“އަހަރެން ޕެރަލައިޒްވީ ޑައިވްކޮށްގެން. ލަނޑާ ނަގަން ދިޔަ ދުވަހަކު މި އެކްސިޑެންޓެއް ހިނގީ. މިހާރު 7 އަހަރުވެއްޖެ.” ރ. ކަނދޮޅުދޫ ޒުވާނަކު ވީލްޗެއަރގައި އިނދެ ވާހަކަ ދައްކަމުން ވަރަށް އަސަރާއެކު ބުންޏެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ކަމުގެ މައުލޫމާތާއި ހުނަރުނެތި ޑައިވްކުރުންފަދަ ނުރައްކާތެރި މަސައްކަތުގައި މިކަހަލަ ކިތައް އެކްސިޑެންޓް ހިނގާ އަޅުގަނޑުމެންގެ އަޚުންގެ ތެރެއިން ކިތައްކިތައް މީހުން މިފަދަ ވޭނާއި ނުކުޅެދުންތެރިކަމާ އެކު ދުނިޔެ ވޭތުކުރާނެބާއެވެ؟

މި ސަފުހާ މި ޚާއްޞަކޮށްލަނީ ޑައިވްކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމުގެ މައްޗަށެވެ. އައްޑަނަ މަޖައްލާއިން ދަންނަވާލި ދަންނަވާލުމަކަށް އަޅުގަނޑުމެންގެ ސުވާލުތަކަށް ޖަވާބުދެއްވީ މެޑިކަލް ސާރވިސްގައި މަސައްކަތްކުރައްވާ ލެފްޓިނެންޓް ޑރ. ފާތުމަތު ތަހުސީނާއާއި ކޯސްޓްގާޑު ޑައިވިންގ ސެލްވެޖް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން ޔުނިޓްގެ އެންސީއޯ އިންޗާރޖު، ވޮރަންޓް އޮފިސަރ ގުރޭޑް 2 ޔޫސުފް ނިޝާރު (އޫތު) އެވެ. ޑރ. ތަހުސިނާއަކީ އެމްބީބީއެސްގެ އިތުރުން ޑިޕްލޮމާ އެންޑް ޑައިވިންގ މެޑިސިންގ ކޯހެއް ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. އޫތުއަކީ ޔޫއެސް ނޭވީ ޑައިވިންގ ކޯހަކާއި ޔޫއެސް ނޭވީ ސެލްވޭޖު ޑައިވިންގ އޮފިސަރ ކޯހެއް ހައްދަވާފައިވާ ޕަޑީ ޑައިވިންގ އިންސްޓްރަކްޓަރެކެވެ.

ފުޅިއަޅައިގެން ފީނުމަކީ ބައެއްމީހުން ދެކޭގޮތުގައި ވަރަށް އާދައިގެކަމެއް. އަނެއްބަޔަކު ބުނާގޮތުގައި ވަރަށް ނުރައްކާތެރި ކަމެއް. ޑައިވް ކުރުމަކީ ނުރައްކާތެރި ކަމެއްތަ؟

އޫތު: ޑައިވްކުރުމަކީ އޭގައި ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް. އޭގެ ތެރޭގައި ތިއަރެޓިކަލީ އަދި ޕްރެކްޓިކަލީ ކުރަންޖެހޭ ކަންތައްތަކެއްވޭ. ޑައިވް ކުރުމަށް މީހާ މޫދުގެ އަޑިޔަށް ދިއުމާ އެކު މީހާގެ ހަށިގަނޑު މުޅިން އެހެން މާހައުލެއްގައި މަސައްކަތް ކުރަން ފަށާ. ވީމާ މި ކަންތައްތައް ނޭނގި ޑައިވްކުރަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް.

ޑައިވަރުން މެޑިކަލް ޗެކްއަޕް ހަދަންޖެހެނީ ކީއްވެ؟

ތަހޫ: އެއީ ޞިއްޙީ ހާލަތު ރަނގަޅުވެެގެން ނޫނީ ޑައިވް ނުކުރެވޭނެތީ މަދުވެގެން އަހަރަކު އެއްފަހަރު މެޑިކަލް ޗެކްއަޕެއް ހަދަންޖެހޭނެ. ނޭނގިނަމަވެސް ހަަށިގަނޑަށް ޑައިވްކުރުމުގެ ސަބަބުން ބަދަލުތަކެއް އަންނާނެތީ.

