ކޮންމެ ޤައުމެއްގައި ވެސް ސިފައިންނަކީ އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ އައްޑަނައެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ނުވަތަ ޤައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ ކަމަކާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާ ބަޔަކީ އެ ޤައުމެއްގެ ސިފައިންނެވެ. ރާއްޖޭގައި 1892 ވަނަ އަހަރު ސިފައިން އުފެދުނު ފަހުން ދިވެހި ސިފައިން ވަނީ ޤައުމަށް ކުރިމަތިވި، ކޮންމެ ނުރައްކަލެއްގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، ސިފައިންގެ ޤައުމީ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމަށް ސިފައިން ކޮށްފައިވަނީ ފަޚުރުވެރި އަދި ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ.
ސިފައިންނަކީ ވަރަށް ޚާއްޞަ ވާޖިބުތަކެއް އަދާކުރަން ތިބޭ ބައެކެވެ. ސިފައިންގެ ޚިދުމަތަށް 117 އަހަރުވެގެން ދިޔައިއިރު، ޤާނޫނަކުން ސިފައިންގެ ވާޖިބު ކަނޑައެޅުމުގެ ކުރިން ވެސް ދިވެހި ސިފައިން ވަނީ ސިފައިންގެ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. ޤައުމަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި ފުރާނަ އަތްމައްޗަށް ލައިގެން ކުރިއަށް ނުކުމެފައެވެ. 1909 ވަނަ އަހަރު ވެލާނާގޭ މުޙައްމަދުދީދީ އިސްވެ ހުންނަވައިގެން ޕާކިސްތާނުގެ ޕިޝާވަރުން ކުލީ ސިފައިން ގެނެސްގެން ގެންނަން އުޅުއްވި ބަޣާވާތާ ދެކޮޅަށް ސިފައިން ވަނީ ހަނގުރާމަކޮށް ކާމިޔާބު ހޯދާފައެވެ. 1959 ވަނަ އަހަރު އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅުގައި ޣައިރު ޤާނޫނީ ސަރުކާރެއް އުފައްދައި ވަކިވެގަތުމުގެ ހަރަކާތް ހަމައަކަށް އެޅުވުމުގައި ސިފައިން ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރި ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީއަކީ ދިވެހި ތާރީޚުގައި ސިފައިން ވެފައިވާ އެންމެ މަތިވެރި ޤުރުބާނީއެވެ. އެ ދުވަހު ޤައުމުގެ ޙައްޤުގައި ފިސާރި ކެރިގެން ވަރަށް މަތިވެރި ޖިހާދެއް ދިވެހި ސިފައިން ކުރިއެވެ. 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ސިފައިން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރެއެއް ދުވާލެއްނެތި ރައްޔިތުންގެ ޙައްޤުގައި ކުރި މިންނަތް މަސައްކަތްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ސިފައިންގެ ޤައުމީ މަސްއޫލިއްޔަތު ބިނާވެފައި އޮންނަނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މައްޗަށެވެ. ޤައުމުގެ ހަމަޖެހުމާއި ޤާނޫނު ހިފެހެއްޓުމާއި މުޅި ޤައުމުގެ ސަލާމަތަށް ޓަކައެވެ. ކޮންމެ އިރެއްގައި ވެސް އަދި ކޮންމެ ކަމެއްގައި ވެސް ސިފައިން ދައްކައިދެމުން ގޮސްފައިވަނީ މިކަމުގެ ރީތި މިސާލުތަކެކެވެ. ރާއްޖޭގައި ޑިމޮކްރެޓިކް ހަޔާތެއް ފެށިގެން ދިޔައިރު ސިފައިން އަދާކޮށްފައިވަނީ ވެސް ވަރަށް ހަރުދަނާ ދައުރެކެވެ.
ސިޔާސީ ގޮތުން ރާއްޖޭގެ ރައްޔިތުން ދުވަހަކު ވެސް ނުދެކޭފަދަ ބަދަލުތަކެއް ތަޖުރިބާ ކުރަމުންދާއިރު، އަމާންކަމާއި ސުލުހަވެރިކަން ލިބިދިނުމުގައި އެންމެ މަތިވެރި ޚިދުމަތްތަކެއް ކޮށްފައިވާ އެއް ބަޔަކީ ދިވެހި ސިފައިންނެވެ. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި މިފަދަ ބަދަލުތައް އަންނައިރު އުފެދިގެންދާ ދާޚިލީ ދެކޮޅުވެރިކަމާއި ލޭއޮހޮރުވުންތައް ނުފެނި، އަދި ސިފައިންގެ ތެރޭގައި ބައިބައިވުންތައް އުފެދިފައި ނުވަނީ ޤައުމީ ޚިދުމަތުގައި ދިވެހި ސިފައިން ދެއްކި ސާބިތުކަމުންނެވެ. ދިވެހި ސިފައިން، ސިފައިންގެ ވާޖިބު މިސާލެއްގެ ގޮތުގައި އަދާކޮށްފައިވާތީއެވެ.
