މަތީތަޢުލީމުގެ ހަރުފަތެއް ގިރާކުރުމުގައިވާ ދަރިވަރުންކޮޅަކާ ވާހަކަ ދައްކާލަން ފުރުޞަތު ލިބުނެވެ. ޤައުމާބެހޭ ގޮތުން، އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް އަޅުގަނޑުގެ ކިބައިން އޮޅުންފިލުވައިލަން އެކުދިން ބޭނުންވީތީ ހަމަޖައްސައިލެވުނު ބައްދަލުކޮށްލުމުގެ ވަގުތުކޮޅެކެވެ. ވާހަކައިގެ ފެށުމެއްގެ ގޮތުން، އަޅުގަނޑު އެކުދީންނާ ސުވާލެއް ކޮށްލީމެވެ. “ޤައުމު” މި ބަހުގެ މާނައަކީ، ކޮބައިހެއްޔެވެ؟ ލިބުނު ބައެއް ޖަވާބު ތިރީގައި މިވަނީއެވެ.

  1. މީހުން ދިރިއުޅޭތަން
  2. ދިވެހިރާއްޖެ.
  3. ނޭޝަން
  4. ވަކިންވެރިކަން ހިންގާ ރަށެއް.

މި ޖަވާބުތަކަށް ވިސްނާލުމުން އިތުރުކަމެއް ޚިޔާލަށް އައެވެ. އަޅުގަނޑުމެންނަށް އާންމުކޮށް އެނގިފައި އޮންނަވަރަށްވުރެ، “ޤައުމު” މި ލަފުޒުގެ މާނަ ތަނަވަސްވެގެންވާ ކަމެވެ. ޤައުމުގެ ދަރީންނަށް މި ކަންކަމުގެ ތަފުސީލު އެނގެން ޖެހޭކަމެވެ. ޤައުމު، ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް، މި އެނގުންތައް މުހިންމު ވާނެކަމެވެ.

އަޅުގަނޑަށް އެނގިފައިވާ އެނގުންތަކުގެ މައްޗަށް ބުރަވެ އެއްޗެއް ދަންނަވާނަމަ، ދަންނަވަންޖެހެނީ މަތީގައިވާ ހުރިހާ ޖަވާބު އެއްކޮށްލާފައި، އަދި ވަރަށް މުހިންމު އެހެން ބައެއް ހިމަނާލައިގެން ނޫނީ، ޤައުމުގެ މާނަ އޭގެ އެންމެ ތިލަ ގޮތުގައި ވެސް ފުރިހަމަ ނުވާކަމެވެ.

އާދެ! ޤައުމޭ ބުނުމުން އެއިން ގަސްތުކުރެވޭ އެއް މާނައަކީ، އިންސާނީ ޖަމާޢަތެކެވެ. ވަކި ޝަޤާފަތެއް، ވަކި ގަބޫލުކުރުންތަކެއް އެބައެއްގެ މެދުގައި އެއް ސިފައެއްގައި އޮންނަ ޖަމާޢަތަކަށް ވާންޖެހެއެވެ. އެމީހުން އެހެން މީހުންނާ ވަކިކޮށްދޭ ހަޔާތުގެ ވައްޓަފާޅިއެއް ރޫޙީގޮތުންނާއި، ޢަމަލީގޮތުން ގެންގުޅެން ޖެހެއެވެ.

ޤައުމުގެ އަނެއް މާނައަކީ، މި ދެންނެވި ޖަމާޢަތް ދިރިއުޅޭ، ވަކި ހައިސިއްޔަތުތަކެއް ވަކި އިމްތިޔާޒުތަކެއް ލިބިގެންވާ ބިމެވެ. ހަމަގައިމު ވެސް އަޅުގަނޑުމެން ދިވެހިން މި މާނާގައި މި ބަސް ބޭނުންކޮށް އުޅެއެވެ.

ދެން އޮތް ސުވާލަކީ ދިވެހި ޤައުމަކީ، ނުވަތަ ދިވެހިންގެ ޤައުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އިސްވެ ބަޔާންކުރެވުނު ހަމަތަކުން ބަލާއިރު، ދިވެހިންގެ ޤައުމޭ ކިޔެނީ، އެގޮތްތަކެއްގެ މަތީގައި ދިވެހިން ޒަމާނުއްސުރެ ސާބިތުވެތިބި ސަގާފީ، ދީނީ ހަމަތައް ދިފާޢުކުރަމުންދާ، ދިވެހި ރައްޔިތުންގެ ޖަމާޢަތަށާއި ދިވެހި ބިމަށެވެ. އެ ބިމަށް ނިސްބަތްވާ ކަނޑުފަޅާއި ޖައްވާއި، ވައިގެ ސަރަޙައްދަށް ވެސްމެއެވެ.

