހައްގުގައި ބަސްބުނަން ދަސްކުރާށެވެ. އަދި ހަވާލުކުރެވޭ މަސައްކަތްތައް ކުރެވިފައިވާ މިންވަރު އޮބްޒާވްކޮށް ސްޕަވައިޒްކުރާ މީހެއް ކަމުގައި ވާށެވެ.
ފާހަގަކުރެވުނު ކަންކަމަށް ސަމާލުކަން ދެވިއްޖެ ނަމަ މަސައްކަތުގެ މާހައުލުގައި މީހާއަށް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ލިބި، ހިތްހަމަޖެހުމާ އެކު އެހެން މީހުންނާ މުއާމަލާތުކޮށް އުޅުމަށް މަގުފަހި ވެގެން ދާނެއެވެ.
މަސައްކަތުގެ މާހައުލުގައި ވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް އިންސާނާ ވަރުބަލިކުރުވާނެ އެތަކެއް ކަމެއް ދިމާވާނެއެވެ. ވަރުބަލި ނުވާނެ ކަމަށް ޤަބޫލުކުރެވެނީއެއް ނޫނެވެ. އެހެނަސް ތިބާ ވަރުބަލިކުރުވާ ސަބަބުތަކާއި އެކަންކަމުން އަރައިގަނެވޭނެ ގޮތްތަކެއް އެނގިއްޖެ ނަމަ އެ ކަންކަމުން އަރައިގަންނަން ފަސޭހަވާނެ ކަމުގައި ޤަބޫލުކުރެވެއެވެ.
ޤަބޫލުކުރަން އުނދަގޫ ވިޔަސް އިންސާނާ ވަރުބަލި ކުރުވަނީ ހަމައެކަނި ސިކުނޑިއަށް ލިބޭ ވަރުބަލިކަމެއް ނޫނެވެ. އިންސާނާއަށް އަރާމުކުރުމެއް ނެތި ނުވަތަ ހުއްޓުމެއްނެތި މަސައްކަތްކުރެވެނީ ކިހާ އިރަކަށްތޯ ބެލުމަށް މީގެ އަހަރުތަކެއް ކުރިން ސައިންސްވެރިން ވަނީ މަސައްކަތްކޮށްފައެވެ. މި ދިރާސާތަކުން ދައްކާގޮތުން އިންސާނާގެ ސިކުނޑީގެ ތެރެއިން ދަތުރުކުރާ ލޭ، އެކްޓިވްކޮށް ހުންނަ ވަގުތުތަކުގައި ވަރުބަލިކަމުގެ އެއްވެސް އަސަރެއް މީހާގެ ކިބައިން ނުފެންނާނެއެވެ. އެހެންނަމަވެސް އިންސާނާ މަސައްކަތްކުރަމުންދާ ވަގުތުގައި ލޭނާރުތަކުން ހިނގާލޭގެ ޓެސްޓެއް ހަދައިފިކަމުގައި ވާނަމަ، އެއިން ފެނިގެން ދާނީ ވަރުބަލިވެފައިވާ ކަމުގެ އަލާމާތްތައް ދައްކުވައިދޭ މާއްދާތައް އިތުރުވެފައި ވާތަނެވެ. އަދި އިންސާނާ މަސައްކަތްކޮށް ނިމިގެން ދުވަސް ނިންމާލާ ފަހުން އެ މީހާގެ ލޭގެ ތަހުލީލެއް ހަދައިފި ނަމަ، އެއްވެސް ވިހަ މާއްދާއެއް ނުހުންނާނެއެވެ.
އަދި ހަމަ މި ދިރާސާތަކުން ދައްކާގޮތުން އިންސާނާގެ ސިކުނޑިއަށް މާ ބޮޑު އަރާމެއް ނެތި ވެސް އަށްގަޑިއިރު ނުވަތަ ބައެއް މީހުންނަށް އެ މީހުންގެ ހުންނަ ހިތްވަރާއި މަސައްކަތްކުރުމުގެ ރޫޙާއެކު ބާރަ ގަޑިއިރު ވެސް މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މިފަދައިން މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އިރު ތިބާ ވަރުބަލިކުރުވަނީ ކޮންކަމެއް ބާއެވެ؟
ހެޑްފީލްޑް އޭނާގެ ފޮތް “ދި ސައިކޮލޮޖީ އޮފް ޕަވަރ” ގައި ބަޔާންކޮށްފައިވާ ގޮތުން އަހަރެމެން އިންސާނުން މަސައްކަތްކޮށްގެން ވާ ވަރުބަލިކަމަށްވުރެ އަހަރެމެންގެ ސިކުނޑިއަށް ލިބޭ އުނދަގޫތަކުން ލިބޭ ވަރުބަލިކަން މާބޮޑެވެ. މީގެ އިތުރުން ވެސް ޑޮކްޓަރ އޭ.އޭ.ބްރިލް ބަޔާންކުރާގޮތުން ރަނގަޅު ޞިއްޙަތެއްގައި ހުރެ މަސައްކަތްކުރާ އިންސާނެއް ވަރުބަލިކުރުވާނެ އޮތީ ހަމައެކަނި އިމޯޝަނަލް ފެކްޓަރސްއެވެ. ސިކުނޑިއަށް ލިބޭ ބުރައެވެ. މި ބުނާ އިމޯޝަނަލް ފެކްޓަރސްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ފޫހިވުން، މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ނެތުން، ކުރާ މަސައްކަތުގެ އަގުވަޒަންނުކުރުން، ބޭނުންތެރި މީހެއް ކަމުގައި ބަލައިނުގަތުން، ބޭކާރު މީހެއް ކަމުގައި ހީވުން، އެންޒައިޓީ، ކަންބޮޑުވުން ފަދަ ކަންކަން ހިމެނެއެވެ. މި ހާލަތަށް ގޮސްފައިވާ މީހުންގެ ކިބައިން ޖެހިލުންވުމާއި، މަސައްކަތުގެ ސްޕީޑް ދަށްވުމާއި، ބޮލުގައި ރިހުން ފާހަގަކުރެވިގެން ދާނެއެވެ.
