ޕްރައިވެޓް މުޙައްމަދު ވަރަށް ބުރަކޮށް ޑިއުޓީގައި އުޅުމަށްފަހު އައިސް އޮށޯވެ ނިދީ ދާދި ދެންމެއަކުއެވެ. މުޙައްމަދު ވެފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން އޭނާގެ ދެލޮލާއި ސިކުނޑި ނިދިއެއްކަމަކު އޭނާގެ އެއްގުނަވަން ނުނިދާކަން ރަނގަޅަށް ވިސްނާލުމުން އެނގޭހައިވެއެވެ. އާއެކެވެ. އޭނާގެ ބާލާ އޮމާންކޮށްފައިވާ ތުނބުޅި މަތިމަސްވަނީ ފިކުރެއްގެ ފުން ކަނޑަކަށް ގެނބިގެން ގޮސްފައެވެ. “އަހަންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ އަހަންނަށްއޮތީ ކޮންއުފަލެއް ހެއްޔެވެ؟ އަހަންނަކަށް މިނިވަންކަމެއް ނެތެވެ. މި މުޙައްމަދަކީ ކޮންފަދަ ބޮޑު އަނިޔާވެރިއެއް ހެއްޔެވެ؟ އަހަންނަށް މުޙަންމަދުގެ އަނގަމަތީގައިއޮވެ ނިދާލުމުގެ ފުރުޞަތު ނުލިބޭތާ އަނގަމަތިން ބޭރަށް ބޯދިއްކޮށްލުމުގެ ޙައްޤެއް ވެސް ނެތެވެ. ކޮންމެ ދުވަހެއްގެ ވެސް މޯނިންގ އެ ކަނޑާލަނީ އަހަންނަށް ތޫނު ޖިލެޓަކުން ދެވޭ ހަމަލާއަކުންނެވެ. މަ ފަކީރު މި އޮންނަނީ ތިލައަޅުވާ ދަމަދަމާ ހަންކުރަކި ވެފައެވެ.”

މުޙައްމަދުގެ ތުނބުޅި މަތިމަހުގެ ޚިޔާލުގެ އަސް މިހާހިސާބަށް ދުވިއިރު އެ ހިތާމަތައް ކަރުނައަށްވެ، އެކަނިވެރި ތުނބުޅިއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެރުއިމުގެ އަޑުގަދަވެގެން މުޅިފެންޑާތެރޭ އެރުއިމުގެ އަޑު ގުގުމަންފެށިއެވެ. މި ގަދަވަމުން ދިޔައަޑާއެކު ޖެހިގެން އޮތް އެނދުގައި ނިދާފައިއޮތް ޝަރީފުގެ ތުނބުޅިއަށް ވެސް ހޭލެވިއްޖެއެވެ. މުޙައްމަދުގެ ތުނބުޅި ރޮއެ ހިތާމަކުރާ މަންޒަރު ބަލަހައްޓައިގެން އޮންނާކަށް ޝަރީފުގެ ތުނބުޅިއަކަށް ކެތެއް ނުކުރެވުނެވެ. ހިތް ފަޅައިގެން ގޮސްފައިވާ އެ ތުނބުޅިއަށް ވިސްނައިދެވޭތޯ ޝަރީފުގެ ތުނބުޅި މަސައްކަތް ފެށިއެވެ. “އެކުވެރިޔާ! ކެތްތެރިވޭ، ހިތްވަރުކުރޭ! ނިކަން ވިސްނާލަބަލަ. ކަލެއަށް ލިބޭ އަނިޔާ ކުޑަކޮށް ކަލެޔަށް ރަހުމް ކުރުމުގެ ނިޔަތުގައި މުޙައްމަދު އެކުރަނީ ކިހާބޮޑު ހޭދައެއް؟ ކޮންމެ މަހަކު ދެ ފުޅި އާފްޓަރ ޝޭވް އަނެއްކާ އެއީ 50 ރުފިޔާއަށް އެވިއްކާ އާދައިގެ “ޑެނިމެއް” ނޫން. އެއީ (އޯލްޑް ސްޕައިސް) ފުޅިއެއް. 90 ރުފިޔާ! އަނެއްކާ ޖިލެޓުވެސް އެ ބޭނުންކުރަނީ (ފިއުޝަން ޕަވަރ). އަގު ފަލަޔަކަސް އެއީ އަހަރެމެންނަށް އެންމެ އަނިޔާކުޑަ އެންމެ ތޫނު ވައްތަރު، އެއީވެސް 215 ރުފިޔާ. އަދި ކޮބާ ތިލަ، ޖިލެޓް ފޯމް، އެއީކީވެސް މަތިންފައިބާ އެއްޗެއްނޫނެއްނު. އެވެސް ހަމަ މަހުމުސާރައިގެ ތެރެއިންދާ ފައިސާ.” ޝަރީފުގެ ތުނބުޅި، މުޙައްމަދުގެ ތުނބުޅިއަށް ވިސްނައިދެވޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވި ކަހަލައެވެ.

