ދިވެހި ސިފައިންގެ ތާރީޚުން 117 ވަނަ އަހަރު ގުނަމުންދާއިރު އަންހެން ސިފައިން ހިމެނިފައިވަނީ މި ތާރީޚުގެ ތެރޭގައި ޢުމުރުން ވަރަށް ހަގު ބައެއްގެ ގޮތުގައެވެ.
އަންހެން ސިފައިންގެ ތާރީޚަށް ބަލާލާއިރު ސިފައިންގެ ޚިދުމަތުގެ ތެރެއަށް އަންހެނުން ވެއްދުމަށް ޓަކައި ފުރަތަމަ އިޢުލާނު ކުރައްވައިފައިވަނީ 1962 ނޮވެންބަރު 18 ވަނަ ދުވަހު މަޙުކަމަތުލް އަމުންޢާޢްމުގެ (އޭރުގެ ސިފައިންގެ) ފަރާތުންނެވެ. މި އިޢުލާނާ ގުޅިގެން ވަރަށް ގިނަ ޢަދަދެއްގެ އަންހެނުން ވަޒީފާއަށް އެދި ސިޓީ ފޮނުވައިފައިވެއެވެ. އެހެންނަމަވެސް މި ދެންނެވި ފަރާތްތަކާ މަޙުކަމަތުލް އަމުންޢާޢްމުގެ ފަރާތުން ބައްދަލުކުރެއްވި ނަމަވެސް އެއްވެސް އިންޓަވިއުއެއް ނުނަންގަވައެވެ. އަދި މިއިން އެއްވެސް ފަރާތަކަށް ސިފައިންގެ ވަޒީފާއެއް ވެސް ނުދެއްވަވައެވެ.
އާދެ! ކުރިން ދެންނެވުނު އިޢުލާނު ކުރެވުނުތާ 26 އަހަރު ފަހުން، 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އަނެއްކާ ވެސް (13 ނޮވެންބަރު 1988 ގައި) އެންއެސްއެސްގެ ޕްރައިވެޓުންގެ ވަޒީފާއަށް ޞިއްޙަތު ރަނގަޅު ޒުވާނުން ބޭނުންފުޅުވާ ކަމަށް އިޢުލާނު ކުރެއްވިއެވެ. ދެ ޖިންސްގެ މީހުން ބޭނުންފުޅުވެގެން ކުރެއްވި މި އިޢުލާނާ ގުޅިގެން އެއްވެސް އަންހެނަކު ސިފައިންގެއަށް ވަނުމަށްއެދި ސިޓީ ފޮނުވައިފައެއް ނުވެއެވެ. މިހެން މި ދިމާވީ މާޒީގައި ކަން ހިނގައިފައިވާގޮތުން ކަމަށްވުން ވެސް އެކަށީގެންވެއެވެ. ނުވަތަ އަންހެނުންނަށް ވެސް ސިފައިންގެ ވަޒީފާގެ ފުރުޞަތު ހުޅުވާލެވިއްޖެކަން ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން، އެއީ ފިރިހެނުންނަށް ކޮށްފައިވާ އިޢުލާނެއްކަމުގައި ޤަބޫލުކުރެވުން ވެސް އެކަށީގެންވެއެވެ.
ކޮންމެއަކަސް 20 ނޮވެންބަރު 1988 ގައި މި އިޢުލާނާ ހަވާލާދެއްވައި އަންހެނުންނަށް ވެސް ސިފައިންގެ ވަޒީފާގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އިތުރު އިޢުލާނެއް ކުރެއްވިއެވެ. މި އިޢުލާނާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކަކުން ވަޒީފާއަށް އެދި ސިޓީ ފޮނުވައިފައިވެއެވެ. އެހެންނަމަވެސް މީގެ ތެރެއިން އިންޓަވިއުކުރައްވައި ހޮއްވަވައިފައިވަނީ 65 މީހުންނެވެ. އާދެ! މި 65 މީހުންނަކީ އަންހެން ސިފައިންގެ ތާރީޚުގެ ފެށުމެވެ.