ޑައިވަރުން  ގެއްލުމުގެ  ހިތާމަވެރި  ހާދިސާ  މަދުންނަމަވެސް ރާއްޖޭގައި ހިނގާ. ޑައިވަރުން ގެއްލެން ދިމާވަނީ ކީއްވެ؟

އޫތު: ކޮންމެ ކަމެއް ކުރުމުގެ ކުރިން ކަންތައްތައް ރާވާގޮތަށް ޑައިވިންގއަށް ދާއިރު ވެސް ވަރަށްގިނަ ކަންތައްތައް ރާވާ އަދި ކޮންސިޑަރ ކުރަންޖެހޭ. އޮއިވަރުގެ ބާރުމިން، އޮއިވަރު ހުރިދިމާ، މޫސުމަށް އަންނަ ބަދަލު، ވިޒިބިލިޓީ އަދި ޑައިވަރުން ގޮވައިގެން އަންނަ ދޯނީގައި ހުންނަ ފަރާތައް ވެސް މި ބުނެދެވުނު ކަންތައްތަކާއި ޑައިވް ރޭވިފައި ވާގޮތް އެނގުން. މި ކަންތައްތަކަށް ފަރުވާކުޑަކުރެވިއްޖެނަމަ ނުރައްކާތެރި ކަމެއް ދިމާވުން ވަރަށް ގާތް.

ދެން އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލާނީ ޑރ. ތަހޫއަށް. ވިދާޅުވެދެއްވަފާނަންތޯ ޞިއްޙީގޮތުން ބަލާނަމަ ޑައިވް ނުކުރެވޭނެ ޙާލަތްތަކަކީ ކޮބައިކަން؟

ތަހޫ: ޞިއްޙަތު ތަންނުދިނުން، މާބަނޑުދުވަސްވަރު ނޫނީ ބާރުގަދަ ބޭހެއް ބޭނުންކުރާ ދުވަސްވަރެއް. ބާރުގަދަ ނޫނަސް ބޭނުން ނުކުރެވޭނެ ކަހަލަ ބޭސްހުރޭ. ތަދުކަނޑުވާ ކަހަލަ ބޭހެއް ވެސް ބޭނުންކުރުން ރަނގަޅެއް ނޫން. ފިޓްޖެހޭ މީހަކަށް ވެސް ޑައިވްއެއް ނުކުރެވޭނެ. ނޭވާހިއްލާ މީހަކަށް ޑައިވްއެއް ނުކުރެވޭނެ. އެއްދުވަހެއްގައި އެއް ޑައިވްއަށްވުރެ ގިނަ ޑައިވް ކުރާނަމަ ދެ ޑައިވް ދޭތެރޭ ހަމަކުރަންޖެހޭ ވަގުތު ހަމަނުކޮށް އިތުރު ޑައިވެއް ކޮށްގެން ނުވާނެ.

ޑައިވިންގ ކުރުމުގެ ތެރޭ ނައިޓްރޮޖަން ނާކޮސިސް ޖެހެއޭ ބުނާތީ އިވޭ. އެއީ ކިހިނެއްވާ ކަމެއް؟