މުޙަންމަދުގެ ތުނބުޅީގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އެތެރެއަށް ހިންދާލުމަށްފަހު ކުރަކި އަޑަކުން ވާހަކަ ދައްކަންފެށިއެވެ. “ރަނގަޅޭ! ތި ނޫނެކޭ މަށެއް ނުބުނަމެއްނު. މުޙައްމަދު އޭނާގެ އަނތްބަކަށް ޚަރަދު ކުރާހެން ބަރާބަރަށް މަށަށް ޚަރަދު ކުރެއޭ. މައްސަލައަކީ މިތަނަކަށް އޭނަ ވަނީއްސުރެ އެންމެ ދުވަހެއް ވެސް ރެސްޓެއްނުދީ މަށަށް މި އަނިޔާ ކުރާތީ، ހުކުރެއް ހައްޖެއް އީދެއްނެތް. ޑިއުޓީއޮތަސް ނެތަސްހެޔޮ. ޗުއްޓީއެއް، ސަލާމެއް އޮފެއް ނެތް. އަނެއްކާ އެ ބުނާ ރޯލްކޯލަކަށާއި ބޮޑުމަސްޓަރ ޕެރޭޑަކަށް ތައްޔާރުވާން ފަށައިފިއްޔާ އެއޮތީ ކަންތަކާ ލައިގެންފައި. ހީވާނީ ދުނިޔެ ރަންވެގެން އުޅޭހެން. އެކުވެރިޔާ! އެގޮތަށް ދެކޮޅަށް ތިލަ އަޅުވާ ދަމަން ފެށީމާ ކިތައްމެ ފަހަރަކު އަހަރެން ހިތަށްއަރާ މަރިޔަމް ނިޝާމެންކަހަލަ ދޮން ފިލްމްސްޓާރެއްގެ އަނގަމަތީގައި ޤުދުރަތުން އަހަރެން ލެއްވިނަމައޭ. އޭރުން މޭކަޕްކުރާ މޮޅެތި އާޓިސްޓުންގެ ލޫޅާފަތި އަތްތަކުގެ ފިރުމުމާއެކު އަނިޔާވެރިކަމެއް، ވޭނެއްނެތި ހަމަޖެހިގެން އޮވެވޭނެޔޭ. އޭރުން އަވިކޮޅެއްގައި ވެސް ނުޖައްސާ ގެންގުޅެވޭނެޔޭ.”