ސިފައިންގެ ތެރޭގައި ޚިދުމަތްކުރުމަކީ ފަޚުރެކެވެ. އެއީ ޝަރަފެކެވެ. ހަމަ އެހެންމެ އެއީ ވަރަށް މަތިވެރި ޤުރުބާނީއެއް ވެސްމެއެވެ. ސިފައިންގެ ތެރޭގައި ޚިދުމަތް ކުރެވޭނީ ޤައުމުދެކެ ލޯބިވާ، އިޚުލާޞްތެރި މީހުންނަށެވެ. ޤައުމު ސަލާމަތްކުރުމަށް ފަސްނުޖެހޭ ޤާބިލު މީހުންނަށެވެ. ރައްޔިތުން ދެކެ ލޯބިވާ އަމިއްލަ ކަންތައްތަކުގެ ކުރިއަށް ޤައުމީ މަސްލަހަތު އިސްކުރާ މީހުންނަށެވެ. ދިވެހި ސިފައިން ދައްކަމުން ދިޔައީ މި ރީތި މިސާލެވެ. މި ރީތި ނަމޫނާއެވެ.
ޤައުމީ ސަލާމަތަށް ޓަކައި ސިފައިންނަކީ އެންމެ މުހިންމު އެއް ތަނބެވެ. އެ ތަނބު ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ ޤައުމީ ސަލާމަތް ދެމެހެއްޓުމަށް ޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. ދުރު މުސްތަޤުބަލަށާއި ކުރިމަގަށް ރިޔާޢަތްކޮށް ސްޓްރެޓަޖީތައް އެކުލަވާލައި، ސިފައިންގެ ޚިދުމަތް ބައްޓަން ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކުރަންޖެހޭ ކަމެކެވެ. ސިފައިން އުފެދުނިއްސުރެ މިއަދާ ހަމައަށް ވެސް ކޮންމެ ފިޔަވަޅެއް ވެސް ސިފައިން އަޅާފައިވަނީ ކުރިއަށެވެ. އެއް ދުވަހުން އަނެއް ދުވަހަށް ސިފައިން އައީ އެކި ގޮތްގޮތުން ތަރައްޤީވެ ކުރިއަރަމުންނެވެ. އޭގެ ނަތީޖާއަކީ ޤައުމީ ސަލާމަތީ ބާރަށް ރައްޔިތުންގެ އިތުބާރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ، ޔަގީންކަން ބޮޑުވަމުން ދިއުމެވެ. ޒަމާނުއްސުރެ ސިފައިންނާއި ފުލުހުން އެކުގައި މަސައްކަތް ކުރަމުންއައިސް، ސިފައިންނާއި ފުލުހުން ވަކިވެގެން ދިއުމަކީ ސިފައިންގެ ޚިދުމަތަށް އައި އެންމެ ބޮޑު އެއް ބަދަލެވެ. އެއަށްވުރެ ބޮޑު ބަދަލަކީ ސިފައިންގެ ޤަނޫނަށް ޢަމަލުކުރަން ފެށުމެވެ. ސިފައިންގެ ތެރެއިން އަލިފާން ނިއްވުމުގެ ޚިދުމަތް ވަކިކޮށް ވަކި މުއައްސަސާއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މި ހުރިހާ ބަދަލުތަކެއްގެ ޙަޤީޤީ އަމާޒަކީ ސިފައިންގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމާއި، އެހެން ޚިދުމަތްތައް ވެސް ހަރުދަނާކޮށް ތަރައްޤީ ކުރުމެވެ. މި ބަދަލުތަކުގެ ސަބަބުން ސިފައިންގެ ލޯތައް ޤައުމީ ސަލާމަތަށް ޓަކައި އަބަދުވެސް ހުޅުވައިގެން ތިބުމަށް ލިބޭ ފުރުސަތު އިތުރުވެގެންދާނެއެވެ. ޤައުމީ ސަލާމަތަށް ފާރަވެރިވެ، އަތުވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވެ ހުޝިޔާރު ބައެއްގެ ގޮތުގައި ތިބުމަށް މި ބަދަލުތައް މަގުފަހިކޮށްދޭނެއެވެ.