އޫތު: ނައިޓްރޮޖަން ނާކޮސިސްއަކީ ކޮމްޕްރެސްކޮށްފައި ހުންނަ ވައި އަޑީގައި ބޭނުންކުރުމުން ދިމާވާކަމެއް. ޑައިވް ކުރަން ބޭނުންކުރާ ކޮމްޕްރެސް ވައިގައި ހުންނަ އިނަރޓް ގޭސް ނުވަތަ ހަށިގަނޑަށް ބޭނުންނުހިފޭ ގޭހަކީ ނައިޓްރޮޖަން. ނައިޓްރޮޖަން ނާކޮސިސް ޖެހުމުން ބުއްދިއަށް އަަސަރުކުރުވާ ނޭނގި އާދަޔާޚިލާފު ކަންތައްތައް ކުރެވޭ. އޭގެ ތެރޭގައި ރެގިއުލޭޓަރ އަނގައިން ނައްޓައިލުން، މޫނުމައްޗަށް އަނދިރިވެ ހަރަކާތް ހުއްޓޭގޮތްވުން އަދި ޑީކޮމްޕްރެޝަންއާއި ވައި ހުރިވަރެއް ނުބަލައި ޕްލޭންކޮށްފައިވާ ފުންމިން ނޫން އިތުރު ފުންމިނަށް ދިއުން. ނައިޓްރޮޖަން ނާކޮސިސްއަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވޭ. މިހެން ދިމާވުމުން ޑައިވަރު އޮތް ފުންމިން އެއަށްވުރެ ތިލަ ހިސާބަކަށް ގެންނާނީ. އޭގެ ސަބަބުން ނައިޓްރޮޖަން ނާކޮސިސްގެ އަސަރު ފިލާދޭ.

ތިޔަވިދާޅުވީ ނައިޓްރޮޖަން ނާކޮސިސްގެ ވާހަކަ. ކަނޑުއަޑީގައި ބްލެކްއައުޓްވާ ހާލަތަށް މީހާ ދެއޭ ބައެއް މީހުން ބުނޭ. ބްލެކްއައުޓް ވަނީ ކިހިނެއް ވެގެން؟

އޫތު: ޝެލޯވޯޓަރ ބްލެކް އައުޓް ވަނީ ހައިޕަރ ވެންޓިލޭޓްކުރުމުން. ތިން ނޭވާއަށްވުރެ ގިނަވުން. އާދައިގެން ގޮތަކަށް ބުނާނަމަ އަޑިއަށްދާއިރު އޮކްސިޖަން ލެވެލް މަތިވެފައި ކާބަންޑައިއޮކްސައިޑް ދަށްވޭ. އެކަމަކު މައްޗަށް އަރަން ފެށުމުން އޮކްސިޖަން ލެވަލް ދަށްވެފައި ކާބަންޑައިއޮކްސައިޑް މަތިވޭ. އެހެންކަމުން އަޑީގައި އޮންނައިރު އޮކްސިޖަން ލެވަލް ހައިކުރުމުން ނޭވާލާން ބޭނުންވާ ސްވިޗް ކަނޑައެއް ނުދޭ. ނަމަވެސް މައްޗަށް އަރަން ފެށުމުން މިކަންތައް މުޅިން ރިވަރސްވޭ. މިހެން ވުމުން ހަށިގަނޑުގެ ސިކުނޑި ފިޔަވައި އެހެން ހުރިހާ ގުނަވަންތަކެއް ސިކުނޑިން އޮފް ކޮށްލާ. މިހެން ދިމާވާ މީހާއަށް އެހީތެރިކަމެއް ފޯރުކޮށްނުދެވިއްޖެނަމަ އެމީހާ ގެނބިގެން މަރުވާނެ.

ޑައިވްކޮށް ނިމިގެން ފިޒިކަލް އެއްވެސް ކަމެއް ކުރެވިދާނެތަ؟

ތަހޫ: ޑައިވްކޮށް ނިމިގެން ފިޒިކަލް އެކްސަސައިޒް ކުރުން ރަނގަޅެއް ނޫން. ކުރާނަމަ މަދުވެގެން 6 ގަޑިއިރުގެ ރެސްޓެއް ނެގުން ރަނގަޅުވާނެ.

ޑައިވިންގ ކުރާއިރު ވިސްނަންޖެހޭ ކަންތައްތަކަކީ ކޮބައި؟

އޫތު: މާހައުލު، މޫސުމް، އޮއިވަރު، ގެންދާ އިކްއިޕްމަންޓް ޑައިވް ލިމިޓް އަދި ޑައިވް ޕްލޭން ކުރުމާއި ސޭފްޓީއަށްބެލުން.