ވާހަކަ މިހާހިސާބަށް ދިޔަތަނުން މުޙައްމަދު ނިދާފައި އޮތްއެނދުގެ މަތީއެނދުގައި އޮތް ހުސޭނުގެ ތަޖުރިބާކާރު ތުނބުޅިއަށް ސިއްސައިގެންގޮސް ހޭލެވިއްޖެއެވެ. ފެންޑާގައިހުރި ފޯނު ރިންގުވާން ފެށީމައެވެ. ފޯނު ރިންގުވަމުންގޮސް ފޯނު ކެނޑިއްޖެއެވެ. ފެންޑާތެރެ ހަމަހިމޭންވިއެވެ. ނަމަވެސް ހުސޭނުގެ ތުނބުޅީގެ ލޮލުން މުޅިންދިނި ފިލައިފިކަހަލައެވެ. މުޙަންމަދުގެ ތުބުޅިއާއި ޝަރީފުގެ ތުނބުޅި ދައްކަމުންދިޔަ ވާހަކައިގެ ތެރެއަށް ވަންނަން މަޖުބޫރު ވެއްޖެއެވެ. “ކަލޭމެން ޝަކުވާ ތިކުރަނީ ކަލޭމެންނަށް ކޮން ޙައްޤެއް ނުލިބިގެން. އަހަރެން ވެސް މި އިންނަނީ ހުސޭނުގެ އަނގަމަތީގައި. އޭނާ ހެދިގޮތެއް ހެދިގެން އިންނަތާ 20 އަހަރުމިވީ. ކޮންމެ ދުވަހަކުވެސް ހަމަ ސައިބޯނިކޮޅެއްލާފައި ސެވަން އޯ ކްލޮކްގެ ކޮށި މުސްކުޅި ރޭޒަރަކުން އެ ހޭއަރުވާލަނީ ގައިމު އަސަރު ވެސް ކުރާނެތާ! މަށެއް ނުޖައްސަން މައްސަލައެއް. މަށަށް އެނގެޔޭ މަ މިއީ މަގޭ ސާހިބުގެ ހައްޤެއްކަން.” ހުސޭނުގެ ތަޖުރިބާކާރު ތުނބުޅީގެ އަނގަ ބައްދާލެވޭތޯ ޝަރީފުގެ ތުނބުޅި ބަހުގެ ހަމަލައެއް ފޮނުވާލިއެވެ. ކަލެޔަށްވާ އަނިޔާ ކުޑަވާނެ ކޮންމެ ގޮތެއް ވިޔަސް. މަތިމަސް ތިއޮތީ ދޫކޮށްލާފައި. ހަދާނެގޮތެއް އެހަދަނީ ތުނބުޅިއަކަށްނު””

“ބަލަ ސައިބޯއިރު ހޫނު ސައި ޖޯޑުގެ ތެރެއަށް މަގޭ ދެބުރިކޮށް އެއްބުރި ބޭލީމަ މަށަކަށް ހޫނެއް ނުވާނެތަ؟ ހަފުތާއަކު 2 ފަހަރަށް ކޮށާއިރޯ؟ ހުސޭނު ހާސްބޮލަށް އަރާ ކޮންމެ ފަހަރަކު މަތީ ތުންފަތުގަ ދަތްއަޅާއިރު މަގޭގައިގާ ދަތްއެޅި އިސްތަށި ބުޑުން އުފުރޭ އިރޯ! އެއީ އަނިޔާއެއް ނޫންތަ؟” ހުސޭނުގެ ތުނބުޅި ބަރުދާސްތު ކުރަންޖެހޭ ހިތާމައިގެ ލިސްޓެއް އެއްނޭވައިން ކިޔާލިއެވެ.

