މި ގަރުނުގެ އަސްކަރިއްޔާތަކަށް ކުރިމަތިލާން ޖެހިފައިވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފަންނިއްޔާތާއި، ކޮންވެންޝަނަލް ނުރައްކާތަކުގެ ބަދަލުގައި ހައިބްރިޑް ނުރައްކާތަކާއި، ޒަމާންވީ ކޯލިޝަންތަކާއި ޖިއޯޕޮލިޓިކަލް ގުޅުން ތަކަށް ހަލުވިކަމާއެކު އަންނަމުންދާ އަޖައިބުކުރަނިވި ބަދަލުތަކާއި ފައިހަމަކުރުމަށެވެ.

އީޖާދީ ފަންނިއްޔާތުތަކަކީ އަސްކަރިއްޔާތަކުގެ އިސްތިރާޖީ ބާރުވެރިކަން ދެމެހެއްޓުމަށް ނުވަތަ ކުރިއަރުވަން މަސައްކަތްކުރާ މައިގަނޑު ޝިއާރަކަށް މިވަނީ ވެފައެވެ. މިގޮތުން އަސްކަރިއްޔާތައް ޒަމާނީ ކުރުމަށް ޓަކައި ފަންނިއްޔާތުގެ އައު އީޖާދުތަކުގެ ރޮނގުން ބާރުވެރިކުރުމާއި، އޮޕަރޭޝަނަލް ރެޑިނެސް އެންމެ މަތީގައި ދެމެހެއްޓުމަށް އަދި ބަދަލުވަމުންދާ ތުރެޓް އެންވައިރަންމަންޓަށް އެޑަޕްޓަބަލް ވުމަށް ޓަކައި އަސްކަރިއްޔާތަކުގެ ރީފޯމް ގެނައުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދުނިޔޭގެ އެކި އަސްކަރީ ބާރުތައް ޒަމާނީ ކުރުމަށް މަޖުބޫރުކުރުވާ ހާލަތްތަކުގެ ތެރޭގައި ފަންނިއްޔާތުގެ ކުރިއެރުންތަކާއި ސަލާމަތީ މަޝްރަހަށް އަންނަ ހަލުވި ބަދަލުތަކާއި، ޖިއޯޕޮލިޓިކަލް ޝިފްޓްތަކާއި އެލަޔަންސްތަކަށް އަންނަމުންދާ ބަދަލުތަކަކީ މައިގަނޑު ސަބަބުތަކެވެ.

ފަންނިއްޔާތުގެ ކުރިއެރުންތައް:

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސައިބާ ކޭޕަބިލިޓީސް، ރޮބޮޓިކްސް އަދި އޮޓޮނަމަސް ސިސްޓަމްތަކުގެ ކުރިއެރުންތަކުގެ ސަބަބުން އަސްކަރީ އިސްތިރާޖަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވެއެވެ. އަސްކަރިއްޔާތަކުން ދަނީ އައު ފަންނިއްޔާތުތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އޭއައި ޑްރިވަން އޮޓޮނޮމަސް ވެހިކަލްތަކާއި، އިންސާނުން ނެތް އޭރިއަލް ސިސްޓަމް (ޑްރޯން) އަދި ސައިބާ ސެކިއުރިޓީގެ ފިޔަވަޅުތައް އިތުރުކުރުން ހިމެނެއެވެ. މި ކުރިއެރުންތަކުގެ މަގުސަދަކީ ވާދަވެރިންގެ މައްޗަށް ފަންނިއްޔާތުގެ ރޮނގުން އެޑްވާންޓޭޖެއް ހޯދައި އޮޕަރޭޝަނަލް އެފިޝިއެންސީ ރަނގަޅު ކުރުމެވެ.