ޤައުމާބެހޭ މި ތަޢާރުފުން ތިން ނަތީޖާއެއް ނިކުމެއެވެ. އެއީ ޤައުމުގެ މާނަ އެ މައްޗަށް އެކުލެވިގެންވާ، އިސްވެ ދެންނެވުނު ތިން ބަހާގެ ތެރެއިން، އެއް ބަހާއެއް ނެތިދިޔަޔަސް އެކަމުގެ ސަބަބުން ޤައުމަށް އުނިކަން އަންނާނެކަމެވެ. ޤައުމުގެ މާނައަށް އުނިކަން އަންނާނެ ކަމެވެ. އެހެނީ، ޤައުމުގެ ރައްޔިތުން ނެތި ދިޔަޔަސް ޤައުމު ފުރިހަމައެއް ނުވެއެވެ. ޤައުމުގެ ބިން ނެތިދިޔަޔަސް، ޤައުމު ފުރިހަމައެއް ނުވެއެވެ. ހަމަ އެފަދައިން، ޤައުމުގެ ރައްޔިތުންގެ ކިބާގައި ހުންނަންޖެހޭ ޤައުމުވަންތަކަމުގެ ސިފަތައް (ވަކި ބައެއްކަން ރަމްޒުކޮށްދޭ ރޫޙީ މާނަވީ، ޢަމަލީ ޚާއްޞަ އަސަރުތައް) ނެތިދިޔަޔަސް ޤައުމު ފުރިހަމައެއް ނުވެއެވެ. އަދި ކިޔެއްތަ، މި ތިން ބަހާއިން ކުރެ ބަހާއެއް ނެތިދިޔުމީ ޤައުމުގެ ފުރިހަމަކަން ނެތިދިޔުމުގެ އިތުރަށް އިންތިހާ ދަރަޖައިގެ އުނިކަން ޤައުމަށް ލިއްބައިދޭނެ ކަމެކެވެ. ކިހާވަރެއްގެ އުނިކަމެއްތޯއެވެ؟ “ޤައުމު” މި ކަލިމާގައި ހިމެނޭ ތިން އަކުރުން އަކުރެއް (ފިއްޔާއެކު) އުނިވުމުން އެ ކަލިމައަށް، ނުވަތަ ލަފުޒަށް ލިބޭނެފަދަ އުނިކަމެކެވެ.

މިހައި ހިސާބުން، މައުޟޫޢުގެ މެދުބަޔަށް ފަށާނަމެވެ. ރުކުގެ ކުރިގަނޑު ދޫކޮށްލާފައި ކަނދުގަނޑަށް ފަށާނަމެވެ. އާދެ! ދިފާޢުގެ ވާހަކައެވެ. ޤައުމު ދިފާޢުކުރުމުގެ ވާހަކައެވެ.

މީލާދުން 1558 ގައި، ޕޯޗުގީޒުން ރާއްޖެއާ ތޮޅެ ރާއްޖެ އަޅުވެތިކުރިއެވެ. 13 ޞަފަރު، 1166ގައި، ހޮޅިން މާލެ އަރައި، މާލޭގެ ތިންބައިކުޅަ ދެބައި އަލިފާނާ ހަވާލުކުޅައެވެ. އޭގެ ފަހުން 1887-1965 އަށް ރާއްޖެ ދުށް އިނގިރޭސި ހިމާޔަތޭ ކިޔުނު ދުވަސްވަރާއި، އަދި ޝަހީދު ޙުސައިން އާދަމްގެ ފަޚުރުވެރި ޒިކުރާއާ ގުޅުންހުރި ޙަޤީޤަތްތައް ލޮލުގެ ކުރިމައްޗަށް ގެންނަމާތޯއެވެ؟

ބޮޑުތަކުރުފާނުގެ އާދަޔާ ޚިލާފު ޤުރުބާނީން، އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީ ސޫރަ ވާނީ، ހއ. އުތީމުގެ ތުނޑިމަތީގައި ދޫނި ހިފަން އުޅުނު ކުޑަކުޑަ ކުއްޖަކު، އޭނާގެ ޒުވާންކަމާއި، ފުރާވަރުގެ އުފާތައް، މާސިންގާ ދިވެހި ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ދޫކޮށްލި ތަނެވެ. 8 އަހަރު ވަންދެން، އެއްފަރު މަތިން، އަނެއްގިރި ދަށުން އަނެއް ދެ ރަށެއްގެ ދެމެދުން، ރިޔާ ފުރޮޅަމުން، ދީލަމުން، ނަގަމުން، ރޭގަނޑާއި ދުވާލު، ނުވަރު އޮޑިގަނޑެއްގައި، އަވަދިނެތިފައިވާ ތަނެވެ. ދިންހައި އަތްވެއްގައި، ވެހުނުހާ ވާރޭއެއްގައި ޤައުމަށް ޓަކައި ހަނާވަމުން ފަނާވަމުން ދިޔަތަނެވެ. ދުޝްމިނުންގެ ޢަދާވާތްތެރިކަމާއި، މަކަރުވެރިކަމުން، އެ ޒުވާނާގެ ކަނދުރާ މައްޗަށް، މަޅަމަޅައި އޮތްހާ ވިހަ ތޫނު ކަނޑިތަކުގެ މިޔަ ދަށުން ރެކިގަންނަލެއް ފަރިތަކަމާއި ހުޝިޔާރުކަމެވެ.