އެއްދުވަހެއްގެ ހަވީރެވެ. ޝަރީފުއާއި މުޙައްމަދު ކަޅުތުއްކަލާކޮށިން ނުކުމެގެން މިސްރާބުޖެހީ ހ.ތިންކުލަގެ އަށެވެ. އެ ގެއަކީ ޝަރީފުއާއި މުޙައްމަދު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބ.އަތޮޅު ދެކުއްޖަކު އުޅޭ ގެއެކެވެ. އެގެއަށް ދާންދިޔަ މަގުމަތީ ލެކިއުޓް ކައިރިއަށް މަޑުކޮށްލިއެވެ. ޝަރީފުގެ ލޯބިވެރިޔާ މަރީއަށް ޕްރެޒެންޓެއް ގަނެލުމުގެ މަޤްޞަދުގައެވެ. ޝަރީފުއާއި މުޙައްމަދު ސައިކަލް ޒޯނުގައި ބަހައްޓާފައި ލެކިއުޓާ ދިމާއަށް މިސްރާބު ޖެހިތަނުން މުޙައްމަދުގެ ތުނބުޅީގެ ލޮލުގައި އަޅައިގަތީ ލެކިއުޓް ދޮރުމަތީ މީހަކާ ވާހަކަދައްކަން މަޑުކޮށްލައިގެންހުރި ދެބައި އުމުރު މީހެއްގެ މިނިވަން ތުނބުޅިއެވެ. މުޙައްމަދުގެ ތުނބުޅި ހިތަށް އެރިއެވެ. އޭނަގެ ސާހިބުމީހާ އޭނަދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ އުޅޭނެ ގޮތަކަށް އުޅެން، ފެތުރޭނެ ގޮތަކަށް ފެތުރެން އެ ތުނބުޅި މަތިމަސް އެއޮތީ ދޫކޮށްލާފައެވެ. ވައިގެ ތެރޭގައި އެދިގު ތުނބުޅި ހޫރޭއިރު ހާދަހާވާ އަރާމެއް ލިބޭނެއެވެ. ޝަރީފުގެ ތުނބުޅި ވެސް ކުޑަކޮށް ލަދުވެތިވާގޮތް ވިއެވެ. އެހާބޮޑު މިނިވަންކަމެއް އޭނާފަދަ އަނެކާއަށް ލިބިފައިވުމާ، ތިމާގެ ނިކަމެތިކަން ހިތަށް އެރުމުންނެވެ. ޝަރީފުއާއި މުޙައްމަދު ހިނގާފައިގޮސް އެމީހާ ފަސްދީ ލެކިއުޓަށް ވަތްއިރު މި ދެ މީހުންގެ ތުނބުޅިއަށް އެބޮޑު ތުނބުޅިގަނޑުން އެރިވަހުން ހޮޑުނުލެވުނީ ހަމަކިރިޔާއެވެ. ޝަރީފުގެ ތުނބުޅި ހިތަށް އެރިއެވެ. “އަހަރެމެންގެ ސާހިބުން އަހަރެމެންނާއިގެން އުޅޭ ވަރާމެދު އަހަރެމެން ޝުކުރުވެރި ވާންޖެހެއެވެ. ދުނިޔެއަށް އައިއްސުރެ އެ ތުނބުޅި ފަކީރު ފެންކޮޅެއް ވަރުވާލާ ފުއްކޮޅެއް ޖައްސާލާފައެއް ނެތެވެ. އެ އަރަނީ ވެސް ހުތްކުނި ވަހެވެ. ކަށްވަސް ފާޑުގެ ވަހެކެވެ. އެއީވެސް ދުނިޔެއެއްތާއެވެ.” މުޙައްމަދުގެ ތުނބުޅިއަށް ވެސް ހަމަމިކަހަލަ އިހުސާސްތަކެއް ކުރެވި ފެންކަޅި ވާގޮތްވިއެވެ.

ޝަރީފުއާއި މުޙައްމަދުގެ ތުނބުޅިއަށް މިހާރު ހެޔޮ ވިސްނިއްޖެއެވެ. އެސޮރުމެންނަށް ޓަކައި މަހުމުސާރައިން ކުރާ ބޮޑު ހޭދައިގެ އަގުވަޒަން ކުރެވިއްޖެއެވެ. މިއަދު އެ 2 ތުނބުޅި ވެސް ފަޚުރުވެރިވެއެވެ. އެމީހުންގެ ސާހިބުން ލޯބިވެރިންގެ ގާތަށް ކުރާ ޒިޔާރަތުގައި އެ ހިމަހޯލި އިނގިލިތަކުން ފިރުމަމުން “ހާދަ އޮމާނޭ، ހާދަ ލޯތްބޭ، އެއްގޮތަކަށް ވެސް ކައްޓެއްނާޅައޭ، ހާދަ ސްމާޓޭ، ހާދަ މީރުވަހެކޭ” ބުނާތީއެވެ. އެ ޒުވާން ޖިންސުލަތީފުން ތަޢުރީފު ކުރާތީއެވެ. އެކިއެކި ސައިޒުގެ ތުނި ތުންފަތުގެ ބޮސްދިނުން ލިބޭތީއެވެ.

ޝެއަރކުރެއްވުމަށް