ސަލާމަތީ މަޝްރަހަށް އަންނަމުންދާ ބަދަލުތައް:

ސެކިއުރިޓީ ލޭންޑްސްކޭޕް އަބަދުވެސް ބަދަލުވަމުން އަންނައިރު، މިހާރު މިވަނީ އާދަޔާ ހިލާފަށް ސްޓޭޓް އޮން ސްޓޭޓްގެ ހަމަނުޖެހުންތަކުގެ ސަބަބުން ޓެރަރިޒަމާއި ސައިބާ ހަމަލާތަކާއި ހައިބްރިޑް ހަނގުރާމަފަދަ ނުރައްކާތަކާއި ކުރިމަތިލާން ޖެހިފައެވެ.  ޓްރާންސްނޭޝަނަލް ކްރައިމް ފަދަ ގޮންޖެހުންތަކާ އެކު، ނޮން ސްޓޭޓް އެކްޓަރުންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އިތުރުވުމުން އަސްކަރިއްޔާއިން އިސްކަންދޭ ކަންކަމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން ޒަމާނީކުރުމަކީ ހަމައެކަނި އަންކޮންވެންޝަނަލް ހަނގުރާމައިގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މި އާ ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް ވެސް މިވަނީ ވެފައެވެ.

ޖިއޮޕޮލިޓިކަލް ޝިފްޓްތަކާއި އެލަޔަންސްތަކަށް އަންނަމުންދާ ބަދަލުތައް:

ދުނިޔޭގެ އާ ބާރުތައް އުފެދި، ޖިއޮޕޮލިޓިކަލް އެލަޔަންސްތަކަށް އައި ބަދަލުގެ ސަބަބުން ސަރަހައްދީ ސެކިއުރިޓީ އެންވަޔަރަމަންޓަށް ވަނީ ބަދަލު އައިސްފައެވެ. އިންޑޯ ޕެސިފިކް ސަރަހައްދުގެ ތެރެއަށް ޗައިނާގެ ނުފޫޒު އިތުރުކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތާއި، ޔޫކްރެއިން ރަޝިޔާ ކޮންފްލިކްޓް އަދި މެދުއިރުމަތީގެ ސަލާމަތީ މަޝްރަހަށް އައިސްފައިވާ ބޮޑު ލޮޅުމުގެ ސަބަބުން ގައުމުތަކުން އަސްކަރީ އިސްތިރާޖުތަކާ މެދު އަލުން ވިސްނަން ވަނީ ޖެހިފައެވެ.

ބަޖެޓުގެ ހުރަސްތަކާ ހުރެ އިގުތިސާދުކުރަން ޖެހުން:

ޕެންޑަމިކްތަކާއި އެހެނިހެން ގުދުރަތީ ކާރިސާތަކާއި އިންސާނުން އުފައްދަމުންގެންދާ ހާލަތްތަކުގެ ސަބަބުން ދުނިޔޭގެ މާލީ ދުވެލި ހުރީ ވަރަށް އަންސްޓޭބަލް މިސްރާބަކަށެވެ. ގިނަ ގައުމުތަކަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެ، ޚަރަދު ކުޑަކުރުމަށް އިސްކަންދޭން ޖެހިފައިވާ ހާލުގައި ފަންނިއްޔާތުގެ ތަރައްޤީއަކީ އަގު ބޮޑެތި ހޭދަތަކެއް ކަމުން އަސްކަރިއްޔާތަކުގެ ބަޖެޓް ހީނަރުވެ، އިގުތިޞާދު ކުރުމުގެ ރޫޙު މިވަނީ އިތުރުކުރަން ޖެހިފައެވެ. ފައުޖުތަކުގެ ސައިޒު ބޮޑުކުރުމުގެ ބަދަލުގައި ގައުމުތަކުން އިންވެސްޓް ކުރަމުން ދަނީ ވަސީލަތްތައް މަދުކޮށްގެން ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު ލިބޭ އެންމެ މަތީ ފަންތީގެ ފަންނިއްޔާތުތަކަށް ބަރޯސާ ވުމަށެވެ. މި އެޕްރޯޗްގެ ތެރޭގައި އޮޕަރޭޝަންތައް ސްޓްރީމްލައިންކޮށް، ކެޕޭސިޓީ އިތުރުކޮށް، އިންސާނުންގެ ފުޓްޕްރިންޓް މަދުކުރުމަށް އޭއައި ފަދަ ޓެކްނޮލޮޖީތައް އިންޓަގްރޭޓް ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

