މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ހާދިސާއަކީ ދިވެހި ތާރީޚަށް އައު އަލިކަމެއް ގެނެސްދިން ވަރަށް ހައިރާން ކުރުވަނިވި ހާދިސާއެކެވެ. އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން ވަނީ ބޭރުގެ އެކި ބާރުތަކުގެ އަޅުވެތިކަމާއި އަނިޔާވެރިކަމުގެ ދަލުގައި ޖެހި އެތައް ހިތި ތަޖުރިބާތަކެއް ކޮށްފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދިވެހިން އެ އަނިޔާވެރި ވަކިތަކުގެ ދަށުން ސަލާމަތްކޮށްދެނީ އިސްލާމްދީނާއި ޤައުމުދެކެ ލޯބިވާ އަގުހުރި އެތައް ބަޠަލުންތަކެއްގެ ޤުރުބާނީ ޚިދުމަތުންނެވެ. އެދުވަސްތައް އަޅުގަނޑުމެންގެ މާޒީއާ އެކުވެގެން ދިޔަޔަސް އެބޭކަލުންގެ ވާހަކަތަކަކީ މިއަދު އަޅުގަނޑުމެންގެ ތާރީޚުގައި ރަންއަކުރުން ލިޔެވިފައިވާ ވާހަކަތަކެކެވެ. ދިވެހި ތާރީޚު ލިޔެވިފައި ނެތް ދުވަސްވަރު ހިނގާފައިވާ މިފަދަ މުހިންމު ހާދިސާތައް ތާރީޚުގައި ލިޔެވިފައިވަނީ މީހުންގެ ދޫދޫމަތިން ކިޔަމުން އަންނަ އެންމެ ޞައްޙަ ގޮތްތަކަށެވެ.

ނަމަވެސް ހިތާމަޔަކީ މިފަދަ ބޭކަލުންނާ ބެހޭގޮތުން އެކި މީހުން ނޭދެވޭ ތަފާތު ވާހަކަތައް ފަތުރަމުންދާތީއެވެ. މިއަދު އަޅުގަނޑުމެންގެ ޤައުމަށް އައިސްފައިވާ ތަރައްޤީއާއި ތަޙުޒީބުގެ އެންމެ ބޮޑު އަސްލަކީ ދިވެހިންނަށް ލިބިފައިމިވާ މިނިވަންކަމާއި އިސްތިޤުލާލެވެ. އެ މިނިވަންކަން ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ކާބަފައިން ކުރި މަސައްކަތް ނޭނގި ތިބި ހާލު، އެ ބަޔަކު ހިތަށް އެރިގޮތަކަށް ވާހަކަތައް ދައްކާއިރު މިއަދުގެ ޖީލަށް ޓަކައި އެ ބޭކަލުން ވެވަޑައިގެންނެވި ޤުރުބާނީގެ ސަބަބުން އަޅުގަނޑުމެންނަށް އައިސްފައިވާ ތަރައްޤީއާއި ކުރިއެރުމަކީ އެބޭކަލުން އަޅުގަނޑުމެންނަށް ގެނެސްދެއްވި މިނިވަންކަމުގެ އަސްލުކަން ހަނދާން ނެތުނީތޯއެވެ؟