ޝައްކަކަށް ޖާގައެއް ނެތެވެ. ޕޯޗުގީޒު ލަޝްކަރާ ދެކޮޅަށް ހަނގުރާކުރެއްވުމަށް، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ނިކުމެވަޑައިގަތީ، އަޖައިބުކުރުވަނިވި ރޫޙެއްގައެވެ. ނަމޫނާ ޖޯޝެއްގައެވެ. ގުޑުމެއް ލޮޅުމެއް ނާރާނެ ޢަޒުމެއްގައެވެ. މުޅި މި ސަރަޙައްދަށް، ހޯރަ އަޅަމުން ދިޔަ ވަކިތޫނު ޝިކާރަވެރި ބާޒެއް އަތުލައިގަނެ ބަލިކޮށްލުމަށް، އޭގެ ފަހަތުން، ގަދަ ކަނޑެއްގައި، ވާދަ ޖައްސަވަމުން، އެހެރަގެން ވަޑައިގަންނަވަނީ ދިވެހިރުކުގެ ނިރޮޅުން، ބަނދެ އެކުލަވާލެވި، ފަން ރިޔާގަނޑެއްގެ އެހީގައި ދުވެލި ހޯދަމުންދާ ލަކުޑި ފަޅިވަރުގަނޑެއްގައެވެ.

އޭގެ ގާތްގަނޑަކަށް ދުއިސައްތަ ފަންސާހެއްހާ އަހަރަށްފަހު، ދުޝްމިނުންގެ ކިބައިން މި ޤައުމު ދިފާޢުކޮށްދެއްވުމަށް، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒައްދީނު، (މުލީގޭ ދޮން ޙަސަން މަނިކުފާނު) ރޭގަނޑުގެ ދަންވަރެއްގައި ނިކުމެވަޑައިގަތީ ވެސް ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް ހަތިޔާރެއް ނެތި ހުސް ދެ އަތްޕުޅައިގެންނެވެ. އެކަމަކު، އިޚުލާޞްތެރިކަމުގެ ވިންދު ޖަހަޖަހާއޮތް، އީމާނާ ޤައުމީ ލޯބީގެ ހިތްޕުޅަކައިގެންނެވެ.

ދެން އޮތީ، މައުޟޫޢުގައި އޮތް އެންމެ ފަހުބައެވެ. ރުކުގެ ބުޑުގަނޑުގެ ބައެވެ. މޫތަކުގެބައެވެ. ބާރުގެ ވާހަކައެވެ. ދިފާޢީ ބާރުގެ ވާހަކައެވެ.

އިސްވެ ހުށަހަޅާލެވުނު ބައެއް ހާދިސާތަކަށް ބަލާއިރު، ޕޯޗުގީޒުންގެ ކިބައިން، ދިވެހި ޤައުމު ދިފާޢު ކުރައްވަން ނިކުމެވަޑައިގަތުމުގެ ރޫޚު މުޙައްމަދު ތަކުރުފާނުގެ ހިތްޕުޅުގައި އުފެދުނީ ކޮންބާރެއްގެ ސަބަބުން ހެއްޔެވެ؟ އެއްވެސް ހަތިޔާރެއް، ވަސީލަތެއް ނެތި، ހޮޅިންގެ ވަސް ފޮހެލައްވައި، މި ޤައުމު އެމީހުންގެ ކިބައިން ދިފާޢުކުރައްވައި ސަލާމަތްކުރެއްވުމަށް ނިކުމެވަޑައިގަތުމުގެ ބާރު “މުލީގޭ ޙަސަން އަޅާ” (ފަހުން ދޮންބަންޑާރައިން) އަށް ލިބިވަޑައިގަތީ ކިހިނެއް ހެއްޔެވެ؟ މަޝްހޫރު ޝަހީދު ޢަލީ ރަސްގެފާނާއި، އިއްޔެ ދުވަހުގެ ޒުވާން ބަޠަލު ޝަހީދު ޙުސައިން އާދަމް ކުރެއްވި ޖިހާދުގައި އެ ދެއްކެވި ހިތްވަރުފުޅާއި، ސާބިތުކަން ހޯއްދެވީ ކޮންބާރަކުން ހެއްޔެވެ؟