ޒަމާނީ ކުރުމުގެ މައިގަނޑު ދާއިރާތައް

އެކި ގައުމުތަކުގެ އިސްތިރާޖީ އެޑްވާންޓޭޖްތަކާއި ވަސީލަތްތައް ތަފާތު ނަމަވެސް، އަސްކަރިއްޔާތައް ޒަމާނީ ބަދަލު ގެނައުމުގައި ސަމާލުކަންދޭ މައިގަނޑު ދާއިރާތަކެއް އެބަހުއްޓެވެ.

ޑިޖިޓަލައިޒޭޝަން އަދި ނެޓްވޯކް-ސެންޓްރިކް ވޯފެއަރ:

ޑިޖިޓަލައިޒޭޝަންގެ ސަބަބުން ޒަމާނީ އަސްކަރިއްޔާތައް ހިނގަމުންދާ ގޮތް ދަނީ ބަދަލުވަމުންނެވެ. ނެޓްވޯކް-ސެންޓްރިކް ވޯފެއަރއާ ދިމާލަށް ފިޔަވަޅު އެޅުމުގެ މައިގަނޑު އަމާޒަކީ އެއްގަމާއި ވައި އަދި ކަނޑުގެ ސިފައިންގެ އެކިއެކި އަސްކަރީ އެސެޓްތައް ރިއަލް ޓައިމް ކޮމިއުނިކޭޝަނާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަގުފަހިކޮށްދޭ ޖޮއިންޓް ނިޒާމަކަށް އިންޓަގްރޭޓްކުރުމެވެ. މިކަމަށް ރައްކާތެރި މުވާސަލާތީ ނިޒާމުތަކާއި ޑޭޓާ ނެޓްވޯކްތަކާއި ސެޓެލައިޓް ޓެކްނޮލޮޖީތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ޖެހެއެވެ.

ސައިބަރ ހަނގުރާމައިގެ ޤާބިލުކަން:

މި ގަރުނުގެ ހަނގުރާމައިގެ އެންމެ މުހިންމު މައިދާނެއްގެ ގޮތުގައި ސައިބަރ ޑޮމެއިން ވަނީ ވެފައެވެ. ގައުމުތަކުން ސައިބާ ކެޕޭސިޓީއަށް އިންވެސްޓްކުރަނީ އެ ގައުމުތަކުގެ ނާޒުކު ބިނާރުތައް ދިފާއުކޮށް، ދުޝްމަނުންނާއި އަދާވާތްތެރިން އަދި ވާދަވެރިންގެ މުއާމަލާތްތަކަށް ހުރަސް އެޅުމަށާއި އިންޓެލިޖެންސް ހޯދުމަށެވެ. ޑިފެންސިވް އަދި އޮފެންސިވް ސައިބަރ ޤާބިލުކަން އިތުރުކުރަމުން ދަނީ އަސްކަރިއްޔާތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ސްޕެޝަލް ފޯސްތަކާއި އެލީޓް ޔުނިޓްތައް:

ޒަމާނީ ހަނގުރާމައިގެ ސިފަތައް އިތުރުވަމުން ދަނީ ހަލުވިކަމާއެކު ޑިޕްލޯއިކުރެވޭ އަދި ހައި އިންޓެންސިޓީ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ސްޕެޝަލައިޒްޑް، އެޖައިލް ފޯސްތައް ބޭނުންކޮށްގެންނެވެ. ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި އާބަން ވޯފެއަރ ފަދަ އެސިމިޓްރިކަލް އަދި އަންކޮންވެންޝަނަލް ހަނގުރާމައިގެ ސިނާރިއޯތަކުގައި ހަރަކާތްތެރިވުމަށް ގިނަ ގައުމުތަކުން އަންނަނީ އެ ގައުމުތަކުގެ ޚާއްޞަ ބާރުތަކުގެ ދައުރު ފުޅާކޮށް ތަރައްޤީ ކުރުމަށް ސަމާލުކަން ދެމުންނެވެ.