މިގޮތުން 1988 ޑިސެންބަރު 26 ވަނަ ދުވަހުގެ ހެނދުނު، މާލޭ ދެކުނުފަރާތު ހިއްކި ބިމުގައިހުރި އިންޑޯ ކުރިކެޓް ސްޓޭޑިއަމްގައި އަންހެން ސިފައިންނަށް ފުރަތަމައަށް ތަމްރީނުތައް ދެވެން ފެށުނެވެ. މި ތަމްރީނުތަކުގައި ބައިވެރިވެފައިވަނީ މީގެތެރެއިން 64 ފަރާތަކުންނެވެ. 6 ހަފުތާގެ މުއްދަތަށް ހިންގިފައިވާ މި ތަމްރީނުތައް ނިމި 1989 މާރިޗު 1 ގައި މި ފަރާތްތަކަށް އެންއެސްއެސްގެ ޕްރައިވެޓުންގެ ވަޒީފާ ދެއްވެވިއެވެ.
އަދި 1989 މާރިޗު 04 ވަނަ ދުވަހުގެ ހެނދުނު އެންއެސްއެސްގެ ހެޑްކްއޯޓަރޒްގައި، ސިފައިންގެ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމްއާއި އުއްތަމަ ފަނޑިޔާރު އައްޝައިޚް މޫސާ ފަތުޙީ އަދި ސިފައިންގެ ވެރިޔާގެ ނާޢިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ ކުރިފުޅުމަތީގައި މި ދެންނެވުނު ފަރާތްތަކުން ސިފައިންގެ ހުވާކުރެއްވިއެވެ.
އާދެ! ރާއްޖޭގެ ޙާލަތު ފަހަކަށް އައިސް ދުވަހަކު ވެސް ނުދާފަދަ ބިރުވެރި ޙާލަތަކަށް ގޮސްފައިވަނިކޮށް ސިފައިންގެ ވަޒީފާއަށް ހިތްވަރާއެކު ކުރިމަތިލެއްވި 64 އަންހެން ސިފައިންގެ ތެރެއިން 9 ބޭކަނބަލަކު މިހާރު ވެސް އަޅުގަނޑުމެންނާއެކު މަސައްކަތްކުރައްވަމުން ގެންދަވާކަން އަޅުގަނޑު މި ފާހަގަކުރަނީ އަޅުގަނޑުގެ ހިތުގައި އެ ފަރާތްތަކަށް ދެވިފައިވާ އިޙުތިރާމާއި ޤަދަރާ އެކުގައެވެ. އަދި މީގެތެރެއިން ބައެއް ބޭކަނބަލުން ފުލުސް އޮފީހުގައި ވެސް އަދިވެސް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަމެވެ.
އަންހެން ސިފައިންނަށް ފުރަތަމައަށް ހަތިޔާރު ދެއްވައިފައިވަނީ، 1990 ވަނަ އަހަރުގެ ޖުލައި 4 ވަނަ ދުވަހުގެ ހެނދުނު އެންއެސްއެސްގެ ހެޑްކްއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންގެ ވެރިޔާ އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމްގެ އަތްޕުޅުންނެވެ.
ސިފައިންގެ ނިސްބަތުން އަންހެން ސިފައިންނަކީ ކިތަންމެ މަދު އަދަދެއް ކަމުގައިވީނަމަވެސް އޭރު ވެސް އަދި މިހާރު ވެސް އަންހެން ސިފައިންނަކީ މި މުއައްސަސާގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ ބައެކެވެ. މިގޮތުން އަންހެން ސިފައިން އުފެދުނުތާ 2 އަހަރު ފަހުން، އާދެ! 1992 ވަނަ އަހަރަށް ނަޒަރު ހިންގާލާއިރު ވެސް މި ދަންނަވާ ވަޒީފާތަކުގައި އަންހެން ސިފައިން އައީ ހަރަކާތްތެރިވަމުންނެވެ.
- ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އަންހެން ސިފައިންގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރުން.
- ބޭންޑުގައި މަސައްކަތްކުރުން
- ޕޯސްޓު އޮފީހުގައި މެއިލް ޗެކްކުރުން
- ވެހިކަލް ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރުން
- ޕޮލިހުގައި ތަހުޤީޤްކުރުން
- ރާއްޖެތެރޭގެ ރަށްރަށަށް ދަތުރުކޮށް ތަޙުޤީޤާ ބެހޭ ކަންތައްތައްކުރުން
- ވީވީއައިޕީ ސެކިއުރިޓީ
- ވީއައިޕީ ސެކިއުރިޓީ
- ޑްރިލް އިންސްޓްރަކްޓަރުކަން (އަންހެން ސިފައިންނަށް)
- ކޮމިއުނިކޭޝަންގެ ތަފާތު މަސައްކަތްތައް
- ޝޫޓިންގ
- ޕީޓީ ޕެރޭޑް
- ފެހުން
- ތަފާތު އިދާރީ މަސައްކަތްތައް
- ސިފައިންގެ ލެވެލްގައި ބޭއްވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ޙަރަކާތްތެރިވުން ހިމެނެއެވެ.