ދިވެހިރާއްޖޭގެ މިނިވަންކަން އަޅުގަނޑުމެންނާ ހިސާބަށް އަމާނާތްތެރިކަމާއެކު ގެެނެސްދިނުމުގައި ޤައުމަށް ޓަކައި ޤުރުބާންވެވަޑައިގެންނެވި ބަޠަލުންނަކީ އަޅުގަނޑުމެން ފަޚުރުވެރިވާން ޖެހޭ ބައެކެވެ. އެ ބޭކަލުންގެ އުޅުއްވުމުގެ ރަނގަޅު ގޮތް ބައްލަވައި، އެބޭފުޅުންގެ މަސައްކަތުން ޢިބުރަތް ލިބިގަންނަން ޖެހޭ ބައެކެވެ. އެހެންކަމުން އެބޭކަލުންނޭ ކިޔައިގެން ހަޑިހުތުރު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެކަހަލަ ވާހަކަތައް ގިނަފަހަރަށް ދެކެވެނީ އެކަމުގެ ޙަޤީޤަތް ނޭނގިތިބެ ތާރީޚު ރަނގަޅަށް ދިރާސާނުކޮށް ތާރީޚުގެ މުހިންމު ޙާދިސާތައް އަމިއްލައަށް މާނަކުރައްވަން ގަސްދު ކުރައްވާތީއެވެ. މީގެ 800 އަހަރު ކުރިން ހިނގައިދިޔަ ރާއްޖެ އިސްލާމްވި ވާހަކައަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. ރާއްޖެ އިސްލާމުވި ވާހަކައާ ބެހޭގޮތުން މިހާރު އެންމެ މަޝްހޫރުކޮށް ދެކެވެނީ އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ކީރިތި މަހާރަދުން މުޙައްމަދު ބިން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންނަކީ ރަންނަމާރި ކަމުގައެވެ. މިއީ ދިވެހިރާއްޖެ އިސްލާމްދީނަށް ވެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަޅުގަނޑުމެން އިޙުތިރާމް ކުރަންޖެހޭ އަގުހުރި ދިވެހި ދަރިއަކާ ބެހޭގޮތުން ދެކެވޭ ވާހަކައެކެވެ. މިއީ މިފަދަ ވާހަކަތައް ދެކެވޭ މުހިންމު ތިއަރީއެވެ.

އަޅުގަނޑުމެންގެ ފަޚުރުވެރި ބަޠަލުންނަށް އިޙުތިރާމްކުރުމާ ބެހޭގޮތުން މުޙައްމަދު އަމީނުގެ ކާފާފުޅު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވިތާ 25 އަހަރު ފުރުން ފާހަގަކޮށް މުޙައްމަދު އަމީނު ނެރުއްވި ފޮތެއްގައި ޢަބްދުﷲ ޖަލާލުއްދީން ބޮޑުތަކުރުފާނަށް ތަޢުރީފު ކުރައްވަމުން ލިޔުއްވާފައިވަނީ “ކިލެގެފާނުގެ އަރިހުގައި މީހެއްގެ ދުލުން ބޮޑުތަކުރުފާނޭ ބުނެވުނު މަޖިލީހެއް ދުށީމެވެ. ވަރަށް ހިތްޕުޅާ ނުވެފައި ވިދާޅުވިއޭ، ބަލަ އެއީ ދިވެހިރާއްޖޭގައި ހުންނެވި އެންމެ ނަންހިނގާ ރަސްގެފާނެވެ. އެންމެ ކުޑަމިނުން އުތީމު ބަންޑާރައިންނޭ ނޫނީ އެރަދުންނަށް ކިޔައިގެން ނުވާނެއެވެ.” އަޅުގަނޑުމެންގެ ޤައުމުގައި އިސްކޮށް ތިއްބެވި ވެރިން އެބޭކަލުންނަށް މިފަދަ އިޙުތިރާމެއް އަދާކުރާއިރު އެބޭފުޅުންނޭ ކިޔައިގެން އެންމެ ދަށު ދަރަޖައިގެ ވާހަކަތައް ދައްކަން ޖެހިލުން ނުވާކަން އެއީ ހައިރާންވާވަރުގެ ކަމެކެވެ.

ރާއްޖެ އިސްލާމްވި ހާދިސާއަށްފަހު ދެކެވޭ އަނެއް ވާހަކައަކީ މީގެ 450 އެތައް އަހަރެއް ކުރިން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ބަންޑާރައިން ކުރެއްވި މަތިވެރި ޖިހާދަކީ އަލިރަސްގެފާނުގެ ދަރިކަލުން ސިއްތިމާވާއަށް ޓަކައި ކުރެއްވި ހަނގުރާމައެއް ކަމުގައެވެ.