ޑައިވިންގއަށް ދިއުމުގެ ކުރިން ކެއުމުގެ ކަންތައް ވަކި ގޮތަކަށް ބަހައްޓަން ޖެހޭތަ؟ އެއީ ކީއްވެ؟

އޫތު: ބަނޑުހައިވެގެން ހުރެ ޑައިވްކުރުމަކީ ރަނގަޅުކަމެއް ނޫން. އެއީ ހަމަ އެހެން ކަންތަައްތަކަށް ހަކަތަ ބޭނުންވާ ފަދައިން ޑައިވްކުރުމަށް ވެސް ހަކަތަ ބޭނުންވާތީ. މާގިނައިން ކައިގެން ހުރެ ޑައިވްކުރުމަކީ ވެސް ރަނގަޅުކަމެއް ނޫން. ބާރުގަދަ ބޭސް ބޭނުންކުރާނަމަ ޑައިވެއް ނުކުރެވޭނެ. ޑައިވް ކުރުމުގެ 1 ގަޑިއިރު ކުރިން ކެއުން ރަނގަޅުވާނެ. އަދި ޑައިވްކުރުމުގެ ކުރިން ރަނގަޅަށް ފެންބުއިން މުހިންމު.

ޑައިވްކުރުމަށްފަހު ޑޮކްޓަރަށް ދައްކަންޖެހޭނީ ކީއްވެ؟

ތަހޫ: ކޮންމެ ޑައިވެއް ނިންމާފަ އަރާއިރު ބޮލުގައި ރިއްސާނަމަ ޑޮކްޓަރަށް ދައްކަންވާނެ. އެއްވެސް ކަހަލަ އުނދަގުލެއް ވާނަމަ ދައްކަން ޖެހޭނެ. އެއްވެސް ގުނަވަނަކަށް ތަދުވާނަމަ ވެސް ދައްކަން ޖެހޭނެ.

ޑައިވް ކުރުމަށްފަހު ފްލައިޓްގައި ދަތުރުކުުރުމަކީ ކޮންކަހަލަ ކަމެއް؟

އޫތު: ސިންގަލް ނޯ ޑީކޮމްޕްރެޝަން ޑައިވްއެއް ކޮށްފި ކަމުގައިވާނަމަ މަދުވެގެން 12 ގަޑިއިރު ފްލައި ނުކޮށް މަޑުކުރަންޖެހޭ. ދުވާލަކު ދެ ޑައިވްއަށް ވުރެ ގިނައިން ކޮށްފިނަމަ މަދުވެގެން 18 ގަޑިއިރު ފްލައި ނުކޮށް މަޑުކުރަންޖެހޭ. ޑީކޮމްޕްރެޝަން ސިންގަލް ނުވަތަ ރެޕެޓިވް ޑައިވްއެއް ކޮށްފިނަމަ 18 ގަޑިއިރަށް ވުރެ ގިނައިރު ފްލައިނުކޮށް މަޑުކުރަން ޖެހޭނެ.

ފީނުމުގައި އަޑިއަށް ދިޔުމަށް މިންގަނޑުތަކެއް އޮވޭތަ؟

އޫތު: އަޑިއަށް ދެވޭނީ އެމީހަކު ތަމްރީނު ވެފައިހުރި ވަރަކުން، އެ ޤައުމެއްގައި ޑައިވިންގއާ ބެހޭ ޤަވާޢިދުގައި ކަނޑައަޅާފައި އޮންނަ މިންގަނޑަކަށް.

  • ޕަޑީ އޯޕަން ވޯޓަރ ޑައިވަރުން 18 މީޓަރަށް
  • އެޑްވާންސް ޑައިވަރުން 30 މީޓަރަށް
  • އެޑްވާންސްއިން ފެށިގެން އޭގެ މަތީ ލެވަލްތަކުގެ ޑައިވަރުންނަށް 40 މީޓަރަށް.

އެންމެ ފުޅިއަކުން ކިހާ އިރެއްވަންދެން ޑައިވްކުރެވޭނެ؟

އޫތު: ޝެލޯ ޑައިވް ކުރާނަމަ ގިނަ ވަގުތު އުޅެވޭނެ. ޑީޕް ޑައިވް ކުރާނަމަ އުޅެވޭ ވަގުތު މަދުވާނެ. އަދި މީގެ އިތުރުން މީހާ ވައި ބޭނުންކުރާ ވަރަކުން ވެސް ލިބޭ ވަގުތު ތަފާތުވާނެ.

ޝެއަރކުރެއްވުމަށް