އަސްކަރީ އާލާތްތައް ޒަމާނީކުރުން:

ދުނިޔޭގެ އަސްކަރިއްޔާއިން ދަނީ ޒަމާންވީ ހާޑްވެއަރތަކުގެ އިތުރުން ޒަމާނީ ހަތިޔާރުގެ ނިޒާމުތައް ބޭނުންކުރަމުންނެވެ. މި އަޕްގްރޭޑްތަކުގެ ތެރޭގައި ނިއު ޖެނެރޭޝަންގެ ފައިޓާ ޖެޓްތަކާއި ސްޓެލްތް ކެޕޭސިޓީ ހުރި ކަނޑުގެ އުޅަނދުތަކާއި މިސައިލް ޑިފެންސް ސިސްޓަމްތަކުގެ އިތުރުން އެޑްވާންސް ލޭންޑް ވެހިކަލް ހިމެނެއެވެ. އަދި އޮޓޮނަމަސް ރޮބޮޓިކް ނިޒާމްތައް ތައާރަފުކޮށް އިންސާނުންނާއި ރޮބޮޓު އިންޓަގްރޭޓް ކުރުމުގެ ހައިބްރިޑް ސޮލިއުޝަންތަކެއް ހޯދުމާއި ބަޔޮލޮޖިކަލް ބަދަލުތަކެއް ގެނެސްގެން ސުޕަރ ހިއުމަން އުފެއްދުމުގެ ދިރާސާތައް ވެސް ދަނީ ކުރަމުންނެވެ. އަދި މިހާރު ހުރި ސިސްޓަމްތައް އަޕްގްރޭޑްކޮށް، އެ ނިޒާމުތަކުގެ އުމުރު ދިގުކޮށް ހަރުދަނާކަން އިތުރުކުރުމަށް ވެސް މޮޑަނައިޒޭޝަން އެފޯޓްގެ ތެރެއިން ބާރު އަޅައެވެ.

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް:

ޒަމާނީ ކުރުމަކީ ހަމައެކަނި ފަންނިއްޔާތު ކުރިއެރުވުން ނޫންކަން ދެނެގަނެ، އަސްކަރިއްޔާތަކުން އަންނަނީ ސިފައިންގެ ހުނަރާއި ތައުލީމު ކުރިއެރުވުމަށް ސަމާލުކަން ދެމުންނެވެ. އާ ޓެކްނޮލޮޖީތަކާއި ހަނގުރާމައިގެ ޓެކްނީކްތައް ހިމަނައިގެން ތަމްރީނު ޕްރޮގްރާމްތައް ޒަމާނީ ކުރަމުންދާއިރު، ޕްރޮފެޝަނަލް މިލިޓަރީ އެޑިއުކޭޝަނަށް ބާރު އަޅަނީ ސްޓްރެޓެޖިކް ވިސްނުމާއި ލީޑަރޝިޕްގެ ހުނަރު ތަރައްގީ ކުރުމަށެވެ.

ދުނިޔޭގެ ބޮޑެތި އަސްކަރިއްޔާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތް

އެމެރިކާ:

ޒަމާނީ ތަރައްގީގައި އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ބާރުއަޅަނީ ސައިބާ، ޖައްވު، ވައި، ކަނޑު އަދި އެއްގަމު ބާރުތައް އެކުލެވޭ މަލްޓި ޑޮމެއިން އޮޕަރޭޝަންތަކަށެވެ. ފަންނިއްޔާތުގައި އެންމެ އުހަށް ވާސިލުވުމަށް ބާރުއެޅުމާއި ހައިޕަސޮނިކް ހަތިޔާރާއި އޭއައި އަދި ކުއަންޓަމް ކޮމްޕިއުޓިންގ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުން ދައްކުވައިދެނީ އަސްކަރީ ބާރު ދެމެހެއްޓުމުގެ ވަރުގަދަ އަޒުމެވެ. އެމެރިކާގެ ޖައްވީ ބާރު އުފެދުމާ އެކު އެމެރިކާއިން ދަނީ ޖައްވީ ރޮނގުން އަސްކަރިއްޔާއަށް އިންގިލާބީ ބަދަލެއް ގެންނަމުންނެވެ.