އަދި މީގެ އިތުރުން އަލިރަސްގެފާނާ ބެހޭގޮތުން ވެސް އެކިމީހުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދައްކައެވެ. މިގޮތުން ދެކެވޭ އެންމެ މަޝްހޫރު ވާހަކައަކީ “އަލިރަސްގެފާނަކީ ދީނާއި ޤައުމަށް ޓަކައި ޝަހީދުވި ބޭކަލެއް ނޫނޭ. ޕޯޗްގީޒުން މާލެއަށް އަރައިގަތުމުން ބޮއްކުރައެއްގައި ފިއްލަވަން އުޅުއްވަނިކޮށް އަވަހާރަކޮށްލެވުނު ބޭކަލެކެވެ.”

މިއީ މީގެ އެތައް ސަތޭކަ އަހަރުކުރިން ހިނގާފައިވާ ހާދިސާއެކެވެ. ނަމަވެސް އިހަކަށް ދުވަހު އެންމެންގެ ލޯމަތީގައި ހިނގައިދިޔަ ނޮވެމްބަރ 3 ގެ ޢުދުވާނާ ބެހޭގޮތުން ވެސް ބައެއް މީހުން ތަފާތު ވާހަކަތައް ދައްކައެކެވެ. މިގޮތުން އަޅުގަނޑުގެ ކުލާސްމޭޓެއް އެއްދުވަހަކު ނޮވެންބަރު ތިނެއްގެ ޢުދުވާނުގައި ޝަހީދުވި ބޭކަލުންނާ ބެހޭގޮތުން ބުނަނީ “އެ ހާދިސާގައި ސިފައިން ތެރެއިން މަރުވި މީހުންނަކީ ޝަހީދުންނެއް ނޫން. އެމީހުން މަޝްހޫރުކުރާ ކޯޕްރަލް ޙުސައިން އާދަމްއަކީ ވެސް ޝަހީދުވި ބޭކަލެއް ނޫން. ޝަހީދުންނަކީ ދުޝްމަނުންނާ ހަނގުރާމަކޮށް ޝަހީދުވާ މީހުން. ބާޣީން އެމީހުން މަރާލީ އެމީހުން ފިލަން ދުވަނިކޮށް.” މިފަދަ މޭރުމަކުންނެވެ. އާދެ! މިއީ އިހަކަށް ދުވަހަކު ހިނގި ހާދިސާއެކެވެ. ނަމަވެސް މި ހާދިސާގައި ޝަހީދުވި ބޭކަލުންނާ ބެހޭގޮތުން ވެސް މިއަދުގެ ދަރިން ދައްކާ ވާހަކަތަކަކީ މިއެވެ. އެހެންކަމުން މީގެ އެތައްސަތޭކަ އަހަރެއްކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކާ ބެހޭގޮތުން ވާހަކަތައް ފެތުރިގެން އަންނަގޮތް ކިޔުންތެރިންގެ ޚިޔާލަށް ދޫކޮށްލީމެވެ.

ދީނީ ޢިލްމު ވެރިޔަކު ބުނެފައިވެއެވެ. “އަރަބިބަސް ރަނގަޅަށް ނޭނގޭ މީހުން ކީރިތި ޤުރުއާނުގެ މާނަ ނުކިޔާށޭ، އަދި ދީނީ ޢިލްމަށް އަރައިތިބި ޢިލްމުވެރިން ނޫނީ މިކަމުގައި ފަތުވާ ނުދޭށޭ.” މިއީ ވަރަށް ބޮޑު ތެދު ޙަޤީޤަތެކެވެ. އަރަބިބަސް ރަނގަޅަށް ނޭނގޭ މީހުން ޤުރުއާން ތަރުޖަމާކުރަން އުޅެފިނަމަ ވާނީ ކިހިނެއްތޯއެވެ؟ މިކަން އޮންނަންވީ ހަމައެކަނި ދީނީ ކަންތައްތަކަށް އެކަންޏެއް ނޫނެވެ. ދުނިޔަވީ ބައެއް ކަންތައްތަކުގައި ވެސް ތިމާއަށް ރަނގަޅަށް ނޭނގޭ ކަންތައްތަކުގައި ފާޑުފާޑުގެ ވާހަކަތައް ފަތުރައިގެންނުވާނެއެވެ.