ދިވެހި ސިފައިންގެ ލަޝްކަރަކީ އެންމެ 8 މީހުންގެ މައްޗަށް ފުރަތަމަ އުފެދުނު ލަޝްކަރެއް ކަމަށްވިޔަސް ސިފައިންގެ މުހިންމު ކަމާއެކު ސިފައިންގެ އަދަދު އިތުރުވެ، ބޭރު ޤައުމުތަކެކޭ އެއްފަދައިން ސިފައިންގެ އޮނިގަނޑު ތަރައްޤީކުރެވި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. ރާއްޖޭގައި ސިފައިން އުފެދުނު މައިގަނޑު މަޤްޞަދު އަދިވެސް އެގޮތުގައި އެބައޮތެވެ. އެއީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދުޝްމިނުންގެ ކިބައިން ޤައުމު ސަލާމަތް ކުރުމެވެ. ތަފާތު ނަންނަމުގައި ސިފައިންގެ ވާޖިބު އަދާކުރަމުން އައިސް މިއަދު ސިފައިންނަށް މުޚާތަބު ކުރެވެނީ “ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު” ގެ ނަމުންނެވެ. ނުވަތަ “މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް”ގެ ނަމުންނެވެ. ހަމައެކަނި މި ނަމަށް ބަލާލިޔަސް ދިވެހި ސިފައިންނާއި ޤައުމީ ސަލާމަތާ އޮތް ގުޅުން ވަޒަން ކުރެވެއެވެ.
ދުނިޔޭގެ ޤައުމުތަކުން އެ ޤައުމުތަކުގެ ދިފާޢީ ބާރުތައް ހަރުދަނާކުރަމުން ގެންދާއިރު އެ ބާރުތަކާ ދެކޮޅަށް ރޭވުންތައް ރާވާ ދުޝްމިނުން ވެސް އެމީހުންގެ ބާރުތައް ވެސް ގެންދަނީ އިތުރު ކުރަމުންނެވެ. އެހެންކަމުން ކޮންމެ ޤައުމެއްގެ ވެސް ޤައުމީ ސަލާމަތަކީ އަބަދުވެސް އެއަށް ފާރަވެރިވެ، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަންތަކެވެ. ޓެރަރިސްޓުންގެ ކުއްލި ޙަމަލާތަކުން ބޮޑެތި ޤައުމުތަކުގެ އަސްކަރީ ޤާބިލުކަމާމެދު ސުވާލުތައް ދަނީ އުފައްދަމުންނެވެ. ދިފާޢީ އައްޑަނަތައް ހިފައިގެން ޤައުމުގެ ސަލާމަތީ ސަފުގެ އެންމެ ކުރީގައި ތިބި ސިފައިންނަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމަކީ 20 ވަނަ ޤަރުނުގައި ދުނިޔެއަށް ތަޢާރަފުވި ޓެރަރިޒަމެވެ.
ދިވެހިރާއްޖޭގެ ސުލުޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމުގައި ރެނދު އަޅުވާލުމަށް ޓަކައި ދުޝްމިނުން ދީފާނެ ޙަމަލާއަކަށް ޓަކައި އަބަދުވެސް ސިފައިން ތިބެނީ ތައްޔާރަށެވެ. ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުތަކާ ދެކޮޅަށް ދީނީ ގޮތުން ހަރުކަށި ބަޔަކު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާއި ސަލްޓަންޕާކްގައި ޓޫރިސްޓުންނާ ދެކޮޅަށް ދިން ޙަމަލާއާއި ތަމަޅަ ހަނގުރާމަވެރިންގެ ހަތިޔާރު ބޯޓެއް ރާއްޖޭގެ ސަރަޙައްދަށް ވަދެގެން އުޅެނިކޮށް ދިވެހި ސިފައިން ޙަމަލާދީ އަޑިއަށް ދުއްވާލަން ޖެހުނު ހާދިސާއަކީ ދާދިފަހުން ހިނގާފައިވާ ކަންތައްތަކެކެވެ. މި ކަންތައްތަކުގެ ނުރައްކާތެރިކަން ﷲ ގެ ވާގިފުޅާއެކު ޤައުމީ ސަލާމަތަށް ހުރަހަކަށްވެގެން ނުދިއުމުގައި ސިފައިންގެ ދުރުވިސްނުމާއި، ސިފައިންގެ ޤާބިލުކަން ފާހަގަ ކުރެވެއެވެ. ޤައުމީ ސަލާމަތަށް ޓަކައި ދިވެހި ސިފައިން އަދާކުރަމުންދާ ޒިންމާދާރު މަސްއޫލިއްޔަތުގެ ސަބަބުން މި ކަންކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ފޯރާފައި ނުވިނަމަވެސް މިއިން ކޮންމެ ކަމަކަމާ ގުޅިގެން ސިފައިން ހިންގި ކޮންމެ އޮޕަރޭޝަނެއްގައި ވެސް ސިފައިން މަސައްކަތް ކޮށްފައިވަނީ އެބައިމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ދިވެހި ސިފައިން ކުރިއަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކީ ވެސް ޤައުމީ ސަލާމަތަށް ޓަކައި އަޅަމުންދާ ހަރުދަނާ ފިޔަވަޅެކެވެ. އެކަން ވަނީ ސިފައިންގެ ތާރީޚުން ސާބިތުކޮށްދީފައެވެ.