ޗައިނާ:

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އަކީ ފަންނިއްޔާތުގެ ކުރިއެރުންތަކާއި، އެ ގައުމުގެ ކަނޑުގެ ބާރު ފުޅާކުރުމާއި، ދުރު ރާސްތާގެ މިސައިލް ގާބިލުކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ހަލުވި ކަމާއެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ އަސްކަރިއްޔާއެކެވެ. ޗައިނާގެ އަސްކަރީ އިސްތިރާޖުގެ އަމާޒުހުރީ އިންޑޯ ޕެސިފިކް ސަރަހައްދުގެ ތެރެއަށް ކަނޑުގެ ބާރު ފުޅާކޮށް، އެމެރިކާގެ ނުފޫޒު ބެލެންސްކޮށް، ސައިބަރ ވޯފެއަރ، ސްޕޭސް ވޯފެއަރ އަދި އޭއައިއިން ހިންގާ ހަތިޔާރު ސިސްޓަމްތަކަށް އިންވެސްޓްކުރުމެވެ.

ރަޝިޔާ:

ރަޝިއާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ނިއުކްލިއާ ގާބިލުކަން އިތުރުކުރުމާއި ސައިބާ ހަނގުރާމައާއި ޓޭންކާއި ފައިޓާ ޖެޓް ފަދަ އަސްކަރީ އާލާތްތައް ޒަމާނާ ގުޅޭގޮތަށް އަޕްގްރޭޑްކުރުން ހިމެނެއެވެ. ކޮންވެންޝަނަލް އަދި ހައިބްރިޑް ހަނގުރާމައިގެ މާހައުލުތަކުގައި އޮޕަރޭޝަންތައް ހިންގުމަށް ޓަކައި ރަޝިއާއިން ދަނީ އެ ގައުމުގެ ސްޕެޝަލް ފޯސްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވެސް އިންވެސްޓް ކުރަމުންނެވެ.

އިންޑިއާ:

ސަރަހައްދީ ގޮތުން އެންމެ ބޮޑު އަސްކަރީ ބާރު ކަމުގައިވާ އިންޑިއާއިން ދަނީ ސަރަހައްދީ ނުރައްކާތަކަށް ހައްލު ހޯދުމަށާއި، ޚާއްޞަ ގޮތެއްގައި އިންޑޯ ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެ ގައުމުގެ އިސްތިރާޖީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ހަލުވި ދުވެއްޔެއްގައި އަސްކަރިއްޔާ އަދި ވަކިން ޚާއްޞަކޮށް ކަނޑުގެ ބާރު ޒަމާނީ ކުރުމަށް މަސައްކަތްކުރަމުންނެވެ. މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހަތިޔާރުގެ ނިޒާމުތައް ތަރައްގީކުރުމާއި، މިސައިލް ޑިފެންސް ޓެކްނޮލޮޖީއާއި، ޒަމާނީ ސަބްމެރިންތަކާއި މަތިންދާބޯޓު އުފުލާ އުޅަނދުތަކާއެކު ކަނޑުގެ އަސްކަރިއްޔާގެ ފްލީޓް ޒަމާނީ ކުރުން ހިމެނެއެވެ. “މޭކް އިން އިންޑިއާ” އިނީޝިއޭޓިވްގެ ދަށުން އިންޑިއާގެ އަމާޒަކީ ދިފާއީ ފުދުންތެރިކަން އިތުރުކޮށް، ބޭރުގެ ހަތިޔާރު އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމެވެ. ސައިބާ އަދި ސްޕޭސް ކެޕޭސިޓީއަކީ ވެސް އަސްކަރިއްޔާ ޒަމާނީކުރުމުގެ މަސައްކަތްތަކުގެ މައިގަނޑު އަސާސެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް

ކުޑަ ޖަޒީރާ ގައުމަކަށް ވުމާއި، އިންޑިއާކަނޑުގެ ނުހަނު މުހިންމު އިސްތިރާޖީ މަޤާމެއްގައި ރާއްޖޭގެ ސަރަހައްދު އޮތުމުގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ސަލާމަތީ ގޮތުން ރާއްޖެއަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ބޮޑެތި ގައުމުތަކާ އެއް މިންވަރެއްގައި އަސްކަރީ ވަސީލަތްތައް ރާއްޖޭގައި ނެތަސް، އަދުގެ ލީޑަރޝިޕުން ދަނީ ދިވެހި އަސްކަރިއްޔާއަކީ ވެސް ޒަމާނީ އާލާތްތަކާއި، ޤާބިލުކަން ލިބިފައިވާ އަދި އިސްތިރާޖީގޮތުން އައު ރިފޯމްތައް ގެނައުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ޚާއްޞަގޮތެއްގައި އެހެން ގައުމަކަށް ބަރޯސާނުވެ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ޓަކައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުރުބާރު ފުޅާކުރުން ހިމެނެއެވެ.

އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ހިސާބަށް ބަލާއިރު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމަކީ އެމްއެންޑީއެފުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ވިޔަފާރީގެ ދާއިރާއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމަށް ކަނޑުގެ މައްޗަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން، ރާއްޖޭގެ ބިޔަ އަދި ބޮޑު ޚާއްޞަ އިޤުތިޞާދީ ސަރަހައްދު (އީއީޒެޑް) ޙިމާޔަތްކުރަން ޖެހެއެވެ. ރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު މޮނިޓަރ ކުރުމުށް ޓަކައި އަންމޭންޑް އޭރިއަލް ޕްލެޓްފޯމްތަކުގެ އެހީގައި ސަރވަލައިންސް ހަރުދަނާކުރުމަށް ވަނީ ފަށާފައެވެ. އަދި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި އައު އުޅަނދުތައް ގަތުމުގެ މަރުހަލާ މިހާރު ވެސް ދަނީ ކުރިއަށެވެ. ވަރަށް އަވަހަށް ވުޖޫދުވެގެންދާ މެރިޓައިމް ފިއުޝަން ސެންޓަރުގެ އެހީގައި މެރިޓައިމް ޑޮމައިން އެވެއަރނެސްއަށް މަލްޓިއެޖެންސީ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އަސްކަރިއްޔާތައް ޒަމާނީކުރުމުގެ މަސައްކަތުގެ މައިގަނޑު އެއް ދާއިރާ ކަމުގައިވާ އެލީޓް ފޯސްތައް އުފެއްދުމުގެ ދާއިރާއިން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސްޕެޝަލް ބޯޓް ސްކޮޑްރަން މިހާރު މިވަނީ ރާއްޖެއަށް ތައާރަފު ކުރެވިފައެވެ. މެރިޓައިމް ރޮނގުން ސަރަހައްދީ އަދި ގްލޯބަލް ޕާޓްނަރުންނާ އެކު ނުހަނު ގިނަ މަސައްކަތްތަކެއް ދަނީ އަބަދުމެ ކުރަމުންނެވެ.

ދިވެހިރާއްޖެއަކީ ހަރުކަށި ފިކުރުގެ ނުފޫޒުން އެކަހެރިވެފައިވާ ގައުމެއް ނޫނެވެ. މި ނުރައްކާތަކުން އަރައިގަތުމަށް ޓަކައި އެމްއެންޑީއެފުން ދަނީ އިންޓެލިޖެންސް ގާބިލުކަން ޒަމާނީކޮށް، މައުލޫމާތު ހިއްސާކުރުމާއި ސަވައިލަންސް ޓެކްނޮލޮޖީތައް ހަރުދަނާ ކުރުމަށް ސަމާލުކަން ދެމުންނެވެ. ކައުންޓަރ ޓެރަރިޒަމް ރޮނގުން ސޮފްޓް އަދި ކިނެޓިކް ރެސްޕޯންސް ހަރުދަނާ ކުރުމަށް ތަމްރީނުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ސައިބާ ޓެރަރިޒަމާއި ބައިނަލްއަގުވާމީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ނުފޫޒު ފަދަ އެސިމެޓްރިކަލް ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދަނީ ޚާއްޞަ ސަމާލުކަން ދެމުންނެވެ.