ތިމާގެ ޤައުމަށް ޝަރަފާއި ރީތިނަން ހޯދައިދޭން މަސައްކަތްކުރި މީހުންނަށް އިޙުތިރާމް ކުރުމަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވެސް ވަރަށްބޮޑަށް ހިފެހެއްޓިގެން ކުރެވޭ ކަމެކެވެ. ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާހަށް ކުޑައިމީސް ބަހެއް ބުނުމަކީ އެ ޤައުމުގެ ޤާނޫނީ ކުށެކެވެ. އަދަބު ލިބޭ ކަމެކެވެ. އަދި އިންޑިއާގެ މަހާތުމާގާންދީއާ ބެހޭގޮތުން ވެސް އެފަދަ ބަހެއް ބުނުމަކީ އެ ޤައުމުގެ ޤާނޫނީ ކުށެކެވެ. އިނގިރޭސިވިލާތަށް ބަލާއިރު އެމީހުންގެ ޤައުމީ ބަޠަލުންނާ ބެހޭ ވާހަކަތައް އެމީހުން އުޅެނީ ދުނިޔޭގެ ތާރީޚު ކަމުގައި ހަދާށެވެ. އެ ޤައުމުގައި ކިތަންމެ ބޮޑު ސިޔާސީ ކޯޅުމެއް އޮތަސް ރާނީ ބަހެއް ބުނެފިއްޔާ އެ ބަހަކަށް ހުރިހާ މީހުން ކިޔަމަންތެރިވެ ޢަމަލު ކުރާނެއެވެ.

އަޅުގަނޑުމެން ދިވެހީންނަކީ ވަރަށް ގޮތް ހުރި ބައެކެވެ. ވަރަށް މަތިވެރި އާދަކާދަތަކާއި އުސޫލުތަކެއް ހިފަހައްޓައިގެން ތިބި ބަޔަކަށްވީއިރު އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ނޭދެވޭ ވާހަކަތައް ހިނގަނީ ސަބަބުތަކެއް ވެސް ހުރެގެންނެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ އަގު، އެ ޤައުމުގެ އަހުލުވެރިން ހިފަހައްޓާހެން އަޅުގަނޑުމެން ވެސްވީ އަޅުގަނޑުމެންގެ ޤައުމީ ބަޠަލުންގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓާށެވެ. އަދި އެބޭފުޅުންނަށް އިޙުތިރާމް އަދާކުރަންވީ އުސޫލުތައް ވިސްނައި އެކަންތައްތަކަށް ޢަމަލު ކުރުމަކީ ދިރިތިބީން ކުރަންޖެހިފައިވާ ކަމެކެވެ. ހުރިހާ ދިމާލަކުން އިންޓަނެޓާއި ޢިލްމުގެ ދޮރުތައް ދުނިޔެއަށް ހުޅުވިފައިވާއިރު އަޅުގަނޑުމެންގެ އަސްލަކީ ކޮބައިކަން، އަޅުގަނޑުމެންގެ ކާބަފައިންނަކީ ކޮބައިކަން، އެމީހުން އަޅުގަނޑުމެން މި ހިސާބަށް ގެނެސްދިނީ ކޮން ގޮތަކުންކަން އަޅުގަނޑުމެންނަށް އެނގެން ޖެހެއެވެ. އަޅުގަނޑުމެންގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރި މާތް ބަޠަލުންނަށް ޝުކުރުވެރިވާން އަޅުގަނޑުމެންގެ ޅަދަރިންނަށް ދަސްކޮށްދޭން ޖެހެއެވެ. އެބޭކަލުންނަށް އިޙުތިރާމްކުރަން ދަސްކޮށްދޭން ޖެހެއެވެ. ފަހަރެއްގައި ވެސް އެއިން މީހަކަށް ބަދުބަހެއް ބުނުމަކީ އަޅުގަނޑުމެންގެ ކަންފަތަށް ރުހެވޭނެ ކަމަކަށް ވެގެން ނުވާނެއެވެ. އެބޭކަލުން އަޅުގަނޑުމެންނަށް ޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ އަގު އަދާކުރެވޭނީ އޭރުންނެވެ.

ޝެއަރކުރެއްވުމަށް