ކަށަވަރުވާ ގޮތުގައި، އެ ބާރުގެ އަސްލަކީ، ޤައުމުގެ މާނަ އޭގެ އެންމެ ފުންގޮތުގައި އެ ބޭފުޅުންނަށް މޭރުންވެ އިހުސާސްވެވަޑައިގެންފައިވުމެވެ. ޤައުމަކީ، ލޮބުވެތި މުޤައްދަސް ތަނެއްކަމުގެ ޝުޢޫރު އެ ހިތްޕުޅުތަކުގެ އެންމެ ހިމަނާރުތަކުގައި ކެނޑިނޭޅި ދައުރުވަމުންދިޔުމެވެ. ޤައުމުވަންތަކަމަށް ފަޚުރުވެރިވުން އެއީ ޝަރަފެއްކަމުގައި ދެކެވަޑައިގަތުމެވެ. ޤައުމަށް ޓަކައި އަގުކުރެވޭ ހުރިހާ ސިފަތަކާއި، ކަންކަމާއި، ތަންތަނާއި، ޝަޚްޞިއްޔަތުތަކަށް، ޙުރުމަތް އަދާކުރައްވަން ދަސްފުޅުވެފައި އޮތުމެވެ.

އެބޭފުޅުންގެ ރޫޙީވެށި އިސްވެ ދެންނެވުނު ގޮތުގައި އެކަށައެޅިފައިވަނީ ނަމޫނާ މަގު ދައްކައިދިނުމުގެ ހަރުދަނާ ތަރުބިއްޔަތުންނެވެ. ހިތްޕުޅުގެ ކަންވާރު މުއްސަނދިވެފައިވަނީ ޠާހިރު ޢަޤީދާއިންނެވެ. ފުރާނަފުޅާއި ހަމައިން ނަފުސާއި ޟަމީރުގެ އެންމެ ފުނުގައި މުޑުވައްކުރެވިފައިވަނީ ޤައުމީ ލޯތްބާއި، ވަޠަނީ ކުލުނުގެ މާނަވީ އަސަރެވެ. ލޭފޮދުގައި ހިނގަމުންދަނީ މާތްވެގެންވާ އިސްލާމްދީނަށް އޮތް ޤަދަރާއި، އީމާނުގެ ހޫނު ޖަޒުބާތެވެ.

ކަން މިހެންއޮތްއިރު، ދިވެހި ޤައުމު އެ އަބްޠާލުންނާ މެދު ފަޚުރުވެރިވާ ވަފާތެރި ކޮންމެ ބަޠަލަކަށް، ދުޝްމިނުންގެ ކިބައިން ޤައުމު ދިފާޢުކުރުމަށް ޓަކައި، ފިކުރު ހިންގުމުގެ ބާރާއި، ކަނޑި ބަޑި ސިލޭހަ ރައިފަލުގައި ހިފުމުގެ ބާރާއި، ފަސްނުޖެހި ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ހުރުމުގެ ބާރު، އޭގެ ފުރިހަމަ ގޮތުގައި ލިއްބައިދީފައިވަނީ، މި ދެންނެވި ޤައުމުވަންތަކަމުގެ ރުކުންތަކުގެ ދިރިހުރި ބާރެވެ. މިއީ ދިވެހި ތާރީޚުގެ ހުދުފުށާއި، ކަޅުފުށުން ސާބިތުވާ އެންމެ ސާފު ޙަޤީޤަތެވެ.

ޤައުމުގެ ކޮންމެ މުވާޠިނެއްގެ ހިތުގައި ވެސް މި ހުރިހާ ދޭހަތަކާއި އިޙުސާސްތައް ފުރިހަމަގޮތުގައި ޖަމާވުމުން އެ އުފެދުނީ މި މަޒުމޫނުގައި އަޅުގަނޑު މާނަ ކުރި ޤައުމީ ދިފާޢީ ބާރެވެ. އަދި އެއީ ޤައުމުގެ ދިފާޢުގައި އެންމެ ފުރަތަމަ އުފެދެންޖެހޭ ބާރެވެ. އެފަދަ ކޮންމެ ހިތަކީ، އެންމެ އިތުބާރުހުރި އެންމެ ވަރުގަދަ ޤައުމީ ދިފާޢީ މަރުކަޒެވެ. ބަޑި ބުރުޒުތަކާއި، ޓޭންކަރުތަކާއި، އޭކޭ ސާޅީސް ހަތެއްގެ ރައިފަލްތަކަކީ، އޭގެ މާފަހުގެ ކަމެކެވެ.

ޝެއަރކުރެއްވުމަށް