ރަނގަޅު ވާހަކައެކެވެ. މިހާލަތަށް މީހާ ދަނީ ނުވަތަ މިފަދަ ވަރުބަލިކަމެއް ސިކުނޑިއަށް ލިއްބައިދެނީ ދިމާވާ ކަންކަމުން މީހާ ސިކުނޑިއަށް ފޯރާ ބުރައާއި ހަށިގަނޑަށް ފޮނުވައިދޭ ވަރުބަލިކަމުންނެވެ. ގިނަފަހަރަށް ސިކުނޑިއަށް ލިބޭ މިފަދަ ބުރައަކީ އަރާމުކުރުމުން ނުވަތަ ނިދާލުމުން ވެސް ރަނގަޅުވާ ކަންކަމެއް ނޫނެވެ.
މިކަމަށް އެންމެ ފަސޭހަ އަވަސް ހައްލެއް ލިބެން އޮތްގޮތަކީ މަސައްކަތްކުރަމުން ހަމަޖެހިލުމެވެ. ޓެންޝަން ނުވަތަ ސިކުޑިއަށް ލިބޭ ބުރައަކީ މީހާގެ މިޒާޖުގެ ސަބަބުން އަންނަ އެއްޗެކެވެ. “އާދަ” އެކެވެ. ހަމަޖެހިގެން ހުރުން ވެސް ހަމަ މިފަދައެވެ. އެހެންކަމުން ނުރަނގަޅު އާދަތައް ދޫކޮށްލަމުން ރަނގަޅު އާދަތައް އުފަންކުރެވިދާނެ ނޫން ހެއްޔެވެ؟ ހަމަޖެހިގެން އުޅެންވީއެވެ. އަރާމުކުރަން ވެސް ދަސްކުރަންވީއެވެ. މިކަންކަން ތަޖުރިބާކޮށްލަމާ ހިނގާށެވެ.
މަސައްކަތްކުރަން ފެށުމުގެ ކުރިން އެންމެ ގިނައިރު އެންމެ ފަސޭހަކޮށް މަސައްކަތްކުރަން އިނދެވޭނެ ގޮތެއް ހިޔާރުކުރާށެވެ.
ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރު އަމިއްލައަށް އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. “އަސްލު މަސައްކަތަށްވުރެ ބޮޑުކޮށް މަސައްކަތް ފެންނަނީ ހެއްޔެވެ؟ އެ މަސައްކަތަށް ބޭނުން ނުވާ މަސްލްސް އެބަ ބޭނުންކުރެވޭ ހެއްޔެވެ؟ މިހެން ސުވާލު އުފައްދާ އެކަމުގެ ޖަވާބު ފައްސި ގޮތަކަށް ސިކުނޑިއަށް ވިސްނައިދޭށެވެ.
ކޮންމެ ދުވަހަކު މަސައްކަތް ނިންމާލުމަށްފަހު އަނެއްކާ ވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ކިހާ ވަރުބައްޔެއް ވެއްޖެ ހެއްޔެވެ؟ ވަރުބަލި ނަމަ، ވަރުބަލި ވީ ސިކުނޑި ކުރި މަސައްކަތަކުން ހެއްޔެވެ؟ ނުވަތަ އެ މަސައްކަތެއް ކުރަމުން ދިޔައިރު އެ މަސައްކަތް ކުރަން ގެންގުޅުނު ވައްޓަފާޅީގެ ސަބަބުން ވީ ގޮތެއް ތޯ ސުވާލުކޮށްލާށެވެ. މީގެ ޖަވާބު އަމިއްލައަށް ލިބިއްޖެ ނަމަ މާދަމާ މިޔަށްވުރެ އަރާމުގައި މި މަސައްކަތްކުރެވޭނެއެވެ.
ކޮންމެ ދުވަހަކު ވެސް ކުރެވުނު މަސައްކަތް ވަޒަންކޮށްލާށެވެ. ވަރުބަލިވި މިންވަރު ދެނެގަތުމަށްވުރެ މިއަދު ހާސިލުކުރެވުނު މިންވަރު އިތުރު ނަމަ ލިބޭ ހިތްހަމަޖެހުން ބޮޑުވާނެއެވެ. އިންސާނާގެ އަމިއްލަ ނަފްސު ދެނެގަނެވި، އެ ނަފްސު ކުރަން ޖެހޭ މަސައްކަތްތައް ދަނެގަނެވި، ރޭވުންތެރިކަމާއެކު ހަށިގަނޑަށް މާބޮޑު ބުރައަކަށް ނުވެ މަސައްކަތްކުރަން ދަސްވެއްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ތެރޭގައި މި ފެތުރެމުންދާ ނަފްސާނީ ބަލިކަށިކަމަށް ވެސް ހައްލުތަކެއް އައުން އެކަށީގެންވެއެވެ.