ސިފައިންގެ ތައުލީމާއި ޕްރޮފެޝަނަލައިޒޭޝަނަށް އެމްއެންޑީއެފުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ލީޑަރޝިޕްގެ ހުނަރުތައް އިތުރުކޮށް، ސިފައިންގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި އުނގެނުމުގެ ސަގާފަތެއް އުފެއްދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ތަފާތު އެކި ތަމްރީނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ޒަމާނީ އަދި ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށް ހެދުމަކީ ލީޑަރޝިޕްގެ ނުހަނު ބޮޑު އަމާޒެކެވެ.

ބައިނަލްއަގުވާމީ ޕާޓްނަރޝިޕްތަކަކީ އެމްއެންޑީއެފް ޒަމާނީ ކުރުމަށް ކުރަމުންދާ ދަތުރުގައި ވަރަށް މުހިންމު ޕާޓްނަރޝިޕްތަކެކެވެ. ބައިލެޓެރަލް، ޓްރައިލެޓެރަލް އަދި މަލްޓިލެޓެރަލް ގުޅުންތަކުގެ ތެރެއިން، ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގެ ސަބަބުން ސިފައިންނަށް އާ ހުނަރުތަކާއި ޓެކްނޮލޮޖީތައް ހޯދުމުގައި އެހީތެރިވެދެއެވެ. މި ޕާޓްނަރޝިޕްތަކުގެ ސަބަބުން ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަގު ފަހިވެ، ޖޮއިންޓް ޓްރެއިނިންގއާއި އޮޕަރޭޝަނަލް އެކްސްޕީރިއަންސް އިތުރުކުރުމުގެ ފުރުސަތުތައް ފަހިވެގެންދެއެވެ. އައިއެފްސީ އައިއޯއާރްއާއި އައިއެމްސީޓީސީ ފަދަ މަލްޓިލެޓެރަލް ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ވަފުދުތައް ޤާއިމުވެ ތިބުމުގެ ސަބަބުން ލިބިދޭ ފައިދާތައް ނުހަނު ގިނައެވެ.

އަސްކަރިއްޔާތައް ޒަމާނީކުރުމުގެ ނިޒާމަކީ ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ކުރިއަރަމުން އަންނަ ނުރައްކާތަކާއި، ޖިއޮޕޮލިޓިކަލް ހަގީގަތްތަކުން ބައްޓަންކުރެވިފައިވާ މަރުހަލާއެކެވެ. އެމެރިކާ، ޗައިނާ އަދި ރަޝިއާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އޭއައި، ސައިބާ ކެޕޭސިޓީ އަދި އެޑްވާންސް ހަތިޔާރުގެ އިންވެސްޓްމަންޓްތަކާއެކު އެންމެ ކުރީގައި އުޅޭއިރު، ރާއްޖެ ފަދަ ކުދި ގައުމުތަކުން ވެސް ދަނީ ސަލާމަތީ ގޮތުން ދިމާވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް ސިފައިން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއެރުންތަކެއް ހޯދަމުންނެވެ. ކަނޑުމަތީގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ކާރިސާތަކުން އަރައިގަތުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ބައިނަލްއަގުވާމީ ޕާޓްނަރޝިޕްތަކަށް އެމްއެންޑީއެފުން ދޭ އަހަންމިއްޔަތުން ދައްކުވައިދެނީ، ޒަމާނީ ފެންވަރެއްގައި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ޤާބިލުކަން ހޯދުމުގައި އެމްއެންޑީއެފް ދެމިއޮތްކަމެވެ.

ޝެއަރކުރެއްވުމަށް