އަދިހަމަ އެހެންމެ އެސްޓީއެފްއާއި ބޮޑީގާޑް ޓްރެއިނިންގ ފަދަ ކޯސްތަކުގައި ވެސް އަންހެން ސިފައިން އައީ ބައިވެރިވަމުންނެވެ.
އަންހެން ސިފައިން އުފެދުނުތާ 20 އަހަރު ފުރެމުންދާއިރު، މި މުއައްސަސާގައި ފިރިހެން ސިފައިންނާ އެއްހަމައެއްގައި އަންހެން ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ވޭތުވެދިޔަ 20 އަހަރުގެ މާޒީއަށް ނަޒަރު ހިންގާލާއިރު ހުރިހާ ދާއިރާއެއްގައި ވެސް އަޅުގަނޑުމެންގެ ޙިއްޞާ ވެއެވެ. ކުޅިވަރަށް ނަޒަރު ހިންގާލާއިރު ޤައުމީ އަދި ބައިނަލުއަގުވާމީ މުބާރާތްތަކުގައި ދަނީ ބައިވެރި ވަމުންނެވެ.
1993 ވަނަ އަހަރުގެ ޑިސެންބަރު މަހު ބަންގްލަދޭޝްގެ ޑާކާގައި އޮތް ޝޫޓިންގ ކޮމްޕެޓިޝަންގައި ފުރަތަމައަށް ދިވެހި އަންހެން ސިފައިންގެ ޓީމް ބައިވެރިވިއިރު، 2001 ވަނަ އަހަރު ވަނީ ސިފައިންގެ އެންމެ ފުރަތަމަ އަންހެން ވެޕަން އިންސްޓްރަކްޓަރ ތަމްރީނު ފުރިހަމަކޮށް ޚިދުމަތަށް ނުކުމެފައެވެ. އަދި 2004 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އަންހެން ސިފައިންގެ ބޭކަނބަލަކު ފުރަތަމައަށް ޑިގްރީ (ޑިގްރީ އިން ސިވިލް އިންޖިނިއަރިންގ) ޙާޞިލުކުރެއްވިއިރު، ހަމަ އެ އަހަރު އިންޑިޔާގެ ނިއުދިއްލީގައި އޮތް 11 ވަނަ ހާފް މެރަތަންގައި ދިވެހި އަންހެން ސިފައިންގެ ބޭކަނބަލަކު ބައިވެރިވެލެއްވިއެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ހުރިހާ ދާއިރާއެއްގައި ވެސް އަންހެން ސިފައިން ދަނީ ހިތްވަރާއެކު ޙަރަކާތްތެރިވަމުންނެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ޤާބިލު ނަރުހުންނާއި އަންހެން ޑޮކްޓަރުން އެބަތިއްބެވިއެވެ. ފުރަތަމައަށް އަންހެން ބޭކަނބަލަކު ޑޮކްޓަރ ސެޓްފިކެޓް (އެމްބީބީއެސް) ޙާޞިލުކުރައްވައިފައިވަނީ 2006 ޖޫން 13 ގައެވެ.
2008 ސެޕްޓެންބަރު 25، ހިމެނިގެން ދިޔައީ މުޅި ސިފައިންގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ މުހިންމު ދުވަހަކަށެވެ. އެއީ އެންމެ ފުރަތަމަ އަންހެން ބޭކަނބަލަކު ކަމިޝަންކުރެވުނު ދުވަހެވެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަޅުގަނޑުމެންގެ ވޭތުވެދިޔަ ތާރީޚަށް ބަލާލުމުން އެނގިގެންދިޔައީ އަންހެންސިފައިން އަބަދުވެސް ވަރަށް ހިތްވަރާއެކު މަސައްކަތްކުރަމުން އައިސްފައިވާކަމާއި، އަންހެން ސިފައިންނަކީ ވެސް ފިރިހެން ސިފައިންނަށް ދޫނުކުރާނެ ހިތްވަރުގަދަ ބައެއް ކަމެވެ.